ކިރުއިލޮށި - 24

(1 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެހެންހަދައިފިނަމަ ، އެއީ އަޝްހަރުގެ ލޯބީގެ އުނިކަން ، އަޝްހަރަށް އިޙްސާސްކުރެވިދާނެ ކަމެއްކަމަށް އަޝްހަރު ބުންޏެވެ. އަޝްހަރުގެ ވާހަކަތަކުން ، ޚައިރާދު އިނީ ލަދުވެތިކަމެއްގެ ތެރެޔަށް ގެއްލިފައެވެ. އޭނާގެ މޫނަށް ފިޔާތޮށިކަން އިތުރުވެގެންދިޔައެވެ. ލަދުންގޮސް ، މޯޅިވެ އަޝްހަރުގެ އުނގުތެރެޔަށް ވަނެވެ. ކަޅިޖަހައިނުލާ އަޝްހަރު އިނީ ، ނުހަނު ލޯތްބާއެކު ، ޚައިރާދުގެ މޫނަށް ބަލަހައްޓައިގެންނެވެ. ކުޑައިރުކޮޅެއް ވަންދެން ސަމާސާ ކުރަން ތިބުމަށްފަހު ،  ދެމީހުން ނިދަން ތައްޔާރުވިއެވެ.

އިރުއޭގެ ވާޖިބު އަދާކުރުމަށްޓަކައި އިރުމަތީފަރާތުން އަރައި ، ހެނދުނުގެ ހިތްގައިމު ހޫނު ދޯދިތައް ދުނިޔެއަށް ފޮނުވަމުން ގެންދާ ވަގުތެވެ. ހޮނިހިރު ދުވަސްކަމަށްވާތީ އަޝްހަރުގެ ގޭގެ އެންމެންވެސް ގޭގައި އުޅެއެވެ. ބަގީޗާތެރޭ ހެނދުނުގެ ނާސްތާއަށް އިންސާފުކުރުމަށް ، އެންމެން އެއްވެ ތިއްބެވެ. ފުރިހަމަ ޢާއިލާއެއްގެ އުފާވެރިކަމުގެ މާޙައުލެއްގެ ހިތްގައިމުކަމުން ، އެންމެންވެސް ތިބީ އެއްވިސްނުމެއްގައެވެ. ހިތްގައިމުކަމެވެ. އެކަކު އަނެކަކަށް އަޅައިލުމާއި ލޯތްބެވެ. އޯގާވެރިކަމާއި ކުލުނުން ފުރިފައެވެ.

ޚައިރާދު އެޅި ކޭކެއްގެ ރަހަބަލައިލުމަށް މަންމަގެ ކިބައިން ޚައިރާދު އެދުނެވެ. އޭނާގެ ޅީދަރިފުޅު އެޅި ކޭކެއްކަމަށް ވަންޏާ ރަހަބަލައިނުލާ ދޫކޮށްނުލާނެކަމަށް ފަރީދާ ބުންޏެވެ. ކޭކު ކާންދީގެން ޚައިރާދު ތި ޚަރާބުކޮށްލީ މައިދައިތަގެ ޑައިޓުކަމުގައި ބުނެ ބަޝީރަތު ، ޚައިރާދާ ސަމާސާ ކޮށްލިއެވެ. އެވަގުތު ، އިސްލާމްއާބާދުން އައި ފަރީދާގެ ޒަމާންވީ ރައްޓެއްސަކު ބޭރުގައި އެބަހުރިކަމުގައި ނޯކަރަކު އައިސް ބުންޏެވެ.  އަދި ފަރީދާ ، އޭނާއާ ބައްދަލުކުރަން ދިޔައީ ޚައިރާދު ގޮވައިގެންނެވެ.

ދަނޑިވަޅު ބަލާފައި ، ބަޝީރަތު އޭނާގެ ދަރިފުޅަށް ގޮވައިލިއެވެ. އަދި ޚައިރާދާމެދު އަޝްހަރު ހިތްހަމަޖެހޭތޯ ސުއާލު ކުރިއެވެ. އަޝްހަރު އިރުކޮޅަކު ލޯމަރާލައި ، އިސްދަށަށްޖަހައިގެން ވިސްނައިލަން އިނެވެ. އަޝްހަރު ބުނަންވީ ކީކޭބާވައެވެ. ވަކި އެއްޗެކޭ ނުބުނެ ، ބައްޕަޔަށް ފެންނަނީ ކިހިނެއްތޯ އަޝްހަރު ސުއާލު ކުރިއެވެ. ފެންނަ ފެނުމަށް ، އަޝްހަރު އުފަލުގައި ހުންނަތަން އެބަފެންނަ ކަމުގައި ބަޝީރަތު ބުންޏެވެ. އަޝްހަރު އިސްއުފުލާލައި ހިނިތުން ވެލިއެވެ. އަދި އޭނާ އުފަލެއް ނުވެއޭ ބުނެ ، ވަރަށް އުފާވެއޭ ބުނެ ޖަވާބު ދިނެވެ. ބަޝީރަތުގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އުފަލުންގޮސް ފޮޅުނެވެ.

