ކިރުއިލޮށި - 53

(9 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޚައިރާދަށް ހޭލެވިގެން ، ނަމާދުކޮށް ކީރިތި ޤުރުއާން ކިޔަވަން އިންދާ އަޝްހަރު އެތަނަށް އައެވެ. ކިޔެވުން ނިންމައިލުމަށްފަހު ، ޚަތިމު ބާއްވާފައި ، ޑޮކްޓަރާ ވާހަކަ ދައްކައިލެވުނުތޯ ޚައިރާދު ، އަޝްހަރާ ސުއާލުކުރިއެވެ.

އަޝްހަރު އެއައީ ޑޮކްޓަރާ ބައްދަލުކޮށްލައި ވާހަކަ ދައްކއިލާފައެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. ހަރީމްގެ ޙާލަތު އިރާދަކުރެއްވިއްޔާ ރަނގަޅެވެ. އިރާދަކުރެއްވިއްޔާ ، ވަރަށް އަވަހަށް ހަރީމް ރަނގަޅުވާނެއެވެ. ހިނިތުންވުމާއެކު ، އަޝްހަރު ޖަވާބު ދިނެވެ. އަޝްހަރު އެދަނީ ގެޔަށް ޖައްސައިލުމަށްކަމަށާއި ގެއިން އެއްވެސް އެއްޗެއް ގެންނަން ބޭނުންތޯ ޚައިރާދުކުރެން އަޝްހަރު އެހިއެވެ.

ޚައިރާދު އެއްވެސް އެއްޗެއް ބޭނުމެއްނޫނެވެ. ހެދުމެއް އެއްޗެއް ގެންނަން ބޭނުމެއްނޫންތޯ އަނެއްކާވެސް އަޝްހަރު އެހިއެވެ. ޚައިރާދުގެ ޖަވާބަކަށް މިފަހަރުވެސްވީ ނޫނެކޭ އެވެ. ގެއިން އެއްޗެއް ގެންނަން ބޭނުންވިޔަސް އޭނާލައްވާ އެއެއްޗެއް ގެންނަން ބޭނުން ނުވަނީތޯ އަޝްހަރު އެހިއެވެ.

" ޚައިރާދެވެ ! ވިސްނައިލާށެވެ ! އަހަރެމެން މިތާ މިތިބީ ހަރީމްގެ ސަބަބުންނެވެ. މިތާ ތިބޭއިރު އެކަކުއަނެކަކާމެދު ވިސްނަން ޖެހެއެވެ. ހަރީމަށްޓަކައެވެ. އަހަރެންގާތު އެއްޗެއް ބޭނުންވެގެން ބުނުން އެއީ ޚައިރާދަށްކުރެވޭ ގޯސްކަމެއްނޫނެވެ. ޚައިރާދަކީ ހަރީމްގެ މަންމައެވެ. އެ ޙައްޤަށްޓަކައިވެސް އަހަރެންގާތު ކަމަކަށް އެދުން އެއީ ޚައިރާދަށް ކުރެވެންޖެހޭނެ ކަމެކެވެ. " އަޝްހަރު ބުންޏެވެ.

" އަޝްހަރުގެ އެއްވެސް އެއްޗަކަށް އަހަރެންގެ ޙައްޤެއް ނޯންނާނެއެވެ. " ޚައިރާދު ބުންޏެވެ.

" ޚައިރާދު ތިއީ އަހަރެންގެ ދަރިފުޅުގެ މަންމައެވެ. " ޚައިރާދުގެ އަތުގައި ހިފައިލަމުން އަޝްހަރު ބުންޏެވެ.

