ތީ ފުރާނައިގެ ދިރުމޭ މަގޭ... - 14

(10 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސާދަވަނަ ބައި

ވަރުބަލިކަމާ ހިތްދަތިކަމުގެ އަސަރު ފާޅުވާން ހުރި  ޒިވިޔާގެ އެ މައުސޫމު ދެލޮލަށް ބެލުން ފިޔަވައި އަރުޝަދަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ.

އަރުޝަދު އެއްވެސް އެއްޗެއް ނުބުނުމުން ޒިވިޔާ ހިނގައިގަތީ އެތާ ނުހުންނަން ވެގެން ކުރިއަށެވެ. ބޭނުންވީ އަރުޝަދަށް ނުފެންނަ ހިސާބަށް ދާށެވެ. އަރުޝަދަށް ހޭވެރިކަންވީ ޒިވިޔާ ހިނގައިގަތުމުންނެވެ.

''ޒިވީ ......!''

އަރުޝަދުގެ އަޑު ޒިވިޔާއަށް އިވުނުކަމެއް އަރުޝަދަކަށް ނޭނގެއެވެ. ޖަވާބު ނުދީ ކުރިއަށް ދިޔަ ޒިވިޔާގެ ފަހަތުން ދާން ކިތަންމެ ބޭނުމަސް އެހެން ހަދާކަށް އަރުޝަދަކަށް ނުކެރުނެވެ. ޒިވިޔާ ދާ މަންޒަރު ބަލަން އަރުޝަދު ހުރި އިރު އެ ހިތްވަނީ އެތައް ހާސް އެތި ކޮޅުތަކަކަށް ކުދި ކުދިވެފައެވެ. ހިތް ރޮނީ އެވެ. ޒިވިޔާއަށްޓަކައެވެ.

ކުރެވުނުކަންތަކަށް ދެމީހުންވެސް ހިތާމަ ކުރަމުން ދާވަރު ކޮންމެ މީހަކަށް ވެސް އިހުސާސް ކުރެވުނެވެ. އެހެންނަމަވެސް އަރުޝަދުގެ ހިތާމަ ޒިވިޔާއަށްވުރެ ދެ ގުނަ ބޮޑެވެ. މި ދުނިޔެމަތިން އޭނަ އެންމެ ލޯބިވި އަންހެން ކުއްޖާގެ ކުރިމަތީ އޭނަގެ އަގު ވެއްޓި ފާފައަކަށް އަރައިގަނެވުނީތީ ކުރާ ހިތާމައިގެ އިތުރުން އެންމެ ލޯބިވާ އަންހެން ކުއްޖާގެ ހިތާމައިގައި ބާއިވެރިވާން ނިހާޔަތަށް އެދޭ އިރު އެ ފުރުސަތު ނުލިބުމުން ކުރެވޭ ހިތާމަވެސް ވަކި ދެރައެއްނޫނެވެ.

އެރޭ އޮތް ހަފުލާއަށް ޒިވިޔާ ގެންނަން އަސްލަމް ވަރަށް މަސައްކަތް ކުރަން ޖެހުނެވެ. އެންމެ ފަހުން އެނޫން ގޮތެއް ނެތިގެން ޒިވިޔާ އެއްބަސް ވީއެވެ. އެހެންނަމަވެސް އެ ހޯލަށް ވަން އެންމެ ފަހު މީހަކީ ޒިވިޔާކަން ކަށަވަރެވެ. އަރުޝަދު ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިއައީ ޒިވިޔާ އަށެވެ. ޒިވިޔާ އަންނާނެ އިރަކަށެވެ. އެހެންނަމަވެސް ޒިވިޔާ އިށީންތަނުގެ ގޮތުން އަރުޝަދަކަށް އެންމެންގެ ތެރެއިން ޒިވިޔާއެއް ނުފެނެއެވެ. އަރުޝަދަށް ޒިވިޔާ ނުފެނުނަސް ހިތް ފުރޭވަރަށް ޒިވިޔާ އަރުޝަދަށް ބެލިއެވެ. މިލާފައިވާ މޫނުގެ ކުލަ އޮއްސިފައިވާ މިންވަރުން އަންގައިދެނީ އަރުޝަދު ވެސް ކުރެވުނު ކަންތަކާ ދެރަވާ މިންވަރެވެ. އެންމެންގެ ތެރޭ ހީނހީނފާ އުޅުނަސް އެ ހިނިތުންވުމުގެ ފަހަތުގައިވާ ކެކުޅުން ޒިވިޔާއަކަށް ސިއްރެއް ނުވެއެވެ. އަރުޝަދަށްޓަކައި ފުރަތަމަ ފަހަރަށް ޒިވިޔާގެ ހިތް ރޮއެލިއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ! ތި ހިތާމާގައި އަހަރެން ވެސް ހަފުސްވަނީއޭ ބުނާހާ ހިތްވަރެއް އަދި ކެރުންތެރިކަމެއް އެ ހައްޓަކު ނެތެވެ.

