މިނިކާ ރާއްޖެ - (ނޯތު ސެންޓިނެލް އައިލޭންޑް)

އެހެން އެއްވެސް ބަޔަކާ ގުޅުމެއްނެތި ، ދުނިޔެއާ އެކަހެރިކޮށް ވަކިން އޮންނަ ނޯތު ސެންޓިނެލް އައިލޭންޑާއި އެތާނގައި ދިރިއުޅޭމީހުން

އިންޑިއާގެ އަންޑަމަންކަރައާ ޖެހިގެން އޮންނަ ކުޑަރަށެއްކަމުގައިވާ ނޯތު ސެންޓިނެލް އައިލޭންޑަކީ ، އިހުޒަމާނުގައި ދިވެހިން ކިޔައިއުޅޭފަދަ މިނިކާރާއްޖެއަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިރަށަކީ ، ދުނިޔެއާ މުޅިން އެކަހެރިކޮށް އޮންނަ ރަށެކެވެ. އެރަށަކަށް އެއްވެސް މީހަކަށް ނޭރެއެވެ. އަރަފި މީހެއްވިއްޔާ އަނބުރާ ނާދެއެވެ. އެރަށުގެމީހުން އެމީހަކު މަރައިލައެވެ. ނުވަތަ އެރަށުގައި އެމީހަކު މަރުވެއެވެ.

މިރަށަކީ ، ދުނިޔޭގައިވާ އެންމެ އާދަޔާޚިލާފު ތަންތަނުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ރަށުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 60 ކިލޯމީޓަރެވެ. ފުޅާމިނަކީ 7 ކިލޯމީޓަރެވެ. ދިގުމިނަކީ ، 7.8 ކިލޯމީޓަރެވެ. އެރަށުގެ އެންމެ އުސް ހިސާބަކީ ، ކަނޑުގެ ޞަތަޙައިން މައްޗަށް 400 ފޫޓެވެ. ރަށުގެ އާބާދީއަކީ އަދިމިހާތަނަށް ބޯހިމެނިފައިވާ އެއްޗެއްނޫނެވެ. އެހެންނަމަވެސް އެކިގޮތްގޮތުން އެކިފަރާތްތަކުން ލަފާކުރާގޮތުގައި އެރަށުގެ އާބާދީއަކީ ގާތްގަނޑަކަށް 500 މީހުންނެވެ. އެމީހުން ދިރިއުޅެނީ އޮރިޔާމުންނެވެ. އެމީހުންގެ ޖާނާއިމާލު ޙިމާޔަތްކުރުމަށް ބޭނުންކޮށްއުޅޭ ހަތިޔާރަކީ ، ދުންޏާއި ދުނިދަނޑިއެވެ.

އެއީ ދުނިޔޭގައި އޮތަސް ، އެތައް ޒަމާނަކުއްސުރެ ، ދުނިޔެއާވަކިން އޮންނަ ރަށެކެވެ. ސެންޓިނެލް އައިލޭންޑަކީ ، އިންޑިއާގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ ރަށެކެވެ. ރަށުގެ އަހުލުވެރިންގެ ފަރާތުން ކުރިމަތިވާ ނުރައްކަލާ ގުޅިގެން ، އިންޑިއާ ސަރުކާރުންވަނީ އެރަށަށް އެރުން މަނާކޮށް ޤާނޫނެއް ފާސްކޮށްފައެވެ. އެރަށަށް އަރާ ކޮންމެ މީހަކަށްވެސް ޙަމަލާދިނުމަށް ، ރަށުގެ މީހުން ފަހަކަށް ނުޖެހޭނެއެވެ. ބޭރު އެއްވެސް މީހަކު އެރަށަށް އަރާކަށް އެމީހުން ޤަބޫލެއްނޫނެވެ.

ސެންޓިނެލް އައިލޭންޑްގެ ތާރީޚަށް ބަލާއިރު ، ލިޔެވި ރިކޯޑްކުރެވިފައިވާ ލިޔުމެއް ފެންނަންއޮތީ މީލާދީން 1771 ގައެވެ. އެއީ އިނގިރޭސިވިލާތުގެ ސާރވޭޔަރެއްކަމުގައިވާ ޖޯން ރިޓްޗީ ގެ ލިޔުމެކެވެ. އޭނާ އެރަށަށް ދަތުރުކުރީ އޭރުގެ އީސްޓް އިންޑިއާ ކޮމްޕެނީގެ އުޅަނދެއްގައެވެ. އޭނާއަކަށް އެރަށަށް އަރާކަށް ނުކެރުނެވެ. ނުވަތަ އެރަށަކަށް އޭނާއެއް ނާރައެވެ. އެހެންނަމަވެސް ، ވަރަށްގިނަ އަލިތައް އޭނާއަށް އެރަށުން ފެނުނުކަމަށް ބުނެފައި ވެއެވެ.