" ބައްޕަ ބުނީ ރަނގަޅަށެވެ. ޚައިރާދަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. އުޅުމާއި ޚުލްޤުވެސް އެހާ ރަނގަޅެވެ. އަހަރެން އަމިއްލަޔަށް ނުކުމެ ކުއްޖަކު ހޯދަން އުޅުނުނަމަ ، އެހާ ރަނގަޅު ކުއްޖަކު ނުލިބުނީހެވެ. " އަޝްހަރު ބުންޏެވެ.

ބަޝީރަތަށް އުފަލުންގޮސް ބުނާނީ ކީކޭކަމެއްވެސް ނޭނގުނެވެ. އޭނާގެ ދުޢާއަކީ ، އެދެކުދިންގެ ލޯބި އަބަދުގެ އަބަދަށް ދެމިގެންވުމެވެ. ކައިވެންޏަކީ ، ދުނިޔެމަތީގައި ، ދެމީހެއްގެ ދެމެދުގައި ވެވޭ އެންމެ މަތިވެރި ޢަޤުދެވެ. އެދެމީހުންނަށް ދުނިޔެ ލިބިއޮތްހާ ހިނދަކު އެގުޅުން ދެމިއޮތުމަށް އެދޭނެއެވެ. އެހެންނަމަވެސް ، އިންސާނުންގެ ޢަދުއްވެއްގެ ގޮތުގައި ޝައިޠާނާ ފޮނުއްވި ފަދައިން ، އިންސާނުންގެ ދުޝްމަނުންގެ ގޮތުގައި ކުރިމަތިލާ އިންސާނުންވެސް ދުނިޔެމަތިން ފެނެއެވެ. ބަޝީރަތުގެ ދުޢާއަކީ އޭނާގެ ޢުމުރު ހުސްވުމުގެ ކުރިން ، އޭނާގެ އުނގު ފަޅުފިލުވައިލަދޭނެ ކާފަދަރިފުޅެއް ފެނުމުގެ ނަސީބު މިންވަރު ކުރެއްވުމެވެ.

ވިޔަފާރި ދަތުރެއްގައި ރަށުންބޭރަށް ދާން ޖެހިގެން ، އަޝްހަރު ދަތުރު ތައްޔާރުކުރަމުން ގެންދިޔައެވެ. އަޝްހަރުގެ ދަތުރު ނިންމާފަ އެނބުރި އައުމަށް ހަމަޖެހިފައި އޮތީ 10 ދުވަހުގެ ތެރޭގައެވެ. އަޝްހަރު ދަތުރުނިންމާފަ އަންނައިރު ހަދިޔާއަކަށް ގެނެސްދޭޏްވީ ކޮން އެއްޗެއްތޯ ޚައިރާދު ކުރެން އެހިއެވެ. ޚައިރާދު ، އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ. އެހެން އަންހެނުންފަދައިން ، ޚައިރާދަކީ ، ފިރިމީހާ ރަށުންބޭރަށް ދާއިރު ، ގެންނަންވީ ތަކެތީގެ ދިގު ލިސްޓެއް ދޭނެ މީހެއްނޫންކަން އަޝްހަރަށް އެނގެއެވެ. އެހެނަސް ، ޚައިރާދު ބޭނުން ވަކިއެއްޗެއް އެނގިއްޖެނަމަ ، އަޝްހަރު ވަރަށް އުފާވާނެއެވެ. ޚައިރާދު ބޭނުންވާ އެކައްޗެއްވެސް ނެތެވެ. އެންމެފަހުން ، އޭނާބޭނުންވާ ކަމެއް އެބައޮތްކަމުގައި ޚައިރާދު ބުނެއެވެ. އެއީ ދަތުރު އަވަސްކޮށްލާފައި 10 ދުވަހަށްވުރެ ކުރިން ، އަޝްހަރު ރަށަށް އައުމެވެ. ޚައިރާދުގެ ޙަޔާތުގައި އަޝްހަރު ނެތްތަން ފޫބެއްދޭނެ އެހެންގޮތެއް ނޯންނާނެއެވެ. އެ 10 ދުވަސް ، އަޝްހަރާނުލައި ހޭދަކުރުމަކީ ، ޚައިރާދަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ.