އަސްލަމުގެ ހުއްދައާ އެކު އަރުޝަދު ކޮންމެވެސް އެއްޗެކޭ ބުނެފައި ހޯލުން ނިކުންނަން ހިނގައިގަތީ ޒިވިޔާ އެ ވިސްނުމުގެ ތެރެއަށް ގެނބިފައި އިންދައެވެ. އަރުޝަދު އައިސް ޒިވިޔާ ގާތު ހުއްޓުމުން ނޫނީ ޒިވިޔާއަށް ރޭކާލީހެނެއް ހިއެއްނުވެއެވެ. ޒިވިޔާ ފެނޭތޯ ހޯލުން ނިކުންނަން އައި އަރުޝަދަށް ޒިވިޔާ ފެނުމުން އުފަލުން އެ ހިތް ނަށައިލިއެވެ. ޒިވިޔާ އިށީނދެގެން އިން މޭޒުގައި ދެން ތިބީ މަސައްކަތު ދެމީހެކެވެ. އެހެންކަމުން އެދެމީހުންނަށް ނޭނގޭ ގޮތަށް ޒިވިޔާ ގާތު އެއްޗެއް ބުނެލަން އަރުޝަދު ބޭނުންވިއެވެ. ދާން ބޭނުންވިޔަސް އެހެން ބައެއްގެ ކުރިމަތީ އަރުޝަދަށް އިހުތިރާމު ނުކޮށް ތެދުވެގެން ދާކަށް ޒިވިޔާ އަކަށް ނުކެރުނެވެ.

''ވޯންޓް ޓު ސޭ ސަމްތިންގ، ޒިވީ!''

ވަގުތުގެ ބޭނުން ހިފައި އަރުޝަދު ބުނެލިއެވެ. އަރުޝަދު ބުނި އެއްޗެއްގެ އަޑުއަހާފައި ޒިވިޔާ އަރުޝަދަށް ބަލައިލިއެވެ. ދެންތިބި މީހުން ތިބީ ސްޓޭޖުން ފެންނަމުން ދިއަ ޑްރާމާއަށް ގެއްލިފައެވެ. ވަށައިގެން ކުޑަގޮތަކަށް ނަޒަރު ހިންގާލުމަށްފަހު ޒިވިޔާ ބޮލުން އެކަމަށް އިންކާރު ކުރިއެވެ.

''ވިލް ކޯލް ޔޫ ޓުނައިޓް، ޕްލީޒް ....'' އަރުޝަދު އާދޭހުގެ އަޑަކުން ބުނަން ބޭނުންވި އެތައް ވާހަކައެއްގެ ތެރެއިން އެއް ވާހަކަ ބުނުމަށްފަހު ކުރިން އިށީނދެ އިންތަނުގައި ގޮސް އިށީނީއެވެ. އަރުޝަދު ދާތަން ބަލަން ހިތްދަތި ބެލުމަކުން ބަލަހައްޓައިގެން ޒިވިޔާ އިނެވެ. ބޭނުންވީ އަޑުގެ ކޮޅަށް ރޮއެލާށެވެ. ހިތުގައި އުފެދެމުންދާ އުދާސްތައް ބޭރު ކޮށްލުމަށެވެ. އެކަމަކު އެހެނެއް ވެސް ނުވިއެވެ.

