ތީ ފުރާނައިގެ ދިރުމޭ މަގޭ... - 10

(27 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދިހަވަނަ ބައި

ފަށްޖަހަމުން ދިޔަ ހެދުން ފޮށިތެރޭ ބޭއްވުމަށްފަހު އެނބުރުނީ ފޯނު ކޮބައިތޯ ބަލާލުމަށެވެ. މަންމައަށް ގުޅިފަހުން އަދި ފޯނުގައި އަތް ނުލާތީ ރިންގުގެ އަޑުއިވޭ ދިމާއަށް އެނބުރުނު އިރު ޑްރެސިންގް ޓޭބަލްމަތީ ފޯނު އޮތްވާ ފެނިއްޖެއެވެ.

ފޯނުގެ ސްކްރީނަށް އަރާފައިވާ ޑޮކުޓަރ އަރުޝަދުގެ ނަން ވަރަށް ދުރުންވެސް ޒިވިޔާއަށް ފާހަގަ ކުރެވިއްޖެއެވެ. އަވަސް ހަރަކާތަކާ އެކު ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. ހީވީ ފޯނު ކެނޑިދާނެތީ ބިރުން އަވަހަށް ނެގީހެންނެވެ. އެހެންނަމަވެސް އެއްވެސް ޖަވާބެއް ދޭކަށް ޒިވިޔާއަކަށް ނުކެރުނެވެ.

އަނެއްކޮޅުން އަރުޝަދު ދެފަހަރަކު ހެލޯ އޭ ގޮވައި ވެސް ލިއެވެ. ޒިވިޔާގެ ނޭވާގެ އަޑު ނޫން އަޑެއް އަރުޝަދަކަށް ނީވެއެވެ.

''މުއީޒާ ޑިއުޓީއަކަށް ނުނިކުމޭ!" އެންމެ ފަހުން ބުނާނެ އެއްޗެއް ނޭނގިގެން އަރުޝަދަށް ބުނެވުނީ ވަރަށް ނުގުޅޭ ވާހަކައެވެ.

''އޫނނނނ؟؟؟؟'' ޒިވިޔާއަށް އަރުޝަދު ބުނިއެއްޗެއް ނޭނގި އަނގައިން ލެއްވުނީ ފާޑެއްގެ ތޫލި އަޑެކެވެ. އަދިހަމަ އެ ސިކުންތުގައި ޕަކަ ޕަކަ އަޅާފައި ބާރަކަށް ހީނގަނެވިއްޖެއެވެ. ޒިވިޔާ ހޭ އަޑު އަހަން ހުރުމަށްފަހު އަރުޝަދު ވެސް ޒިވިޔާގެ ހުނުމުގައި ބައިވެރިވިއެވެ.

''މޫސުން ވަރަށް ރީތި! ކަނޑުވެސް މަޑު!'' ޒިވިޔާވެސް ލާނެތް ވެލިއެވެ. އެހެންނަމަވެސް އަޑުގައި ހުރީ ލަދުވެތިކަމެކެވެ.

''އެހެންވެ ރަށަށް ފުރަން ތިއުޅެނީ؟'' ޒިވިޔާ ދެއްކި ވާހަކައަށް އަރުޝަދު އިތުރުކޮށްލިއެވެ.

''ކިހިނެތް އެނގުނީ މިއަދު ރަށަށް ދާކަން!'' އަރުޝަދު ބުނި އެއްޗަކުން ޒިވިޔާ ހައިރާން ވިއެވެ.

''ޒިވިޔާ މަންމަ ބުނީ! ހީކުރަނީތަ އަހަރެން ޒިވިޔާގެ ޚަބަރު ނުބަލަނީކަމަށް!'' އަޑަށް މާޔޫސްކަން ގެންނަމުން އަރުޝަދު ޖަވާބުދިނެވެ.

އަރުޝަދުގެ އަޑަށް އައި ބަދަލު ދެނެގަނެވުމުން ޒިވިޔާގެ ހިތަށް އުނދަގޫވިއެވެ. އަރުޝަދާ ދޭތެރޭ މި ދެ ދުވަހު ވިސްނުނު ގޮތް ގޯސްކަން އެނގުނެވެ.