އަޝްހަރުގެ އަތް ފޮޅުވައިލައި އަޝްހަރުގެ އަތުތެރެއިން ، އޭނާގެ އަތްދަމައިގަތެވެ. އޭނާގެ ދަރިފުޅުގެ ސާޖަރީއަށް އަޝްހަރު ކުރިހޭދައިގެ އަގު ، ދުވަހަކުވެސް ހަނދާންނައްތައިނުލާނެ ކަމަށްބުނެ އެކަމަށްޓަކައި ފަށްފަށުން ، ޚައިރާދު ޝުކުރު އަދާކުރިއެވެ. ހަރީމަށް އެވަނީ އާ ދިރިއުޅުމެއް ލިބިފައެވެ. އެކަމުގެ ޙަޤީޤީ ހައްޤުދާރަކީ އަޝްހަރެވެ. ޚައިރާދު ، އަޝްހަރަށް ދަރާފައިވާ ދަރަނީގެ އަގު ބޮޑެވެ. ޚައިރާދުގެ މުޅި ޢުމުރުގައިވެސް އެކަމުގެ އަގު އަދާކުރެވިދާނެކަމެއް ނޭނގެއެވެ. ޚައިރާދު އިސްޖަހައިގެންހުރެ ބުންޏެވެ.

ޝުކުރުވެރިވުމުގެ ވާހަކަ ޚައިރާދު ބުނުމުން ، އެއަށް ރައްދު ދިނުމަށް އަޝްހަރު ގަޞްދު ކުރިއެވެ. ހަރީމަކީ އަޝްހަރުގެވެސް ދަރިއެކެވެ. އެނާގެ ލެޔެވެ. އަޝްހަރުގެ ދިރިއުޅުމުގެ އެއްބަޔެވެ. އެހާތަނަށް ، ހަރީމަށް އޭނާ އެއްވެސްކަމެއް ކޮށްދީފައެއް ނުވެއެވެ. ޙަޤީޤަތުގައިވެސް ، ހަރީމަށްޓަކައި އެތައްކަމެއް ކޮށްދޭން އަޝްހަރު ބޭނުމެވެ.

ހަރީމަށް އެއްވެސްކަމެއް ކޮށްދިނުމަށް އަޝްހަރު ފަހަށް ނުޖެހޭނެކަން ޚައިރާދަށް އެނގެއެވެ. ހަރީމަށް ބޭނުންވި ކޮންމެކަމެއް އަޝްހަރު ކޮށްދޭނެކަމާމެދު ، ޚައިރާދުގެ ހިތުގައި އެއްވެސް ޝައްކެއްނެތެވެ. ހަރީމާއެކު އަޝްހަރު ހޭދަކުރި މަދު ދުވަސްކޮޅުގެ ތެރޭގައި އެކަން ، އަޝްހަރުވަނީ ޔަޤީންކޮށްދީފައެވެ. ޚައިރާދަށް ، ހަރީމަށް ދޭން ނުލިބޭނެ ކިތަންމެ އެއްޗެއް އަޝްހަރަށް ދެވިދާނެއެވެ. އެހުރިހާކަމެއް އެނގޭކަމަށް ޚައިރާދު ބުންޏެވެ.

އަޝްހަރާމެދު ޚައިރާދުގެ ހިތުގައި އެހާބޮޑު ޔަޤީންކަމެއް އޮތްއިރު ، އެހިތުގައި ޒަޚަމްގެ އަސަރު އޮންނަނީ ކީއްވެގެންތޯ އަޝްހަރު ސުއާލުކުރިއެވެ. ޚައިރާދު ވަކިއެއްޗެކޭ ނުބުނީމަ ، ކުޑައިރުކޮޅަކުން ތިމަންނަ އަންނާނަމޭ ބުނެ އަޝްހަރު ނުކުމެގެން ދިޔައެވެ.

ބޭރަށްދާން ރީތިވެ ތައްޔާރުވާން ފަރީދާ ކޮޓަރިތެރޭގައި ހުށްޓެވެ. ނޯކަރަކުއައިސް ފަރީދާއާ ބައްދަލުކުރަން ފިރިހެނަކު އައިސް ހުރިވާހަކަ ބުންޏެވެ. އެއީ ކައިސަރެވެ. ކައިސަރު ކަރާޗީއަށް އައިސް އެންމެ ފުރަތަމަވެސް އެއައީ ފަރީދާއާ ބައްދަލުކުރާށެވެ.

