ކިރުއިލޮށި - 43

(20 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަޝްހަރު ، ހޮސްޕިޓަލުން ނުކުމެގެން އެނބުރި އައިސް އޮފީހަށް ވަނެވެ. ޚައިރާދު އޭނާގެ މޫނުމައްޗަށްޖެހި ފައިލް  ނެގިއެވެ. އޭގެތެރެއިން ގަނޑަކަށްފަހު ގަނޑެއްނަގައި އިރާލައި ބޮނޑިކޮށް މޭޒުދޮށަށް އަޅަމުން ގެންދިޔައެވެ. އެންމެފަހު އެއްޗަކަށް އޭނާގެ އަތުގައި ޖެހުނީ ހަރީމްގެ ފޮޓޯއެވެ. އަޝްހަރު އެފޮޓޯގަނޑަށް ، ފުން ނަޒަރަކުން ބަލައިލިއެވެ. ރީތި ރީތި ލޯބި ކުއްޖެކެވެ. މޫނުމަތިންވެސް އަދި ލޯކައިރިންވެސް އެއީ ބަލިކުއްޖެއްކަން އެނގޭވަރު ވެއެވެ. އެވަގުތު އަޝްހަރުގެ ކަންފަތްދޮށުގައި ހަރީމްގެ ލޯބި އަޑު ގުގުމައިލިއެވެ.

" ތިޔައީ ފޮޓޯގަނޑުން ފެންނަ ބައްޕަ ދޯއެވެ ؟ "

އަޝްހަރުގެ ހިތަށް ތަދުވެގެންގޮސް ، އަޑެއް އިއްވައިނުލާ ރޮއިގަތެވެ. ބޮލުގެ އިސްތަށިތަކަށް ދަމައި ބޮލުގެ ހާސްކަން ، އެއިސްތށިތަކުގެ ބުޑުން ދަމާ ނެރެލަން ބޭނުންވި ކަހަލައެވެ.

އަޝްހަރުގެ ޖީބުން އޭނާގެ މޮބައިލް ނެގިއެވެ. އަދި އޭނާގެ ރަޙުމަތްތެރި ރަޒާއަށް ފޯނުކޮށްލިއެވެ. ރަޒާގެ ދައްތައަކީ ޞިއްޙީ ދާއިރާގެ ޚާއްޞަ މާހިރެކެވެ. ހިތާބެހޭ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކު ރަޒާގެ ދައްތަޔަށް  އެނގޭތޯ އަހައިލަދިނުމަށް އަޝްހަރު އެދުނެވެ. އަޝްހަރު ބޭނުންވަނީ ކަރާޗީގައި ހުރި އެކަމާބެހޭ އެންމެ މޮޅު މީހެއްގެ މަޢުލޫމާތެވެ.

