ކިރުއިލޮށި - 55

(14 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޚައިރާދުގެ މޫނުމައްޗަށްވަނީ ނުބައިފާޑެއްގެ ހިނިތުންވުމެއް ވެރިވެފައެވެ. ފޫއްސާއި ނަފުރަތާ އެކުވެ މަސްހުނިވެގެންވާ ހިނިތުންވުމެކެވެ. އަޝްހަރަށްޓަކައި އޭނާގެ ހިތުގައިވަނީ ހަމްދަރުދީއެވެ. އަޝްހަރުގެ ހިތްހަލާކުވެގެންދާކަށް ޚައިރާދު ބޭނުމެއްނޫނެވެ. އެއްވެސް މީހަކަށް ދެރައެއް ދޭކަށްވެސް އޭނާ ބޭނުމެއްނޫނެވެ. އަޝްހަރު އެއީ އޭނާގެ ދަރިފުޅު ހަރީމްގެ ބައްޕައެވެ. ކުރިޔަށް އޮތްތާނގައި ، އެދަރިފުޅަށް ހޭހަންކުރަން ހުރި މީހާއެވެ. ފަރީދާޖެހި ކިރުއިލޮށީގައި ޖެހިގެންކަމަށްވިޔަސް ، އަޝްހަރަށް އެހުރީ މަގު އޮޅިފައެވެ. ދިރިއުޅުމުން ދަސްކޮށްދިން ފިލާވަޅުތަކުން ޚައިރާދުވެސް އެހުރީ ވަރަށްގިނަ އެއްޗެތި ދަސްކޮށްގެންނެވެ. ކުރިޔަށް އަޅަންވީ ފިޔަވަޅުތައް ދެނެގަނެގެންނެވެ. އޭނާގެ ވިސްނުން ބަދަލުކޮށްފިނަމަ ، ދިރިއުޅެން މަޖުބޫރުވާނީ ކިހާވަރެއްގެ ކޮންވައްތަރެއްގެ ބަޔަކާއެކީގައިކަން މާޒީވަނީ އޭނާއަށް ދަސްކޮށްދީފައެވެ. ކުރިމަތިން ފެންނަން އޮތް އަލިފާންގަނޑަކަށް ، އެއީ އަނދައަނދާހުރި އަލިފާންގަނޑެއްކަން އެނގިއެނގިހުރެ ، އެއްވެސް މީހަކު ފުންމައެއް ނުލާނެއެވެ. އެވަރު ޚައިރާދަށް އެނގެއެވެ.

ހަރީމަށްޓަކައިނަމަވެސް ، ޚައިރާދާއެކު އަލުން ދިރިއުޅުމެއް ފަށަން ، އަޝްހަރު އެ ނިންމި ނިންމުމަށް ޚައިރާދު ، ހެޔޮހިތުން ޝުކުރު އަދާކުރިއެވެ. އަޝްހަރާ ކުރިމަތިލައި އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ދެން އަހަރެމެން ދަމާހިނގާށޭ ބުނެ ޚައިރާދު ހިނގައިގަތުމުން އަނެއްކާވެސް އަޝްހަރު އޭނާ ހުއްޓުވިއެވެ. ޚައިރާދާ އިތުރަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

މިފަހުން އޭނާއާއެކު އެހޭދަވި  ކުޑަދުވަސްކޮޅު ، ހަރީމަށްޓަކައި ޚައިރާދުގެ ހިތުގައި އޮތް ލޯބި ، އަޝްހަރަށް ވަނީ ވަރަށް ގާތުން އިޙްސާސް ކުރެވިފައެވެ. ހަރީމާމެދު ކަންބޮޑުވެގެން ނުކައި ނުބޮއެ ނުނިދާ ، އެއްވެސް އަރާމެއްނެތި ، ޚައިރާދު އުޅުނު ޙާލު އަޝްހަރަށްވަނީ ފެނިފައެވެ. ޚައިރާދުގެ ރުއިމުގެ ވޭނީ ޙާލަތު އަޝްހަރަށްވަނީ ވަޒަން ކުރެވިފައެވެ. ދަރިފުޅުގެ ޞިއްޙަތު ސަލާމަތުން ލެހެއްޓެވުންއެދި ﷲ އަށް ، ޚައިރާދުކުރި ދުޢާތަކާއި ކީރިތި ޤުރުއާނުގެ ބަރަކާތަށް އެދި ، ހުސްވަގުތުކޮޅެއް ކިރިޔާ ލިބުނަސް ، އެކިޔެވި ކިޔެވުންތަކުގެ އަޑު އަޝްހަރަށްވަނީ އިވިފައެވެ. ދަރިޔަކަށްޓަކައި ކޮންމެ ކޮންމެ މަޔަކު ނުކުރާނެ ، ހުރިހާކަމެއް ޚާއިރާދުވަނީ ފުރިހަމަ ކޮށްފައެވެ.

