ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއިން މޮރިސަސްކޮޅަށް ޖެހުނީ ކީއްވެ؟

އިނގިރޭސިވިލާތުގެ ބާރުގެދަށުގައިވާ  ރަށްތަކަށް މޮރިސަސްއިން ކުރާ މިލްކުވެރިކަން  ބަލައިގަތުމަށް ދިވެހިރާއްޖެއިން ތާއީދުކުރުމަކީ ، ސިޔާސީ ބަދަލެއް – އެކަމަކު ހަރުދަނާ ވިސްނުންތެރި ނިންމުމެއް

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު ، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނާތަށް ފޯޅަވައްސާ ބެހޭގޮތުން ސިޓީފުޅެއް ފޮނުއްވިއެވެ. މިސިޓީފުޅު ފޮނުއްވީ އޯގަސްޓް 2022 ގައެވެ. ފޯޅަވަހީގެ މިލްކުވެރިކަމާމެދު މޮރިޝަސްއިން ކުރާ ދަޢުވާއަށް ، ރާއްޖެއިން ތާއީދު ކުރައްވާކަން ، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ހާމަކުރައްވާފައި ވެއެވެ. އޭރު ، ފޯޅަވައްސަކީ ، " ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ " ގެ ދަށުން ، އިނގިރޭސިވިލާތުގެ ބާރު ހިނގާ ތަނެކެވެ. އދ ގެ ޢާންމު މަޖިލީހުގައި ، ކުރިޔަށް އޮތްތަނުގައި ، މޮރިޝަސްއިން ކުރާ ދަޢުވާއަށް ނެގޭ ވޯޓުގައި ، ދިވެހިރާއްޖެއިން މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދެއްވާނެކަން ، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ބަޔާންކުރައްވާފައި ވެއެވެ.

ފޯޅަވައްސަކީ ، ކޮންޤައުމެއްގެ ޙަޤީޤީ މިލްކުވެރިކަން އޮތް ތަނެއްކަން ބަޔާންކޮށް ، މީގެކުރިން ، ރާއްޖެއިން ވަކިގޮތެއް ނިންމައިފައެއް ނުވެއެވެ. އެހެނަސް ، ފޯޅަވައްސަކީ ކޮންޤައުމެއްގެ ބާރުހިނގާނެ ތަނެއްކަމާމެދު ، ދޭތެރެ ދޭތެރެއިން ވާހަކަ ދެކެވިފައި އޮތެވެ. ފޯޅަވަހީގެ މައްސަލައިގައި ކުރެވޭ އުއްމީދަށް ރިޢާޔަތްކޮށް ، ދިވެހިރާއްޖޭގެ މައިގަނޑު ކަންބޮޑުވުމަކީ ، ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ފުށުއަރާ ސަރަޙައްދެވެ. އަދި ، ރާއްޖޭގެ އެކްސްޕޯރޓްގެ ތިންބައިކޮށްފަ ދެބައި ނިސްބަތްވާ މަސްވެރިކަމުގެ ޞިނާޢަތުގައި ، ތިޔާގެ މަސްވެރި އެ ސަރަޙައްދުގެ ޤާނޫނީ ބާރު ރާއްޖެޔަށް ލިބުމެވެ. މިމަޤްޞަދު ޙާޞިލްކުރުމަށްޓަކައި ، އުޞޫލީ އިންތަކެއް ނުދަމަހައްޓައި ، ދައްކަންޖެހުނު ކޮންމެ ފަރާތަކާއެކު ވާހަކަ ދައްކައި ލޮބީކޮށް ، ރާއްޖޭގެ މައިގަނޑު އެ ނިންމުން ، ދެގޮތެއްނެތި ދަމަހައްޓަމުން ގެންދިޔައެވެ.