ފަރީދާއައިސް ، ކޮންފަދަ ޙައިރާންކަމެއްހޭ މިލިބުނީބުނެ ކައިސަރާ ސަލާމް ކޮށްލިއެވެ. އޭނާއަށް އެއާދެވުނީ ރަނގަޅު ވަގުތެއްގައިކަމަށް ހީކުރާކަމަށް ކައިސަރު ބުންޏެވެ. ކައިސަރަކީ ، ފަރީދާގެ ދަރިއެއްފަދަ ކުއްޖެއްކަމަށާއި ، ވަގުތު ގޯސްވާނީ ކިހިނެއްހޭ ބުނެ ހިނިތުންވެލިއެވެ.

ކައިސަރަކީ ، ފަރީދާގެ ދަރިއެއްކަމަށް ޤަބޫލުކުރާކަމަށް ވަންޏާ ކައިސަރުގެ ހިތުގައި އެކަމާމެދު ޝައްކެއް ނުއޮންނާނެތާއެވެ. ސާރާގެ ކައިވެނީގެ ހުށަހެޅުން ހިފައިގެން ފަރީދާ އެގެޔަށް ދިޔަކަމުގައި ކައިސަރު ޤަބޫލުކުރިއެވެ. ފަރީދާވެސް އެގެޔަށް ދިޔަކަމުގައި އެއްބަސްވިއެވެ. ސާރާއާއި ޒަރީނާ ބުނީ ކީކޭތޯ ކައިސަރު ސުއާލުކުރިއެވެ.

އެއީ އަންހެންކުއްޖާގެ ގެޔެވެ. ސާރާއަކީ އެގޭގައިހުރި ހަމައެކަނި އަންހެންކުއްޖާއެވެ. ކުޑަވަގުތުކޮޅެއް އެމީހުންނަށް ދޭށެވެ ! އެކައިވެންޏަށް އެމީހުން އެއްބަސްވާނެއެވެ. ފަރީދާގެ އޮޅުވައިލުމަށް ކައިސަރަކަށް ކެތެއް ނުކުރެވުނެވެ.

އެމީހުން އެކައިވެންޏަށް އިންކާރުކުރިވާހަކަ ސާފުކޮށް ނުބުނަން ތިއުޅެނީ ކީއްވެތޯ ކައިސަރު ސުއާލުކުރިއެވެ. ކައިސަރުގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. އޭނާގެ އަޑު ގަދައެވެ. އެވާހަކަ ކައިސަރުގާތު ބުނީ ކާކުތޯ ފަރީދާ ސުއާލުކުރިއެވެ.

ކައިސަރު އިތުރަށް ވާވައްދައި ކުޅިވަރުކުޅެން ނުހަދާށޭބުނެ ފަރީދާއަށް އިންޒާރު ދިނެވެ. ފަރީދާ ބޭނުންހާކަމެއް ކައިސަރުލައްވައެއް ނުކުރެވޭނެއެވެ. އެހުރިހާ ވާހަކައެއް ކައިސަރަށް ކިޔައިދިނީ ސާރާއެވެ.

ސާރާއަކީ ކުޑަކުއްޖެކެވެ. ނުވިސްނޭ މޮޔަކުއްޖެކެވެ. އޭނާއަކަށް އެއްވެސްކަމެއް ނޭނގޭނެއެވެ. ފަރީދާ މަތިއޮމާންކުރަމުން ބުންޏެވެ.

ސާރާގެ ޢުމުރުން މިހާރު ތިރީސް އަހަރެވެ. އެއީ ކުޑަކުއްޖެއްނޫނެވެ. ހުރިހާކަމެއްވެސް އޭނާއަށް ވިސްނޭނެއެވެ. ސާރާ އެކައިވެންޏަށް އިންކާރުކުރީ ކީއްވެގެން ހެއްޔެވެ ؟ އަބަދުވެސް ، ކައިސަރަށް ސާރާ ވިސްނައިދެމުން އައީ އޭނާ ލޯބިވަނީ ކައިސަރު ދެކެ ކަމުގައެވެ. ކައިސަރަށް އިންތިޒާރުކުރަމުން ގެންދާ ކަމަށެވެ. އަދި ކައިވެނިކުރަން ބޭނުމީވެސް ކައިސަރާ ކަމުގައެވެ.