ހަރީމާ ނުލައި ، ހަރީމް ނެތްތަނެއްގައި ޚައިރާދަށް ދިރިނުއުޅެވޭނެކަން އަޝްހަރު ހަނދާން ކޮށްދިނެވެ. އަދި މަންމަޔާ ނުލައި ހަރީމަށް ހިތްހަމަޖެހޭ އުފާވެރިކަމެއް ނުލިބޭނެވާހަކަ ބުންޏެވެ. ޚައިރާދުދެކެ ހަރީމް ވަރަށް ލޯބިވެއެވެ. މަންމަ ކައިރީގައި ފެންނަން ނެތުމުގެ ތަކުލީފު ، ހަރީމްގެ ހިތުން ފިލައިނުގޮސް ހުންނާނެއެވެ. ޚައިރާދުގެ ތަކުލީފުގެ އިތުރަށް ހަރީމްގެ ހާސްކަން  އެއީ އެދަރިފުޅުގެ ހިތާމައިގެ ސަބަބަކަށްވެފައި އޮންނާކަށް އަޝްހަރު ބޭނުމެއް ނުވެއެވެ. ޚައިރާދުވެސް އަދި ހަރީމްވެސް އަޝްހަރު ބޭނުމެވެ. ޚައިރާދު ބޭނުންވަނީ އޭނާއާއި ހަރީމަށްޓަކައެވެ. ހަރީމް ބޭނުންވަނީ އޭނާއާއި ޚައިރާދަށްޓަކައެވެ.

ހަރީމާނުލައި އަޝްހަރަށްވެސް ދިރިނުހުރެވޭނެކަން ، އޭނާއަށް އެނގޭކަމުގައި ޚައިރާދު ބުންޏެވެ. ހަރީމް ، އަޝްހަރާ ޙަވާލުކޮށްފައި ދުރަށްދާން ނިންމި އެއްސަބަބަކީ އެއީއެވެ. އެކަން ކުރަން ޚައިރާދަށް މަޖުބޫރުކުރަނީ އެދަރިފުޅާމެދު ޚައިރާދުގެ ހިތުގައި އޮތް މަތިވެރި ލޯތްބެވެ. ޚައިރާދު އެދަނީ ، އޭނާއަށް ޙައްޤު އިޙްތިރާމާއި އަބުރާއި ޢިއްޒަތް ދެމެހެއްޓުމަށްޓަކައި ، އޭނާގެ ހިތް އެކަމަށް އެދިގެންނެވެ. ތަކުލީފުން ފުރިގެންވާ ، ފަޤީރު އަދި ނިކަމެތި ނަމަވެސް ، އަބުރުވެރި ދިރިއުޅުމަކަށް އުއްމީދުކޮށްގެންނެވެ. ޙާލަތު ނިޔާކުރާގޮތުން ، އަޝްހަރުގާތު ޚައިރާދު ހުރުން އެއީ ، ހަރީމަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެއްކަން ޚައިރާދަށް އެނގެއެވެ. އަޝްހަރާއެކު ދިރިއުޅެންޖެހޭ ގޭގެ މާޙައުލު އޮންނާނެގޮތް ،  ޚައިރާދަށް ފިސާރި ރަނގަޅަށް އެނގެއެވެ. އެގެޔަކީ އޭނާއަށް ހުރަގެޔެއްފަދަ ތަނެކެވެ. އެހެނަސް ، އެގެޔަކީ ، ހަރީމާއި އަޝްހަރަށް އުފަލާއި އަރާމު ލިއްބައިދޭނެ ތަނެކެވެ. އެކަމަކު ،  ޚައިރާދާ ނުލައެވެ. ހަމައެއާއެކު ، ހަރީމްގެ ބައްޕަގެ މަޤާމުގައިހުރިމީހެއްގެ ޙައިޞިއްޔަތުން ، ޚައިރާދު ، އަޝްހަރަށް ހަމްދަރުދީ ވެއެވެ. އަޝްހަރަށް އެއްވެސް ދެރައެއް ލިބޭކަށް އޭނާއެއް ނޭދެއެވެ.