ފޯޅަވަހީގެ މައްސަލައިގައި ، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް ، ރާއްޖޭގައި އެކިފަރާތްތަކުން ފާޑުކިޔަމުން ގެންދިޔައެވެ. ރައީސުލްޖުމްހޫރިއްޔާގެ އެ ނިންމެވުމަކީ ، ޤާނޫނީ އިމުގެބޭރުން ، ޤައުމީ މަޞްލަހަތާ އިދިކޮޅަށް ، ބޭރުގެ ނުފޫޒަށް ހެއްލިވަޑައިގެން ނިންމަވާފައިވާ ނިންމެވުމެއްކަމަށް ، އިދިކޮޅު ފަރާތްތަކުން ހާމަކުރަމުންގެންދިޔައެވެ. ހަމަ އެއާއެކު ، އިނގިރޭސި ވިލާތުން  ފޯޅަވަހިން ފޭބުމަށް ، ބައިނަލްއަޤްވާމީ ގޮތުން އިނގިރޭސިވިލާތަށް ފިއްތުންތައް ކުރިމަތިވަމުން ދިޔައެވެ. އަދި ، ފޯޅަވަހީގެ ހަމައެކަނި މިލްކުވެރި ފަރާތަކީ މޮރިޝަސްކަމަށް ވެދާނެކަމުގެ ވިސްނުން ، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ބޮޑުވިއެވެ. އަނެއްކޮޅުން ، މޮރިޝަސްގެ ދަޢުވާއަށް ގެންގުޅެވޭ އިދިކީލި ފިކުރަކުން ، ރާއްޖެއާއި މޮރިޝަސްއާ ދެމެދުއޮތް ގާތްގުޅުން ހީނަރުވެދާނެކަމުގެ ބިރު ކުރިމަތިވެފައި އޮތެވެ. އަދި ހަމައެފަދައިން ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ، ދުނިޔޭގެ ނިންމުމާ ދެކޮޅަށް އިސްއުފުލާ ޤައުމަކަށް ، ރާއްޖެވުމަކީ އެކަށީގެންވާ ކަމަކަށް ވެދާނެ ފުރުޞަތުވެސް އޮތެވެ. އެދުވަސްވަރަކީ ، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ހަރުދަނާކޮށް ، ދުނިޔެ ޤަބޫލުކުރާ ހަމަތަކުން އެކި ޖަމާޢަތްތަކާއި ޤައުމުތަކާއެކު ގުޅުން ބަދަހި ކުރެވެމުން އައި ، ފާގަތި ދުވަސްވަރެކެވެ.

ފޯޅަވަހީގެ މައްސަލައިގައި ، މޮރިޝަސްއަށް ރާއްޖެއިން ތާއީދުކުރުމަކީ އެއްބަޔަކު ޤަބޫލު ނުކުރާ ކަމެކެވެ. ރުޅިވެރިކަމާއި ފިތުނައިގެ ވިސްނުން މީސްތަކުންގެ ހިތްތަކަށް ވެއްދުމުގެ ޙަރަކާތްތައް އިންތިޒާމްކޮށް ، އެމައްސަލަ އޮޅުންބޮޅުންގަނޑެއްގެ ތެރެޔަށް ގެންދިޔައެވެ. މިސާލަކަށް ، 1992 ގައި ، ރާއްޖެއާއި ފޯޅަވައްސާ ދެމެދުގެ ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމާބެހޭގޮތުން ، އިނގިރޭސިވިލާތާއެކު ރާއްޖެއިން ވާހަކަ ދެއްކިއިރު ، ފޯޅަވަހީގެ މިލްކުވެރި ފަރާތަކީ އިނގިރޭސިވިލާތްކަމަށް ، ރާއްޖެއިން އެއްބަސްވިއެވެ. އެހެންނަމަވެސް ، 2010 ގައި ، ފޯޅަވަހި ހިމެނޭ ސަރަޙައްދަކީ ، މަސްވެރިކަން ކުރުންފަދަ ޙަރަކާތްތައް ނުހިންގޭ ، ޙިމާޔަތްކުރެވިފައިވާ ކަނޑުގެ ސަރަޙައްދަކަށް ހެދުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ ދެކޮޅަށް ، އިނގިރޭސިވިލާތަށް އެކަނި އެބާރު ލިބިގެންނުވާކަން ހާމަކޮށް ، މޮރިޝަސްއާއި ރާއްޖެއިން ގުޅިފައިވާ ބަޔާނެއް ނެރުނެވެ. ސަރުކާރުގެ އައު ނިންމުން ނިންމުމުގެ ތިންއަހަރު ކުރިން ، 2019 ގައި ، އދ ގެ ޢާންމު މަޖިލީހުގެ ޤަރާރު 295/73 އާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނެވެ. އެ ޤަރާރަކީ ، މޮރިޝަސްއާ ފޯޅަވަހި ޙަވާލުކުރުމަށް ، އިނގިރޭސި ވިލާތަށް ގޮވާލާ ފާސްކުރި ޤަރާރެކެވެ.