''ޒިވީ!'' އަރުޝަދު ގޮވައިލީ ވަރަށް ލޯބިންނެވެ.

''އޯއި'' ޒިވިޔާގެ ޖަވާބު އައީ ހީވެސް ނުކުރާހާ އަވަހަށެވެ.

''ވީޑިއޯ ކޯލެއް ކުރިޔަސް އޯކޭތަ ! ޒިވީ ބޭނުމިއްޔާ އިނގޭ!'' އަރުޝަދު ބޭނުންވީ ޒިވިޔާ ރުހޭ ގޮތެއްގެ އިޚުތިޔާރު ދިނުމަށެވެ.

ޒިވިޔާ ދޭންވީ ޖަވާބަކާ މެދު ވިސްނާލަން އިރުކޮޅެއް ދިއައެވެ. ދެން އެންމެ ފަހުން އޯކޭ އޭ ބުންޏެވެ. އެކަމަކު ޝަރުތެއްގެ މަތިންނެވެ. ގިނައިރު ކޯލްގައި ހޭދަ ނުކުރާ ގޮތަށް އެއްބަސް ވެގެންނެވެ.

އަރުޝަދު ވައިބަރއިން ވީޑިއޯ ކޯލް ކުރުމުން ޒިވިޔާ މުޅިންވެސް ދެއްކީ މާބްލް ގެސްޓްހައުސްގެ ފަސްވަނަ ފަންގިފިލާގެ އޭނާ ހުރި ކޮޓަރީގެ ކުޑަދޮރުން ފެންނަން އޮތް މާސިންގާ ކަނޑެވެ. ދަތުރު ކުރަމުންދިއަ ހައި ސްޕީޑް ލޯންޗް ތަކާ މުދާ އުފުލާ ދޯނިތަކެވެ. ތަންކޮޅެއް ދުރުގައި އަޅާފައި ހުރި ސަފާރީތަކެވެ. އަރުޝަދު ފޫހި ކަމެއްނެތި ޒިވިޔާގެ ވާހަކަތައް އަޑުއެހިއެވެ. ގިނަ އިރު ވާހަކަ ދެއްކީވެސް ޒިވިޔާއެވެ. އެ ގޮތް އަރުޝަދަށް މާކަމުދިޔައެވެ.

އެންމެ ފަހުން ޒިވިޔާ ދައްކަން ހުރި ވާހަކަތައް ހުސްވެއްޖެހެން ހީވުމުން އަރުޝަދު ބުނީ ދެން ފޯނު ޒިވިޔާއާ ވީފަރާތަށް އަނބުރާލުމަށެވެ. އިޚުތިޔާރަކާ ނުލާ ފޯނު އަނބުރާލުމުން ޒިވިޔާއަށް ފެންނަން ހުރީ އަރުޝަދުގެ މޫނެވެ. އެއް ކޮޓަރިއެއްގައި ތިބިނަމަ މޫނާ މޫނު ޖެހޭހާ ކައިރިންނެވެ. އެހާ ގާތުން އަރުޝަދުގެ މޫނު ފެނުމުން ޒިވިޔާއަށް ތުންފަތުގައި ދައިގަނެވުނެވެ. ލަދުން ގޮސް މޯޅިވެވުނެވެ.

އެކަކުވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ދެމީހުން ދެމީހުންގެ މޫނަށް ބަލަން ވަގުތުކޮޅެއް ހޭދަ ކުރިއެވެ. އެއަށްފަހު އަރުޝަދުގެ ދޫ ޙަރަކާތް ކުރިއެވެ.

'' އެސްފީނާއިން ސަލާމަތް ކުރައްވާށި! ........ޒިވީ ދެން ފޯނު ބާއްވާ! އަހަރެން ފަހުން ގުޅާނަން!''

އެހެން ބުނުމަށްފަހު އަރުޝަދު ފޯނު ބޭއްވީއެވެ. ޒިވިޔާ ބުނާ އެއްޗަކަށް ބެލުމެއް ނެތިއެވެ. އިތުރަށް ވާހަކަ ދެއްކޭ ވަރަށްވުރެ އަރުޝަދު ހުރީ އުފަލުން ގޮސް މާބޮޑަށް ޖަޒުބާތީ ވެވިފައެވެ.