ހިންދިރުވައިލުމަށްފަހު ، ޚައިރާދު ދާނީ ކޮންތާކަށްތޯ އަޝްހަރު ސުއާލުކުރިއެވެ. ޚައިރާދު އެނބުރި އެދަނީ އޭނާ އެތަނަކުން އައި ތަނަށެވެ. ހައިދަރުއާބާދަށެވެ. ކެތްތެރިކަމާއެކު ، ހިތުގައި އަތްއަޅައި އޮބަހައްޓަމުން ޚައިރާދު ބުންޏެވެ.

އަޝްހަރަށް އިތުރަށް ހިތްދަތިކަންދީ ، އޭނާ ދޫކޮށްލާފައި ނުދިއުމަށް ޚައިރާދުގާތު އަޝްހަރު އާދޭސް ކުރިއެވެ. ޚައިރާދު އެއްވެސް ތާކަށް ދާކަށް އަޝްހަރެއް ނޭދެއެވެ. އޭނާގެ ހިތް އަދިވެސް އޮތީ ، ޚައިރާދުގެ ލޯތްބަށް ފެންބޮވައިގެންފައެވެ.  މާޒީގެ ވާހަކައިން އެއްވެސް ސުއާލެއް އޭނާ ނުކުރާނެކަމަށް އެތައްފަހަރަކު ވަޢުދުވިއެވެ. އަޝްހަރުގެ ހިތުން ޚައިރާދު ފިލުވައިލުމަކީ އޭނާއަށް ކުރެވޭނެކަމެއް ނޫންކަމުގައި އަޝްހަރު ބުންޏެވެ. އެކަން ކުރެވޭތޯ އޭނާ ލައްކަ މަސައްކަތް ކޮށްފިއެވެ. އެކަމަކު ، އެއީ އޭނާއަށް ވާވަރުގެ ކަމެއްނޫނެވެ. އަޝްހަރުގެ ހިތުގައި ޚައިރާދާމެދު ، މިއަދުވެސް އޮތީ ކުރިން އޮތްފަދަ އޯގާވެރިކަމުން ފުރިގެންވާ މަތިވެރި ލޯތްބެއްކަމުގައި ބުންޏެވެ. މީގެ ހަތަރުވަރަކަށް އަހަރުކުރިން ، އޭނާގެ ލޮލަށް ފެނުނު ކަންކަމާ ގުޅިގެން ، ރުޅިއިސްކުރެވުނަސް އެލޯތްބަކަށް ބަދަލެއް ނާދެއެވެ. ޚައިރާދުދެކެ ފޫހިވާހަކަށްވެސް އަދި ރުޅިއައިސް ހުންނާކަށްވެސް އޭނާއަކަށް ނޭނގުނެވެ. އަޝްހަރުގެ ހިތް އެކަމަކަށް ، އޭނާއަކަށް ހުއްދައެއް ނުދިނެވެ.

" އަހަރެންގެ މި ވާހަކަތަކުން ޚައިރާދަށް ހަމަ ، އެއްވެސް އަސަރެއް ނުކުރަނީ ހެއްޔެވެ ؟ އަހަރެންގެ މި އާދޭހުގެ އަޑުއަހަން ޚައިރާދުގެ ހިތް ނޭދެނީ ހެއްޔެވެ ؟ " އަޝްހަރު ދެރަވެފައި ބުންޏެވެ. އޭނާގެ އަޑު ވަނީ ވޭނާއި ކެކުޅުމުން ފުރިގެންނެވެ.

އަޝްހަރާ ، ހަރީމް ޙަވާލުކުރުމަށް އޭނާ ނިންމާފައިވާކަމުގައި ޚައިރާދު ބުންޏެވެ. އެ ނިންމުން ބަދަލުކުރެވޭކަށް އޭނާއަކަށް ނެތެވެ. އެކަމާބެހޭގޮތުން އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ޚައިރާދު ބޭނުމެއްނޫނެވެ. އަޝްހަރުގެ ލޮލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ، ޚައިރާދު އެތަނުން ހިނގައިގަތެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް ކާރުގައި އިށީނދެލިއެވެ. ދެލޯމަރާލައި ފުން ނޭވާއެއް ލިއެވެ. އަދި މާދުރުން ފެންނަން އޮތް މާސިންގާ ކަނޑުގެ ދިގުރާސްތާއަށް ، އުދަރެހާ ޖެހެންދެން ބަލައިލިއެވެ. އެއަށްފަހު އިސްއުފުލާލައި ، ލޮލުކޮޅަށް ނުފެންނަވަރަށް ، މައްޗަށްގޮސް އޮބާފައިވާ އުޑުގައި ނަށަމުން އެދާ ވިލާތައް އެކަތި އަނެކައްޗަށް ބީހިލައި ، ސަމާސާކުރަމުންދާ އުފާވެރި މަންޒަރަށް ކަޅި ހުއްޓާލައިގެން އިނެވެ. އެއީ ޚައިރާދާއި ހަރީމްގެ ތަޞައްވުރުކަމުގައި ޤަބޫލުކުރަމުންނެވެ. ޚައިރާދު އޭނާގެ ދެލޯ މަރައި ތަގުޅިކޮށްލިއެވެ.