އޭގެފަހުން އެރަށާބެހޭ ތާރީޚީ ލިޔުމެއް ލިޔެވިފައިއޮތީ އޭގެ ޤަރުނެއްހާދުވަސް ފަހުން 1867 ގައެވެ. އެދުވަސްވަރަކީ މުޅި އެ ސަރަޙައްދު އިނގިރޭސިވިލާތުގެ އަޅުވެތިކަމުގައި އޮތް ދުވަސްވަރެކެވެ. 1867 ގައި އެރަށަށް އަރަން ދިޔައީ ، އިނގިރޭސިވިލާތުގެ މީހެއްކަމުގައިވާ ޖެރެމިއަހ ހޮމްފްރޭ އެވެ. އޭނާއަށް ސެންޓިނެލް އައިލޭންޑަށް ދާންޖެހުނީ ، ޖެހިގެން އޮންނަ އަންޑަމަން އައިލޭންޑްގެ ޖަލަކުން ފިލިބަޔަކު ހޯދުމުގެ މަސައްކަތުގައެވެ. ހޮމްފްރޭ އެރަށާ ކައިރިވިއިރު ، އެރަށުމީހުން އުޅެނީ ދަނގަޑު ހިފައިގެން މަސްހިފާށެވެ. އެމީހުންގެ ޢަމަލުތައް ހުރިގޮތުން ، އެރަށަށް އަރަން ނުކެރިގެން އޭނާވެސް ، ރަށަށް ނާރައި އަނބުރާ އައީއެވެ.

އިންޑިއާގެ ވިޔަފާރި އުޅަނދެއްކަމުގައިވާ ނިނެވެހް ވެސް ސެންޓިނެލް އައިލޭންޑް ގެ ފަރަށް އުރުނީ ހަމަ އެއަހަރު ، 1867 އެވެ. އެއުޅަނދުން ދަތުރުކުރި 86 ފަސިންޖަރުންނާއި 20 ކްރޫއިން ، އެރަށުގެ ގޮނޑުދޮށަށް ފޭބިއެވެ. ދެދުވަސްވަންދެން އެމީހުން ގޮނޑުދޮށުގައި މަޑުކުރިއެވެ. އެއީ ، އެމީހުން ސަލާމަތްކޮށްގެން އިންޑިއާއަށް ގެންދާ ބަޔަކު އަންނާތީއެވެ. އެހެންނަމަވެސް ، ތިންވަނަދުވަހު ، އެރަށުގެ އަހުލުވެރިން އައިސް އެމީހުންނާ ޙަމަލާދޭން ފަށައިފިއެވެ. ނިނެވެހް ގެ ކެޕްޓަން ބުނެފައިވާގޮތުގައި ، އެރަށުމީހުންތިބީ އޮރިޔާން ނިވައިނުކޮށެވެ. އެމީހުން ޙަމަލާދެމުންގެންދިޔައީ ދުނިދަނޑިންނެވެ.

އެމީހުން ސަލާމަތްވީ ، ލައިފްބޯޓަކަށް އެރުނުވަރަކަށް އަރައިގެން އެރަށުން ފައިބައިގެންނެވެ. ލައިފްބޯޓުގައިތިބި މީހުން ސަލާމަތްކޮށްގެން ނެގީ އެ ހިސާބުން ދަތުރުކުރި ބޯޓަކުންނެވެ. ލައިފްބޯޓަށް ނޭރި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި ، އިތުރު ބޯޓެއް ފޮނުވުނެވެ. އެބޯޓަށް އެމީހުންނާ ހަމަޔަށް ދެވެންދެން ސަލާމަތުން ތިބެވުނީ ، ރަށުގެ މީހުން ދުނިން ދެމުންގެންދިޔަ ޙަމަލާތައް ހުއްޓުވުމަށް ހިލަޔާއި ދަނޑި އުކައި އެމީހުން ފަޅުތެރޭގައި މައިތިރިކުރެވިގެންނެވެ.