ތާރީޚީ މިހެކިތަކަށް ބަލާއިރު ، ރާއްޖެއިން މިކަމުގައި ނިންމާފައިވާ ނިންމުންތައް ބަދަލުކުރުމާމެދު ފާޑުކިޔައި ދެކޮޅު ހެދުމަކީ ޖާއިޒް ކަމެކެވެ. އެހެންނަމަވެސް ، ސަރުކާރުގެ އައު ނިންމުމަކީ ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ދުނިޔޭގެ ނިންމުމަށް ދާއިމީގޮތެއްގައި ބޯލަނބައި ، ބަވަނަވެފައިވާ ދުނިޔެއާ އެއްސަފެއްގައި ރާއްޖެއޮތްކަން ސާބިތުކުރުމަށް ލިބޭ ފުރުޞަތެކެވެ. ހަމައެއާއެކު ، މޮރިޝަސްއާއެކު ގުޅުން ރަނގަޅުކޮށް ބަދަހިކުރުމަށް ހުޅުވިގެންދާ ފުރުޞަތެއްވެސް މެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނިންމެވުމަކީ ، އެނިންމެވުމާމެދު އިދިކޮޅުން ސުއާލު އުފެއްދުން ހުއްޓުނު ނިންމެވުމަކަށް ނުވިއެވެ. މިސާލަކަށް ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވާގޮތުގައި ، ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަމުގެ ތާރީޚީ ހެކިތައް އެބަހުއްޓެވެ. އަދި ، އެހެން ޤައުމަކަށް ފޯޅަވަހި ދިނުމަށް ނިންމުމުގެ އެއްވެސް ބާރެއް ސަރުކާރަށް ލިބިގެންނެއް ނުވެއެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ގެންދަވަނީ ރައީސް ނަޝީދުގެ މި އަޑު ރައްޔިތުންގެ މެދުގައި ފަތުރުއްވައި އެއަޑު އުފުއްލަވަމުންނެވެ.

މިފަދަ އަޑުތަކަކީ ، އިންތިޚާބެއް ބޯމަތިވެފައިވާ ދުވަސްވަރެއްގައި ،  ސިޔާސީ ޕޯޑިއަމްތަކުގައި ހިނގާނެ އަދި އުފުލޭނެ އަޑުއަޑެވެ. ރިޔާސީ އިންތިޚާބު ބޭއްވުމަށް ތާވަލުކުރެވިފައިވަނީ ސެޕްޓެމްބަރ 2023 އަށެވެ. އިދިކޮޅުގައި އިސްވެ ހުންނެވީ ރައީސް ޔާމީނެވެ. ( މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށްލެވިފައި ހުއްޓަސް މެއެވެ.) ހަމައެއާއެކު ، ރައީސް ނަޝީދު ގެންދަވަނީ ، އެމަނިކުފާނުގެ އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ޕާޓީ ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ، އެމްޑީޕީގެ ރައީސްކަމުގައި ހުންނަވައި ، ރައީސް ޞާލިޙާ ދެކޮޅަށް މަސައްކަތް ކުރައްވައި ، އެމަނިކުފާނަށް ގޮން ޖައްސަވަމުންނެވެ. އެވިދާޅުވާ ސާބިތެއްނެތް ، ތާރީޚީ ހެކިތަކަށް ބުރަވެ ، ދިވެހި މަސްވެރިންނާއި ފޯޅަވަހީގެ ރަށްވެހިންނާ ދެމެދު އޮތް ގުޅުމަށް ބަލައިގެން ، ރައީސް ނަޝީދުވެސް އަދި ރައީސް ޔާމީނުވެސް ، ފޯޅަވައްސަކީ ރާއްޖޭގެ މިލްކުގައިވާ ތަނެއްކަމުގައި ހެއްދެވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުވެއެވެ.