މާޔޫސްވެފައިހުރި އަޝްހަރު ، މަޑުމަޑުން ހިނގާލާފައި އައިސް ކާރަށް އަރައި އިންޖީނު އިސްޓާޓް ކޮށްލި އަޑަށް ، ޚައިރާދަށް ސިހުމެއް ލިބުނެވެ. އެމީހުން އެދަނީ އެނބުރި ހޮސްޕިޓަލަށެވެ. ހެޔޮނިޔަތެއްގައި ، އަޝްހަރު ބޭނުންވެގެން އައި ކަންކަން ޙާޞިލް ނުވުމުގެ ސަބަބުން ، ހިތަށް ލިބިފައިވާ މާޔޫސްކަމުގައި ކާރު ދުއްވެނީވެސް ކުޑައިކޮށް ބާރަށެވެ. އޭނާގެ ހިތްވަނީ ފޮތިފޮތި ވެފައެވެ. ބޮލަށްހުރީ އެނބުރުން އަރާފައެވެ. ލިބިފައިވާ ވަރުބަލިކަމުގައި ހިތަށް ތަދުވާހެންވެސް ހީވެއެވެ. ކާރުގެ ބުރަތްކާއި ސްޕީޑް ޕެޑަލްތައް އޭނާގެ ފަޔަކަށް ރަނގަޅަކަށް ކިޔަމަނެއް ނުކުރެވެއެވެ. އޭނާގެ ކުރިމަތީގައިވަނީ ކަފިކަފިވެފައިވާ ، މިސްރާބެއްނެތް މަގެއްނަމަވެސް ، ދުވެލިގޮސް ހުއްޓޭނީ ހަރީމް ބާއްވާފައި އޮތް ހޮސްޕިޓަލަށްކަން އޭނާއަށް ޔަޤީން ކުރެވެއެވެ. އެއީ އެދެމީހުން ދާން އޮތް މަންޒިލެވެ. އެދެމީހުންގެ ލޯބިދަރިފުޅު ބޭއްވިފައިވާ ތަނެވެ. އެ ދަތުރުގެ މިސްރާބު އޭނާއަށް ހިފައިދޭނީ ، ސަލާމަތުން އަދިއޮތް އޭނާގެ ސިކުނޑިއެވެ. އޭނާގެ ހެޔާއި ސިކުނޑިޔަކަށް އަދި ގޮތެއް ނުވޭވިއްޔާއެވެ. އަޝްހަރުގެ ޙާލަތު ފެނިފައި ޚައިރާދުގެ ހިތަށްވެސް އަސަރުކުރިއެވެ. އިރުއިރުކޮޅުން ދެލޯ ބޮޑުވެ ، ކަންބޮޑުވެގެން ، އަޝްހަރުގެ މޫނަށް ބަލައި ލެވެއެވެ. ގޮތެއްވިޔަސް ވާނީ ދެމީހުންނަށް އެކުގައިތާއެވެ. އޭރަށް ހަރީމް އެކަނިވެރިވީއެވެ. ހަރީމްގެ ދުނިޔެ ، އެހިސާބުން އަނދިރިވީއެވެ. ޚައިރާދުގެ ދެކަކޫމަތީ ބާއްވާލެވިފައިވާ ދެއަތުން އިރުއިރުކޮޅުން ، ކަކުލަށް ފިތައި ގަނެވެއެވެ. މޭގައި އަތްޖައްސާލައި ދެލޯ މަރައި ލެވެއެވެ. އެހެނަސް ، އެއްޗެކޭ ނުބުނެ ހަމަހިމޭންކަންމަތީ އިނދެވޭތޯ ހިތްވަރު ކުރިއެވެ. ޚައިރާދު އިނީ ކަންބޮޑުވެފައެވެ. ދެރަވެފައެވެ. އެކަމަކުވެސް ކޮންމެ ޙާލެއްގައިވެސް ، ނުރައްކަލާއެކުގައިވިޔަސް ، ހަރީމުގާތަށް އަވަހަށް ދެވޭތީ އުފަލުންނެވެ.