އަޝްހަރު ބޭރުން އަންނަމުން ޚައިރާދަށް ގެނެސްދިނީ ވަރަށް އަގުބޮޑު ހާރެކެވެ. ހާރު އަޅާފަ ޚައިރާދު އައިސް އަޝްހަރަށް ދައްކައިލިއެވެ. ރީތީގެ އިންތިހާއެވެ. ޚައިރާދު ހާރުއަޅައިގެން ކުރިމަތީހުރިއިރު ، ނޭވާފޯރާ ހިސާބުގައި އަޝްހަރު ހުއްޓިލައިގެން ފަރިބަލަން ހުއްޓެވެ. އަޝްހަރުގެ ދިރިއުޅުމަށް ލިބިފައިވާ އުފާވެރިކަން ، އެގޮތުގައި ދެމެހެއްޓުމަށްޓަކައި އޭނާ އަންނަނީ ކުރެވެން އޮތް ހުރިހާކަމެއް ކުރަމުންނެވެ. އޭގެ އިތުރަށް ، ޚައިރާދު އުފަލުގައި ބެހެއްޓުމަށްޓަކައި ގޭގައި ފުރިހަމަވާންޖެހޭ ކަންކަމަށްވެސް މިހާރު އަންނަނީ ސަމާލުކަން ދެމުންނެވެ. އޮފީސް ނިންމައި ތަންކޮޅެއް އަވަހަށް ގެޔަށް އައުމާއި ، ރައްޓެހިންނާއެކު މަޖާކުރަން ޕާޓީތަކަށް ނުދިއުމާއި ، ޚާއްޞަކޮށް ސާރާއާއެކު ހޭދަކުރާ ވަގުތު މަދުކުރުމަށް އަންނަނީ ސަމާލުކަން ދެމުންނެވެ.

ބަޝީރަތުގެ ޞިއްޙަތު އެހާ ރަނގަޅު ދުވަސްކޮޅެއް ނޫނެވެ. ފަރީދާ ކިޔާކިޔާވެސް ޑޮކްޓަރަށް ދައްކާލަންދާކަށް ބަޝީރަތު ބޭނުމެއް ނުވިއެވެ. ފަރީދާގެ އެދުމުގެ މަތިން ، ޚައިރާދު އެތައް ވަރަކަށް ކިޔައިގެން ، ޑޮކްޓަރަށްދާން ބަޝީރަތު އެއްބަސްވިއެވެ. ބައްޕަގެ ޞިއްޙީ ޙާލަތާމެދު އަޝްހަރުވެސް ހުންނަނީ  ކަންބޮޑުވެފައެވެ. ފަރީދާގެ ޙާލަކީވެސް އެއީއެވެ. ބަޝީރަތު ބަލިވުމަށްފަހު ، އެއްވެސް ވަރަކަށް ފަރީދާގެ ބަހެއް ނާހައެވެ. ގަޑިން ގަޑިޔަށް ބޭހެއް ނުކައެވެ. ބަޝީރަތު ކިރިޔާވެސް މައިތިރިކުރެވެނީ ޚައިރާދަށެވެ. އެހެންކަމުން ، ބަޝީރަތުގެ ބޭހުގެ ކަންކަން ، ބޮޑަށް ބަރޯސާވެފައި އޮތީ ޚައިރާދުގެ މައްޗަށެވެ.