އިންޑިއާ ކޮޅަށްބުރަވެ މިމައްސަލައިގައި ރާއްޖެއިން ގޮތެއް ނިންމިކަމަށް ، ކުރީގެ ބަންޑާރަ ނައިބު ޑޮކްޓަރ މުޙައްމަދު މުނައްވަރު ކުރައްވާ ތުހުމަތުވެސް ތަންކޮޅެއް ރަނގަޅެވެ. އިންޑިއާއަކީ ، ވިޔަފާރީގެ ގުޅުމާއި ނަސްލީ ގަދަ ގުޅުމަކުން ، މޮރިޝަސްއާ ގުޅިފައިވާ ޤައުމެކެވެ. ޗައިނާއިން އިންޑިއާ ކަނޑުގެ ސަރަޙައްދަށް ކަޅިއަޅަމުންދާއިރު ، މޮރިޝަސްގެ ސަރަޙައްދުގައި ނޭވަލް ބޭސް އެއް ޤާއިމްކުރުމަކީ އިންޑިއާއިން ޝަޢުޤުވެރިވާ ކަމެކެވެ. ސީޝެލްސް އިން އަންނަނީ އެ ޖަޒީރާގައި އިންޑިއާއިން ބޭސް އެއް ހެދުމާ ދެކޮޅު ހަދަމުންނެވެ. އިންޑިއާގެ އަމިއްލަ ތާރީޚަށް ބަލާއިރު ، ( ސީޝެލްސްގެ ވެރިރަށް ) ޕޯރޓް ލުއިސް އިން ، އިނގިރޭސިވިލާތުގެ އިސްތިޢުމާރީ ބާރުވެރިކަމުގެ އުޞޫލުތަކަށް ދެކޮޅުހެދުމަކީ ، އިންޑިއާވެސް ހިތްހަމަޖެހޭ ކަމެކެވެ.

ރާއްޖޭގެ ނިންމުމަށް ބާރުހިންގޭވަރުގެ ބައިނަލްއަޤްވާމީ ބުރަދަނެއް އިންޑިއާއަށް ލިބިގެން ވެއެވެ. އިންޑިއާއަކީ ، ރާއްޖެއާ އެންމެގާތް އަދި އެންމެ ބާރުގަދަ އަވަށްޓެރި ޤައުމެވެ. ރައީސް ޞާލިޙުގެ ސަރުކާރުން ، " އިންޑިއާ ފަސްޓް " ޚާރިޖީ ސިޔާސަތު ދަމަހައްޓަމުން އެބަ ގެންދަވައެވެ. އެހެންނަމަވެސް ، ހަމައެކަނި މި ސިޔާސަތުން ، ފަހަތުގައިވާ ބޮޑުމަންޒަރަށް ހިޔަނި އެޅެއެވެ. އޭގެ އެއް ޙަޤީޤަތަކީ ، ފޯޅަވަހީގެ މިލްކުވެރިކަމާމެދު މޮރިޝަސް އިންކުރާ މިލްކުވެރިކަމުގެ ދަޢުވާއަށް ، ބައިނަލްއަޤްވާމީ މަޝްރަޙުގައި އެކަން ބަލައިގަތުން އިތުރުވަމުން ދިއުމެވެ.

މޮރިޝަސްގެ އިސްތިޢުމާރީ ތާރީޚުގެ ގާތްގަނޑަކަށް 4 ޤަރުނުވަންދެން ފޯޅަވަހި ބަލަހައްޓަމުން ގެންދިޔައީ ، އަދި އެތަން އޮތީ މޮރިޝަސްގެ ބައެއްގެ ގޮތުގައެވެ. ބޮޑެތި ބާރުތަކުގެ އަޅުވެތިކަމުގެ ދަށުގައި އޮތް ދުނިޔޭގެ ، ޚާއްޞަކޮށް ކުދި ޤައުމުތަކުގެ މެދުގައި 1960 ގެ އަހަރުތަކުގައި ، މިނިވަންކަމުގެ ރޫޙު އުފެދިގެން އައިއިރު ، މޮރިޝަސް އޮތީ އިނގިރޭސިވިލާތުގެ އިސްތިޢުމާރީ އަޅުވެތިކަމުގެ ދަށުގައެވެ. ޕޯރޓް ލުއިސް އަށް މިނިވަންކަން ދިނުމުގެ ވާހަކަތައް ފެށި ، މޮރިޝަސް އަށް މިނިވަންކަން ލިބުނީ 1968 ގައެވެ. އެހެންނަމަވެސް ، މިނިވަންކަމުގެ ވާހަކަތައް ދެކެވެމުން އައި ދުވަސްވަރު ، 1965 ގައި އިނގިރޭސީން ، މޮރިޝަސް އަތުން ފޯޅަވަހި އަތުލިއެވެ. ހަމައެއާއެކު ، ރޫސީވިލާތާއެކު ހުޅަނގުން ކުރަމުންއައި ފިނި ހަނގުރާމައަށް މަގުފަހިކުރުމަށް ، ޑިއޭގޯ ގާސިއާގައި އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން ނޭވަލް ބޭސްއެއް ޤާއިމްކުރުމުގެ ވާހަކަތައް ދެކެވުނެވެ. އަދި ، އަލަށް އެކުލަވައިލެވުނު ، " ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ " ގެތެރެޔަށް ފޯޅަވަހި ވައްދައި އިނގިރޭސީންގެ ބާރު ހިނގާތަނަކަށް އެތަން ހެދިއެވެ. އެދުވަސްވަރު އެތަނުގައި ދިރިއުޅެމުންއައި މީހުން ގަދަކަމުން ރަށުން ބޭރުކޮށް ، އަލުން އެނބުރި އައުން ހުއްޓުވިއެވެ. އިނގިރޭސި ވިލާތުގެ އެނިންމުމަކީ ، އދ ގެ ޢާންމު މަޖިލީހުގެ 1514 ވަނަ ޤަރާރާ ފުށުއެރި ނިންމުމަކަށް ވިއެވެ. އެ ޤަރާރުގައި ބުނެފައިވަނީ ، މިނިވަންވުމުގެކުރިން ، އަމިއްލަ ވެރިކަމެއްނެތް ސަރަޙައްދެއް ބައިކުރުމަކީ ، މިނިވަންކަން ދިނުމުގެ އުޞޫލުތަކާ ޚިލާފުކަމެއް ކަމުގައެވެ. އިނގިރޭސިވިލާތުން ، މޮރިޝަސްއަށް މިނިވަންކަންދިނުން ކުރިޔަށް ގެންގޮސްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި އަދި އެއީ ފުރިހަމަނުވާކަމެއްކަމަށް ، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ، އައިސީޖޭ އިން ، ފެބްރުއަރީ 2019 ގައި ނިންމާފައި ވެއެވެ. އަދިހަމަ އެފަދައިން ، އިނގިރޭސިވިލާތުން ، ފޯޅަވަހިހުސްކޮށް އެތަނުން ފައިބައި ، މޮރިޝަސްއާ ފޯޅަވަހި ޙަވާލުކުރުމަށް އައިސީޖޭ އިން އަންގާފައި ވެއެވެ. އަދި ، އެތަނުން ބޭރުކުރި ، ފޯޅަވަހީގެ އަހުލުވެރިން އަނބުރާ ފޯޅަވައްސަށް ގެންދިއުމުގައި އިނގިރޭސިވިލާތުން އެހީތެރިވުމަށްވެސް އައިސީޖޭއިން ނިންމާފައި ވެއެވެ.