ޒަރީނާ ދެންވެސް މަސައްކަތްކުރަމުންގެންދިޔައީ ޙަޤީޤަތް ފޮރުވުމަށެވެ. ސާރާ އަކީ ވަރަށް ޖަޒުބާތީ ކުއްޖެކެވެ. ކުޑައިރުއްސުރެ ފަރީދާ އޭނާ ދަނެއެވެ. ބޮޑުވަމުން އައީ ފަރީދާމެންނާ އެކުގައެވެ. އެއީ ފަރީދާގެ ތިމާގެ ކުއްޖެކެވެ. ވަރަށް ފަސޭހައިން ހައްލައި ލެވޭނެއެވެ. ރަނގަޅަށް ވިއްޔާ ޒަރީނާ އެހުރީ ސާރާގެ ސިކުނޑިއާ ކުޅެލާފައެވެ. ފަރީދާއަށް ވިސްނޭގޮތުގައި ، ކައިސަރު ، ސާރާއާ ކައިވެނިކޮށްގެން ، ޒަރީނާގެ ދަނބިދަރިފުޅަކަށްވާން ޒަރީނާ ބޭނުމެއް ނުވެއެވެ. ފަހަރެއްގައި ސާރާއަށްވުރެ ކައިސަރު ޅަވީމަ ކަމަށްވެސް ވެދާނެއެވެ. ޒަރީނާއަކީ އެކަހަލަ ކަންކަމަށް ވަރަށް ވިސްނާ މީހެކެވެ. ފަރީދާގެ ވާހަކަތަކަށް ކައިސަރު ބޯހޫރަމުން ގެންދިޔައެވެ. އަދި އެއިން އެއްވެސް ކަމެއް އޭނާއަށް ނޭނގޭކަމަށް ބުންޏެވެ. ކައިސަރުގެ މުޅި ޢުމުރުގައިވެސް ، ސާރާ ފިޔަވައި އެހެން އަންހެންކުއްޖަކާމެދު ޚިޔާލުކޮށްލާފައެއްވެސް ނުވެއެވެ. އެހެންނޫނަސް ، ދެމީހުންގެ ޢުމުރުން ، ދެއަހަރުގެ ތަފާތަކީ ، މައްސަލަޔަކަށް ހަދާވަރުގެ ކަމެއްނޫނެވެ. މިހާރު ކައިސަރަކީ ، ފެންވަރުގެ ގޮތުންވެސް ، މާލީގޮތުންވެސް ސާރާއަށް ޙައްޤު މަޤާމަށް އައިސްހުރި މީހެކެވެ. އެއްވެސް ކަމެއްގެ އުނިކަމެއް ކައިސަރުގެ ކިބަޔަކު މިހާރަކު ނެތެވެ.

ފަރީދާއަކީ މަންމަޔެއްގެ ގޮތުގައި ކައިސަރު ބަލާމީހެއްކަމަށް ވަންޏާ ، އޭނާއަށް ބަރޯސާވުމަށް ފަރީދާ އެދުނެވެ. އޭނާއަށް އިތުބާރު ކުރުމަށް ބުންޏެވެ. ޒަރީނާއާ ވާހަކަ ދައްކައިގެން ، ސާރާގެ ކައިވެންޏަށް ޒަރީނާ އެއްބަސް ކުރުވާނެކަމަށް ފަރީދާ ބުންޏެވެ. އެދެމައިންނަކީވެސް ފަރީދާގެ ހެޔޮކަމުގެ ތެރޭގައި އެމީހުންގެ ދިރިއުޅުން ހޭދަކުރަމުން ގެންދާ ބަޔެކެވެ. ޒަރީނާ އެކައިވެންޏަށް އެއްބަސް ވެއްޖިއްޔާ ސާރާވެސް އެކަމާ ޤަބޫލުވާނެ ނޫންހޭ ފަރީދާ ބުންޏެވެ.