އަރުޝަދު ފޯނު ބޭއްވުމުން ވެސް އިރުކޮޅަކު ޒިވިޔާއަށް އެ ހުރި ގޮތަށް ހުރެވުނެވެ. ދެކެވުނު ވާހަކަތައް ހީވީ ހުވަފެނެއްގައި ދެކެވުނު ވާހަކަ ތަކެއް ހެންނެވެ. ގަބޫލު ނުކުރެވިފައެވެ. ކުއްލިއަކަށް ދެ އަތަކަށް އެނބުރިލާ ނަށާ ލެވުނެވެ. އަދި ބޭ އިޚުތިޔާރުގައި ކިޔާ ލެވުނީ ލަވައެއްގެ ތަންކޮޅެކެވެ. ''ބަލަމުން މިދާ ސަފުޙާ ތަކުން ......... ލޯބީގެ ނަން ފެނިލައިފިޔޭ.......ކުރަމުން މިދާހާ އިންތިޒާރު އަހަރެން ހިތުން ހެކި ދޭނެޔޭ......''

ޒިވިޔާ ރަށަށް އަންނަކަން އެނގެނީ ހަމަ އެކަނި ދެ ފަރާތަކަށެވެ. އެއީ އެންމެ ލޯބިވާ މަންމައަށާ ވަރަށް ޚާއްސަ ފަރާތެއްކަމަށްވާ އަރުޝަދަށެވެ.  އެހެންނަމަވެސް ލޯންޗް ރަށުގެ ފާލަމާ ގާތް ކުރިއިރު ޒިވިޔާގެ އިންތިޒާރުގައި ހުރިތަން ފެނުނީ މަންމަ އެކަންޏެވެ.

ޒިވިޔާގެ މައްސަލައެއް ނެތެވެ. ދުނިޔޭގެ މީހުންގެ ކުރިމަތީގައި ދެން ހުންނާނެ މީހަކު ނުވެސް ނެތެވެ. އެހެންނަމަވެސް ޒިވިޔާގެ ދެލޯ ހުއްދައަކާ ނުލައި ވެސް ހޯދީ އަރުޝަދުގެ ސޫރަ ފެނޭތޯއެވެ. ކެތްތެރިކަމެއް ނެތިއެވެ.

ގެނައި ފޮށި ދަމަމުން ޒިވިޔާ އެއްގަމަށް ހިނގައިގަތީ  އަނެއް އަތުން މަންމަގެ އަތުގައި ހިފައިގެންނެވެ. މަންމަ އަހަމުން ދިޔައީ ޒިވިޔާގެ ދަތުރާ ބެހޭ ގޮތުންނެވެ. ޚާއްސަކޮށް ޑޮކުޓަރ ބުނުއްވި އެއްޗަކާ ބެހޭ ގޮތުންނެވެ. ފާލަމުން ރަށުގެ ހޭޅިފަށާ ހަމައިން އެއްގަމަށް ހިނގައިގަތް ޒިވިޔާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހުރި ހޮޅުއަށީގައި އިށީނދެ ތިބި ދެތިން މީހެކެވެ. އޭގެ ތެރެއިން ޒިވިޔާއާ ކުރިމަތިވާގޮތަށް އިށީނދެ އިން މީހާގެ ތޫނު ނަޒަރު ހުއްޓިފައި ހުރީ ސީދާ ޒިވިޔާ އަށެވެ. ވަގުތުން ޒިވިޔާގެ މޫނު އުޖާލާވެގެން އައެވެ. އުފަލުން ހިތުގެ ވިންދު އަވަސްވިއެވެ.

އަރުޝަދުގެ ބެލުމުގެ ހުރި ބާރު އެހާ ދުރުން ވެސް ޒިވިޔާ އަށް ފޯރިއެވެ. ދެފައި އޮޅި ހިނގަން ވެސް އުދަނގޫވިއެވެ. އެހެންކަމުން މަޑުމަޑުން ނޭނގޭ ކަމަށް ހަދާފައި މަންމަގެ ނިވަލުގައި ހުރެގެން ކުރިއަށް ދާން ފަށައިފިއެވެ. އެހެންނަމަވެސް ދޭތެރެ ދޭތެރެއިން މަންމަގެ ކޮނޑުމަތިން ފަހަތުން އަރުޝަދަށް ބަލައިލެވެއެވެ. އެ ގޮތަށް ބަލައިލާ ކޮންމެ ފަހަރަކު އަރުޝަދުގެ މޫނުމަތި އަލިވެ ހިނިތުންވުމެއް ހަދިޔާ ކުރެއެވެ.

