ހުޅުމާލޭ މިސްކިތުގައި ނަމާދަށް ހުރިމީހެއްގެ ގައިގައި ތަޅައިގެންފި

މިސްކިތުގައި ނަމާދަށް ހުރި މީހެއްގެ ގައިގައި މީހަކު ތަޅައިގެން މާރާމާރީ ހިންގައިފިއެވެ.

މިހާދިސާ ހިނގާފައި ވަނީ ރޭ މަޣްރިބި ނަމާދަށް ފަހު ހުޅުމާލޭގައި ހުންނަ ބޮޑު މިސްކިތުގައެވެ. ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލް ކައިރީގައި ހުންނަ މި މިސްކިތުގައި ނަމާދަށް ހުރި މީހަކާ މާރާމާރީ ހިންގާފައި ވަނީ އެމީހާ ނަމާދަށް ހުއްޓައި މިސްކިތަށް ފަހުން އެރި މީހެކެވެ.

މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި ނަމާދަށް މީހަކު ހުއްޓައި ފަހުން މިސްކިތަށް އެރިމީހާ ތަޅައިގަތީ ނަމާދަށް ހުރި މީހާގެ ފުރަގަހުންނެވެ. ތަޅައިގެންއިރަށް ނަމާދަށް ހުރި މީހާވެސް ނަމާދު ދޫކޮށްލުމަށް ފަހު ވަނީ ހަމަލާދިން މީހާއާ ކުރިމަތިލާފައެވެ. މިސްކިތް ތެރޭގައި އަޑުގަދަކޮށް މާރާމާރީ ހިންގަމުން އައިއިރު މިސްކިތުގައި ގިނަ އަދަދެއްގެ މީހުން ތިބި ނަމަވެސް މާރާމާރީ ހުއްޓުވަން އެއްވެސް މީހަކަށް ކައިރިވާން ނުކެރުނު ކަމަށް މަންޒަރު ދުށްމީހާ ބުންޏެވެ. އެވަގުތަކީ ޖަމާއަތުގައި މަޣްރިބް ނަމާދުކޮށް ނިމުނު ވަގުތު ކަމުން ގިނަ އަދަދެއްގެ މީހުން އެވަގުތު މިސްކިތުގައި ތިއްބެވެ.

ދެމީހުން ތަޅާފޮޅަން ފެށުމާއެކު ބަޔެއް މީހުން ބިރުން މިސްކިތުން ފައިބައިގެން ދިޔައިރު މަންޒަރު ބަލަން ތިބި މީހުންގެ ތެރެއިން ބަޔަކު ވަނީ ވަގުތުން ފުލުހުންނަށް އަންގާފައެވެ.  މާރާމާރީ ހިންގި މީހާ މިސްކިތަށް އަރައި ނަމާދަށް ހުރި މީހާގެ ގައިގައި ތަޅައިގަތީ ކޮންމައްސަލައެއްގައި ކަމެއް ނޭނގެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.