" ނޫނެކެވެ ! އަހަރެން އެއްވާހަކައެއް ފަރީދާގާތު ސާފުކޮށް ބުނަން ބޭނުމެވެ. އަހަރެންނަކަށް ވަގުތެއް ނެތެވެ. އޭގެ މާނަޔަކީ ، އެކަން ހަމަޖެއްސުމަށްޓަކައި ފަރީދާއަށްވެސް ވަގުތެއް ނެތެވެ. ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި އަހަރެންނަށް ސާފު ޖަވާބެއް ދޭށެވެ! އެ ޖަވާބަކީ އަހަރެން އެދޭ ޖަވާބަކަށް ވާން ޖެހޭނެއެވެ. އެކަން އެހެން ނުވެއްޖެނަމަ ، ކުރިމަތިވާން އޮތް ނުރައްކާ ވަރަށް ބޮޑުކަން ހަނދާން ކުރައްޗެވެ. " ކައިސަރު ބުނަން ބޭނުންވި ވާހަކަތައް ބުނުމަށްފަހު ، މަޑުނުކޮށް ނުކުމެގެން ދިޔައެވެ.

ހަދާނެ ގޮތަކާމެދު ވިސްނާލަން ދެބުމަގޮށްޖަހައިގެން ފަރީދާ އިރުކޮޅަކު އިނެވެ. އޭނާގެ އިނގިލީގެ ނިޔަފަތިތައް ކަމުން ގެންދިޔައެވެ. ކައިސަރު ރުޅިއައިސްހުރެ ، ބާރު ހިނގުމުގައި އެގެއިން ނުކުމެގެން ދިޔަތަން ، ގެޔަށް އައިސް ވަތްތަނުން އަޝްހަރަށް ފެނުނެވެ.

ސާރާ ، ހެނދުނު ތެދުވުން ލަސްވެގެން ޒަރީނާއައިސް ސާރާގެ ކޮޓަރިޔަށް ވަދެ ، ސާރާއަށް ގޮވައި ތެދުވާށޭ ބުނަމުން ގެންދިޔައެވެ. އަދި އެނދުގައި އިށީނދެ ، ސާރާ ކޮޅަށް ނަގައި ނަޞޭޙަތް ދޭން ފެށްޓިއެވެ.

ވެދިޔަ ހުރިހާކަމެއް ހަނދާން ނައްތައިލާށެވެ ! ކައިސަރުވެސް ، އަޝްހަރުވެސް އަދި ޚައިރާދާއި ފަރީދާވެސް ހަނދާން ނައްތައިލާށެވެ. އެމީހުންގެ ފަހަތުން އެނބުރިގެން ކުރިމަގެއް ނުފެނުނު ނޫން ހެއްޔެވެ ؟ ސާރާއަކީ ކިޔަވައިގެންހުރި ޤާބިލް ކުއްޖެކެވެ. ރީތި އަދި ލޯބި ކުއްޖެކެވެ. އެކަންކަމާއެކު ، ކާމިޔާބު ދިރިއުޅުމަކަށް އުއްމީދުކޮށްގެން ސިކުނޑި ހޭލައްވައިލާށެވެ. ހިއްމަތާއެކު މަސައްކަތް ކޮށްގެން ، ޙާޞިލް ނުކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. ސާރާގެ އަގުހުރި ދިރިއުޅުން ކަށްވަޅަކަށް ނުހަދާށެވެ.