ގެއަށް ގޮސް އަރުޝަދު ގުޅުމުން ފޯނު ނެގިދާނެތީ ޒިވިޔާ ފޯނު ނިއްވާލަފާ އަލަމާރިއަށް ލިއެވެ. ފަހަރެއްގައި ވެސް ކެތްތެރިކަން ކޮޅުން ލައިގެން ބަސްނާހާ ހިތަށް ލެނބެވި ފޯނަށް ޖަވާބު ނުދޭންވެގެންނެވެ.

ގެއަށް ދާން ނިކުތީ ހޯލުގައި ތިބި އެންމެން އެކުއެކީގައެވެ. އެ އެންމެންގެ ތެރެއިން ހޯދާ ހޯދާ އަރުޝަދަށް ނުފެނުނު ހަމައެކަނި މީހަކީ ޒިވިޔާއެވެ. އަރުޝަދު ހަމަ ދިއުމާއެކު ޒިވިޔާ ގެއަށް ދިއައީ އެވެ. އެހާވަރަށް ބުނުމުންވެސް ޒިވިޔާ ކަންތައް މިކުރި ގޮތުން އަރުޝަދު މާ ބޮޑަށްވެސް ހިތުގައި ޖެހުނެވެ.

ގެއަށް ވަދެވުމާއެކު އަރުޝަދު ޒިވިޔާއަށް ގުޅިއެވެ. އެތައްފަހަރަކުއެވެ. ފޯނު އޮތީ ނިއްވާލާފައިކަން އެނގޭއިރު ވެސް އެވެ. އެންމެ ފަހުން ޒިވިޔާއަށް ވަދާޢުގެ ސަލާމުގެ ގޮތުގައި ވަރަށް އަސަރުގަދަ މެސެޖެއް ލިޔުނެވެ. އެންމެ މެސެޖެއް ނޫނެވެ. އެތައް މެސެޖެކެވެ. އެކަމުން ހިތަށް ކޮންމެވެސްވަރެއްގެ ލުޔެއް ލިބުނެވެ. ގައިމު ކޮންމެވެސް އެއްދުވަހަކުން، އެ ފޯނު ހުޅުވި ދުވަހަކުން ވައިބަރ އޮން ކުރި އިރަކުން އެ މެސެޖު ދާނެތާއެވެ. ޒިވީ އެ މެސެޖްތައް ކިޔާނެއެވެ. އަރުޝަދަށް އެކަން ޔަގީނެވެ.

ނުނިދި އެނދުގައި ދެއަތަށް ފުރޮޅި ފުރޮޅި އެތައް އިރަކު ޒިވިޔާ އޮތެވެ. މާޒީގެ ފޮނި ހަނދާންތަކަކާ އެކު ވެސް އެ ހުރިހާ ކަމެއް ބަދަލުވެގެން ދިއަ ވަގުތުކޮޅު ކުރިމައްޗަށް އަންނަނީ ކުއްލިއަކަށެވެ. އެއާއެކު ޒިވިޔާ ތުރު ތުރު ލައިގަނެއެވެ. ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފަށައެވެ. މި ހާލެއްގައި ޒިވިޔާ އުޅޭތާ މިހާރު ހަފުތާއަކަށްވުރެ ގިނަ ދުވަސް ވީއެވެ.

