ޗައިނާ ސަރުކާރުގެ ކުންފުންޏަކުން ކޮލޮމްބޯ ބަނދަރުގެ ލޮޖިސްޓިކްސް ކޮމްޕްލެކްސް ބިނާކުރަނީ

ކޮލޮމްބޯ ބަނދަރު

ސްރީލަންކާގައި އެކުންފުނިން ކޮށްފައިވާ އިންވެސްޓްމަންޓް 2 ބިލިއަން އެމެރިކާ ޑޮލަރަށް މައްޗަށް ޖެހޭނެ ކަމަށް ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ ޗައިނާ މާޗެންޓްސް ގްރޫޕް (ސީއެމްޖީ) އިން ބުނެފިއެވެ.

އެކުންފުނިން މިހެން ބުނީ ކޮލޮމްބޯ ބަނދަރުގައި 392 މިލިއަން އެމެރިކާ ޑޮލަރުގެ ލޮޖިސްޓިކްސް ކޮމްޕްލެކްސްއެއް ބިނާކުރަން އެކުންފުނިން ހަވާލުވެފައިވާކަން އިއްޔެ ހާމަކުރަމުންނެވެ. މިއީ ސްރީލަންކާގެ އިގުތިސާދު އިނދަޖެހި، ބޭރުގެ ލޯނުތައް ދެއްކެން ނެތްކަން އިއުލާންކުރުމަށް ފަހު އެގައުމުގައި ބޭރު ގައުމަކުން ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެވެ.

ފާއިތުވި އަހަރު ކުރިމަތިވި އިގުތިސާދީ ކާރިސާއަށް ފަހު ސްރީލަންކާއިން އެ ގައުމުގެ އިގުތިސާދު ހަމަމަގަށް އެޅުވުމުގައި ކުރާ މަސައްކަތަށް މި މަޝްރޫއުން ބޮޑު ކުރިއެރުމެއް ލިބިގެން ދާނެއެވެ.

"ލޮޖިސްޓިކްސް ސެންޓަރުގެ މަޝްރޫއާއެކު ސްރީލަންކާގައި ސީއެމްޖީގެ އިންވެސްޓްމަންޓް 2 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިވާނެ. އަދި އެ ޖަޒީރާ ގައުމުގައި ކޮށްފައިވާ އިންވެސްޓްމަންޓް އެންމެ ބޮޑު ބޭރު ކުންފުންޏަށް މި ކުންފުނި ވާނެ." ސީއެމްޖީން އިއްޔެ ނެރުނު ބަޔާނެއްގައި ވެއެވެ.

ކޮލޮމްބޯ ބަނދަރުގެ ލޮޖިސްޓިކްސް ކޮމްޕްލެކްސް ބިނާކުރަން އުފައްދާ ކުންފުނީގެ %70 ހިއްސާދާރަކީ ސީއެމްޖީއެވެ.

ސީއެމްޖީން ދެކުނު އޭޝިޔާގެ އެންމެ ބޮޑު ލޮޖިސްޓިކްސް ކޮމްޕްލެކްސް ސިފަކުރާ ލޮޖިސްޓިކްސް ކޮމްޕްލެކްސް 2025 ނިމޭނެކަމަށްވެސް އިއްޔެ އެ ކުންފުނިން ބުނެފައި ވެއެވެ.

ސްރީލަންކާގެ އެންމެ ދެކުނުގައި އޮންނަ ހަންބަންޓޯޓާ ބަނދަރުވެސް ހިންގަނީ ސީއެމްޖީންނެވެ. ހަންބަންޓޯޓާ ބަނދަރަކީ ކުރީގެ ރައީސު މަހިންދަ ރާޖަޕަކްސާގެ ދައުރުގައި ޗައިނާއިން ލޯނު ނަގައިގެން ބޮޑެތި މަޝްރޫއުތަކުގެ ތެރޭން އެންމެ ބޮޑު އެއް މަޝްރޫއެވެ.

ހަންބަންޓޯޓާ ބަނދަރު ބިނާކުރަން 2017 ވަނަ އަހަރު ޗައިނާއިން ނެގި ބޮޑު ލޯނު ނުދެއްކިގެން ސްރީލަންކާ ސަރުކާރުން ވަނީ 99 އަހަރުގެ މުއްދަތަށް 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ އަގަކަށް ސީއެމްޖީއަށް އެބަނދަރު ދޫކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.