އެހެންނަމަވެސް ، އައިސީޖޭގެ އެނިންމުންތައް އެއީ ލަފައެއް ކަމަށާއި އެއަށް ޢަމަލުކުރުން ލާޒިމް ނޫންކަމަށް ، އިނިގރޭސިވިލާތުން ނިންމިއެވެ. މިކަމުގައި އިނގިރޭސިވިލާތަށް އިތުރު ލަދުވެތިކަމަކާ ކުރިމަތިވިއެވެ. އައިސީޖޭގެ ނިންމުން ބަލައިގަނެ ، 6 މަސްދުވަހުގެ ތެރޭގައި ފޯޅަވަހި ، މޮރިޝަސްއާ ޙަވާލުކުރުމަށް ، މޭ 2019 ގައި އދ ގެ ޢާންމު މަޖިލީހުގެ 295/73 ވަނަ ޤަރާރު ފާސްކޮށް އިނގިރޭސިވިލާތަށް އަމުރުކުރިއެވެ. އެޤަރާރު ފާސްވީ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ. ވޯޓުގެ ނަތީޖާއަށް ބަލާއިރު ، 116 ޤައުމަކުން އެޤަރާރާ އެއްކޮޅަށް ވޯޓު ދިނެވެ. ދެކޮޅަށް ވޯޓުދިނީ 6 ޤައުމަކުންނެވެ. އެއީ ، އިނގިރޭސިވިލާތާއި ، ދިވެހިރާއްޖެ ، ހަންގޭރީއާއި އޮސްޓްރޭލިއާ އަދި އިސްރާއީލާއި އެމެރިކާއެވެ.