ދުވަހަކީ އަރުޝަދު ފުރާދުވަހެވެ. ހެނދުނު ފުރި ލޯންޗުން އަރުޝަދުގެ ދަތުރު އެރެހައްޓަން އެ ވަގުތު ޑިއުޓީގައި ތިބެން ޖެހޭ މުއައްޒަފުން ފިޔަވާ އެންމެން ފާލަން ދޮށަށް ދިއައެވެ. އެހެންނަމަވެސް އަރުޝަދު އުފަލެއް ނުވެއެވެ. އޭނާ ފުރާ ގަޑި އިއުލާން ކުރީ ރޭ އެތާ ސްޓޭޖު މަތީގައެވެ. އެ އަޑު ޒިވިޔާއަށް ވެސް އިވޭނެތާއެވެ. ވީއިރު އަރުޝަދު އެރަށުން ފުރާ އެންމެ ފަހުވަގުތު ވެސް ޒިވިޔާ ގޮތް ދޫނުކުރީތީ އަރުޝަދުގެ ހިތް ކުދިކުދިވެގެން ދިއައެވެ. ޒިވިޔާއަށްޓަކައި އެ ހިތް ޝަކުވާއިން ފުރުނެވެ. ކުރިކަމެއް ކުރީ ދެމީހުންނެވެ. ޒިވިޔާގެ ބައިވެރިވުން ނުލިބުނު ނަމަ އެކަން އެހިސާބަށް ނުދިޔައީސްކަން ކަށަވަރެވެ. އެކަމަކު ކުށްވެރި މިވީ އަރުޝަދު އެކަންޏެވެ. މި ގޮތަށް ވިސްނުމުން އަރުޝަދުގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. މިއީ އިންސާފު ހެއްޔެވެ!. އޭނާ އެކަނި ކުށްވެރިވާންވީ ކީއްވެހެއްޔެވެ!

ލޯންޗަށް އެރުމަށްފަހު އަނެއްކާވެސް އަރުޝަދު ޒިވިޔާއަށް މެސެޖެއް ކޮށްލިއެވެ. މިފަހަރަކު ނުގުޅައެވެ. ކައިގެން ހުރުމަށާ ބަލިވަންޏާ ޑޮކުޓަރަށް ދައްކަން ނަސޭޙަތް ދިނެވެ. އަބަދުވެސް އުފަލުގައި ލަހައްޓަވާތޯ ދުޢާ ކުރާ ވާހަކަ ވެސް ލިޔުނެވެ. އިރާދަ ކުރެއްވީތީ ގިނަ ދުވަހެއް ނުވެ ޒިވިޔާ އަރުޝަދުގެ މީހަކަށް ހެދުމަށްޓަކައި އެނބުރި އެ ރަށަށް އަންނާނެކަމަށާ ޒިވިޔާ ނޫން އަންހެން ކުއްޖަކަށް ދުވަހަކު ވެސް އެ ހިތުން ދޭނެ ޖާގައެއް ނެތްކަމަށް ލިޔެ ނިމުނު އިރު އެދެ ލޮލުން ކަރުނަ ނީރާލައިފިއެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކިން އަރުޝަދު ބަލަން އިން ޒިވިޔާގެ ފޮޓޯ ފުސްކޮށްލިއެވެ. ދެ ލޯ ފޮހެލަމުން ދުރުވަމުންދިޔަ އަރުޝަދުގެ ލޯބީގެ ބިންގާ އެޅުނު އެރަށަށް ނަޒަރު ހުއްޓާލިއެވެ. ލޯބިވާ ޒިވިޔާއާ ދުރަށް ދެވޭތީ، އެސޫރަ ލޮލަށް ދެން ފެންނާނެ ދުވަހެއް ނޭނގޭތީ ހިތަށް ކުރަމުންދިޔަ ބަޔާން ކުރަން ދަތި ފުންއަސަރުން ސަލާމަތް ވުމަށްޓަކައި އެންމެ ފަހުފަހަރަށް މަލަމަތި ގެއްލެމުން ދިޔަ ރަށަށް ބަލައިލިއެވެ. ނޭނގޭ ކޮންމެވެސް ސަބަބަކާ ހެދި އެ ހިތް ބިރުގަންނަނީއެވެ. ކީއްވެހެއްޔެވެ! ޒިވިޔާ ރުޅިއައިސްފައި ހުރުމުންހެއްޔެވެ! ނުވަތަ ޒިވިޔާއާ ބައްދަލުނުވެ ނުވަތަ ނުފެނި ހުރެ ނުވަތަ އަނގައިން ބުނެ ނުލެވި ހުރެ ފުރައިގެން ދާންޖެހޭތީ ހެއްޔެވެ! އަރުޝަދަކަށް ނޭނގެއެވެ. އެނގޭ ކަމަކީ ކޮންމެވެސް ސަބަބަކާ ހެދި ނުބައި ގޮތެއް އެބަ ވާކަމެވެ.