ސާރާގެ އަޑުގައިވަނީ ވޭނެވެ. އޭނާގެ ހުރީ ކޮން ފަންނެއް ހެއްޔެވެ. އޭނާއަށްވުރެ މޮޅީ ޚައިރާދެވެ. އެކަން ޒަރީނާ ޤަބޫލެއް ނުކުރެއެވެ. ޚައިރާދަކީ ސާރާއާ އަޅައިކިޔޭނެ މީހެއްނޫނެވެ. ޚައިރާދަކީ ސާރާއަށްވުރެ މޮޅު މީހެއްނޫނެވެ. ޚާއިރާދުގެ އަތުގައި އޭނާގެ ނަސީބު ހިފީއެވެ. އެއީ ތަޤްދީރުގެ ނިޔާއެވެ. ކިތަންމެ ތަދުބީރެއް ކުރިނަމަވެސް ތަޤްދީރުގެ ނިންމުމާ ދެކޮޅުހަދައި ޖަދަލެއް ނުކުރެވޭނެއެވެ. ސާރާ ކިތަންމެ މޮޅަސް ، ސާރާބޭނުންވާ ހުރިހާ އެއްޗެއް އެއޮތީ ޚައިރާދުގެ އަތުގައެވެ. ޚައިރާދު ބޭނުން ނުވިޔަސް ހިތް ނޭދުނަސް ސާރާ ބޭނުންވާ ހުރިހާ އުފަލެއް ލިބިފައި އެއޮތީ ޚައިރާދަށެވެ.

ސާރާގެ އަމިއްލަ ނަފުސަށްނޫންކަމަށް ވަންޏާ ، މަންމަޔަށްޓަކައިވެސް ، ހުރިހާކަމެއް ހަނދާން ނައްތައިލުމަށް ޒަރީނާ އާދޭސް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ސާރާއަކަށް އަޝްހަރު ހަނދާން ނައްތައެއް ނުލެވޭނެއެވެ. ސާރާގެ ހިތުގައި އޮތް ހަމައެކަނި ލޯތްބަކީ އެއީއެވެ. އޭނާ އިންތިހާއަށް އަޝްހަރުދެކެ ލޯބިވެއެވެ. އަޝްހަރު ލިބިނެތް ދުނިޔެއެއްގައި ސާރާއަކަށް ނޫޅެވޭނެއެވެ.

ސާރާގެ ހިތުން ދުވަހަކުވެސް ޚައިރާދުވެސް ހަނދާން ނައްތައެއް ނުލެވޭނެއެވެ. ޚައިރާދަށް އޭނާ ނަފުރަތު ކުރެއެވެ. އެތައް ފަހަރަކު އެހެން ބުނަމުންގޮސް ރޮއެގެންފައި ޒަރީނާގެ ގައިގާ ބައްދައިލިއެވެ. ސާރާ މަސަލަސް ކުރެވޭތޯ ޒަރީނާ މަސައްކަތް ކުރަމުން ގެންދިޔައެވެ.

އަޝްހަރު ގޭތެރެޔަށް ވަދެގެން އައިސް ރުޅިއައިސް ރަތްވެފައި ، އެމީހާ މިގެޔަށް އެއައީ ކީއްކުރަންތޯ ފަރީދާއާ ސުއާލުކުރިއެވެ. އެގެޔަށް ވަންނަން އެމީހާއަށް ހުއްދަދިނީ ކާކުތޯ ސުއާލުކުރިއެވެ. ފަރީދާއަށް ބުނާނެ ނުބުނާނެ އެއްޗެއް ނޭނގިގެންގޮސް އަޝްހަރު ހަމަޖެހިލުމަށް ބުންޏެވެ. އަދި ކައިސަރުގެ ކަންތައް އޭނާ ހަމަޖައްސާނެކަމަށް ބުންޏެވެ. އޭނާ އެއައީ ކީއްކުރަންތޯ އަނެއްކާވެސް އަޝްހަރު އޭނާގެ މަންމައާ ސުއާލުކުރިއެވެ. އޭނާ އެގެޔަށް ވަންނަން ހުއްދަދިނީ ކީއްވެތޯ ސުއާލު ކުރިއެވެ.