އިނގިރޭސިވިލާތަށް ، ޒަމާނުއްސުރެ ތާއީދުކުރަމުން އަންނަ ޤައުމުތަކުން ، އެމެރިކާއަކީވެސް ، ދާދި އަވަހަށް އެފަދަ ތާއީދެއް ގެއްލި ، ޒަމާންވީ ތާއީދުން މަޙުރޫމް ވެދާނެ ޤައުމެކެވެ. އެއީ އިނގިރޭސީން އެމެރިކާއަށް ކުއްޔަށްދީފައިވާ ޑިއޭގޯ ގާސިއާ މޮރިޝަސް އަށް ލިބިދާނެ ޙާލަތެކެވެ. ޑިއޭގޯ ގާސިއާއަކީ ، އެތައް ދިހައަހަރުތަކެއްވަންދެން އެމެރިކާއަށް ލިބިއޮތް އަގުބޮޑު އަދި މުހިންމު ރައުސުލްމާލެކެވެ. އަދި އަމްދުން ، އިންޑިއާ ކަނޑުގައި އެމެރިކާގެ ޙަރަކާތްތައް ފުޅާކުރާއިރު ޑިއޭގޯ ގާސިއާގެ މުހިންމުކަން އެމެރިކާއަށް ވަކިން ބޮޑުވާނެއެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ބަލާއިރު ، އިންޑޯ – ޕެސިފިކްގެ ފުޅާ ތަޞައްވުރަށް މިހާރުވެސް އެއީ އެމެރިކާއަށް މުހިންމު ތަނެކެވެ.

ޑިއޭގޯ ގާސިއާ އެމެރިކާގެ އަތްދަށުން ދޫވެގެންދާނެ އެއްވެސް ޅައެއްޗެއް އެމެރިކާއިން ނާޅާނެކަން ، މޮރިޝަސްއަށް އެނގެއެވެ. ޚާއްޞަކޮށް ޗައިނާފަދަ ވާދަވެރި ޤައުމެއްގެ އަތްދަށަށް ޑިއޭގޯ ގާސިއާ ހިނގައިދާނެފަދަ ޙާލަތެއްގައެވެ. މިމައްސަލައިގައި އެމެރިކާގެ ކަންބޮޑުވުން ކުޑަކުރުމުގެ ބޭނުމުގައި ، ޑިއޭގޯ ގާސިއާ 99 އަހަރަށް އެމެރިކާއަށް ކުއްޔަށްދޭން ތައްޔާރަށް އޮތްކަން ، ވޮޝިންގޓަންގައި ހުންނަވާ މޮރިޝަސްގެ އެމްބެސެޑަރ ވަނީ ހާމަކުރައްވާފައެވެ. އެކަމުގެ ޔަޤީންކަން ލިބިއްޖެނަމަ ، ފޯޅަވަހީގެ މައްސަލައިގައި ، އިނގިރޭސިވިލާތަށް ތާއީދުކުރުމަށް އެމެރިކާއިން ނުކުރާނެކަމެއް ނޯންނާނެއެވެ. ޚާއްޞަކޮށް ، ހުޅުވިފައިވާ މިނިވަން އިންސާފުވެރި އިންޑޯ – ޕެސިފިކަކަށް ، އެމެރިކާއިންދޭ އަހަންމިއްޔަތު ، އެ ތާއީދުން ބަލިކަށިވާފަދަ ޙާލަތެއްގައެވެ. އަދި ދެކުނު ޗައިނާ ކަނޑުގެ މައްޗަށް ޗައިނާއިން ކުރާ އަގުބޮޑު ދަޢުވާ އަށް ބައިނަލްއަޤްވާމީ ކޯޓުތަކުން ޗައިނާގެ މައްޗަށް ކޮށްފައިވާ ޙުކުމްތަކަށް ޗައިނާއިން ޢަމަލުނުކުރާތީ ، އެމެރިކާއިން ކުރާ ޝަކުވާގެ ދަރަޖަ އުފުލިގެންދާ ހިނދުއެވެ. އިނގިރޭސިވިލާތުން އަންނަނީ ފާރުގައި ލިޔެވެމުންދާ ލިޔުންތައް އަމިއްލަޔަށް ބަލަމުންނެވެ. އަދި ، އިނގިރޭސިވިލާތުން އޮތީ ، ފޯޅަވަހި ، މޮރިޝަސްއަށް ދިނުމާމެދު މަޝްވަރާކުރުމަށް ތައްޔާރުގައެވެ.

