ކިރުއިލޮށި - 19

(27 މާރިޗު 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

" އަހަރެންގެ އަންހެނުން ފަތިހު ހޭލައިގެން އުޅޭއިރު ، އަހަރެން ނިދާފައި އޮންނާނީ ކިހިނެއް ހެއްޔެވެ ؟ " އަޝްހަރު ބުނެލިއެވެ.

އަޝްހަރު އެބުނި އެއްޗަކުން ، ޚައިރާދުގެ މޫނުމައްޗަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ. ބަންދު ދުވަހެއްކަމަކު ، މިއަދު އޮތީ ކޮން ޕްރޮގްރާމެއްތޯ ބަޝީރަތު ، އަޝްހަރުކުރެން އެހިއެވެ. ޚާއްޞަކަމެއް ނެތިއްޔާ ދެބަފައިން ރާޒުވާ ގަނޑެއް ޖަހާލަމާހޭ ބަޝީރަތު ބުންޏެވެ. އަދި ނާސްތާއަށްފަހު ، ރާޒުވާކުޅޭތަނަށް ސައި ގެންދަން ޚައިރާދުގާތު ބުންޏެވެ.

އަޝްހަރާއި ބަޝީރަތު ، ރާޒުވާ ކުޅެން އިންތަނަށް ސައިހިފައިގެން ޚައިރާދު ދެއެވެ. ސައިތަށި ކައިރިޔަށް ގެނެސްދީފަ ، އޭނާގާތު އިށީނދެލުމަށް ، ޚައިރާދުގާތު ބަޝީރަތު ބުންޏެވެ. އެއީ އަޝްހަރު ބަލިކޮށްލާތަން ޚައިރާދަށް ދައްކައިލުމަށްޓަކައެވެ. އަޝްހަރުގެ ބަސް ކަނޑުވައިލީ ފަރީދާއެވެ. އެތަނަށް ނުގޮސް ފަރީދާ ގާތު އިށީނުމަށް ފަރީދާ ބުންޏެވެ. ޚައިރާދު ، ކިޔަމަންތެރިކަމާއެކު ، އާނއެކޭ މަންމާއޭ ބުނިއަޑު ބަޝީރަތަށް އިވި ޙައިރާން ވިއެވެ. އަދި މަންމާއޭ ހެއްޔޭ އެހިއެވެ. އެސުއާލަށް ޖަވާބުދިނީ ފަރީދާއެވެ.

" އާނއެކެވެ. އަހަރެންނަށް މަންމަ ކިޔަން ޚައިރާދަށް ދަސްކޮށްދިނީ އަހަރެންނެވެ. މައްސަލަޔަކީ ކޮބައި ހެއްޔެވެ ؟ ބަޝީރަތަށް ބޭބޭއޭ ކިޔަސް ، އަހަރެންގެ ޅީދަރިފުޅު ، އަހަރެންނަށް މަންމާއޭ ބުނެ މުޚާތަބު ކުރުމަކީ ، އަހަރެން އަބަދުވެސް އެދޭ ކަމެކެވެ. " ފަރީދާ ބުންޏެވެ. އެވަގުތު ، އަޝްހަރާއި ބަޝީރަތު ޙާއިރާންކަމާއެކު ، ފަރީދާއާއި ޚައިރާދާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ.