ބަޝީރަތުގެ ބީޕީ އެހާ މައްޗެވެ. އޭގެ އިތުރަށް ހަކުރުވެސް އެހާ މައްޗެވެ. މުސްކުޅި ޢުމުރުގައި މިދެބައްޔަކީވެސް ނުރައްކާތެރި ދެބައްޔެވެ. ވަރަށް ބަލައިގެން ނުއުޅުނިއްޔާ ކުއްލިޔަކަށްވެސް ޙާލު ބޮޑުވެދާނެއެވެ. ބަޝީރަތު ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް ނޭނގެއެވެ. އޭނާގެ ޙާލު އެއްދުވަހު ރަނގަޅުވެފައި އަނެއްދުވަހު ގޯސްވެއެވެ. އެހެންކަމުން ، ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ބައްޕަގެ ޙާލުބެލުމަށްޓަކައި އަޝްހަރު ގިނައިން އުޅެނީ ހޮސްޕިޓަލުގައެވެ. ޚައިރާދުވެސް ، ބަޝީރަތަށް މީރުހެން ހީވާ ކާތަކެތި ހަދައިގެން ބަޝީރަތަށް ގެންގޮސް ދެއެވެ. އޭނާވެސް ، ގިނައިން އުޅެނީ ބޮޑުބޭބެގާތު ހޮސްޕިޓަލުގައެވެ. އަޝްހަރު ހުރީ ބައްޕައޮތް އެނދުގެ ބޯލާކޮޅުގައި އިސްދަށަށް ޖަހާލައިގެންނެވެ. އަޝްހަރުގެ ލޮލުން ފާއްދަމުންދިޔަ ކަރުނަތައް ލޮލުތެރެއަށް ގިނަވެ އޮހިގަތެވެ. އެމަންޒަރު ބައްޕައަށް ނުދެއްކުމަށްޓަކައި އަޝްހަރު ، ފުރަގަހަށް އެނބުރިލިއެވެ. އެވަގުތު ހޮސްޕިޓަލުގައި ހުރީ އަޝްހަރު އެކަންޏެވެ. ހެނދުނު ވީތަނާ ޚައިރާދު އައިމަ ، ފަރީދާ ދިޔައީ ނިދައިލުމަށްޓަކައި ގެޔަށެވެ. މެންދުރެއްހާ އިރު ، އަޝްްހަރު އައިތަނުން ، ޚައިރާދު ދިޔައީ ، ފެންވަރައިލުމަށްޓަކައި ގެޔަށެވެ. ބައްޕަޔަށް ކާއެއްޗެއް ހަދައިގެން އިރުކޮޅަކުން ޚައިރާދު އަންނާނެއެވެ.

" ދަރިފުޅާއެވެ ! ބައްޕަ ދުނިޔޭގައި ދެން ހުންނާނީ ކިހާދުވަހަކުކަމެއް ނޭނގެއެވެ. ބައްޕަ ކުއްލިޔަކަށް ދުނިޔެދޫކޮށްލަން ޖެހޭފަދަ ޙާލަތެއް މެދުވެރިވުމުގެ ކުރިން ، ދަރިފުޅަށް ކުރަންވެފައި އޮތް ވަޞިއްޔަތެއް އެބައޮތެވެ. " ބަޝީރަތު ، އަޝްހަރާ މުޚާތަބުކޮށް ބުނަމުން ގެންދިޔައެވެ.

" އަޝްހަރުގެ މަންމައާއި ޚައިރާދު މިތާ އުޅެނިކޮށް ބައްޕަޔަށް މިވާހަކައެއް ނުދެއްކޭނެއެވެ. އަދި ، އަޝްހަރު އެކަނި ހުއްޓާ މިވާހަކަ ދައްކާލަން ފުރުޞަތު ލިބޭނީވެސް ވަރަށް އުނދަގުލުންނެވެ. ބައްޕަ މިދައްކާ ވާހަކަ ނިކަން ވިސްނުންތެރިކަމާއެކު ކަނުލައި އަހާށެވެ ! " ބަޝީރަތަށް ލިބެމުންދާ އުނދަގުލުގެ ތެރެއިން މަޑުމަޑުން ވާހަކަ ދައްކަމުން ގެންދިޔައެވެ.

" ދަރިފުޅާއެވެ ! މަރަކީ ކޮންމެ އިންސާނަކާވެސް ، ކޮންމެވެސް އެއްދުވަހަކުން ބައްދަލުކުރާނެ އެއްޗެކެވެ. މިއަދު ނޫނިއްޔާ މާދަމާ އިންސާނާގެ ކުރިމައްޗަށް މަރު އަންނާނެއެވެ. ބައްޕަ ، މިދުނިޔެއިން ވަކިވުމަށްފަހު ބައްޕަގެ ބަދަލުގައި ، ބައްޕަގެ ޖާގައިގާ ހުންނާނީ އަޝްހަރެވެ. ގޭގައިވެސް އަދި ވިޔަފާރީގައިވެސް ، އެންމެ އިސްމީހަކަށް ހުންނާނީ އަޝްހަރެވެ. ބައްޕަގެ ލަފަޔާއި މަޝްވަރާ ނެތި ވަރަށް ބޮޑެތި މައްސަލަތައް އަމިއްލަޔަށް ނިންމަން ޖެހޭނެއެވެ. ހެޔޮލަފާ ދަރިއެއްގެ ދައުރު އަދާކުރަން ޖެހޭނެއެވެ. އޯގާތެރި ފިރިއެއްގެ ވާޖިބު އަދާކުރަން ޖެހޭނެއެވެ. " ބަޝީރަތުގެ އަޑު މަޑުވަމުން ދިޔައެވެ. އެހެނަސް މެދުނުކެނޑި ވާހަކަ ދައްކަމުން ގެންދިޔައެވެ.