އޭގެ 13 އަހަރުފަހުން ، 1880 ގައި ، މޮރިސް ވައިޑަލް ޕޯޓްމަން ކިޔާ ވިއްސަކަށް އަހަރުގެ ޒުވާނަކު ، ސެންޓިނެލް އައިލޭންޑަށް ދިޔައެވެ. މީނާ އެރަށަށް އެރިއިރު ، ވަރަށް ގިނަ މަގުތަކާއި މީހުން ދިރިނޫޅޭ އަވަށްތައް ފެނުނުކަމަށް ވެއެވެ. ޕޯޓްމަންގެ ނޯޓުގައިވާ ގޮތުގައި ، އެރަށުމީހުންވެސް ކައްކައި އުޅެނީ އަވަށްޓެރި ރަށްރަށުގެ އޮންގެސް މީހުން ކައްކައިއުޅޭ ގޮތަށެވެ. ޕޯޓްމަންގެ މި ދަތުރުގައި ، އެރަށުގެ 4 ކުޑަކުދިންނާއި މުސްކުޅި ދެމަފިރިޔަކު އަތުލައިގަނެގެން ، އަންޑަމަން އައިލޭންޑަށް ގެންދިޔަކަމަށް ވެއެވެ. އެހެންނަމަވެސް ، ސެންޓިނެލް އައިލޭންޑްގެ މީހުންނަކީ އެރަށުންބޭރު ބަޔަކާއެކު ދިރިއުޅެވޭ ބަޔަކަށް ނުވިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ، އަންޑަމަންއަށް ގެންދިޔަ 6 މީހުން ބަލިވިއެވެ. މުސްކުޅި ދެމަފިރިން މާގިނަދުވަހެއްނުވެ މަރުވެއްޖެއެވެ. ދިރިތިބި ކުޑަ 4 ކުދިން އަނބުރާ ސެންޓިނެލް އައިލޭންޑަށް ފޮނުވުމަށް ޕޯޓްމަން ނިންމިއެވެ. އެކުދިން ފޮނުވީ ، ހަދިޔާ އާއެކުގައެވެ.

1885 އާއި 1887 އާ ދެމެދު ، ޕޯޓްމަން ވަރަށް ގިނަފަހަރު ، ސެންޓިނެލް އައިލޭންޑަށް ޒިޔާރަތްކުރިއެވެ. އެއީ އޭނާ ގަޔާވާ ތަނަކަށްވިއެވެ. ޕޯޓްމަން ބުނެފައިވާގޮތުގައި ، ސެންޓިނެލް އައިލޭންޑްގެ އަހުލުވެރިންނަކީ ، ރަށުން ބޭރުބަޔަކާއެކު އުޅެވޭނެ ބައެއްނޫނެވެ.

1896 ގައި އަންޑަމަން އައިލޭންޑްގެ ޖަލަކުން ފިލައިގެން ދިޔަ ތިންމީހުންކުރެ އެކަކަށް ސެންޓިނެލް އައިލޭންޑަށް ދެވުނެވެ. އެކަމަކު ، އެރަށުމީހުން އޭނާ މަރައިލިއެވެ. އޭގެފަހުން ، އެރަށަށް އެއްވެސްމީހަކު ގޮސްފައެއް ނެތެވެ. ތާރީޚުން އެކަން ފާހަގަކުރެވިފައެއް ނުވެއެވެ. އެތައް ދިހައަހަރެއްވަންދެން ، އެކަހެރިކޮށް އޮތެވެ.

ނޯތު ސެންޓިނެލް އައިލޭންޑް ، އިންޑިއާގެ ބާރުގެ ދަށަށް ދިޔައީ ، 1947 ގައެވެ. އިނގިރޭސީންގެ އަތުން އިންޑިއާއަށް މިނިވަންކަން ލިބުމާގުޅިގެންނެވެ. އެހެންނަމަވެސް ، އެރަށުގެ މީހުންނާ ގުޅިގެން އެއްވެސްކަމެއްކުރާކަށް އިންޑިއާއަކުން ނުވިސްނައެވެ. އެހެންނަމަވެސް ، 1967 ގައި އިންޑިއާގެ ފާދިރީއަކު އެރަށަށް ދިޔައެވެ. އެއީ އިންޑިއާގެ ސަރުކާރުން ރާވައިގެންކުރި ދަތުރެކެވެ. ދަތުރުގެ އިސްމީހަކަށްހުރީ ، ތްރިލޯކްނާތު ކިޔާ އެންތްރޮޕޮލޮޖިސްޓެކެވެ. އެންތްރޮލޮޕޮލޮޖިސްޓުންނަކީ ، އިހުޒަމާނުގެ މީހުންނާއި މިހާރުގެ މީހުންނާބެހޭގޮތުން ދިރާސާކުރާ ބަޔެކެވެ. އެދަތުރުފެށީ ، އެފަދަ އެހެންމީހުންވެސް އެކަންކުރާ ފަދައިން އަންޑަމަން އައިލޭންޑްސް އިންނެވެ. މިގްރޫޕުން ގޮސް އެރަށާ ކައިރިވީތަނާ ، އެރަށުމީހުން ވަލަށްވަދެ ފިލިއެވެ. ފުރުޞަތުގެ ބޭނުންހިފައި ، ދަތުރުގެ ބައިވެރިން ، ރަށުގެ ގޮނޑުދޮށުގައި އެތައް ހަދިޔާއެއް ބެހެއްޓިއެވެ. އޭގެ ބަދަލުގައި އެ ގްރޫޕުން ، އެރަށުމީހުން ގެންގުޅޭ ތީރުފަދަ ބައެއްތަކެތި އެމީހުންނަށް ލިބުނެވެ.