ރަށަށް އާދެވުމާއެކު ޒިވިޔާ ބޭނުންވީ އެރޭ ވެސް ޑިއުޓީއަށް ނިކުންނާށެވެ. ބޭނުންވީ ވީހާ އަވަހަކަށް އަރުޝަދު ދެކިލުމެވެ. އެ ސޫރައިން ހިތަށް ހަމަ ޖެހުން ހޯދުމެވެ. އެހެންވެ އަސްލަމަށް ގުޅާ ޑިއުޓީ އޮތްގޮތެއް ބެލިއެވެ. ޑިއުޓީ އޮތީ ފަހުދުވަހުއެވެ. ދަތުރު ވަރުބަލި ފިލުވާލާ އަރާމުކޮށްލުމަށްފަހު ފަހު ދުވަހު ޑިއުޓީއަށް ނިކުންނަން އަސްލަމު ބުންޏެވެ. ބޭނުންވިއަސް ދެން އަރުޝަދާ ދިމާވާނީ ޑިއުޓީއަށް ނިކުމެވުނީމައެވެ.

ކުރިލާ ހެދެމުންދިޔަ ޒިވިޔާގެ ތަޖުރިބާ ނެތް ލޯބީގެ ނިރު އޭގެ ބާރުމިނުގައި ހިތަށާ މުޅި ފިކުރުގެ ތެރެއަށް ފޭދެމުން ދިއައެވެ. މީހެއް ދެކެ ލޯބި ވުމަކީ ތިމާގެ އަމިއްލަ ބާރުގެ ދަށުގައި އޮންނަ ކަމެއް ނޫންކަމާ އެ ވިންދު ޖަހަން ފަށައިފި ހިތެއްގައި އެކަން ހުއްޓުވޭނެ ފޯމިއުލާއެއް ވެސް ނޯންނަ ކަމެއް ކުރިއަކުން ޒިވިޔާއަކަށް ނޭނގެއެވެ. ލޯބީގެ ރާހަތާ ލައްޒަތަކީ ކޮބައިކަމާ އަމުދުން ލޯބި އަތުން ބީވެގެންދާ ވަގުތު އުފުލަން ޖެހެނީ ކިހާވަރެއްގެ ވޭނެއްކަމާ ތަޙައްމަލް ކުރަން ޖެހެނީ ކިހާ ހިތްދަތި ހާލަތު ތަކެއްކަން ވެސް އެ މައުސޫމު އަންހެންކުއްޖާ އަކަށް ރޭކާ ނުލައެވެ.

އަރުޝަދަށްޓަކައި ޒިވިޔާގެ މުޅި ހިތާއިމޭ ލޯބީގެ ޗޭނުން ގައިދުވަމުން ދިޔައިރު އަރުޝަދަށް ވެސް އިހުސާސް ވަމުން ދިޔައީ މިފަދަ ގޮތެކެވެ. ޒިވިޔާ އަކީ އަރުޝަދުގެ މުޅި ދުނިޔެއެވެ. ދުވާލުގެ އަލިކަމާ ހިތްހަމަ ޖެހުމެވެ. ރޭގަނޑު ޑިއުޓީ ނޯންނަންޏާ ކުރެވޭ ފޯން ކޯލް ތަކާ ލިޔެވޭ މެސެޖު ތަކުން އެކަނިވެސް ޒިވިޔާއަށްޓަކައި އަރުޝަދަށް ފުދެއެވެ. ރޭގަނޑު އެތައް ދަމެއް ފަސްދީ ދާއިރުވެސް ލޯބީގެ މާބަގީޗާގައި އަކުރުތަކަކުން ކުލަ ޖައްސަމުން  ލަފުޒުތަކަކުން ގަތަމުން ދިޔަ ލޯބީގެ މީރުވަސް ދުވާ މަލުގެ ހާރުތައް މިނިވަންކަމާ އެކު ޒިވިޔާގެ ކަރުގައި އަޅުވައިދެމުން ދިޔައީ ކޮންމެ މީހަކުވެސް އެމީހެއްގެ ނިދާ އެނދުގައި ތިބެ މުޅިދުނިޔެއަށް ވެސް ސިއްރުންނެވެ. ކޮންމެ މީހަކުވެސް އަނެކާއަށް ވިސްނައިދެމުން ދިއައީ އެމީހަކަށްޓަކައި އަނެއްމީހާ އަކީ ކިހާ މުހިންމު މީހެއްކަމެވެ. ކިހާ ޚާއްސަ މީހެއް ކަމެވެ.