ދެމީހުން ހޮސްޕިޓަލަށްގޮސް ، ހަރީމް އޮތްކޮޓަރިޔަށް ވަތްއިރު ، އެތާއިނީ ފަރީދާއެވެ. ހަރީމަށް އޮތީ ހޭލެވިފައެވެ. ހަރީމްބަލަހައްޓަން އެމީހުން ބައިންދާފަދިޔަ ޚާލާއެއް ނެތެވެ. އަޝްހަރުވެސް އަދި ޚައިރާދުވެސް ހުރީ ވާހަކަގިނަކުރާ މޫޑެއްގައެއްނޫނެވެ. އެހެންކަމުން ޚާލާ ކޮބައިތޯ އެކަކުވެސް ، ނާހައެވެ. އެވާހަކަ އަހައިގެންވާނެ ފައިދާއެއްވެސް ނޯންނާނެއެވެ. ލިބޭނީ އިތު ހިތްހަމަ ނުޖެހުމެކެވެ. ފަރީދާ އެތާ އިންނަތާ އެތައް އިރެއްވެއްޖެއެވެ. މަންމަ މިހާރު ވަރުބަލިވެދާނެ ނޫންހޭ އަންނާށޭ ތިމަންނަ ގެޔަށްލައިދޭނަމޭ އަޝްހަރު ބުނުމުން ފަރީދާ ތެދުވެ ހިނގައިގަތެވެ. ހަރީމާ ދިމާއަށް ހީލުމެއް ސަލާމްކޮށްލުމެއްވެސް ނެތެވެ. އޭނާއިނީ އެތަނަށް އާދެވުނުމޮޔަ ހިތަށް އަރާފައެވެ. ޚައިރާދު އައިސް ހަރީމްގާތު އިށީނދެލިއެވެ.

ގެޔަށް އައިސް ގޭގެ ދޮރަކުން ހަމަޔަކަށް ނުވަދެވެއެވެ. ކައިސަރު އައީ ކީއްކުރަންތޯ ޚައިރާދުކުރެން އެހިންތޯ ފަރީދާ ސުއާލުކުރިއެވެ. އަޝްހަރުގެ ޖަވާބަކަށްވީ ނޫނެކެވެ.

ކީކޭ ހެއްޔެވެ ؟ ފަރީދާ ސުއާލުކުރިއެވެ. ޚައިރާދުގެ ކުރީގެ ލޯބިވެރިޔާ މިގެޔަށް އައީ ކީއްކުރަންތޯ އަހާކަށްވެސް އަޝްހަރަކަށް ނޭނގުނުދޯއެވެ. ހަރީމްގެ ސާޖަރީގެ ކަންތައް އެއޮތީ ނިމިފައެވެ. އަޝްހަރުގެ ދިރިއުޅުމުން ޚައިރާދުނެރެ ބޭރުކޮށްލާށެވެ. ފަރީދާއަށް ހީވަނީ ، އަލުން އަނެއްކާވެސް އަޝްހަރުގެ ދިރިއުޅުމަށް އަންނަން ޚައިރާދު ވިސްނަނީ ހެންކަމުގައި ފަރީދާ ބުންޏެވެ. އެ އަންހެނާއަކީ ، އޭނާގެ ލިޔާޤާތްތެރި ޒުވާން ދަރިފުޅާ އެކަށީގެންވާ މީހެއްނޫނެވެ. ފަރީދާގެ ހިތުގައިހުރި އުދާސްތައް ބޭރުކުރަމުންދިޔައިރު ، އަޝްހަރުހުރީ އެއްވެސް އެއްޗެކޭ ނުބުނެ ފަރީދާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

ފަރީދާގެ ޒުވާން ޤާބިލް ދަރިފުޅު ދޫކޮށްލީ ޚައިރާދެވެ. އޭނާއަކަށް ޚައިރާދު ދޫކޮށްލާކަށް ނުޖެހެއޭ ބުނެ ، އަޝްހަރު އެތަނުން ދިޔައެވެ. އޭނާގެ މޫނުމަތީގައިވަނީ ހިތްދަތިކަމެވެ.