އަޝްހަރު ކުޅެންޖެހި ، ކުޅޭނެ ކުޅިއެއް ނޭނގިފައި އިނދެ ، ވަށްކަޅިއަކުން ޚައިރާދާ ދިމާއަށް ބަލައިލައި ކުޅިއެއް ކުޅުމަށް ހިތުގައި އޮތްގޮތުގެ އިޝަރާތެއް ، ޚައިރާދަށް ދިނެވެ. ޚައިރާދު ، އެކުޅި އެގޮތަށް ނުކުޅުމަށް އިޝާރާތް ކުރިއެވެ. ދެންވެސް އަޝްހަރު ކުޅެން އުޅުނު ކުޅިގެންދަން އުޅުނު ގޮޅިއާމެދު ޚައިރާދު އެއްބަހެއް ނޫނެވެ. ތިންވަނަ ފަހަރު ، އަޝްހަރު އަތްލިކުޅިއާއި އެކުޅި ގެންދަން އަޝްހަރު ނިތުން ބުނިގޮތް ރަނގަޅުކަމަށް ޚައިރާދު އިޝާރާތް ކުރިއެވެ. އެކުޅި ކުޅުމުން ، ބަޝީރަތު ދަށްވާ އަތަށް އެޅިއެވެ. އެހެންނަމަވެސް ދެރަނުވާންވެގެން ބަޝީރަތު ކުޅުނެވެ. ޚައިރާދުގެ އިޝާރާތަށް ވަށްކަޅިން ބަލައިލުމުން ، ބޮނދުބުޑަށް ސައިކިއުމަށް ޚައިރާދު އިޝާރާތް ކުރިއެވެ. އެކުޅި ، އަޝްހަރަށް ވިސްނައިގަނެވުނީ އިރުކޮޅެއް ފަހުންނެވެ. ސައިކިއުމަށްފަހު ، ނުމޮށޭ ގުރާ ބާރަށް ދައިގަންނާނޭ ބުނެ ، ކައިރާދާ ދިމާއަށް ބަލައިލާ ހީލިއެވެ.

ބަޝީރަތު ރާޒުވާ ގަނޑުން ބަލިވުމުން ، އެނާ މިއަދު ބަލިވެ އުޅޭތީ ވީ ގޮތެއްކަމަށް ބުނެ ބަޝީރަތު ސަމާސާ ކޮށްލިއެވެ. ބަޝީރަތު ބަލިކޮށްލުމުގައި ޚައިރާދު ، އަޝްހަރަށް އެހީވެދިންކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ.  ޚައިރާދުގެ ހޭލުންތެރިކަމާއި ކުޅަދާނަކަމުގެ ހެކިތަކާއި ، ބުއްދީގެ ފުރިހަމަކަން ، އަޝްހަރުގެ ކުރިމަތީ ނިއުޅެމުން ހާމަވަމުން ދިޔައެވެ. އަޝްހަރު ކޮޓަރިތެރޭ އުޅެނިކޮށް ، އޮފީހުގެ މުއައްޒަފަކު ގުޅައިގެން ދެއްކި ވާހަކައެއްގައި ހިސާބު ޖަހަން ޖެހޭޙާލަތެއް ދިމާވިއެވެ. ދޮޅުމިލިއަން ޖެހުނީ ، ނުވަސަތޭކަ ފަންސާސް ހާހާ ގުނަކުރާށެވެ. އަޝްހަރު ގެންގުޅޭ ކަލްކިއުލޭޓަރ ހޯދަމުން ދަނިކޮށް ،  ދެއެއް ޕޮއިންޓް ތިނެއް އަށެއް މިލިއަން އޭ ބުނެ ޚައިރާދު ، އެހިސާބު ޖަހައިދިނެވެ. ޢަޝްހަރަށް ލިބުނު ޙައިރާންކަމުގައި ، ބުނާނެ އެއްޗެއްނޭނގި ހުއްޓެވެ. އަދި އެނދުމަތީ އޮށޯވެލައިގެން އޮތް ޚައިރާދުގާތަށް އެނދުމައްޗަށް ވެއްޓިގަތެވެ.