މި ދުވަސްކޮޅުގައި ހޮސްޕިޓަލުގެ ޑޮކުޓަރުން ތިއްބަވާ ގޭގެ ކެއްކުމުގެ ކަންތަކާ ހަވާލުވެ ހުރި ހަލީމަތު މިވަގުތު ރަށުގައި ނެތުމުން ކައްކާ ކާންދީ ހަދަން އެގެއަށް ދަނީ ޒިވިޔާގެ މަންމައެވެ. މި ވަގުތު ތިއްބެވީ ވެސް ދެ ޑޮކުޓަރުން ކަމަށްވާތީ އެއީ ޒިވިޔާގެ މަންމައަށް އުދަނގޫ ކަމަކަށްނުވެއެވެ.

ޒިވިޔާ ރަށަށް އައިތާ ހަފުތާއެއްފަހެވެ. އެރޭ މަންމަ ކުޑަކޮށް ބަލިވެ އުޅޭތީ ޑޮކުޓަރުން ތިއްބަވާ ގެއަށް ކެއުމުގެ ކަންތައް ހަމަ ޖައްސަން ދިޔައީ މަންމަގެ އެދުމުގެ މަތިން ޒިވިޔާއެވެ. މަންމަ ހުރީ ހަވީރު އައިސް ކައްކާފައެވެ. ޒިވިޔާ ކުރަންވީ ކަމަކީ އެއްޗެހި ހޫނުކުރުމަށްފަހު މޭޒުމައްޗަށް ނެގުމެވެ. އަދި ކައި ނިމުމުން ތަށިތައް ނަގާ މޭޒުމަތި ސާފުކުރުމުން ޒިވިޔާގެ މަސައްކަތް ނިމުނީއެވެ.

ކަންދިމާވި ގޮތުން އެ ވަގުތު އަރުޝަދު ނޫން އަނެއް ޑޮކުޓަރ ހުންނެވީ ޑިއުޓީގައެވެ. އެހެންވީމާ އަރުޝަދު ކައި ނިމުމުން ކާން ހަދާފަ ޒިވިޔާ ދާނީ ގެއަށެވެ.

އެއްޗެހި ހޫނު ކުރުމަށްފަހު މޭޒުމައްޗަށް ނަގާ ނިމިގެން ބިއްލޫރިތަށިތައް ދޮންނަން ސިންކު ކައިރީ ޒިވިޔާއަށް ހުރެވުނީ ރާގެއް އަޅުވައިލައި ގެންނެވެ. ފެން އިސްކުރު ދޫކޮށްލައިގެން އެއްވެސް ފިކުރެއްނެތި އެތައް އިރަކު ތަށީގެ ވަށައިގެން އިނގިލިތައް ހިންގާލަ ހިންގާލާ ހުރެވުނީ އަރުޝަދުގެ ރީތި ފިރިހެންވަންތަ ސޫރައަށް ގެއްލިފައެވެ.

''ކުރެހުން އެޅުނޭ........ ހުހުހޫނ ހޫނ........  ހިތުގެ އަޑީގައި........''