ޒިވިޔާމެންގެ ގެއަށް އަސްލަމު ދިޔައީ ހެނދުނު ދިހައެއްޖަހަން އުޅެނިކޮށެވެ. އޭރު ޒިވިޔާ އަދި ކިރިޔާ ތެދުވީއެވެ. އަސްލަމު ސަލާމް ގޮވައިލުމުން ޖަވާބު ދިނީ ޒިވިޔާއެވެ. އަސްލަމުގެ އަޑުއިވުމުން ބަދިގެ ފަރާތުގައި ހުރި ޒިވިޔާގެ މަންމަވެސް ބޭރަށް ނިކުމެއްޖެއެވެ. ފަހަތުން ޒިވިޔާވެސް ނުކުތެވެ. އޭރު މަންމަ އަތަށް އަސްލަމު ސިޓީއުރައެއް ދިއްކޮށްލަނީއެވެ.

''މީ އަރުޝަދު ފުރަން ދަމުން ޖަމިއްތައަށް ދިން އެއްޗެއް!''

ސިޓީއުރާގައި މަންމަ ހިފި ވަގުތު އަސްލަމު ބުނި އަޑު ޒިވިޔާއަށް އިވުނެވެ.

''އަރޫ މިއަދު ފުރީ ބާ! މަށަށް ނޭނގުނީ ކީއްވެބާ!'' ޒިވިޔާއަށް ލިބުނީ ހައިރާން ކަމެކެވެ. ސިހުމެކެވެ.

ސިޓީ އުރާގައި ޒިވިޔާގެ މަންމަ ހިފުމުން އަސްލަމު ދެން ބަލައލީ ޒިވިޔާއާ ދިމާއަށެވެ.

''ފާލަން ދޮށަށް ނުދަނީ ޒިވިޔާ އެކަންޏޭ! ކީއްވީ، މިއަދު ވެސް ބަލީތަ!"

އަސްލަމު ސުވާލު ކުރުމުން ޒިވިޔާ ބުނީ އަރުޝަދު ފުރާކަން ނޭނގޭ ކަމަށެވެ. ރޭ ވެސް ބޮލުގައި ރިއްސާތީ ނުނިމެނީސް އައީ ކަމަށެވެ.

އަރުޝަދު ފުރައިގެން ދިއައީ ޒިވިޔާއަށް އަންގާވެސް ނުލައޭ ހިތަށް އަރާ ހިތް ފަޅިފަޅިވެގެން ދިއައެވެ. ގުޅާވެސް ނުލީ ޒިވިޔާ ދެކެ ކުޑަވެސް ލޯތްބެއް ނުވާތީއޭ ޒިވިޔާ ހިތަށް އެރިއެވެ. އެއާއެކު ފޯނުމަތިން ހަނދާންވެ އެނދުގެ ބާލީސް ދޮށާ ޑްރެސިންޓޭބަލް މައްޗާއެކު ހޯދަމުން ދަނިކޮށް ފޯނު ބޭއްވީ އަލަމާރި ތެރޭގައިކަން ހަނދާނަށް އަތުވެއްޖެއެވެ. އަވަސް އަވަހަށް އަލަމާރި ހުޅުވާލުމަށްފަހު ފޯނުނަގައި ބަލައިލިއެވެ. ބޭއްވިފައި މިއޮތީ ވެސް ނިންވާލާފައެވެ. އެވަގުތު އަމިއްލަ ނަފުސަށް އަޑުލެވުނެވެ. އައިސްފައި ހުރި ރުޅިއާ ލިބިފައި ހުރި ހިތާމައިން އެހެން އެކަން ކުރެވުނީތީ މިފަހަރު ދެރަވިއެވެ.

