ޓްރަމްޕްގެ މައްޗަށް އުފުލި ދައުވާތަކަށް އޭނާ އިންކާރުކުރައްވައިފި

ކުރީގެ ރައީސު ޓްރަމްޕް މިޔާމީގެ ފެޑެރަލް ކޯޓްހައުސްއަށް ވަޑައިގަންނަވަނީ

އެމެރިކާގެ ސަރުކާރުގެ އެންމެ މަތީ ދަރަޖައިގެ ސިއްރުތައް ކަމުގައި ބެލެވޭ ލިޔުންތަކެއް ގަސްތުގައި އަމިއްލަފުޅު ގެކޮޅުގައި ގެންގުޅުއްވައި، އެ ލިޔުންތައް އަނބުރާ ދެއްވަން ދެކޮޅު ހެއްދެވި މައްސަލައާ ގުޅިގެން ކުރީގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ މައްޗަށް އިއްޔެ އުފުލި ދައުވާތަކަށް އޭނާ އިންކާރުކުރައްވައިފިއެވެ.

އެމެރިކާގޭ ތާރީޚުގައި ޖިނާއީ ދައުވާ އުފުލޭ ފުރަތަމަ ރައީސަށް ޓްރަމްޕް ވެވަޑައިގެންފައިވާއިރު، އިއްޔެ ފްލޮރިޑާ ސްޓޭޓްގެ މިޔާމީގެ ފެޑެރަލް ކޯޓުގައި އޭނާގެ މައްޗަށް 37 ދައުވާއެއް އުފުލާފައި ވެއެވެ. އޭނާގެ މައްޗަށް މި ދައުވާތައް އުފުލާފައި ވަނީ ފާއިތުވި އޮގަސްޓު މަހު އެމެރިކާގެ އެފްބީއައި (ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން) ގެ އޮފިސަރުން ފްލޮރިޑާގައި ހުންނަ އޭނާގެ ގެކޮޅު ފާސްކުރުމަށް ފަހު ގިނަ އަދަދެއްގެ ސިއްރު ލިޔުންތަކެއް ހޯދުމާ ގުޅިގެންނެވެ.

ފެޑެރަލް ކޯޓުގެ މެޖިސްޓްރޭޓް ޖަޖް ޖޮނަތަން ގުޑްމަންގެ ކުރިފުޅުމަތީގައި ފެޑެރަލް ޕްރޮސެކިއުޓަރުންގެ ފަރާތުން ރައީސު ޓްރަމްޕްއާ ދެކޮޅަށް އުފުލި 49 ސަފުހާގެ ދައުވާތައް އަޑު އެއްސެވުމަށް ފަހު އޭނާ އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އޭނާގެ ފަރާތްޕުޅުން ވާހަކަދެއްކީ އޭނާގެ ވަކީލުންނެވެ. ވަކީލުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ވަކީލުން އެދިފައި ވަނީ އެންމެ ފަނޑިރާޔަކު މައްސަލަ ބެއްލެވުމުގެ ބަދަލުގައި ގިނަ ފަނޑިޔާރުން އެކުލެވޭ ޖޫރީއަކުން އެ މައްސަލަ ބެލުމަށެވެ.

2024 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ކެމްޕޭން ކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާ ޓްރަމްޕް ދަނީ ގިނަ ގާނޫނީ މައްސަލަތަކާ ކުރިމަތިލައްވަމުންނެވެ. އެހެންނަމަވެސް، ރިޕަބްލިކަން ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅުންގެ ތެރޭން އެންމެ ކުރީގައި އުޅުއްވަނީ ޓްރަމްޕްއެވެ.

ބަރަހާ ފިލްމުކުޅޭ އަންހެނަކާ ޓްރަމްޕް ބޭއްވެވި ގުޅުން ސިއްރުކުރައް އޭނާއަށް ގިނަ އަދަދެއްގެ ފައިސާ ދެއްވި މައްސަލައާއި، ވިޔަފާރީގެ ޓެކްސް ނުދައްކަވާ މައްސަލައިގައިވެސް ޓްރަމްޕް ގެންދަވަނީ ގާނޫނީ މައްސަލަތަކާ ކުރިމަތިލައްވަމުންނެވެ.

ދައުވާތައް އަޑުއެއްސެވުމަށް ފަހު ކޯޓުން ނުކުމެވަޑައިގަތްއިރު، ޓްރަމްޕްއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ކޯޓު ކައިރިއަށް އެއްވެފައި ތިއްބެވެ. ރައީސު ޓްރަމްޕްއާއި އޭނާ ތާއީދުކުރާ މީހުން ދެކޭ ގޮތުގައި އޭނާއާ ދެކޮޅަށް އުފުލަނީ އެއްވެސް އަސާސެއް ނެތް ދައުވާތަކެކެވެ. އަދި އެ ދައުވާތައް އުފުލުމުގެ ބޭނުމަކީ އޭނާ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުރަސްއެޅުމެވެ.

ދައުވާތައް ސާބިތުވެއްޖެނަމަ ޓްރަމްޕް ޖަލަށް ވަޑައިގަންނަވަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، އަދި ގާނޫނީ ގިނަ ކަންތައްތަކެއް ހުރުމުން މި ދައުވާތަކުގެ ޝަރީއަތް 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހުވެސް ކުރިއަށް ދިއުން އެކަށީގެންވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.