ފައިލްތެރޭގައި ދެންއޮތް ކަރުދާސްގަނޑުވެސް އަޝްހަރު ނެގިއެވެ. އެއީ ، ޚައިރާދު ކަރާޗީގައި އައިސް ހުންނަ ތަނުގެ އެޑްރެހެވެ. އޭގައި ލިޔެފައި އޮތީ ، " ބާތު އައިލޭންޑްސް އެޕާޓްމަންޓް " ކަމުގައެވެ. ރަނގަޅަށް އެޑްރެހަށް ބަލައިލުމަށްފަހު ތެދުވެގެންގޮސް އޮފީހުން ނުކުތެވެ.  އަޝްހަރު ދިޔައީ ޚައިރާދު ދީފައިއޮތް އެޑްރެހަށެވެ. ޚައިރާދުމެންތިބޭ އެޕާޓްމަންޓް ހޯދިއެވެ. އަދި އެއީ އަޝްހަރު ޙުސައިން ކަމަށާއި އޭނާއައީ ޚައިރާދާ ބައްދަލުކޮށްލަންކަމުގައި ބުންޏެވެ. ޚައިރާދުގެ ކުރިން ނުކުތީ ހަރީމެވެ. ބައްޕާއޭ ގޮވާލައި އަޝްހަރުގާތަށް ދުވެފައި އައެވެ. އަޝްހަރު ، އޭނާގެ ދަރިފުޅު އުރާލައި މޫނުގައި ބޮސްދިނެވެ.  ބައްޕަ އެއައީ އެ ދަރިފުޅު އެހެންތާކަށް ގެންދަންކަމަށާއި ބައްޕައާއެކު ދާނަންތޯ ހަރީމްކުރެން އެހިއެވެ. ހަރީމް އާއެނކޭ ބުނެ އުފަލުން ގޮސް އަޝްހަރުގެ ކޮލަށް ދޮނެއް ދިނެވެ. އޭނާ ދޫކޮށްލާފައި ، ދެން ނުދާނަންދޯއޭ ބުނެ ، އަޝްހަރު ހާސްކޮށްލުވިއެވެ. ހުރިހާ އެއްޗެއް ޕެކްކޮށްގެން އަންނާށޭ ބުނެ ހަރީމް ފޮނުވާލައި ޚައިރާދާ ކުރިމަތިލުމަށް އަޝްހަރު ނިންމިއެވެ. އަޝްހަރުގެ ޙަރަކާތް ހުއްޓުވަން ޚައިރާދު ނިންމިއެވެ. އަދި ބުންޏެވެ.

" އަހަރެން ހަމައެކަނި އެދުނީ ، އަހަރެންގެ ދަރިފުޅުގެ ބައްޔަށް ބޭސްކުރުމަށް ބޭނުންވާ ފައިސާ އަށެވެ. އަޝްހަރު ބޭނުންވާހާ ތާކަށް ހަރީމް ގެންދިއުމުގެ ޙައްޤެއް އަހަރެން ، އަޝްހަރަކަށް ނުދެމެވެ. "

" އަހަރެންގެ ދަރިފުޅު އަހަރެންނާ ވަކިކޮށްގެން 4 އަހަރުވަންދެން ގެންގުޅެފީމުއެވެ. އެކަން އެގޮތަށް ކޮށްގެން ހުރެމެ ، ތިޔަހެން ބުނާކަށް ލަދެއް ނުގަނޭ ހެއްޔެވެ ؟ އަހަރެންގެ ދަރިފުޅު ހުންނާނެތަނަކާއި ހުންނާނީ ކާކާ އެކުގައިތޯއާއި ، އޭނާއަށް ފަރުވާދޭނީ ކޮންތާކުން ކޮންގޮތަކަށްކަން ، މީގެފަހުން ނިންމާނީ ހަމައެކަނި އަހަރެންނެވެ. އަހަރެންގެ ދަރިފުޅު މަންމަޔާ ވަކިކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. އެހެންވީމާ އަހަރެންގެ ދަރިފުޅާއެކު ޚައިރާދުވެސް ، އެދަރިފުޅު ހުންނަ ތަނެއްގައި ހުންނަން އަންނާށެވެ. ކޮންމެ ގޮތެއްވިޔަސް ، އަހަރެން ، އަހަރެންގެ ދަރިފުޅު ގެންދާނަމެވެ. " ހަރުކަށިކަމާއެކު އަޝްހަރު އަޑުލައިގަތެވެ. ޚައިރާދާ ދިމާއަށް ލޯވަށްކޮށްލުމަށްފަހު ، އަޝްހަރު ނުކުތެވެ.