ޙަޤީޤަތް ޤަބޫލުކުރުން

ފޯޅަވައްސާ ބެހޭގޮތުން ، މަޝްވަރާކުރާނީ ކޮން ޤައުމަކާއެކުގައިކަން އެނގުމާއި ނޭނގުމުގައި ، އެހެންގޮތެއް ނެތް ޙާލަތަށް ދިވެހިރާއްޖެ ވަރަށް އަވަހަށް ދާނެއެވެ. އިޓްލޮސްގެ މިހާރުގެ ( ޖެނުއަރީ 2023 ) ގެ އަޑުއެހުންތަކުން އެކަން ކަށަވަރު ވެއެވެ. އެހެނީ ، 2019 އިންފެށިގެން މޮރިޝަސްއިން އަންނަނީ އެޤައުމުގެ އީއީޒެޑް ، ފޯޅަވަހިން ފެށުމަށް ދިވެހިރާޖެއާ ދެކޮޅަށް ދަޢުވާ ކުރަމުންނެވެ. ފޯޅަވަހީގެ މިލްކުވެރިކަމާމެދު ގޮތެއް ނުނިމި އޮތް ޙާލަތެއްގައި ، ކަނޑުގެ ސަރަޙައްދު ބައިކުރުމުގައި ކޯޓުގެ އަމުރެއް ނުހިނގާނެކަމުގައި ބުނެ ، ދިވެހިރާއްޖެއިން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. ދިވެހިރާއްޖޭގެ މި ދެކޮޅުހެދުން އިޓްލޮސް އިން ބަލައެއް ނުގަނެއެވެ. މޮރިޝަސްއަކީ ، ފޯޅަވަހީގެ މިލްކު ޙައްޤުވެރި ފަރާތްކަމަށް އައިސީޖޭ އިން ނިންމާ ، އެމައްސަލަ ޙައްލުކޮށްފައިވާތީއެވެ.

ކުރިޔަށް އޮތްތަނަށް ބަލާއިރު ، މޮރިޝަސްއާއެކު ގުޅުން ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ހަރުދަނާ ސަބަބުތަކެއް ދިވެހި ރާއްޖެޔަށް ލިބިގެން ވެއެވެ. އިޓްލޮސްގައި މޮރިޝަސްއިން ދަޢުވާކުރަނީ ، ކުރިން ހުށަހެޅިވަރަށްވުރެ ބޮޑުބައެއް ، އީއީޒެޑުން އެޤައުމަށް ހޯދުމަށެވެ. އެއީ ، ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެއިން ގެނގުޅެފައިވާ ސިޔާސަތުގެ ސަބަބުން އުފެދިފައިވާ ހިތްހަމަ ނުޖެހުމާ ގުޅިފައިވާ ކަމެކެވެ. އެ ހިތްހަމަ ނުޖެހުމުގެ ސަބަބުން ، މޮރިޝަސްއިން އަންނަނީ ، ސަރަޙައްދީ ޖަމާޢަތްތަކާ ގުޅުމަށް ، ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް ހުރަސް އަޅަމުންނެވެ. އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގައި ބައިވެރިވުމަށް އެތައް އަހަރެއްވަންދެން ރާއްޖެއިން ކުރި މަސައްކަތަށް މޮރިޝަސްއިން ހުރަސްއަޅާފައި ވެއެވެ. އެހެންނަމަވެސް 2018 ގައި އެޖަމާޢަތުގައި ދިވެހިރާއްޖެ ވަނީ ބައިވެރިވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ކާމިޔާބު ޚާރިޖީ ސިޔާސަތަށް ސަރުކާރުން އަންނަނީ ފަޚުރުވެރިވަމުންނެވެ. ބައިނަލްއަޤްވާމީ މައިދާނުގެ ޙަރަކާތްތެރި ބައިވެރިއެއްގެ ދައުރު އަދާކުރަމުންނެވެ. ކާމިޔާބު ފިލާވަޅުތަކެއް ދެމުންނެވެ. އަލުން ، ކޮމަންވެލްތުގައި ބައިވެރިވުމާއި ، އދ ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ކާމިޔާބު ކުރެއްވުމާއި ،  އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއެއް ކާމިޔާބު ކުރުން ފަދަ ކާމިޔާބީ ތަކެވެ. އަދި މިފަހުން އިޢުލާންކުރެވުނު ގޮތަށް ، އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީނޫން މެންބަރެއްގެ ގޮނޑިޔަށް ދިވެހިރާއްޖެއިން ކުރިމަތިލާން ނިންމުމާއި ، އދ ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުންފަދަ ، ޙަރަކާތްތެރި ދައުރެއް ދުނިޔޭގައި އަދާކޮށް ، ކުޑަނަމަވެސް މުހިންމު ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މަޝްރަޙުގައި ފައިތިލަ ސާބިތުކުރުމެވެ.