1974 ގައި ، ޑޮކިއުމެންޓަރީއެއް ހެދުމަށްޓަކައި ، ސެންޓިނެލް އައިލޭންޑަށް ދަތުރެއްކުރިއެވެ. ނެޝަނަލް ޖިއޮގްރަފިކް ފޮޓޮގްރާފަރ އަކާއި ފުލުހުންގެ ޓީމެއް މިދަތުރުގައި ބައިވެރިވިއެވެ. ނެޝަނަލް ޖިއޮގްރަފިކް އަކީ އެ ޑޮކިއުމެންޓަރީ ތައްޔާރުކުރާ ފަރާތެއްނޫނެވެ. މި ގްރޫޕް ފެނުނުތަނުން ، ރަށުގެ އަހުލުވެރިން ދުނިއުކަން ފެއްޓިއެވެ. އެމީހުންނަށް ކުރެވުނުހާވެސް ކަމަކީ ، ހަދިޔާގެ ބައެއްތަކެތި ރަށުގެ ގޮނޑުދޮށުގައި ބެހެއްޓުން އެކަންޏެވެ. ހަދިޔާގެ ގޮތުގައި އެމީހުންދިނީ ، ދިރޭ އޫރަކާއި ކާއްޓާ އަދި ކައްކަންބޭނުންކުރާ ބައެއް ކަންވާރާއި ކުޑަކުދިން ކުޅޭ ތަކެއްޗެވެ. ރަށުމީހުން އުކި ދުނިތަކުން ، ޑޮކިއުމެންޓަރީގެ ޑިރެކްޓަރ ޒަޚަމްވިއެވެ. އެންމެފަހުން ނުރައްކާ ބޮޑުވެގެން ، އެރަށަށް ނާރައި އެނބުރި އަންނަން މަޖުބޫރުވިއެވެ. ރަށުގެ އަހުލުވެރިން އެތަނުން ބޭނުންކުރީ ކައްކާ ކަންވާރާއި ކާއްޓެވެ. ކުޑަކުދިންކުޅޭ ތަކެއްޗާއި އޫރު ، އެމީހުން ވަޅުލިއެވެ.

ހަމަ އެއަހަރު ، 1974 ގައި ، އިންޑިއާއިން އިތުރު ދަތުރެއް ރޭވިއެވެ. އެދަތުރުގައި ، އަވަށްޓެރި އަންޑަމަންގެ އޮންގެސް ޤަބީލާގެ ބަޔަކު ގެންދިޔައެވެ. އެމީހުން ގެންދިޔައީ ، ސެންޓިނެލްގެ އަހުލުވެރިން ވާހަކަ ދައްކާ ބަހުރުވަ ، ދިރާސާ ކުރުމަށެވެ. އެހެންނަމަވެސް ، ސެންޓިނެލްގެ ރަށްވެހިންގެ ޢަމަލުތައް ހުރިގޮތުން ، ނުރައްކަލެއް ކުރިމަތިވެދާނެތީ ، އެމީހުންދައްކާ ބަހުރުވަ ސާފުވާހާ ކައިރިޔަށް ދާކަށް ނުކެރުނެވެ.

1981 ގައި ކާގޯބޯޓެއްކަމުގައިވާ ޕްރިމްރޯސް ، ސެންޓިނެލްގެ ފަރަށް އެރިއެވެ. ބޯޓު ކައިރިޔަށް އައުމަށްޓަކައި އެރަށުމީހުން މަސައްކަތް ކުރިއެވެ. ބޯޓާ ކައިރިޔަށް އައިމީހުން އުކަމުންދިޔަ ދުނިތަކުން ބޯޓުގެ މީހުން ސަލާމަތްވީ ، އެމީހުންއަތުޖެހުނު އެއްޗެއްވިއްޔާ އުކައިގެންނެވެ. ތޫފާނެއް އައިސް އެތޫފާން ނިމެންދެން ، ބޯޓުމީހުންނަށް ސެންޓިނެލް ރަށްވެހިންގެ ނުރައްކާ ކުރިމަތިވެފައި އޮތެވެ. އެންމެފަހުން ، ބޯޓުގެ މީހުން ސަލާމަތްކުރަންޖެހުނީ ހެލިކޮޕްޓަރެއް ފޮނުވައިގެންނެވެ.