ކައިސަރު އެގެޔަށް އައީ ޚައިރާދާ ބައްދަލުކުރަންކަމުގައި ފަރީދާ ބުންޏެވެ. އަދި ފަރީދާއަށް ހީވަނީ ، ޚައިރާދާއި އަޝްހަރުގެ ވަރީގެ ކަންތައް ހަމަޖެހިފައި އޮންނާނެކަމަށް ބަލާފައި ޚާއިރާދާ ބައްދަލުކުރަން އައީކަމަށްކަމުގައި ފަރީދާ ބުންޏެވެ. ކިހާބޮޑުކަމެއް ހެއްޔެވެ ؟ ހަތަރު ފަސް އަހަރުވީއިރުވެސް ، ކައިސަރު ، ޚައިރާދުގެ ފަހަތުން ދުވުމެއް ނުހުއްޓައެވެ. އަޝްހަރު ކަންބޮޑުވާނެކަމެއް ނެތްކަމަށާއި ފަރީދާ އެކަން ކޮންމެވެސް ގޮތަކުން ހަމަޖައްސާނެކަމަށް އޭނާ ބުންޏެވެ.

" ވިސްނާލަންޖެހޭ އެހެންކަމެއްވެސް އެބައޮތެވެ. ކޮންމެވެސް އެހެންކަމެއް އޮވެގެން ނޫނީ ކައިސަރަށް ޚައިރާދު ދޫކޮށްލަން އުނދަގޫވެގެންނެއް ނޫޅޭނެ ދޯއެވެ ؟ " ފަރީދާގެ މަކަރުވެރި ، ދޮގު ބަސްތަކުން އަޝްހަރަށް ކުރަމުންދިޔަ ނޭދެވޭ އަސަރު ފަރީދާ ފާހަގަ ކުރަމުން ގެންދިޔައެވެ. އައިސްފައިހުރި ރުޅި ގަދަވާކަން މޫނުމަތިން ފާހަގަ ވިއެވެ. ފަރީދާގެ ވާހަކަ އެހިސާބަކުން އަދި ހުއްޓައިލީކީ ނޫނެވެ.

" ޚައިރާދަށް އެނގެން ޖެހޭނެއެވެ. ޅަ ޢުމުރުގައި އެކަހަލަކަމެއް ކުރެވިދާނެއެވެ. އެކަމަކު މަންމަޔަކަށް ވުމަށްފަހު ޒިންމާތަކެއް ހުންނާނެކަން ހަނދާން ބަހައްޓަން ޖެހޭނެއެވެ. ހަރީމަށްވެސް އަދި އަޝްހަރަކަށްވެސް ބަލައިލަނީކީނޫނެވެ. އަދިވެސް އެކަންތައްގަނޑު ކުރިޔަށް ގެންދަނީއެވެ. އެކަމަކު ، މަންމަ ޚައިރާދަށް ވިސްނައިދޭނަމެވެ. ދަރިފުޅުގެ ދިރިއުޅުން އެގޮތަށް ބަރުބާދުވެގެންދާކަށް މަންމަ ދުލެއް ނުކުރާނަމެވެ. އަހަރެންގެ އަތްމައްޗަށް އެކަން ދޫކޮށްލާށެވެ ! " ފަރީދާ ، އަޝްހަރުގެ ސިކުނޑިއާ ކުޅެމުން ގެންދިޔައެވެ.

އަޝްހަރުގެ ގާތަށް އައިސްހުރި ރުޅީގައި ، އޭނާގެ ކޮނޑުގައި އަތްލުމަށް އުފުލެމުންދިޔަ ފަރީދާގެ އަތުގައި ޖެހުމަށްފަހު ، އެތަނުން ނުކުމެން ދާން ހިނގައިގަތެވެ. ފަރީދާ ، އަޝްހަރަށް ގޮވަމުން ފަހަތުން ގޮސް އަޝްހަރު ހުއްޓުވިއެވެ. އަދި ، އެވާހަކަތައް ޚައިރާދުގާތުގައި އިހަށް ނުބުނަން އެދުނެވެ. ހަރީމް އެއޮތީ ވަރަށް ނާޒުކު ޙާލެއްގައެވެ. ހަރީމް ރަނގަޅުވީމަ ފަރީދާ ، ޚައިރާދާ ވާހަކަ ދައްކާނެކަމަށް ބުންޏެވެ. ޚައިރާދު ބޭނުންވާގޮތެއް ހަދަން އޭނާ ދޫކޮށްނުލާނެކަމަށް ފަރީދާ ބުންޏެވެ. އަދި ، އެކަން ޙައްލުކުރުމަށް ފަރީދާގެ އަތްމައްޗަށް ދޫކޮށްލުމަށް ، ވާހަކަ ދައްކަމުންގޮސް އަޝްހަރު އެކަމަށް އެއްބަސް ކުރުވިއެވެ.

