މާލެ ސިޓީގެ ހުރިހާ މަސައްކަތެއް އެއް ޕްލެޓްފޯމަކުން ފަސޭހައިން ހޯދާލެވޭގޮތަށް މުޅި މާލެ ސިޓީގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ގޭގައި ތިބެގެން ޚިދުމަތްތައް ހޯދުމަށް މަގު ފަހިކޮށްދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ފަށާފައިވާ "ޑިޖިޓަލް މާލެ" މަޝްރޫޢުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން ޑޮކިއުމެންޓްތައް ސްކޭން ކުރުމުގެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް މިހާރު ވަނީ ނިންމާލެވިފައެވެ.
"ޑިޖިޓަލް މާލެ" ޝިއާރުގެ ދަށުން މާލެ ސިޓީ ކައުންސިލުން ވަނީ ވައިޓަލް ރަޖިސްޓްރޭޝަން ޑިޕާޓްމެންޓް، ލޭންޑް ޑިޕާޓްމެންޓް، ޕްރޮކިއުމެންޓް ޑިޕާޓްމެންޓް އަދި ހިއުމަން ރިސޯސް ( އެޗްއާރް ) ޑިޕާޓްމެންޓު އަދި އާންމު ޚިދުމަތާއި ބެހޭ ޑިޕާޓްމެންޓުން ވަނީ ސްކޭން ކުރުމުގެ ބޮޑު ބައެއް ނިންމާލާފައެވެ.
ވައިޓަލް ރެޖިސްޓްރޭޝަނުން ވަނީ 2 ވައްތަރެއްގެ ޑޮކިއުމެންޓެއް ސްކޭންކޮށްފައެވެ. އެއީ މާލޭގެ ރަށްވެއްސަކަށް ވުމުގެ ސެޓްފިކެޓާއި އަލަށް އުފަންވާ ކުދިންގެ ނަން ރަޖިސްޓްރީއެވެ. މާލޭގެ ރަށްވެއްސަކަށް ވުމުގެ ސެޓްފިކެޓް ވަނީ 2016 އިން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް އެއްކޮށް ނިންމާލާފައެވެ. އަދި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަލަށް އުފަންވާ ކުދިންގެ ނަން ރަޖިސްޓްރީ ކުރި ހުރިހާ ލިޔެކިއުމެއް ވަނީ ސްކޭންކޮށް ނިންމާފައެވެ.
ލޭންޑް ޑިޕާޓްމެންޓުން ވަނީ 3 ވައްތަރެއްގެ ލިޔެކިއުންތަކެއް ސްކޭންކޮށްފައެވެ. އެއީ ވަކިކަމަކަށް އިމާރާތް ބޭނުން ކުރުމުގެ ހުއްދަ 2016 އިން ފެށިގެން 2022 ހަމައަށް ވަނީ ސްކޭންކޮށް ނިންމާފައެވެ. 2019 ވަނަ އަހަރުގެ ވެހިކަލް ގަރާޖް ރަޖިސްޓްރޭޝަން އެއްކޮށް އަދި މާލެ ސިޓީގައި އިމާރާތް ކުރުމުގެ ހުއްދަ ވަނީ ސްކޭންކޮށް ނިންމާފައެވެ.
އާންމު ޚިދުމަތާއި ބެހޭ ޑިޕާޓްމެންޓުން ވަނީ 4 ވައްތަރެއްގެ ލިޔެކިއުމެއް ސްކޭންކޮށް ނިންމާފައެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް މަގުމަތީގައި މަސައްކަތް ކުރުމުގެ ހުއްދައާއި ބޯޑު ދޫކުރި ކަމުގެ ލިޔުންތައް އެއްކޮށް ވަނީ ސްކޭންކޮށް ނިންމާފައެވެ. އަދި ހަމަ އެ މުއްދަތުގައި ބިލް ކުރާ ގޮތައް ދޫކުރާ ފޯމްތަކުގެ 95 އިންސައްތަ ވަނީ ސްކޭންކޮށް ނިންމާލެވިފައެވެ. އެ ޑިޕާޓްމެންޓުން ވަނީ 2016 ވަނަ އަހަރުން 2023 ވަނަ އަހަރަށް މަގުމަތީގައި މަސައްކަތް ކުރުމުގެ ފައިސާގެ ރަސީދުގެ 70% އަދި ބިތްގަނޑު ފޯމުގެ 80 ސްކޭންކޮށްފައެވެ.
ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ލިޔެކިޔުންތަކުގެ 85% އަދި އެޗްއާރް ޑިޕާޓްމެންޓްގެ ހުރިހާ ލިޔެކިޔުންތައް ވަނީ ސްކޭންކޮށް ނިންމާފައެވެ.
"ޑިޖިޓަލް މާލެ" ޝިއާރުގެ ދަށުން 82900 ލިޔެކުން ވަނީ ސްކޭން ކުރެވިފައެވެ. އެއީ 981000 ސަފްހާއެވެ.
"ޑިޖިޓަލް މާލެ" މަޝްރޫޢުއަކީ މާލެސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އެކުލަވާލި ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއް އަމާޒެވެ.