ކިޔަވާކުދިން ސްކޫލުން ނުކުންނައިރު ، ހަނދާން ހުންނަނީ އެންމެ ބޮޑުވަރަކަށް ، ދެއަކުރުގެ އަދަދުން ގުނަކުރަން އެކަންޏެވެ. އެކަމަކު ޚައިރާދު އެ ގުނަކޮށްލީ ހައަކުރުންނެވެ. ތަޢުރީފު ނުކުރާވަރެއް ނޫނޭ ބުނެ ، އަޝްހަރު ، ޚައިރާދަށް ތަޢާރުފް ކުރިއެވެ. އަދި ޚައިރާދުގެ ތަޢުލީމީ ޙަޔާތުން ކުޑަ ތަންކޮޅެއް އަޝްހަރު ސާފުކޮށްލިއެވެ.

ޚައިރާދުގެ ބައްޕަޔަކީ މެތްސް ޓީޗަރެކެވެ. ބައްޕަގެ ފަރާތުން ހިސާބާބެހޭ ޢިލްމުގެ މުހިންމު ބައިތައް ، ޚައިރާދުހުރީ ދަސްކޮށްފައެވެ. މެތްސް އިން އަބަދުވެސް ، ޚައިރާދު ، ފުލްމާރކްސް ހޯދައެވެ. ހައިދަރުއާބާދުގައި ޚައިރާދު ކިޔެވީ ކޮންއެއްޗެއްތޯ އަޝްހަރު ސުއާލު ކުރިއެވެ. މަންމަ ބަލިވުމާ ހަމަޔަށް ޚައިރާދު އައީ ފުރަތަމަ ޑިގްރީއަށް ކިޔަވަމުންނެވެ. އެއްއަހަރު ވަންދެން ޚައިރާދު ވަނީ ފުރަތަމަ ޑިގްރީއަށް ކިޔަވާފައެވެ. އޭނާ ކިޔެވި މާއްދާތަކަކީ ، މެތްސް އާއި ސްޓެޓިސްޓިކްސް އަދި ފިޒިކްސް އެވެ.

މެތްސް އިން އިތުރަށް ކިޔަވަން ޚައިރާދު ނުވިސްނީ ކީއްވެތޯ އަޝްހަރު ސުއާލު ކުރިއެވެ. ޚައިރާދުވަނީ އެކަމަށްވެސް ވިސްނާފައެވެ. އެޕްލައިޑް މެތްސް އިން މާސްޓަރސް އަށް ކިޔެވުމަކީ ޚައިރާދު ވަރަށް ބޭނުންވި ކަމެކެވެ. ކުއްލިޔަކަށް މަންމަގެ ޙާލަތު ގޯސްވެގެން ، ޚައިރާދުގެ ކިޔެވުން މެދުކަނޑައިލަން ޖެހުނީއެވެ. ފައިނަލް އަހަރު ،  ރަނގަޅަށް ނުކިޔެވިގެން ފެއިލްވެދާނެތީ ކޯސް ޑިފަރ ކުރީއެވެ.

" ޚައިރާދު ބޭނުންނަމަ ، ކިޔެވުން އަލުން ފަށައިގެން ކުރިޔަށް ގެންދެވިދާނެއެވެ. އަހަރެންނަށް ފެންނަނީ ، އެޕްލައިޑް މެތްސް އިން މާސްޓަރސް އިން ފަށާށެވެ. " އަޝްހަރު ބުންޏެވެ.

ޚައިރާދަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ނޭނގި ޙައިރާންކަމާއެކު ، އަޝްހަރާދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ޚައިރާދަށް ލިބުނު އުފާވެރިކަން އިންތިހާއެވެ. އެއީ އޭނާ އެއްވެސް ގޮތަކަށް އުއްމީދުކުރިފަދަ ކުރިއެރުމެއްނޫނެވެ. ޚައިރާދާއި އަޝްހަރުގެ ގުޅުން ، އުފެދި ކުރިއަރަމުން އެދަނީ ހަމަ ، ކުއްލި ކުއްލިއަށެވެ. ކުރިން ރެއަކާނުލައި ، އާދަޔާ ޚިލާފު ކަންތައްތަކެއްގެ ތެރެއިންލާފައެވެ.