ނިދާގަޑީގައި އަފްޝީނާއި ޚާއިރާދާ ދެ ރަޙުމަތްތެރިންވެސް ދެއްކީ ، އަޝްހަރު އައިސް ހަރީމް ގެންދަން ނިންމި ވާހަކައެވެ. ޚައިރާދު ހުރީ އެކަމާ ވަރަށް ކަންބޮޑުވެފައެވެ. އެއީ އަޝްހަރު ބޭނުންގޮތަކަށް ނިންމަން ، ޚައިރާދަށް ދޫކޮށްލެވޭނެ ކަމެއްނޫނެވެ. އެނިކަމެތި ކުއްޖާފުޅުގެ ބޮލުތެރެޔަށްވަދެ ، ޚައިރާދު ނެތްދަނޑިވަޅެއްގައި ފަރީދާ އައިސް ކޮންމެފަދަ ކަމެއްވެސް އެކުއްޖާފުޅަށް ފަރީދާމެން ކޮށްފާނެއެވެ. ޚައިރާދާ ވަކިން އެންމެ ހިނދުކޮޅަކުވެސް ހަރީމް ބަހައްޓާކަށް ޚައިރާދު ބޭނުމެއްނޫނެވެ.

އަފްޝީންގެ ލަފަޔަކީ ، އަޝްހަރު ބޭނުންވާތާކަށް ހަރީމް ގެންދަން ދޫކޮށްލުމެވެ. ހަރީމަށް ބޭސްކޮށްދޭން އަދި ހަރީމަށް ބޯހިޔާވަހިކަން ދޭން އަޝްހަރު ބޭނުންނަމަ ، އެ ފުރުޞަތު އަޝްހަރަށް ދޭން ޖެހޭނެއެވެ. އެއީ އަޝްހަރުގެ ޒިންމާ އެކެވެ. އަޝްހަރުގެ ހިތުގައި ހަމްދަރުދީ އުފެދި ، ހަރީމް ބަލައިގަންނަން އަޝްހަރުގެ ހިތް އެދޭހިނދު އެކަމުގެ ހުރަހަކަށް ވާން ޚައިރާދު ނޫޅުމަށް އަފްޝީން އެދުނެވެ. ހަރީމްގެ ބަލި ރަނގަޅުވެ ، ރަނގަޅު ތަޢުލީމެއްލިބުމުގެ ފުރުޞަތު ތަނަވަސްވެ ، ދިރިއުޅުމުގެ އުފާވެރިކަން އެކުއްޖާފުޅަށް ލިބުމަށްވުރެ ، ވަކިން އެހެންމޮޅެއް ޚައިރާދަށް ހޯދައިދެވޭނެ ހެއްޔެވެ ؟

ހަރީމްބަލައި އަޝްހަރު އަތުވެއްޖެނަމަ ، އެއީ ހަރީމްގެ ޙައްޤުކަމުގައި ބަލައި ، އޭނާއާއެކު ދެމައިން ދިއުމަށް އަފްޝީން ލަފާދިނެވެ.

ހެނދުނު ހެނދުނާ އަޝްހަރުގެ ފޯނެއް އައެވެ. ފޯނުނެގީ ޚައިރާދެވެ. އަޝްހަރު ވާހަކަ ދައްކަން ބޭނުންވީ ހަރީމާއެވެ. ދެބަފައިން ސަމާސާ ވާހަކަ ދައްކައިލުމަށްފަހު ، އެދެމައިންގެ ހުރިހާ އެއްޗެއް ޕެކްކޮށް ތައްޔާރުކުރުމަށް މަންމަގާތު ބުނާށޭ ، އަޝްހަރު ބުންޏެވެ.

އަޝްހަރު އައިސް ހަރީމްގެ އަތުގައިހިފައިގެން ކާރަށް އަރަންގޮސް ، ކުރީ ޝީޓުގެ ދޮރު ހުޅުވާލައި ހަރީމް ކާރަށް އެރުމަށް އެދުނެވެ. އެހެނަސް . ކާރުގެ ކުރީޝީޓަށް އަރާކަށް ހަރީމް ބޭނުމެއްނޫނެވެ. ކާރުގެ ކުރީ ޝީޓުގައި ތިބޭނީ މަންމައާއި ބައްޕަކަމުގައި ހަރީމް ބުންޏެވެ. އެއީ ކާކު ދަސްކޮށްދިން ކަމެއްތޯ އަޝްހަރު އެހުމުން ، މަންމަދަސްކޮށްދިން ކަމެއްކަމުގައި ހަރީމް ބުންޏެވެ.