ހަރީމަށް ކާންދޭން އުޅެއުޅެ އެއްގޮތަކަށްވެސް ނުކައިގެން ، ޚައިރާދު ހިތްހަމަނުޖެހޭގޮތް ވިއެވެ. އެތަން ބަލަން ހުރެފައި ، ތިމަންނައަތަށް ދޭށޭބުނެ ހަރީމްގާތަށް އަޝްހަރު ޖެހިލިއެވެ. ހަރީމަށް އުނދަގޫވެފައި އެއޮތީ ހޮސްޕިޓަލުގައި އޮންނަން ޖެހިގެންނެވެ. އޭނާ ބޭނުންވަނީ އަވަހަށް ގެޔަށް ދާށެވެ. ހަރީމަށް ގެޔަށް ދެވޭނީ ، ކައިގެން ބޭސް ކައިގެން ރަނގަޅުވެގެންކަމުގައި އަޝްހަރު ބުންޏެވެ. ޑޮކްޓަރ ހުއްދަދީފިއްޔާ މާދަމާ ހަރީމަށް ގެޔަށްދެވޭނެކަމަށް އަޝްހަރު ، އޭނާގެ ދަރިފުޅުގާތު ބުންޏެވެ.

އަދިވެސް އެއްވާހަކައެއް އެބައޮތްކަމަށް އަޝްހަރު ބުންޏެވެ. މަންމައާއި ބައްޕައާ ދެމީހުންގެ ބަސް އަހައިފިއްޔާ ހަރީމް ގޮވައިގެން ޑިސްނީލޭންޑަށް ދާނަމެވެ. ހަރީމް ޑިސްނީލޭންޑަށްދާނީ މަތިންދުއްވާ ބޯޓުގައެވެ. އެއީ މަތިންދުއްވާ ބޯޓަކަށް ހަރީމް އަރާ ފުރަތަމަ ފަހަރެވެ. ބައްޕަ އެބުނި ވާހަކައެއްގެ އަޑު މަންމަޔަށް އިވިއްޖެތޯ ހަރީމް ސުއާލުކުރިއެވެ. ޚައިރާދު އެނބުރި ބަލައިލުމަށްފަހު ހިނިތުންވެލައިގެން ހުރެ ، ހަރީމްގާތަށް އައެވެ. އަދި ބައްޕަ ބުނީ ކީކޭތޯ ސުއާލުކުރިއެވެ. ބައްޕަ އެބުނީ ހަރީމް ޑިސްނީލޭންޑަށް ގެންދާ ވާހަކައެވެ. މަތިންދުއްވާ ބޯޓަކަށް އަރައިގެންނެވެ. ހަރީމް ދުވެފުމުނަސް އެއްވެސް މީހަކު އެކަން މަނާނުކުރާނެދޯއޭ ބުނެ މަންމައާ ސުއާލުކުރިއެވެ. އެއްވެސް މީހަކު ހަރީމަށް އެކަން މަނާ ނުކުރާނެކަމަށް އަޝްހަރު ބުންޏެވެ. ހަރީމް ރަނގަޅުވީމަ އެއީ މައްސަލަޔަކަށް ނުވާނެއެވެ. ހަރީމް ރަނގަޅުވާން ކާންޖެހޭނެ ކަމަށާއި ބައްޕަ ލަވައިދެންތޯ ހަރީމް ކުރެން އެހިއެވެ. އަދި ހަރީމް އެކަމަށް އެއްބަސްވިއެވެ. ހަރީމަށް އަޝްހަރު ކާންދޭތަން ބަލަން ޚައިރާދު ހިނިތުންވެފައި ހުށްޓެވެ.

ހަރީމް ގެޔަށް ބަދަލުކޮށްފިއެވެ. ޚައިރާދު އޭނާގެ ހެދުންތައް ފޮށްޓަށް އަޅައި ތަރުތީބުކުރަމުން ގެންދިޔައިރު ، ލޮލުން ފައިބަމުންދިޔަ ކަރުނަތައް އޭނާގެ ހެދުންތަކަށް އެޅެމުންދިޔައެވެ. އޭނާ ތައްޔާރުވަމުން އެދަނީ އެގެއިން ނުކުތުމުގެ ވަގުތަށެވެ. ޖެހިގެންހުރި އެނދުގައި ހަރީމް ނިދާލާފައި އޮތެވެ. ޚައިރާދު ފަހަތަށް އެނބުރި ހަރީމަށް ބަލައިލިއެވެ. ތެދުވެގެންގޮސް ހަރީމްގެ އެނދުގެ ބޯލާކޮޅުގައި ޖައްސާލައި ހަރީމްގެ ބޮލުގައި ފިރުމަމުން ގެންދިޔައެވެ. ހަރީމް ނެތްތަނެއްގައި ޚައިރާދު ، ހަމަޔަށް ނޭވާލައިގެން އުޅޭނީ ކިހިނެއް ހެއްޔެވެ ؟ އޭނާހުންނާނީ ދިރުމެއްނެތް ފުރާނަހުރި މަސްގަނޑެއްގެ ގޮތުގައެވެ. ހަރީމާ ދުރަށްދާން ހިތަށް އަރުވައިލިޔަސް އޭނާގެ ނޭވާ ކުރުވެ މެޔަށް ތަދުވެއެވެ. އެކަމަކު ، މިއަދު ހަރީމަށް މުހިންމީ މަންމަޔަށްވުރެ ހަރީމްގެ ބައްޕައެވެ. ހަރީމްގެ މޫނުގައި އެތައް ފަހަރަކު ބޮސްދިނުމަށްފަހު ، ޚައިރާދު ތެދުވިއެވެ. އަދި ، ރޭގަނޑުގެ އެގަޑީގައި ފޮށިހިފައިގެން އެގެއިން ނުކުތެވެ.