އެދުވަހު ހަވީރު އަޝްހަރު ގެޔަށް އައުމާއެކު ކުރިމަތިވީވެސް އެހެންޏާ ނުވާކަމެކެވެ. ޚައިރާދާ ދިމާވުމާއެކު ، ޚައިރާދު ބުނި ސަލާމް ބަލައިގަތުމަށްފަހު ، އެނާގެ އަތުގައި ހިފައި ބޭރަށް ދާން ނިންމިއެވެ. ޚައިރާދު އެކަން މަނާކުރިއެވެ. އޮފީހުން އައިސް ގެޔަށް ވަންނަތަނުން ، ބޭރަށްދާނީ ކިހިނެއް ހެއްޔެވެ ؟ އަޝްހަރު ހުންނާނީ ވަރުބަލިވެފައި ކަމުގައި ޚާއިރާދު ބުންޏެވެ.

ކުއްލިޔަކަށް އެއައީ ސާރާގެ ފޯނެކެވެ. އަޝްހަރު އެގެޔަށް އައިސްދިނުމަށް ސާރާ ، ރޮމުން ރޮމުން އެދެމުން ގެންދިޔައެވެ. އޭނާގެ ރަޙުމަތްތެރިޔާގެ ބޭނުން އޭނާއަށް ޖެހިފައިވާކަމުގައި ސާރާ ބުނެ ، ގިސްލައި ރޮމުން ގެންދިޔައެވެ. އަޝްހަރަށް ހަދާނެގޮތް ބޮޑުވިއެވެ. ޚައިރާދު ގާތު ، ފަހުން ދާނީއޭ ތިމަންނަ އެބަ އަންނަމޭ ބުނެ އަވަސް އަރުވާލާފައި އަޝްހަރު ގެއިން ނުކުތެވެ.

ސާރާއަކީ އަޝްހަރާއި ޚައިރާދާ ދެމެދަށް އެޅޭ ހުރަހެއްކަމެއް ޚައިރާދަކަށް ނޭނގެއެވެ. އެހެންނަމަވެސް ، އެއީ ވިސްނައިލަންޖެހޭ ކަމެއްކަމުގައި ޚައިރާދަށް މިހާރު އެބަ ޤަބޫލު ކުރެވެއެވެ.

ސާރާ ރޮއެ އާދޭސްކުރަންފެށީމަ ، އަޝްހަރު އެގެޔަށް ދިޔައެވެ. ސާރާ އެކަނި ، ރޯން އިނެވެ. އޭނާ ރޮނީ ، އޭނާގެ މަންމަ އޭނާ މީހަކާ ދެވަން އުޅޭތީއެވެ. އޭނާއާ ދެވަން މީހަކު ގެންނަނީ ކޮންތާކުން ، ކިހިނެއްކަމެއް ސާރާއަކަށް ނޭނގެއެވެ. އެކަމާ ބެހޭގޮތުން ، ދެމައިންގެ މެދުގައި މިއަދު އެތިބީ ވަރަށް ޒުވާބު ކޮށްފައެވެ. އަޝްހަރުވެސް ޤަބޫލުކުރާގޮތުގައި ، ސާރާ މީހަކާ އިންނަން ޖެހޭނެއެވެ. ޒަރީނާ ދައްތަ އެދައްކަނީ ރަނގަޅު ވާހަކަ އެކެވެ. މީހަކާ ނުއިނދެ ، ސާރާގެ މުޅި ޢުމުރު ދުއްވައެއް ނުލެވޭނެއެވެ. އަޝްހަރުވެސް އެހުރީ މިހާރު މީހަކާ އިނދެގެންނެވެ. ޚައިރާދާ އޭނާގެ ކައިވެނި ކުރެވުނުއިރު ، އެކައިވެނި އަޝްހަރު ޤަބޫލެއް ނުކުރެ އެވެ. މިހާރު އެކަމަކު ، އޭނާ އެއަންނަނީ އެކައިވެންޏަށް ހޭނެމުންނެވެ. ޙާލަތަށް ފެތި ، ދިރިއުޅުމެއްގެ އުއްމީދު އާ ކުރަމުންނެވެ. ސާރާ މީހަކާ އިންނަން ޖެހޭކަމަކަށް ސާރާ ޤަބޫލެއް ނުކުރެއެވެ. އަޝްހަރުގެ ކައިވެންޏާއި ސާރާ މީހަކާ އިނުމަކީ އުޑާއި ބިމާހާ ތަފާތު ދެކަމެއްކަމަށް ސާރާ ދެކެއެވެ. ސާރާއާ ދޭތެރޭ އަޝްހަރު އެއްވެސް ވަރަކަށް ނުވިސްނާ އޮވެދާނެއެވެ. އެކަމަކު ސާރާ ، އަޝްހަރު ނޫން އެހެން މީހަކާ ދޭތެރޭ ލޯބީގެ ނަޒަރަކުން ވިސްނާފައެއް ނުވެއެވެ. އަޝްހަރު ދެކެ ލޯބިވީ ސާރާއެވެ. އަޝްހަރެއް ސާރާދެކެ ލޯތްބެއް ނުވެއެވެ.