" ދަރިފުޅާއެވެ ! ޚައިރާދު ރަނގަޅަށް ބަލައްޗެވެ. އޭނާއަށް އިހާނެތިކޮށް ނުހިތައްޗެވެ. ދެރައެއް ނުދެއްޗެވެ. ބައްޕަ ކަށްވަޅުގައި އޮވެ ، އެކަމަކާ ހިތާމަކުރަން އޮންނާނެ ހަމައެކަނި ކަމަކީ ، ޚައިރާދަށް ލިބޭ ނިކަމެތި ކަމެވެ. ދަރިފުޅުގެ ފަރާތުން އެފަދަކަމެއް ޚައިރާދަށް ކުރިމަތިނުވާނެކަމުގައި ބައްޕަހީކުރަމެވެ. " ބަޝީރަތުގެ އަތުގައި އަޝްހަރު ހިފައިލާ  ފިރުމާލިއެވެ.

" ޚައިރާދަކީ ވަރަށް މަޢުޞޫމު ކުއްޖެކެވެ. ވަރަށް ހިތްސާފު ޚުލްޤު ހެޔޮ ކުއްޖެކެވެ. ދުނިޔެ ހިނގާގޮތާއި ދިރިއުޅުމުގެ އެއްވެސް ކަމެއް ޚައިރާދަށް އަދި ތަކުރިބާ ކުރެވިފައެއް ނުވެއެވެ. އެއީ ދުނިޔެއަށް އާ ކުއްޖެކެވެ. އަޝްހަރުތިއީ ، ފުރާ ފުރިހަމަވެފައިހުރި ކުއްޖެކެވެ. ދިރިއުޅުމުގައި ދިމާވާ ދަތިދުވަސްތަކުގައި ޚައިރާދުގެ އަތުން ދޫކޮށްނުލައި ، ޙަޔާތުގެ ދަތުރު އަމާންކުރުމަށް އަޝްހަރު އަމާޒު ހިފާށެވެ. މަޑުމަޑުން ގޮސް ، ޚައިރާދަށްވެސް ކަންކަން ދަސްވަމުން ދާނެއެވެ. ދުނިޔޭގައި އުޅެންވީގޮތެއް ، ޚައިރާދަކަށް އަދި ދަހެއް ނުވާނެއެވެ. ދިރިއުޅުމުގައި ޚައިރާދަށް ގޯހެއް ހެދުނުނަމަވެސް ، ކެތްތެރިކަމާއެކު ، އޭނާއަށް މަޢާފު ކުރާށެވެ. އަހަރެންގެ ދައްތަގެ މަރުމަތީގައި އެދައްތަޔަށް ވަޢުދެއްވީމެވެ. އެއީ ، އަހަރެންގެ ދަރިފުޅަކީ ، ދައްތަގެ ދަރިފުޅު އުފަލުގައި ބަހައްޓާނެމީހަކަށްވާނެ ކަމުގައެވެ. " ބަޝީރަތު ބުންޏެވެ.

އަޝްހަރުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ. އަދި ނޭފަތް ދަމައިލުމަށްފަހު ، ބައްޕައާ މުޚާތަބު ކުރިއެވެ.

" ޚައިރާދު އެއީ ، އަހަރެންގެ އަނބިމީހާއެވެ. އަހަރެން ، ޚައިރާދަށް ދެރަގޮތެއް ނުހަދާނަމެވެ. " އަޝްހަރު ބުންޏެވެ.