ހުރިހާ މީހުން ކާރަށް އަރާ ނިމުމުން ޚައިރާދު އަފްޝީނާ ސަލާމްކޮށްލުމަށްފަހު ، ކާރަށް އެރިއެވެ. އެމީހުން އެ ގެންދެވެނީ ކޮންތަނަކަށްކަމެއް ޚައިރާދަކަށް ނޭނގެއެވެ. އެތައް އިރަކު ދުއްވުމަށްފަހު ކާރުގޮސް މަޑުކޮށްލީ އަޝްހަރުމެންގެ ގެޔަށެވެ. ކާރުން ފޭބުމާއެކު ، އެގެއިން ނެރެލުވުނު އިހާނެތިގޮތުގެ ހަނދާންތައް ޚައިރާދުގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. މައިދައިތަ އޭނާއާ ދިމާއަށް ގޮވި ހުތުރު އެއްޗެތީގެ އަޑު ، ޚައިރާދުގެ ކަންފަތްދޮށުގައި ފަށްފަށްވަމުން ދިޔައެވެ. ހަރީމް ގެޔަށް ވަނުމާއެކު އެގެ ހަރީމަށް ރަނގަޅޫތޯ އަޝްހަރު ސުއާލު ކުރިއެވެ. އެގެ ވަރަށް ރީތިކަމުގައި ހަރީމް ބުންޏެވެ. އަދި އެއީ ކާކުގެ ގެޔެއްތޯ ހަރީމް ސުއާލު ކުރިއެވެ. އެއީ ހަރީމްގެ ގެކަމުގައި އަޝްހަރު ބުންޏެވެ. އެއަށްފަހު ހަރީމްގެ ކޮޓަރިޔަށް އޭނާގެންގޮސް ލުމަށްފަހު ، އަޝްހަރު އައެވެ. އެގެއިން ނެރެލެވުނު ހިތާމަވެރި ޙާލަތުގެ މަތިން ހަނދާންވެ އުނދަގޫވެފައި ޚައިރާދު ހުއްޓެވެ. އަޝްހަރު އައިސް ބުންޏެވެ.

" ހަރީމް އެބަގޮވައެވެ. އަހަރެންގެ ދަރިފުޅުގެ ޙަޔާތުން ޚައިރާދު ދުރުކޮށްނުލައި ބެހެއްޓުމަކީ އަހަރެންނަށް މަޖުބޫރުވެގެން ކުރާ ކަމެކެވެ. މިގޭގައި ޚައިރާދު ތިހުންނަނީ ހަމައެކަނި އަހަރެންގެ ދަރިފުޅުގެ ޙައްޤުޤައެވެ. އަހަރެންގެ ދަރިފުޅަށްޓަކައި ޚައިރާދަކީ މުހިންމު މީހެކެވެ. " އަޝްހަރު ބުންޏެވެ.

ހަރީމްގެ ކެއުމުގެ ކަންކަން ގެންދަންވީ ވަކިގޮތެއް ، ޑޮކްޓަރުން ބުނެފަ އޮތްތޯ އަޝްހަރު ސުއާލުކުރިއެވެ. ވަކި މާމުހިންމު ކަމެއްގެ ވާހަކައެއް ޑޮކްޓަރުންނެއް ނުބުނެއެވެ. އެހެނަސް ، ކާ އެއްޗެތީގެ ލޮނުގަދަ ނުކުރުމަށް ، ޑޮކްޓަރ ބުނެފައި އޮތްވާހަކަ ޚައިރާދު ބުންޏެވެ.