ކޮންމެ ގޮތެއްވިޔަސް ، އަޝްހަރު މިހާރު އެހުރީ މީހަކާ އިނދެގެންނެވެ. ސާރާއަކަށް ދެން އެހެންގޮތެއް ނެތެވެ. ސާރާވަނީ ، އަޝްހަރުގެ ކައިވެނިވެސް ޤަބޫލުކޮށްފައެވެ. އެހެނަސް ، އަޝްހަރާއެކު ، ސާރާ އުފެއްދުމަށް ހިތްއެދުނު ގުޅުން އެހެންމީހަކާ އެކުގައި ނުއުފެއްދޭނެކަން ސާރާއަށް އެނގެއެވެ. އަޝްހަރުދެކެ ލޯބިވާއިރު ، އެހެންމީހަކާ އިނދެގެން އުޅުމަކީ ސާރާއަށް ކުރެވޭނެކަމެއް ނޫންކަމަށް ސާރާ ބުނެއެވެ. އަޝްހަރު ، ސާރާގެ ވާހަކަ އަޑުއަހަން ، ޙައިރާންކަމާއެކު ދުރުގައި ކޮޅަށް ހުރެ ، ވާހަކަ ދައްކަމުން ގެންދިޔައެވެ.

އެއީ ސާރާގެ ހިތުގައި އަޝްހަރާދޭތެރޭ އުފެދިފައިވާ އިޙްސާސެކެވެ. އެއީ އެތައްދުވަހެއްގެ ކުރިން އެޅުނު ބިންގަލެއްގެ މަތީ ، އުފެދި ބޮޑުވަމުންދިޔަ ހުވަފެނީ ޢާލަމެކެވެ. އަޝްހަރަށް ނޭނގުނުނަމަވެސް ، ސާރާގެ ހިތް އަބަދުވެސް ގެންގުޅުނީ އަޝްހަރަށް ދީގެންނެވެ. އެ އިޙްސާސްތައް އެއީ އެއްދުވަހަކުން ، ދެދުވަހަކުން ، ކުއްލިޔަކަށް ހިތުން ފިލުވައިލެވޭނެ އެއްޗެއްނޫނެވެ. އެ އިޙްސާސްތައް ސާރާގެ ހިތުން ނެރެލުމަށް ވަގުތު ބޭނުންވާނެއެވެ. އެކަމަކު ، ޒަރީނާ ބޭނުންވަނީ ، މީހަކާ ނީނދެހުރެ ، ސާރާގެ ޢުމުރު މަތިނުވަނިސް ، ޒުވާޏްކަމުގައި ހުއްޓައި ސާރާ މީހަކާ ދެވުމަށެވެ. ޒަރީނާ ދައްތަ ކުރާ ކަމެއް އެކުރަނީ ، ސާރާގެ ހެވާއި ލާބަޔަށްޓަކައިކަން ، އަޝްހަރު ، ސާރާއަށް ވިސްނައިދިނެވެ. އެހެންނަމަވެސް ، ސާރާގެ ވިސްނުމުގައި ، ސާރާއެހަދަނީ ގޯހެއްތޯ އަޝްހަރާ ސުއާލު ކުރިއެވެ. އަޝްހަރުގެ ޖަވާބަކަށްވީ ، ސާރާއަށް ވަގުތު ބޭނުންވާނެ ކަމެވެ. އެއީ ސާރާގެ އަމިއްލަ ދުނިޔެއެވެ. ސާރާގެ އަމިއްލަ ނިންމުމެވެ. ސާރާގެ ދިރިއުޅުމާމެދު ގޮތެއް ނިންމުމުގެ ޙައްޤު ސާރާއަށް ލިބެން ޖެހޭނެކަމުގައި އަޝްހަރު ބުންޏެވެ.