އަޝްހަރަށް ފުރިހަމަޔަށް އިތުބާރު ކުރެވޭކަމުގައި ބަޝީރަތު ބުންޏެވެ. ބަޝީރަތުގެ އެވާހަކަ ތަކަކީ ، އޭނާގެ އެންމެ ފަހުގެ ނަޞޭޙަތްކަމަށްވެސް ވެދާނެއެވެ. އެހެންކަމުން ، ވަރަށް ވިސްނުންތެރިކަމާއެކު ، އެކަންކަން ހަނދާނުގައި ބެހެއްޓުމަށް ބަޝީރަތު އެދުނެވެ. އެ ވަޞިއްޔަތް ހަނދާނުން ފިލައިދާނެ އެއްވެސް ކަމެއް ނުކުރުމަށް އަޝްހަރުގެ ކިބައިން ، ބަޝީރަތު އެދުނެވެ. ދުނިޔޭގެ ކެހިވެރި ހެއްލުންތަކުގެ ތެރެއިން ކަމަށްވިޔަސް ، އަދި އެހެން އިންސާނެއްގެ ފަރާތުން ފޯރާ ނުފޫޒަކުންކަމަށްވިޔަސް ، ޚައިރާދަށް ގެއްލުމެއްލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ، އަޝްހަރު ލައްވާ ޢަހުދު ކަށަވަރު ކުރިއެވެ. ބަޝީރަތުގެ ވާހަކަ އަދި ނުނިމެއެވެ.

ބަޝީރަތުގެ އެންމެބޮޑު ކަންބޮޑުވުމަކީ ، ޚައިރާދުގެ ހިތް ސާފުވެފައި އެއްވެސް މީހަކާ ދޭތެރޭ ގޯސްކޮށް ނުހިތުމާއި ، ޚައިރާދަށް އެހެންމީހަކު ގޯސްކޮށް ކަމެއް ކުރިޔަސް އެކަން ނޭނގުމާއި ، މިހުރިހާ ކަންކަމަކުން ، ޚައިރާދުގެ ހަށިގަނޑުގައި އުފެދިފައިވާ ޚުލްޤު ހެޔޮ މަޢުޞޫމިއްޔަތުގެ ނާޖާއިޒް ފައިދާ އެހެންމީހުން ނަގާފާނެތީއެވެ. ޚައިރާދަށް އެނގުމަކާނުލައި ، ޚައިރާދު ލައްވާ ގޯހެއް ހެދުމަކީ ކެހިވެރި ސިކުނޑިޔަކަށް އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ބަޝީރަތުގެ އެދުމަކީ ، ދުނިޔޭގައި ދިރިއުޅޭނެގޮތް ، އަޝްހަރު ، ޚައިރާދަށް ދަސްކޮށްދިނުމަށެވެ. މަކަރުވެރިންގެ ކެހިވެރި ރޭވުންތަކުން ސަލާމަތްވެގެން ދުނިޔޭގައި އުޅޭކަށް ، ޚައިރާދަކަށް އަދި ނޭނގޭނެއެވެ. އެ އުކުޅުތަކާއި ހުނަރު ޚައިރާދަށް ދަސްކޮށްދިނުމަކީ ، އަޝްހަރުގެ ޒިންމާއެކެވެ. އަޝްހަރާއި ޚައިރާދުގެ ދިރިއުޅުމުގެ އުފާވެރިކަން ދުށުމަކީ ބަޝީރަތުގެ ވަރަށްބޮޑު އުއްމީދެކެވެ.

" ޚައިރާދާއި އަޝްހަރުގެ ދިރިއުޅުމުގައި ، ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ދަރިން ދެއްވައިފިނަމަ ، އެދަރިފުޅަށް އިންތިހާއަށް ލޯބި ދެއްޗެވެ. އެދަރިފުޅަށް އެއްވެސްކަމެއް އުނިވިޔަ ނުދެއްޗެވެ. އަދި އެސޮރުގެ ކާފަ އެސޮރުދެކެ ވަރަށް ލޯބިވާ ވާހަކަވެސް ބުނެދެއްޗެވެ.

ކުއްލިޔަކަށް އަޝްހަރަށް ހޭލެވުނީ ބައްޕަގެ ހަމަހިމޭންކަން ނޯޓިސް ކުރެވިގެންނެވެ. އެއީ އެރޭގެ މެންދަމުގެ ވަގުތެވެ. ތެދުވެގެންއައިސް ބަލައިލިއިރު ، ބަޝީރަތުގެ ފުރާނައެއް ނެތެވެ. މަންމައާއި ޚައިރާދަށް ފޯނުކުރުމަށް ، އަޝްހަރު އަވަސްވެގަތެވެ. އެދެމައިންވެސް ، ކުޑައިރުކޮޅެއްގެ ތެރޭގައި ހޮސްޕިޓަލަށް އައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.