ރައްޔިތުން ކެތްމަދުވެ އެހެންމަގުތައް އިޚުތިޔާރުކުރަނީ ޑިމޮކްރަޓިކް އުސޫލުން ކުރިއަށްދާނެ މަގު "ސަރުކާރުގެ ބޯހަރުކަމުން" ބަންދުކުރާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ވާހަކަ ދައްކަވަނުން އޭނާ މިއަދު ވިދާޅުވީ ގާނޫނީ އިމުންބޭރުން ސަރުކާރު ވައްޓާލާކަށް އޭނާ ތާއިދެއް ނުކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ގާނޫނީ އިމުން އެކަންކުރަން ތާއީދު ކަމަށެވެ.
މައުސޫމް ވިދާޅުވީ ރާއްޖޭގައި ކުރަނީ ރައްޔިތުންގެ ވެރިކަމެއް ކަމަށް އަބަދުވެސް ކިޔާ ކަމަށެވެ. "ރައްޔިތުންގެ ވެރިކަން ވެއްޖެއްޔާ ރައްޔިތުންގެ މަޖިލިސް އެއޮތީ. ރައްޔިތުންގެ މަޖިލީސްތެރެއިން ކުރިއަށްދާނެ ޖާގަ ދޭންވީ. އެތަނުން އިންޕީޗު ވެއްޖެއްޔާ އިންޕީޗުވީ. އެއީ ރައްޔިތުންގެ ބަސް. އެކަމަކު ރައްޔިތުންގެ މަޖިލީހުން އިންޕީޗު ކުރުމަކީވެސް ގާނޫނީ ހަމަތަކުން ސަރުކާރު ބަދަލުވުމޭހަމަ. އެކަމާ އަޅުގަނޑު ތާއިދު ހަމަ. އެކަމާ ސަތޭކަ ޕަސެންޓްވެސް ތާއީދު. ސަތޭކަ ފަންސާސް ޕަސެންޓްވެސް ތާއީދު. އެއަށްވުރެ މަތިން ޕަސެންޓު ދެންޏާ ދުއިސައްތަ ޕަސެންޓްވެސް ތާއީދު. އެއީ ރައްޔިތުން ބަދަލުކުރާ ބަދަލުކުރުމެއް ރައްޔިތުންގެ މަޖިލީސްތެރެއިން،" މައުސޫމް ވިދާޅުވިއެވެ.
"އެކަމަކު ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވަނަނުދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބޭއިރަށް އެއްބަޔަކު ގެންގޮސް ބަންދުކޮށް އަނެއްބަޔަކު ފުރޭމްކޮށް މިހެން ހަދާއިރު ރައްޔިތުންގެ މަޖިލީހުގެ އަދަދަށް ބަދަލު ގެނެސް އެއީ ޚުދުމުޚުތާރުވީ. ގަދަކަމުން ސިސްޓަމާ ކުޅެން ފެށީ،" މައުސޫމް ވިދާޅުވިއެވެ.
އެގޮތަށް ކަންތައް ހިނގަން ފެށުމުން ބައެއްފަހަރު ވާގޮތަކީ ގައުމީރޫހު ހުންނަ މީހުންނަށް ޖޯޝުގައި ސަރުކާރު ވައްޓާލާ ވާހަކަ ބުނެވެނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އެކަމަކު އަޅުގަނޑު ދަންނަ ހުރިހާ އެންމެންވެސް ސަރުކާރު ވައްޓާލާ ވާހަކަބުނާ ކޮންމެފަހަރަކު ގާނޫނީ އިމުގެ ތެރެއިންނޭ ނުބުންޏަސް އެބޭފުޅުން އެ މާނަކުރަނީ ރައްޔިތުންގެ ބާރުގެ ތެރެއިން ސަރުކާރު ވައްޓާލާ ވާހަކަ. ގާނޫނު އަސާސީން މިއޮންނަނީ ރައްޔިތުންނާ އެކަންތައް ހަވާލުކޮށްފައި،" އޭނާ ވިދާޅުވިއެވެ.
މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ އިންޕީޗުކުރުމާއި، ވަޒީރުންގެވެސް ނޯ ކޮންފިޑެންސް ވޯޓު ނެގޭނެ ޖާގަ ގާނޫނުއަސާސީގައި ވާކަމަށް އޭނާ ވިދާޅުވިއެވެ.