ސާރާގެ ބޭނުމަކީ ، ރަޙުމަތްތެރިކަމުގެ މަޅިފަތީގައި ޖަހާފައިވާ ޙީލަތްތެރި ކިރުއިލޮށިތަކުގައި އަޝްހަރު ޖައްސައި ، ސާރާގެ މުށުތެރޭގައި އަޝްހަރު ގެންގުޅުމެވެ. އަދި ނުޙައްޤު ނަމަވެސް ، އޭނާ އަމިއްލަޔަށް އާބާދުކުރާ ލޯބީގެ ދުނިޔެއެއްގައި އަޝްހަރާއެކު އުފާ ޙާޞިލް ކުރުމެވެ. ޚައިރާދަށްވުރެ ގިނަވަގުތު އަޝްހާރާއެކު ހޭދަކޮށް ، އަޝްހަރުގެ ހިތް ސާރާގެ މައްޗަށް ލަންބުވައި ، ޚައިރާދުގެކޮޅަށް ބަރުނުވާނެ އުކުޅުތައް ރޭވުމެވެ. ވަޒީފާގެ މާޙައުލުގައި އަޝްހަރާއެކު އުޅެވޭ ގައިގޯޅިވުންތަކުން ، އަޝްހަރުގެ ހަށިގަނޑުން ދުވާ މީރުވަސް ސިއްރުން ބެލުމެވެ. ރައްޓެއްސެއްގެ ޙައިޞިއްޔަތުން ، ހަމްދަރުދީގެ ނަޒަރުން އަޝްހަރު ، ސާރާގައިގާ ޖަހާލާ ޖަހައިލުމާއި ބަހައްޓާ ގާތްކަން ، އެހެން ނަޒަރިއްޔާއަކުން ބަލައިގަނެ ، ސިއްރު ސިއްރުން ، ވަގުވަގަށް ، އޭގެ ނާޖާއިޒް ފައިދާ ޙާޞިލްކޮށް ، ސާރާގެ ހިތަށް ބޭނުންވާ އުފަލާއި އަރާމު ، އަޝްހަރަށް ނާންގައި ހޯދައިގަތުމެވެ. އަޝްހަރުގެ ފަރާތުން އެލިބޭ ރަޙުމަތްތެރިކަމުގެ ކުލުނާއި ލޯބި ، އިތުރަށް އޮމާންކޮށް ، ކުލަބަދަލުކުރުމަށްފަހު ، ސިއްރުން އެހޯދައިގަންނަ އިޙްސާސަކީ ، ޢިޝްޤުން ފުރިގެންވާ ލޯބީގެ އިޙްސާސަކަށް ބަދަލުކޮށްގެން ، ސާރާގެ ހިތް އުފާ ކުރުމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.