ނަރަކައެއްފަދަ އެގެޔަށް ޚައިރާދު އައިސް އެވަނީ އޭނާގެ ދަރިފުޅުގެ ޙައްޤުގައެވެ. އޭނާގެ ލޯމަތިން އެދަރިފުޅު ދުރަށްޖެހިލައިފިނަމަ ، އެގެއިން އެކުއްޖާފުޅަށް ކޮންމެފަދަ މުޞީބާތެއްވެސް ޖެހިދާނެއެވެ. ޚައިރާދުގެ ހިތް ނުތަނަވަސްވެ ، އަބަދުވެސް ހުންނަނީ ސިކުނޑިޔަށް ބާރު ބޮޑުވެފައެވެ. ކޮންމެ ވަގުތެއްގައެވެ. ހަރީމަށް ބޭސް ދިނުމަށްޓަކައި އުޅެންޖެހެނީވެސް އެފަދަ ޙާލެއްގައެވެ. ހިތަށް ލިބިފައި އޮންނަ ނުތަނަވަސްކަމުގެ އަސަރު އެކުއްޖާފުޅަށްވެސް ބައެއްފަހަރަށް ފޯރައެވެ. ބޭސް ނުބޯން އުޅެންޏާ ރުންކުރުވާގޮތް ވެއެވެ. އެއީވެސް އެކަހަލަ ދުވަހެކެވެ. ހަރީމް ބޭސް ނުބޯންވެގެން އުޅެންފެށީމަ ޚައިރާދުގެ އަޑު ގަދަވެ ، ހަރީމަށް އަމުރު ކުރަން ޖެހުނެވެ. އެވަގުތު ، އަޝްހަރު އެތަނަށް އައިސް ވަދެއެވެ. އަދި ހިތްހަމަނުޖެހުމުގެ ނަޒަރަކުން ޚައިރާދާ ދިމާއަށް ބަލައިލައެވެ. އަދި ، ހަރީމް އުރާލައި ، ބޭސް ނުބޮއެފިއްޔާ ދަރިފުޅު ރަނގަޅެއްނުވާނެ ނޫންހޭ ބުނެ ، ހަރީމް އުރާލައިގެން ބޭސްފުޅި ހިފައިގެން ކޮޓަރިން ނުކުމެއެވެ.

ހަރީމަށް ކާންދިނުމަށްޓަކައި ، އަޝްހަރު މަސައްކަތް ކުރަމުން ގެންދަނިކޮށް އޭނާގެ ރައްޓެއްސަކު ފޯނުކުރިއެވެ. އަދި މަންމަގެ ވާހަކައިންވެސް ސުއާލުކޮށް ހެދިއެވެ. އަޝްހަރު ފޯނު ބޭއްވުމާއެކު ، މަންމަ އެއީ ކާކުތޯ ހަރީމް ސުއާލު ކުރިއެވެ. އެއީ ހަރީމްގެ ބައްޕަގެ މަންމަ އަދި ހަރީމްގެ މާމަ ކަމުގައި އަޝްހަރު ބުންޏެވެ. ހަރީމް މާގިނައިން އަނގަ ތަޅަންފެށީމަ ، ޚައިރާދަކަށް ނުހުރެވުނެވެ. އަނގަ ހިމޭނުންލައިގެން އިނދެ ކައިނިންމާލަން ބުންޏެވެ. ކައިގެން ބޭސް ބޯންޖެހޭނެވާހަކަވެސް ބުންޏެވެ. ނޫޑްލްސް ތެރެޔަށް އިތުރަށް ސޯސްކޮޅެއް އަޅައިދިނުމަށް ހަރީމް އެދުނެވެ. އެހެންނަމަވެސް ، ދެން އިތުރަށް ސޯސް އަޅާނެކަމެއްނެތޭ ، އަވަހަށް ކާލާށޭ ބުނެ ، ސޯސްފުޅި ހިފައިގެން ޚައިރާދު އެތަނުން ނުކުތެވެ.