އަރުޝަދު ކާކޮޓަރީގެ ދޮރުމަތީ ހުއްޓި އިރުކޮޅެއް ވީއިރުވެސް ޒިވިޔާ އަކަށް ރޭކައެއް ނުލިއެވެ. ލަވައިގެ ކިޔަމުން ދިޔަ ތަންކޮޅު ތަކުރާރުކޮށް ހޫނހޫނ އަޅުވަމުން ކިޔަމުން ދިއައެވެ. އެންމެ ފަހުން އަރުޝަދަށް ނުހުރެވިގެން ޒިވިޔާއާ ވަރަށް ގާތަށް ފުރަގަހަށް ހުއްޓި ދެއަތް ކުރިއަށް ދަމާލަމުން ޒިވިޔާގެ އިނގިލި ތަކަށް އަރުޝަދުގެ އިނގިލިތައް މަހާލަމުން ލަވައިގެ ޖެހިގެން އޮތް ތަންކޮޅު އިތުރު ކޮށްލިއެވެ.

"ފަނާ ނުވާނެ ގަލަމަކުން ....ދޯ!'' ޒިވިޔާ ސިއްސައިގެން ގޮސް ފަހަތަށް އެނބުރުމުން ޒިވިޔާގެ ނިތްކުރި ހުރީ އަރުޝަދުގެ ނޭފަތުގައި ޖެހި ފިތިފައެވެ. ފުރަގަހުން ބުރަކަށި ހުރީ ސިންކު ބަހައްޓާފައި ހުރި ކަބަޑުގައި ޖެހިފައެވެ. އަރުޝަދާ ކަބަޑާ ދެމެދު ރަނގަޅަށް ހައްޔަރުވެފައެވެ. ދެމެދަށް ވައިރޯޅިއަކަށްވެސް ނުވަދެވޭ ވަރަށް ތިބެވުނީ ޖެހި ފިތިފައެވެ.

ޒިވިޔާގެ އަވަސްވެފައިވާ ނޭވާގެ އަޑާ ހަށިގަނޑުގެ ހޫނުކަން އެހާ ގާތުން އިހުސާސް ކުރަން ޖެހުމުން އަރުޝަދުގެ ނަފުސު ކޮންޓްރޯލް ކުރުން ވީ އުނދަގޫ ކަމަކަށެވެ. އެހެން ނަމަވެސް ކެތްތެރިވަމުން ތުންފަތް ގެންގޮސް ޒިވިޔާގެ ނިތުގައި ޖައްސައިލުމަށް ފަހު ދެލޯ މަރައިލިއެވެ. އިރުކޮޅަކަށް އެ ލުއި ލުއި ޙަރަކާތް ދެމިގެން ދިއައެވެ. އެއަށްވުރެ އިތުރަށް ކުރިއަށް ދާން ހިތް ކިތަންމެ ވަރަކަށް އެދި ގޮވިއަސް ހިތުގެ ބަނޑުހައިކަމަށް ހެއްލޭކަށް އަރުޝަދު ބޭނުމެއް ނުވިއެވެ. ޒިވިޔާއަށް ހުރެވުނީ ދެއަތް ތިރިއަށް އެލުވާލައިގެން ހަދާނެ ގޮތެއް ނޭނގި ގޮތް ހުސްވެފައެވެ.

އުނދަގޫ ސިކުންތު ކޮޅަކަށްފަހު މަޑުމަޑުން ޒިވިޔާ ގަޔާ ވަކިކޮށްލުމަށްފަހު އަރުޝަދު ދުރަށް ޖެހި ލައިގެންހުރި އައިސް ބުލޫ ޖިންސްގެ ދެ ޖީބަށް އަތް ކޮށްޕާލިއެވެ. އަދި ދެ ކޮނޑު އުފުލާލަމުން ގޮސް ހުއްޓުނީ ބަދިގޭގެ ކުޑަދޮރު ކައިރީގައެވެ. ބޭރުން ފެންނަ ހަނދުވަރުގެ އަލިކަމުގެ ތެރެއިން އަރުޝަދު އެއްވެސް އެއްޗެއް ނުހޯދައެވެ. އެހެންނަމަވެސް ފިލްމެއްގެ މަންޒަރުހެން ދެންމެ ހިނގި އެކްސިޑެންޓް އޭނަގެ ލޯމަތީ ސިފަވަމުން ރޯލް ވަމުން ދިއައެވެ. އެ ތުންފަތުގައި ވަނީ މާނަވީ ހިނިތުންވުމެކެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.