ހަރީމް ހެނދުނު ހޭލެވިގެން ތެދުވެ މަންމަ އަށް ގޮވިއެވެ. ފާޚާނާއަށް ވަދެ ނުކުމެ ކަންބޮޑުވެފައި ކޮޅަށް ހުއްޓައި އަޝްހަރު އައިސް ހެނދުނުގެ ސަލާމް ކޮށްލައި ހަރީމްގެ މޫނުގައި ދޮނެއްދިނެވެ. މަންމަ ކޮބައިތޯ ހަރީމް ސުއާލުކުރިއެވެ. މަންމަ ފަހަރެއްގައި ފާޚާނާގައި ވެދާނެކަމަށް އަޝްހަރު ބުންޏެވެ. އެއްވެސްތާކުން މަންމަ ނުފެނުނުކަމުގައި ހަރީމް ބުންޏެވެ. ފަހަރެއްގައި ހަރީމަށް ހެނދުނުގެ ނާސްތާ ހަދައިދޭން ބަދިގޭގައި ވެދާނެކަމަށާއި ބަލައިލާފައި އަންނާނެކަމަށް އަޝްހަރު ބުންޏެވެ. އަޝްހަރު ހިނގައިގަތްތަނާ އެނދުމަތީ ބާއްވާފައި އޮތް ލިޔުމަކަށް އޭނާގެ ލޯ ސީދާވިއެވެ. އެވާނީ ޚައިރާދުގެ ނޯޓަކަށެވެ. އަޝްހަރަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އެއީ ޚައިރާދު ބާއްވާފައި އޮތް ނޯޓެކެވެ. އަޝްހަރު ، އެ ނޯޓުނަގައި ކިޔަންފެށިއެވެ.