ޚައިރާދު ނަމާދުކޮށްގެން ތަސްބީޙަކިޔަން އިންދާ އަޝްހަރު އައިސް އެކޮޓަރިޔަށް ވަނެވެ. އަދި ހަރީމްގެ އެނދުގައި އިށީނދެލިއެވެ. އަދި ހަރީމް ކޮބައިތޯ ސުއާލު ކުރިއެވެ. ހަރީމް އޭރު ހުރީ ފާޚާނާގައި ފެންވަރާށެވެ.

އެދުވަހުގެ 2 ޖަހާއިރަށް ހަރީމްގެ އެޕޮއިންޓްމަންޓް ހަމަޖެހިފައި އޮތްވާހަކަ އަޝްހަރު ބުންޏެވެ. އޭނާގެ ހުރިހާ ރިޕޯޓްތަކެއް ހަމަކޮށް ، އެގަޑިޔަށް ހަރީމް ތައްޔާރުކުރުމަށް އަޝްހަރު ބުންޏެވެ.

އަދި އެއްވާހަކަ އެބައޮތެވެ. އަޝްހަރު ބުންޏެވެ.

" ހަރީމް ބަލަން ، އަހަރެން ނޯކަރަކު ހަމަޖައްސައިފީމެވެ. ޒީނަތު ނަމަކަށް ކިޔާ ނޯކަރަކު މިއަދު ހަވީރު އަންނާނެއެވެ. އަހަރެންގެ ދަރިފުޅު ރަނގަޅުވަންދެން އޭނާ އަހަރެންގެ ދަރިފުޅަށް ޚިދުމަތް ކޮށްދޭނެއެވެ. އެހުރިހާ ޚަރަދެއް އަހަރެން ހަމަޖައްސާނަމެވެ. ހަރީމަށް ބޭސް ދިނުމާއި ކާންދިނުމުގައި ، ޚައިރާދު ރުޅިއައިސް ގަދަކަމުން އެކަން ކުރަން އުޅޭނެކަމެއް ނެތެވެ. ރޭގަ އަހަރެން ކެތްތެރިވީމެވެ. އެކަމަކު ، މީގެފަހުން އަހަރެންގެ ދަރިފުޅާ ދިމާއަށް ހަޅޭއްލަވައި އަޑުގަދަކޮށްފިނަމަ ، އަދި އަހަރެންގެ ދަރިފުޅު ދެރަވެގެން ،  ލޮލުން ކަރުނަ ހިލިއްޖެނަމަ ، އަހަރެން އެކަން ބަރުދާސްތެއް ނުކުރާނަމެވެ. " އަޝްހަރު ބުންޏެވެ.

ހަރީމަށް ހެނދުނު ހޭލެވުނުއިރު އަޝްހަރު އޮފީހަށް ހިނގައްޖެއެވެ. ބައްޕަ ނުފެނިގެން ހަރީމް ޝަކުވާކޮށްގަތީމަ ، ޚައިރާދު ، އަޝްހަރަށް ފޯނުކޮށް ހަރީމް އަތަށް ފޯނުދިނެވެ.

" ބައްޕަ ، އަހަރެން ތެދުވާންވާއިރަށް ، ބުދުވެސް ގަނެނުދީ ތިޔަދިޔައީއެވެ. އަހަރެން ބައްޕަޔާ ރުޅިއެވެ. " ހަރީމް ބުންޏެވެ.

އަޝްހަރު އައީ އޮފީހަށް ކަމަށާއި އިރުކޮޅަކުން ގެޔަށްގޮސް ، ހަރީމް ގޮވައިގެން ފިހާރަޔަކަށްގޮސް ހަރީމް ބޭނުންވާ އެއްޗެއްވިއްޔާ ގަނެދޭނެކަމަށް އަޝްހަރު ބުންޏެވެ. އަދި މަންމަ އަތަށް ފޯނުދޭން ބުންޏެވެ.

" ނިކަން ބަލައިލަ ބަލާށެވެ ! އަހަރެންގެ ދަރިފުޅު އަހަރެންނަކަށް އިތުބާރެއް ނުކުރެއެވެ. އެއީ ޚައިރާދުގެ ސަބަބުން ވީ ގޮތެކެވެ. " އަޝްހަރު ބުންޏެވެ.