ފަރީދާ އެކުރާ ކަމެއްގެ އެއްވެސް މަޢުލޫމާތެއް އަޝްހަރަށް އެނގޭކަށް ފަރީދާ ބޭނުމެއްނޫނެވެ. އެތައް ދިމާލަކުން ފަރީދާއަށް ކުރިމަތިވަމުން އެދަނީ ނުރައްކާކަން ފަރީދާއަށް ވިސްނެއެވެ. އޭނާ އެހުންނަނީ ހަތަރު އުދަރެސް ފެނުޖެހިފައެވެ. ހަދާނެ މޮޅުގޮތެއް ރާވައިލެވޭވަރަށްވުރެ ބޮޑަށް ސިކުނޑި ހާސްވެފައެވެ. ޒަރީނާއާއި ސާރާ އެތިބީ ފަރީދާދެކެ ރުޅިއައިސް ، ހިތްހަމަ ނުޖެހިފައެވެ. އަނެއްކޮޅުން މި ނާޒުކު ވަގުތު ، ކައިސަރުވެސް ކަރާޗީއަށް އަތުވެއްޖެއެވެ. ކައިސަރު އެގެޔަށް އައިސް ނުކުމެގެން އެދިޔައީ ފަރީދާއަށް އިންޒާރެއްދީފައެވެ. އޭގެ ތެރެއިން އެކަކު ނަމަވެސް ، ފަރީދާގެ ޙަޤީޤަތް އަޝްހަރަށް ކިޔައިދީފިނަމަ ، އެހިސާބުން ފަރީދާގެ ދުވަސް ދިޔައީއެވެ. އެއިން އެކެއްގެ ބަސްވެސް ، އަޝްހަރުގެ މައްޗަށް ނުވިކޭނެ ކޮންމެވެސް ހިންތާއެއް ނުހަދާ ފަރީދާއަށް ސަލާމަތެއް ނެތެވެ.

ޚައިރާދު އެގެއިން ނެރެލެވިއްޖެއެވެ. އެހެނަސް ، އެންމެ ބޮޑު ކަންތައް އަދި ހަމަ އޮތްގޮތަށް އޮތީއެވެ. ހަރީމަކީ އަޝްހަރުގެ ދަރިއެއްކަމަށް އަޝްހަރު އެހުންނަނީ ޤަބޫލު ކޮށްގެންނެވެ. އެކަން އެކޮޅުކޮޅުން ޖަހާނެކަމަށް ބުނެ ފަރީދާވަނީ ޚައިރާދަށް ގޮންޖަހާފައެވެ. މިހާރުގެ ޙާލަތަށް ބަލާއިރު އެއީ ވަރަށް ބޮޑުކަމެކެވެ. އޭނާ އެކަނި ކުރެވޭވަރަށްވުރެ ބޮޑު ކަމެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ޚައިރާދުގެ ހާލާއި މެދު ވަރަށް ދެރަވޭ އެފަޤީރަށް
    ލިބިފާ ވަނީ މައިދައިތައެއްނޫން ހުރިގޮތަށްހުރި
    ޝައިޠާނެއް، އަދި ފިރިމީހާ އަޝްހަރަކީ ދިމޯޓުން
    ދުއްވާކުޅޭކުޅޭ ކާރެކޭ އެއްގޮތްމީހެއް، މައްމަ އިބިލީސް ބުނާހާ އެއްޗެއް ގަބޫލުކުރާނީ!
    ދެން އެ ފަރީދާދޭނީ ކޮންފަދަ ލޮޓިއެއްކަމެއްވެސް
    ނޭގޭ

    ެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.