އަހަރެން މިދަނީ ހައިދަރުއާބާދަށެވެ. ހަރީމަށް އެންމެ ރަނގަޅުވާނީ އަޝްހަރުގާތު ހުރެގެން އޭނާ ބޮޑުވުމެވެ. އަޝްހަރު އެދަރިފުޅަށް ކޮށްދޭނެ އެއްވެސްކަމެއް ކޮށްދެވޭފަދަ ފެންވަރެއް އަހަރެންގެ ނެތެވެ. ހަރީމްގެ ލޯބި މާދަމައާއި ، ކުރިޔަށްއޮތް މުސްތަޤްބަލްވެސް އުޖާލާވެގެންދާނީ އަޝްހަރުގާތު އޭނާ ހުރެގެންނެވެ. އެހެންކަމުން ، އަހަރެން ، ބުއްދި ސަލާމަތުން ހެޔޮޙާލުގައިހުރެ ، ހިތުން ރުހުމުން ، އެ އަމާނާތް އަޝްހަރާ މި ޙަވާލުކުރީއެވެ. ހަރީމަކީ އަހަރެންގެ ހިތާއި ފުރާނައެވެ. މި އަގެއްނެތް ދުނިޔޭގައި އަހަރެން ދިރިހުރުމުގެ ސަބަބެވެ. ހަރީމްދެކެ އަޝްހަރު ވަރަށް ލޯބިވާކަން ، އަހަރެންނަށް އެނގެއެވެ. ހަރީމަކީ ހަމައެކަނި އަޝްހަރުގެ ޙައްޤެކެވެ. އަހަރެންގެ އެއްވެސް ޙައްޤެއް ހަރީމުގެ މައްޗަކަށް ނެތެވެ. ހަރީމް ، ވަރަށް ރަނގަޅަށް ބަލައި ބޮޑުކުރާނެކަން އަހަރެންނަށް ކަށަވަރެވެ. ހަރީމު ، އަޝްހަރުގާތުގައި ހުންނާނީ ވަރަށް އުފަލުންނެވެ. އަޝްހަރު ހުއްދަ ދީފިއްޔާ ދޭތެރެޔަކުން އަހަރެން ހަރީމަށް ފޯނުކޮށްލާނަމެވެ. ހުއްދަ ނެތިއްޔާ އެކަމެއް ނުކުރާނަމެވެ.  އަހަރެންގެ ހިތާމަޔަށް އިތުރުކުރެވޭ ބަޔަކަށް އެކަން ހަދާނަމެވެ. އަހަރެން އަޝްހަރުގެ ކިބައިން އެދެނީ ހަމައެކަނި އެކަމަށެވެ. އެހެންކަމެއް ބޭނުމެއްނޫނެވެ. ހަރީމްގެ ޅަހިތުގައި އޭނާގެ މަންމައާމެދު އެއްވެސް ނަފުރަތެއް އުފެދުނަ ނުދިނުމަކީ ، އަހަރެންގެ ވަރަށްބޮޑު އެދުމެކެވެ. އޭނާގެ މަންމަޔަކީ ވަރަށް ބަދުނަޞީބު އަންހެނެކެވެ. އޭނާގެ ޙަޔާތުގައި އިސްއުފުލާލައިގެން މީހުންގެ ތެރެޔަށް ނުކުތުމެ އުޅުމުގެ ނަޞީބުންވަނީ މަޙުރޫމުވެފައެވެ. އަހަރެން އެދެނީ ، އަހަރެމެންގެ ލޯބި ދަރިފުޅު ، އިސްއުފުލާލައިގެން މުޖުތަމަޢު ތެރެއަށް ނުކުމެ ، ރަނގަޅު ހަރުދަނާ ތަޞައްވުރެއްގައި އޭނާގެ ދުނިޔެ އާބާދުވުމެވެ. ހަރީމަކީ ، އޭނާގެ ބައްޕަޔާއި މަންމަގެ ސަބަބުން ، މީހުންގެ ކުރިމަތީ އިސްއުފުލައިލަން ނުކުޅެދުންތެރި ނަފުސަކަށް ނުވުމެވެ. އަހަރެންގެ ހުރިހާ ހެޔޮއެދުމެއްވަނީ ، ހަރީމާއި އަޝްހަރާ އެކުގައެވެ. މި ނިކަމެތި އަންހެނާއަށް ، އޭނާގެ ދަރިފުޅުގެ ޞިއްޙަތު ސަލާމަތްކުރުމަށް ނުކުޅެދިފައި އޮއްވައި ، އެދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިނީތީ ، ވަރަށްބޮޑަށް ޝުކުރިއްޔާއެވެ. އަޝްހަރަކީ ވަރަށް ރަނގަޅު ބަފަޔެކެވެ. ހަރީމްގެ މަންމަ ނެތްތަން ފޫބައްދަން އަޝްހަރަށް އެނގޭނެއެވެ. އަޝްހަރު ، އަހަރެންގެ ތުއްތު ދަރިފުޅަށް އިހާނެތިކަމެއް ނުކުރާނެކަން އެނގެއެވެ. އެހެންމީހެއްގެ ފަރާތުންވެސް އެދަރިފުޅަށް ތަކުލީފެއް ލިބުނަ ނުދޭނެކަން އެނގެއެވެ. އެ ދަރިފުޅުގެ މައްޗަށް ، އަޝްހަރުގެ ހިތުގައިއޮތް ފުންލޯބި އަހަރެންނަށް ވަޒަން ކުރެވެއެވެ. " ހަރީމްގެ މަންމަ ".

ޚައިރާދުގެ ނޯޓު ކިޔައި ނިންމައިލިއިރު އަޝްހަރުގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ފަދައެވެ. އޭނާހުރީ ޙަރަކާތް ހުއްޓި ، ގަބުވެފައެވެ. އަތުގައި އޮތް ކަރުދާސްގަނޑު ބޮނޑީކޮށްލެވުނެވެ. ހިތްބިރުގެންފައިހުރެ ، ގަދަކަމުން ހީލަމުން ، ހަރީމާދިމާއަށް ބަލައިލެވުނެވެ. އަދި ހަރީމްގާތަށްގޮސް އޭނާނަގައި އޭނާގެ މޫނުގައި އެތައްފަހަރަކު ބޮސްދިނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.