ދަންމަރު: ކިބުރުވެރިކަން

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެގާރަ ވަނަ ދުވަސް ވެގެން ދިޔައީ އެމެރިކާގެ ތާރީޚުގައި ފާހަގަ ކުރެވިގެން ދާނޭ ދުވަހަކަށެވެ. އެމެރިކާ އެ ޢިމާރާތަކަށްޓަކައި ފަޚުރުވެރިވާ "ވޯލްޑް ޓްރޭޑް ސެންޓަރ" އަށް ޓެރަރިސްޓުންގެ ބަޔަކު ދިން ނުރައްކާތެރި ޙަމަލާއެއްގައި އެ ޢިމާރާތް ވެއްޓި ބިމާ ހަމަވެގެން ދިޔައީއެވެ. އެ ޢިމާރާތުގައި އެ ވަގުތު މަސައްކަތް ކުރަން ތިބި އެތައް ހާސް ބަޔަކާއި ޢިމާރާތުގެ ކައިރިން ދިޔަ އެތައް ބަޔަކާއި މީހުން ސަލާމަތް ކުރަން މަސައްކަތް ކުރި އެތައް ބަޔަކު މި ޙާދިސާގައި މަރުވެގެން ދިޔައެވެ.

މިއީ ކިހިނެއް ވެގެން ހިނގި ޙާދިސާއެއްތޯއެވެ؟ މިއީ އެތައް ބައެއްގެ ހިތުގައި އުފެދިފައިވާ، އަދިވެސް އެދެވޭ ޖަވާބެއް ނުލިބި އޮތް ސުވާލެކެވެ.

ޙަޤީޤަތުގައި އެ ޙާދިސާ ހިނގަން މެދުވެރިވީ ސަބަބުތަކުގެ ތެރޭގައި އެމެރިކާ ތައްޔާރު ނުވެ އޮތުން ހިމެނެއެވެ. މިހާރު އެމެރިކާއަށް އަފަދަ ޙަމަލާއެއް ދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެކަމަކު އެ ދުވަހާ ހަމައަށް އެމެރިކާ އޮތީ އެއްވެސް ބަޔަކަށް އެ ފަދަ ޙަމަލާއެއް ދޭން ނުކެރޭނޭ ކަމަށް ހީކޮށްގެންނެވެ. ޙަމަލާގެ ސަބަބުން ކުއްލި ސިހުމެއް ލިބުނު ސަބަބަކީވެސް އެއީއެވެ.

މިއީ އިންސާނުންގެ ޠަބީޢަތް ހުންނަ ގޮތެވެ. އޭނާ ހުންނަނީ ދުނިޔޭގައި އޭނާއަށް އެކަށީގެންވާ ބާރެއް ލިބުމާއެކު އެއްވެސް މީހަކަށް އޭނާއަށް ގެއްލުމެއް ނުދެވޭނޭ ކަމަށް ކަނޑައަޅައި ނިންމައިގެންނެވެ. ފައިސާ އާއި މަޤާމާއި ނުފޫޒުގެ ބާރު ލިބުނީމާ ތިމާ ބޭނުން ކަމެއް، ބޭނުން ގޮތަކަށް ކުރެވިދާނޭ ކަމުގެ ޔަޤީންކަން މަތީގައެވެ. ގިނަ ފަހަރަށް އެންމެ ބޮޑު މުޞީބާތް ލައިގަންނަނީ މި ފަދަ ޔަޤީންކަމެއްގެ މަތީގައި ހުއްޓައެވެ.

އިންސާނާގެ ވެއްޓުމަކީ ޙަޤީޤަތުގައި މި ދެންނެވުނު ޔަޤީން ކަމެވެ. އިންސާނާއަކީ އެއްވެސް އާރެއް ބާރެއް ނެތް މަޚްލޫޤެކެވެ. ދިމާވާ ކުޑަ ކުޑަ އެކްސިޑެންޓަކުން ނުކުޅެދޭ މީހުންނަށް ވެފައި ތިއްބާ ފެންނަނީ ކިތައް މީހުންތޯއެވެ؟ މެޔަށް އަރާ ކުޑަ ކުޑަ ތަދަކުން އަބަދަށްޓަކައި އެނދުގައި އޮންނާން ޖެހެނީ ކިތައް މީހުންނަށްތޯއެވެ؟ މިއީ ވިސްނާލަން ޖެހިފައިވާ ކަމެކެވެ.

ދުނިޔޭގެ ތަރައްޤީގެ ތެރެއަށް ވަދެގެން ގޮސް މިއަދުގެ އިންސާނާ ވަނީ އޭނާގެ ހައިސިއްޔަތު ހަނދާން ނައްތާލާފައެވެ. އޭނާ ދުނިޔެއަށް ފޮނުއްވި ބޭނުން އޮޅިފައެވެ. އެއްވެސް ކަމަކަށް ތިމާގެ ޙަޤީޤީ ބާރެއް ނުހިނގާ ކަމެއް އިންސާނާއަކަށް ނޭނގެއެވެ. އިމްތިޙާން ކުރެއްވުމަށްޓަކައި ކުޑަ ކުޑަ ބާރެއް ދެއްވުމާއެކު ބޮޑާ ބަސް ބުނަމުން ހިނގަން ފަށަނީއެވެ.

ބައްޕައަކު އޭނާގެ ދަރިފުޅަށް ނަޞޭޙަތް ދެމުން ގޮސް ބުންޏެވެ. "ދުނިޔޭގެ އާރާއި ބާރު ބޭނުމިއްޔާ ޖެހޭނީ ދުނިޔޭގެ ސުވިޗް އަތުގައި ބާއްވާށެވެ. އެހެން މީހަކަށް އޭގައި އަތް ލިޔަ ދީގެން ނުވާނެއެވެ."

ދަރިފުޅު ބުންޏެވެ. "ތިޔައީ ތެދު ވާހަކައެކެވެ. އެކަމަކު އަހަރެމެން ކޮންޓްރޯލް ކުރާ ސުވިޗް ގެންގުޅުއްވާ ފަރާތުން، އެ ފަރާތުން އެ ގެންގުޅުއްވާ ސްވިޗް ނިއްވައިލައްވައިފިއްޔާ ހަދާނީ ކިހިނެއްތޯއެވެ؟"

ޙަޤީޤަތަކީ މިއީއެވެ. ދުނިޔެ އާއި ދުނިޔޭގައި ލެއްވިހައި އެއްޗެއްގެ "ސުވިޗް" އޮތީ އަޅުގަނޑުމެންގެ އަތުގައި ނޫންކަން ހަދާން ކުރަން ވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.