ސެންޓިނެލް ކައިރިޔަށް އުރި ސަލާމަތްނުވާ ބޯޓުފަހަރުގެ ދަނގަޑާއި އެނޫންވެސް މަޢުދަންތައް އެރަށުމީހުން ނަގައެވެ. އެއީ ހަތިޔާރުގެ ގޮތުގައި އެބައިމީހުން ބޭނުންކުރާ ދުނި ހެދުމަށްޓަކައެވެ.

1991 ގައި އަނެއްކާވެސް އިންޑިއާއިން އެރަށަށް ދަތުރެއްކުރިއެވެ. 1967 ގައި އެރަށަށްދިޔަ ތްރިލޯކްނާތު ޕަންޑިތުވެސް މިދަތުރުގައި ބައިވެރިވިއެވެ. އޭނާގެ މަސައްކަތުން ، އެރަށުމީހުންނާ ގާތްގުޅުމެއް އުފެއްދިއެވެ. މިއީ ، ސެންޓިނެލްގެ ބަޔަކާއެކު ، ބޭރުބަޔަކަށް ގާތްގުޅުމެއް އުފެއްދުނު ފުރަތަމަ ފަހަރެވެ. އެކަން ކުރެވުނުނަމަވެސް ، އެރަށާއި އެޤަބީލާގެ ޚާއްޞަކަން ގެއްލިގެން ހިނގައިދާނެކަމުގެ ބިރު ޕަންޑިތުގެ ހިތުގައި އުފެދުނެވެ.

26 ޑިސެމްބަރ 2004 ގެ ސުނާމީއާ ގުޅިގެން ، އެރަށު އަހުލުވެރިންގެ ޙާލަތު ދެނެގަތުމަށްޓަކައި ، އިންޑިއާއިން މަތިންދާބޯޓެއް ފޮނުވިއެވެ. އެބޯޓު ސެންޓިނެލް އާ ކައިރިވުމުން ، އެރަށުގެ ހަނގުރާމަވެރިޔަކު ، އެބޯޓަށް ދުނިއުކިއެވެ.

ކަކުނި ހިފުމަށްޓަކައި ، ޤާނޫނާޚިލާފަށް އެރަށަށްދިޔަ މަސްވެރިންގެ ދެމީހަކު އަތުލައިގަނެ ، ސެންޓިނެލްގެ މީހުން ، އެދެމީހުން މަރައިލިއެވެ.

2018 ގައި އެރަށަށް ދިޔަ އެމެރިކާގެ ، ޖޯން އެލަން ޗައު އެވެ ކިޔާމީހަކު ، ސެންޓިނެލްގެ މީހުން މަރާލައިފާ ވެއެވެ. ޖޯން އެރަށަށްދިޔައީ އެރަށުމީހުން ކްރިޝްޓިއަންދީނަށް ވެއްދުމަށްޓަކައެވެ. އޭނާ އެރަށަށްދިޔައީ ، ޤަވާޢިދާޚިލާފަށް ، އަންޑަމަންގެ މަސްވެރިންނަށް ރިޝްވަތުދީގެންނެވެ. ޖޯން މަރައިލާފައި އެރަށުމީހުން ބަހައްޓާފައިހުރީ ވަލުތެރޭގައި ގަހެއްގައި އެލުވާފައެވެ.

އިންޑިއާ ސަރުކާރުން ، 1991 ގައި ، ސެންޓިނެލްގެ ވަށައިގެން 5 ކިލޯމީޓަރުގެ ޒޯނެއް ތަޢާރުފް ކުރިއެވެ. އެސަރަޙައްދަށް ވަނުމަކީ މަނާކަމެކެވެ. ސެންޓިނެލް އައިލޭންޑާބެހޭގޮތުން އިންޑިއާގެ ޕޮލިސީއަށް އެއްވެސް ބަދަލެއް ނުގެނެވެއެވެ. އެރަށް އޮންނާނީ އެއޮތްގޮތަކަށެވެ. އެރަށަށް ބޭރުމީހުން ދިއުމަކީ ރަށުގެ އަހުލުވެރިންނަށް ގެއްލުންލިބޭނެ ކަމެކެވެ. އެމީހުންގެ އިމިއުން ސިސްޓަމަށް ބޭރުމީހުންގެ ސަބަބުން ގެއްލުން ލިބެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.