އެމެރިކާގެ އަސްކަރީ ސިއްރު ލިޔުންތަކެއް އާއްމުކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ސިއްރު ލިޔުންތައް އާއްމުކުރި މީހާ ހައްޔަރުކޮށްގެން ގެންދަނީ

'މަތީ ދަރަޖައިގެ ސިއްރު' ގެ ގޮތުގައި ކަނޑައަޅާފައިވާ ސިއްރު ލިޔުންތަކެއް އާއްމުކޮށްލި މައްސަލައިގައި އެމެރިކާގެ ނޭޝަލް ގާޑްސްގެ މީހަކު އެފްބީއައި (ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން) އިން ހައްޔަރުކޮށްފިއެވެ. ފަޅާއަރުވާލާފައިވާ ލިޔުންތަކުގެ ތެރޭގައި ޗާޓުތަކާއި، ޖާސޫސީ މައުލޫމާތުތަކާއި، ރަޝިޔާއިން ޔުކްރޭނުގައި ކުރާ ހަނގުރާމައާއި ގުޅޭ މައުލޫމާތުތައް ހިމެނެއެވެ.

ޔޫއެސް އެއާފޯސް ނޭޝަނަލް ގާޑްސްގައި މަސައްކަތްކުރާ އުމުރުން 21 އަހަރުގެ ޖެކް ޓެކްސޭރާ ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މެސެޗުސެޓްގައި ހުންނަ އޭނާގެ ގޭގައި އުޅެނިކޮށް ހައްޔަރުކުރި ޓެކްސޭރާއަކީ އިންފޯމޭޝަން ޓެކްނޮލޮޖީ ސްޕެޝަލިސްޓެކެވެ.

އެޓާނީ ޖެނެރަލް މެރިކް ގާލޭންޑް ވިދާޅުވިގޮތުގައި ގައުމީ ދިފާއާ ގުޅޭ، މަތީ ދަރަޖައިގެ ސިއްރުގެ ގޮތުގައި ކަނޑައަޅާފައިވާ ލިޔުންތަކެއް ނަގައި އާއްމުކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކުރެވޭނެއެވެ.

'ތަހުގީގު ކުރިއަށް ދަނީ. ހަމާކުރުން އެކަށީގެންވާ ވަގުތުޖެހުމުން އަހަރުމެން އެ މައުލޫމާތު ހާމަކުރާނަން." ވޮޝިންޓަނުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން އެޓާނީ ޖެނެރަލް ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކުރި މީހާ މިކަން ކުރުމުގެ މަގްސަދަކީ ކޮބައިކަން ގާލޭންޑް ހާމަކުރައްވާފައި ނުވިނަމަވެސް، އާއްމުކޮށްފައިވާ ލިޔުންތައް ފެނުނު ގިނަ ފަރާތްތަކަކުން ދެކޭގޮތުގައި އޭނާ އެކަންކޮށްފައި ވަނީ ވަކި ފިކުރަކަށް ތަބާވެ، އެ ފިކުރަށް މަދަދު ދިނުމަށްވުރެ ބޮޑަށް އޭނާއަކީ ކެރޭ މީހެއްކަން ދެއްކުމަށެވެ.

ސިއްރު ލިޔުންތައް ފުރަމަތަ އާއްމުކޮށްލީ މީސްމީޑިޔާ އެޕެއް ކަމުގައިވާ ޑިސްކޯޑްގައި ހަރަކާތެރިވާ ކުޑަ ގުރޫޕެއްގައި ކަމަށްވިޔަސް، އެ ލިޔުންތައްވަނީ ޓެލެގްރާމުގައި އާއްމުވެފައެވެ. ބައިނަލްއަގުވާމީ ޚަބަރުފަތުރާ ވަސީލަތްތަކަށް މިލިޔުންތައް ފާހަގަކުރެވުނީ އެހިސާބުންނެވެ.

ޔުކްރޭނުގައި ހިނގާ ހަނގުރާމަ އެމެރިކާއިން ވަޒަންކުރާ ގޮތާއި، އެމެރިކާއާއި އެންމެ ގާތް އިސްރާއީލު، މިސްރު އަދި ދެކުނު ކޮރެޔާ ފަދަ ގައުމުތަކުގެ އިތުރަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރޭޝްއާ ދެކޮޅަށް ޖާސޫސުކޮށް އެއްކޮށްފައިވާ މައުލޫމާތުވެސް އާއްމުކޮށްފައިވާ ލިޔުންތަކުގައި ހިމެނެއެވެ. މިކަމާ ގުޅިންގެން ގުޓަރޭޝް ވިދާޅުވީ އެމެރިކާއިން އޭނާއާ ދެކޮޅަށް ޖާސޫސުކުރުމަކީ އޭނާ ހައިރާންވެވަޑައިގަންނަވާ ކަމެއް ނޫނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.