ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަގަބު ލިބިލައްވާފައިވާ ޢަބްދުﷲ ޖަމީލް ރަސްމީ ޢިއްޒަތުގައި ފަސްދާނުލައިފި

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ޢ.ޢ.ވ) އަރުވާފައިވާ، އަލްމަރްޙޫމް ޢަބްދުﷲ ޖަމީލު، ރަސްމީ ޢިއްޒަތުގައި ފަސްދާނުލައިފިއެވެ.

އެމަނިކުފާނުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، އިއްޔެ ޢަޞްރު ނަމާދަށް ފަހުގައި، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޖަމީލު ފަސްދާނުލެވުނީ، ގަލޮޅު ސަހަރާގައެވެ. އެމަނިކުފާނުގެ ސަންދޯއްޕުޅު ގަލޮޅު ސަހަރާއަށް ގެންދެވުމާއެކު، ސަންދޯއްޕުޅު މަތީގައިވާ ދިދަ ފަތްޖެހުމަށްފަހު، އެ ދިދަ އެމަނިކުފާނުގެ ދަރިކަލުން މަޢުރޫފް ޖަމީލުގެ އަތްޕުޅަށް ބެއާރަރ ޕާޓީގެ ކޮމާންޑަރ އެރުވިއެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޖަމީލުގެ ކަށުނަމާދުގަޔާއި ޖަނާޒާގައި އެމަނިކުފާނުގެ ޢާއިލާގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބުދުﷲ ޝަމާލްގެ އިިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.