ފޯނު އޮން ކޮށްލުމުން ފުލު ފުލުގައި މެސެޖުތަކާއި މިސްކޯލްތައް އަންނަން ފަށައިފިއެވެ. އެތައް ފަހަރަކު އަރުޝަދު ގުޅާފައި އޮތުމުން ހިތުގައި ޖެހުނެވެ. އެއިން އެއްވެސް ކޯލަކަށް ޖަވާބު ނުދިނުމުން އަރުޝަދު ދެރަވާނެ ވަރު ހިތަށް އަރާ ވަކިން ދެރަވިއެވެ.

ދެން ބަލައިލީ ވައިބަރ މެސެޖުތަކެވެ. ރޭގަނޑުގެ އެތައް ދަމެއްގައި އެތައް މެސެޖެއް އަރުޝަދު ލިޔެފައި ހުރިކަން އެނގުނީ މެސެޖުތައް ފޮނުވާފައި ހުރި ގަޑިތަކަށް ބަލާލުމުންނެވެ. ޒިވިޔާގެ ޖަވާބަކަށް އިންތިޒާރު ކުރަން އަރުޝަދު މުޅި ރޭގައި ނުނިދާކަން އެއިން ޒިވިޔާއަށް އެނގުނެވެ.

އަދި ކުރެވުނު ކަމެއް ކުރެވުނީ ދެމީހުންގެ ވެސް ޙިއްސާ އޮވެގެންނޭ އަރުޝަދު ލިޔެފައި އޮތުމުން ވަރަށް އަސަރު ކުރިއެވެ. އަދި އަރުޝަދަށް މި ދެވުނީ ހައްގު އަދަބެއް ނޫންކަމަށް ވެސް ހިތް އެއްބަސްވިއެވެ. ތެދެކެވެ. ކުރި ކަމެއް ކުރީ ދެމީހުން ބައިވެރިވެގެންނެވެ. އެކަމުގައި އަރުޝަދު އެކަނި ކުށްވެރި ކުރުމުގެ ހައްގެއް ޒިވިޔާއަކަށް ނޯންނާނެއެވެ.

އަރުޝަދު ފޮނުވި މެސެޖުތައް ތަކުރާރުކޮށް ޒިވިޔާ ކިޔަމުން ދިއައިރު އެ ބޮޑު ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ.

ގަޑިތައް ދުވަސްތަކަކަށް، ދުވަސްތައް ހަފުތާތަކަކަށް ބަދަލުވަމުން ދިއައިރު އަރުޝަދުގެ އެއްވެސް ޚަބަރެއް ނުވުމާ ޒިވިޔާއަށް ނޭނގި އެ ހަށިގަނޑުތެރޭ ވިންދު ޖަހަމުންދިޔަ ކުޑަ ކުޑަ ފުރާނައިގެ ސަބަބުން މީހާ މުޅިން މޯޅިވެއްޖެއެވެ. ނަފުސާނީ ގޮތުންނާ ޖިސްމާނީ ގޮތުން މީހާ މުޅިން ބަލިކަށި ވެއްޖެއެވެ. ހޮޑު ނުލެވުނަސް ހެނދުނުކޮޅު މީހާ ހުންނަނީ ވަރުބަލި ވެފައެވެ. ބައެއް ކާތަކެތި މީރުވެ ބައެއް ތަކެތީގެ ރަހަ ކަމު ނުދާން ފަށައިފިއެވެ.

(ނުނިމޭ)

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.