ދެވެން އޮތް އެންމެ މައްޗަށް ދިއުމަށް އަމާޒު ހިފުމަށް ރައީސް ސާލިހު އެދިވަޑައިގެންފި

ޤާބިލުކަމާ އެންމެ އެކަށޭނަ ރޮނގަކުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށް އަމާޒުހިފުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ 2021 – 2022 ވަނަ އަހަރު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ގޮތުންދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ  ދަރިވަރުންގެ ކިބައިގައި ހުރި ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް، ޤައުމީ ޚިދުމަތަށް ނުކުތުމަކީ، ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ތަޢުލީމީ ގޮތުން ކިތަންމެ މައްޗަކަށް ދަތުރުކުރަން ބޭނުންވިޔަސް، އެ ފުރުޞަތު ކޮންމެ ދަރިވަރަކަށްވެސް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް، މިހާރު ފަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމު ތަރައްޤީކޮށް ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރެވޭނީ، ޒަމާނީ ތަޢުލީމާއި ތަރުބަވީ އަޚްލާޤުގެ މާޙައުލަކަށް ސްކޫލްތައް ހަދައިގެންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއާ ވަޞީލަތްތަކާއި އަދި އިންސާނީ ވަޞީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ، ސްކޫލްތަކުގެ ކިޔެވުން ހަރުދަނާކުރުމަށް ސްކޫލްތަކުގެ ރިވިއު އެނަލިސިސްއެއް ހަދައި އޭގެ ތެރެއިން އެންމެ އެހީތެރިކަން ބޭނުންވާ ސްކޫލްތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުން އަންނަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށާއި އަދި ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން 1 ވަނަ ހޯދި ދަރިވަރުންނަށް ޓޮރޮފީއާ ހަނދާނީ ލިއުން، މި ރަސްމިއްޔާތުގައި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 2 ވަނަ ހޯދި ދަރިވަރުންނާއި އެކިއެކި މާއްދާތަކުން މުޅި ދުނިޔެއިން 2ވަނައިން 10ވަނަ އާ ދެމެދުގެ ވަނަތައް ހޯދި ދަރިވަރުންނަށް ޓޮރޮފީއާ ހަނދާނީ ލިއުން، ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 3 ވަނަ ހޯދި ދަރިވަރުންނަށް ޓޮރޮފީއާ ހަނދާނީ ލިއުން، ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

މިދިޔަ ދިރާސީ އަހަރު ސާނަވީ އިމްތިޙާން ފުރިހަމަކުރި 6360 ދަރިވަރުންގެ ތެރެއިން، 844 ދަރިވަރުން އެންމެ ރަނގަޅު 10 ވަނައިގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ ތެރޭގައި ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނުނު 11 ދަރިވަރަކާއި، ހައި އެޗީވްމެންޓް ޙާޞިލުކުރި 6 ދަރިވަރަކު ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.