ސުޕްރީމް ކޯޓުން ނެރުނު އަމުރު ރަނގަޅު ކަމަށް އެއްވެސް ވަކީލަކު ނުބުނޭ- އާޒިމާ

ޖަލު ބަންދުގައި ޙުކުމުގައި ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު ނެރުނު އަމުރަކީ ގާނޫނީ ގޮތުން ނެރެވޭނެ ރަނގަޅު އަމުރެއް ކަމަށް އެއްވެސް ވަކީލަކު މިހާތަނަށް ބުނެފައި ނެތް ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު މިރޭ ވިދާޅުވެއްޖެއެވެ.

އަންހެން ކަނބަލުން އިންތިޒާމް ކޮށްގެން ރައީސް އަބްދުﷲ ޔާމީންއަށް މަރުޙަބާ ދެންނެވުމަށް މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ލީގަލް މިނިސްޓަރު އާޒިމާ ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީ ގޮތުން ނެރެވޭނެ އަމުރެއްނޫން ކަމަށާއި، އެހެންވެ ސަރުކާރުގައި ރައީސަށް ލަފާ އަރުއްވަން ތިއްބެވި ސީނިއަރ ހުރިހާ ވަކީލުންވެސް ރައީސަށް ދެއްވި ލަފަޔަކީ އެ އަމުރު ތަންފީޒު ނުކުރުން ކަމަށެވެ.

އާޒިމާ ވިދާޅުވީ އެންމެ ދެތިން މީހުންގެ ސަބަބުން ގައުމު ހަލާކުވާން ބޭނުން ނޫން ކަމަށާއި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ރަނގަޅު އަމުރެއް ކަމަށް އެހެން ވަކީލުންނަށް ދެއްކިއްޖެނަމަ ''އަޅުގަނޑުމެންނަށްވުރެ މޮޅުވީ ކަމަށް'' ބެލިދާނެ ކަމަށެވެ. އަދި ރައީސް ޔާމީނާމެދު ސިޔާސީ ގޮތުން ބަޔެއް ބޭފުޅުންގެ މެދުގައި އޮތް ޒާތީ މައްސަލަތަކުގެ ސަބަބުން ގައުމަށް ދެރައެއް ލިބޭގޮތަށް ކަންތައް ނުކުރުމަށްވެސް އާޒިމާ ގޮވާލެއްވިއެވެ.

މިރޭ އަންހެން ކަނބަލުން ބޭއްވި މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އިތުރުން ސަރުކާރުގެ ބަޔެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.