އަޝްހަރުގެ އެއްވެސް ސުއާލަކަށް ޖަވާބު ދޭކަށް ޚައިރާދު ބޭނުމެއްނޫނެވެ. އަދި އެއްވެސް ދެބަސްވުމެއް އުފެދި ޒުވާބެއް ކުރާކަށްވެސް ބޭނުމެއްނޫނެވެ. އޭނާއަށް މުހިންމީ އޭނާގެ ދަރިފުޅު ހިނިތުންވެފައި އުފަލުގައި ހުރެ ، އޭނާގެ ބައްޔަށް އެކަށީގެންވާ ފަރުވާއެއް ލިބުމެވެ. އެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއްވެސް ވާން ޚައިރާދު ހުރީ ތައްޔާރުގައެވެ. ކޮންމެ ކަމަކަށް އޭނާ ކެތްކުރާނެއެވެ. ދަރިފުޅުގެ ޙައްޤުޤައެވެ.

ޚާލާއަށް ފޯނުކޮށް ، ހަރީމާބެހޭގޮތުން ކަންހިނގަމުންދާގޮތް ޚައިރާދު ކިޔައިދިނެވެ. ޚައިރާދު ހުންނަނީ ވަރަށް އުފަލުންކަމުގައި ބުނެއެވެ. އެކަމަށްޓަކައި ، ޚާލާ ވަރަށް އުފާކުރިއެވެ.  ފަހަރެއްގައި ހަރީމްގެ އޮޕަރޭޝަން ކުރުމަށްޓަކައި އެމެރިކާއަށް ދާންޖެހިދާނެ ވާހަކަ ، އަޝްހަރުބުނިކަމަށްވެސް ޚައިރާދު ބުންޏެވެ. ހަރީމަށް ލިބޭ އެންމެ ބޮޑު އުފަލަކީ ، އަޝްހަރު އޭނާދެކެ އިންތިހާއަށް ލޯބިވުމެވެ. ކިތަންމެ ކުޑަ ތަކުލީފެއްވެސް ހަރީމަށް ލިބުނަކަ ނުދެއެވެ. އޭނާ ބަލަން ޚާޢްޞަ ނޯކަރަކު ގެނައި ވާހަކަވެސް ބުންޏެވެ. ޚައިރާދު ބޭނުންވިނަމަވެސް ، އެއިން އެއްވެސް ކަމަކީ ޚައިރާދަށް ފުރިހަމަ ކުރެވިދާނެކަންކަމެއްނޫނެވެ. އެކަމާ ޚައިރާދުގެ ހިތަށް ވަރަށް އުނދަގޫ ވެއެވެ. އެހެންނަމަވެސް ، ހަރީމްގެ މޫނުމަތިން އެފެންނަ އުފާވެރިކަން ފެނިފައި ހުރިހާކަމެއް ހަނދާން ނެތި ﷲ އަށް ޝުކުރުކުރާކަމުގައި ޚައިރާދު ބުންޏެވެ. މި ދުނިޔެއިން އޭނާދެކެން އެންމެ ބޭނުންވާ ދުވަހަކީ އެއީކަމުގައި ޚައިރާދު ބުންޏެވެ. ޚައިރާދު ފޯނުގައި ހުއްޓާ ، އަޝްހަރު އޮފީހުން އައިސް ވަނުމުން ، ހަރީމް އޭނާއާ ދިމާއަށް ދުއްވައިގަތެވެ. އަދި އަޝްހަރު އޭނާގެ ދަރިފުޅު އުރާލައި މޫނުގައި ބޮސްދިނެވެ. އަޝްހަރުގެ މޫނުމަތިންވެސް މިހާރު މަޑުމޑުން އުފާވެރިކަން ފާޅުވަމުން ދެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.