ސުޕްރީމް ކޯޓުގެ އަމުރަށް ބޯލަނބައި، މޭ 14 ގައި ޕަންޖާބުގައި އިންތިޚާބު ބާއްވަން ޕާކިސްތާނުން ނިންމައިފި

ޕާކިސްތާނުގައި ސިޔާސީ ގޮތުން އެންމެ މުހިއްމު ޕްރޮވިންސު ޕަންޖާބުގައި އަންނަ މޭ މަހުގެ 14 ވަނަ ދުވަހު އިންތިޚާބު ބާއްވަން އަންގަން ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަށް ބޯލަނބައި، އެ އިންތިޚާބު ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ގޮތަށް ބާއްވާނެކަން އިލެކްޝަން ކޮމިޝަން އޮފް ޕާކިސްތާން (އީސީޕީ) އިން އިއުލާންކޮށްފިއެވެ. އެ ކޮމިޝަނުން ކުރިން ނިންމާފައި އޮތީ ޕަންޖާބް ޕްރޮވިންސުގެ އާއްމު އިންތިޚާބު އޮކްޓޯބަރު 8 ގައި ބޭއްވުމަށެވެ.

ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު، ޗީފް ޖަސްޓިސް އުމަރު އަޠާ ބަންދިޔާލްގެ ރިޔާސަތުގައި އެކުލަވާލި ތިން ފަނޑިޔާރުންގެ ބެންޗުން އަންގާރަ ދުވަހު ނެރުނު ކޯޓު އަމުރުގައި އަންގާފައިވަނީ މޭ 14 ގައި އިންތިޚާބު ބޭއްވުމަށެވެ.

އިލެކްޝަން ކޮމިޝަނުން މީގެ ކުރިން އެޕްރީލް 10 ގައި އިންތިޚާބު ބާއްވަން ކަނޑައެޅި ނަމަވެސް، ބޮޑުވަޒީރު ޝެހެބާޒް ޝަރީފުގެ ސަރުކާރުގެ ފިއްތުންތަކާހެދި އެ ކޮމިޝަނުން ފަހުން ނިންމީ އިންތިޚާބު އޮކްޓޯބަރު 8 އަށް ލަސްކުރުމަށެވެ. ޕާކިސްތާނު ސަރުކާރުން ބުނަމުން ދިޔައީ އިގުތިސާދީ ގޮތުން މިހާ ދަތި ދުވަސްވަރެއްގައި ޕްރޮވިންސު އިންތިޚާބު ބޭއްވުމަކީ ބޮޑު ބުރަޔަށް ވާނެކަމަށާއި، އެންމެ ރަނގަޅު ގޮތަކީ އޮކްޓޯބަރު މަހު ޕާކިސްތާނުގެ އާއްމު އިންތިޚާބާއެކު ޕަންޖާބުގެ އިންތިޚާބުވެސް ބޭއްވުން ކަމަށެވެ.

އިދިކޮޅު ލީޑަރު، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާން ތަހްރީކެ އިންސާފް (ޕީޓީއައި) ގެ އަޣުލަބިއްޔަތު އޮތް ޕަންޖާބުގެ ގާނޫނު ހަދާ މަޖިލީހުން ފާއިތުވި ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ވަނީ އެ މަޖިލިސް އުވާލަން ފާސްކޮށްފައެވެ. އަވަސް އިންތިޚާބެއް ބާއްވަން ޕީއީސީއަށް މަޖުބޫރުކުރުމަށްޓަކައެވެ.

ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ޕަންޖާބުގައި އަވަސް އިންތިޚާބެއް ބާއްވަން ޕީއީސީން ނިންމުމަކީ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޮޑުވަޒީރު ޝެހެބާޒް ޝަރީފުގެ ސަރުކާރަށް ކުރިމަތިވި ސިޔާސީ ބޮޑު ބައްޔެކެވެ.

ޕަންޖާބް ޕްރޮވިންސުގެ ގާނޫނުހަދާ މަޖިލީހުން ހުސްވެފައިވާ 20 ގޮނޑިއަކަށް މެންބަރުން ހޮވުމަށް ފާއިތުވި ޖުލައި މަހު އެ ޕްރޮވިންސުގައި ބޭއްވި ބައިއިލެކްޝަންގައި ޕީޓީއައިން ވަނީ 16 ގޮނޑި ކާމިޔާބުކޮށްފައެވެ. ބޮޑުވަޒީރު ޝެހެބާޒް ޝަރީފުގެ ޕާކިސްތާން މުސްލިމް ލީގް- ނަވާޒް (ޕީއެމްއެލް-އެން) ޕާޓީއަށް ލިބުނީ އެންމެ 3 ގޮނޑިއެކެވެ. އެހެންކަމުން، ޕާކިސްތާނުގެ އެންމެ ބޮޑު ޕްރޮވިންސު، ޕަންޖާބުގައި އަވަސް އިންތިޚާބެއް ބާއްވައިފިނަމަ ޕީޓީއައިން އެ ޕްރޮވިންސުގެ ސަރުކާރުގެ ކޮންޓްރޯލް ހޯދުމަކީ ގާތް ކަމަކަށް ވާތީ، މިއިންތިޚާބު ވެގެންދާނީ އާއްމުންގެ މެދުގައި ޝެހެބާޒް ޝަރީފުގެ ސަރުކާރާމެދު އޮތް ހިތްހަމަނުޖެހުން ވަޒަންކޮށްލަން ލިބޭ ފުރުސަތަކަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.