މިކަންކަން ކާމިޔާބު ކުރުމަށްޓަކައި ، މޮރިޝަސްވެސް ހިމެނޭގޮތަށް ، ރާއްޖެފަދަ ، " ސްމޯލް އައިލޭންޑް ޑިވެލޮޕިންގ ސްޓޭޓްސް " ( އެސް އައި ޑީ އެސް ) ގެ ޤައުމުތަކުގެ ތާއީދު ދިވެހިރާއްޖެޔަށް ބޭނުންވާނެއެވެ. ރާއްޖެއިން ފޯޅަވައްސާމެދު ނިންމި ސިޔާސަތުގެ ސަބަބުން ، މޮރިޝަސް އާއި ރާއްޖެއާ ދެމެދު އޮތް މައިގަނޑު ނުތަނަވަސްކަން  ފިލައިފިއެވެ. އަދި ބައިނަލްއަޤްވާމީ މަޝްރަޙުގައި ފުޅާދާއިރާއެއްގައި ބޭނުންވާ ތާއީދަށް މަގުފަހިވެގެން ދާނެއެވެ. ( ފަހަރެއްގައި ދެޤައުމުގެ ކަނޑުގެ ސަރަޙައްދު ބައިކުރުމުގައި ޞުލްޙަވެރި ގޮތަކަށް ނިންމުމަށް ފުރުޞަތު ބޮޑުވާނެއެވެ. ) އޭގެ އިތުރަށް ، ބައިނަލްއަޤްވާމީ މަޝްރަޙުގައި ދުނިޔެ ޤަބޫލުކުރާގޮތަށް  ، މޮރިޝަސްއަށް ފޯޅަވަހި ދިނުމަށް ދެކޮޅު ހެދުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ކުޑަވެ ނެތިދާނެއެވެ.

އެހެންކަމުން ، ފޯޅަވަހީގެ މިލްކުވެރިކަމާމެދު މޮރިޝަސް އިން ކުރާ ދަޢުވާ ދިވެހިރާއްޖެއިން ޤަބޫލުކުރުމަކީ ، ސަރުކާރުން އެޅި ،  ހަމައެކަނި ބުއްދިވެރި ފިޔަވަޅެއް އެކަންޏަކީނޫނެވެ. އެހެންނަމަވެސް ، އެއީ ހަމައެކަނި ، ސަބަބުގައި ހިފައި ކުރިޔަށްދިއުމަށް އެޅި ހަރުދަނާ ފިޔަވަޅެކެވެ.

މިލިޔުމަކީ ، އިންޓަރނޭޝަނަލް ޓްރިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް ( އިޓްލޮސްއިން ) 28 އެޕްރީލް 2023 ވީ ހުކުރުދުވަހު ، މޮރިސަސް އާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބައިކުރުމާމެދު ނިންމި ނިންމުމުގެ ކުރިން ، " ދަ ޑިޕްލޮމެޓް " ގައި 10 ޖެނުއަރީ 2023 ގައި ލިޔެފައިވާ ލިޔުމެއްގެ ޚުލާޞާއެކެވެ. " ދަ ޑިޕްލޮމެޓް " އަކީ ، އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ކަންކަމާއި ޚަބަރުތަކަށް ޚާއްޞަކޮށްގެން ނެރޭ ، ބައިނަލްއަޤްވާމީ ނޫހެކެވެ. " ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއިން މޮރިސަސްކޮޅަށް ޖެހުނީ ކީއްވެ ؟ " މި މަވްޟޫޢަށް " ދަ ޑިޕްލޮމެޓް " ގައި އެލިޔުން ލިޔުއްވާފައިވަނީ ، މިމްރާޙް ޣަފޫރެވެ. މިމްރާޙް ޣަފޫރަކީ ، ޔުނިވަރސިޓީ އޮފް ސެންޓް އެންޑްރޫ އިން ސެޕްޓެމްބަރ 2022 ގައި ، އާރޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސް އިން މާސްޓަރސް ޑިގްރީ ޙާޞިލްކުރައްވާފައިވާ ދިވެއްސެކެވެ. މިމްރާޙަކީ ، އދ ގެ ޢާންމު މަޖިލީހުގެ ރައީސްގެ ، ލީޑް ސްޕީޗްރައިޓަރ ގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެއީ ، އދ ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމުގައި ، ރާއްޖޭގެ ޚާރިޖީ ވަޒީރު އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޝާހިދު ހުންނެވި ދައުރެވެ. މި ލިޔުމަކީ ، ފޯޅަވަހީގެ މައްސަލައިގައި ، ތާރީޚީ ، ޒަމާނީ ނަޒަރިއްޔާއަކުން ވިސްނާއިރު ، ހެއްކާއި ސަބަބާ އަދި މުހިންމު މަޢުލޫމާތުތަކެއް ހިމެނޭ ލިޔުމެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.