(23 މާރިޗު 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
" މަންމައަކީ ޚައިރާދުދެކެ އިންތިހާއަށް ލޯބިވާ މަންމައެކެވެ. ޚައިރާދާ ބެހޭގޮތުން އެއްވެސްކަމެއް ނިންމާނަމަ ، މަންމަ ވަކިގޮތެއް ނިންމާނީ ވަރަށްބޮޑަށް ވިސްނާފައެވެ. އެކަން ޚައިރާދު ، ޔަޤީންކުރާށެވެ ! އަޝްހަރާއި ޚައިރާދުގެ ގުޅުމަށް ވަގުތު ދޭށެވެ. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެއެވެ. " އަފްޝީން ނުކުމެގެންދަމުން ޚާއިރާދަށް ނަޞޭޙަތްތެރި ވިއެވެ.
ވަކިވުމުގެ ސަލާޟްކޮށްލުމުގެ ކުރިންވެސް އަފްޝީން އެތައް ވާޙަކައެއް ދެއްކިއެވެ. ޚައިރާދުގެ ކިބައިގާ އެއްވެސް އުނިކަމެއްނެތް ވާހަކައެވެ. އެކައިވެނީގައި ނަސީބު ގަދައީ އަޝްހަރު ކަމުގައެވެ. އެއީ ، ޚައިރާދުފަދަ ޚުލްޤުހެޔޮ އަނތްބެއް ލިބުނީތީއެވެ. އަފްޝީނަކީ ، ޚައިރާދުގެ އެންމެގާތް އެކުވެރިޔާއެވެ. އެހެންކަމުން ، ދުނިޔޭގައި ލެއްވި ހުރިހާ ރަނގަޅު ސިފަޔަކާއި ކަންތައްތަކެއް ، އަފްޝީނަށް ޚައިރާދުގެ ކިބައިން ފެންނާނެކަމަށް ޚައިރާދު ބުންޏެވެ. އަފްޝީން ކަރާޗީގައި ދެތިންދުވަހު މަޑުކޮށްލާނެއެވެ. ބައްދަލުކޮށްލަން ނާދެވުނުނަމަވެސް ، ފޯނުކޮށްލާނެކަމަށްބުނެ ، އަފްޝީން ނުކުތެވެ.
ބަޝީރަތާއި ޚައިރާދު ، ސްވިމިންގޕޫލުކައިރީގައި ގޮނޑިއެއްގައި ޖައްސާލައިގެން ވާހަކަދައްކަން ތިއްބެވެ. ބޮޑުބޭބެއާއެކުގައި ވާހަކަދައްކާލަން އެލިބޭ ފުރުޞަތަކީ ، ޚައިރާދުގެ ހިތަށް އެންމެ ހަމަޖެހުންލިބޭ ވަގުތުކޮޅެވެ. އެއީ ބަޝީރަތަށްވެސް ލިބޭ ހަމަޖެހުމެކެވެ. ދުވާލުގެ ބުރަމަސައްކަތަށްފަހު ލިބޭ ހުސްވަގުތުން ބޮޑުބައި ބަޝީރަތު ހޭދަކުރެވޭތޯ ބަލަނީ ޚައިރާދާ އެކުގައެވެ.
" ދަރިފުޅާއެވެ ! ފޮތް މިއީ އިންސާނާގެ ޙަޔާތުގައި އެންމެ ގާތް ، އެންމެ އުފާވެރިކަން ގެނެސްދޭ ރަޙުމަތްތެރިޔާއެވެ. ހިތުގައި އުފެދިފައިހުންނަ ހަމަނުޖެހުންތައް ދުރުކޮށްލަދޭ އެކުވެރިޔާއެވެ. ފޮތާ ރައްޓެހިކަން އުފެއްދިއްޖެނަމަ ، އިންސާނާގެހިތް އެއާ ދުރަކަށް ނުދާނެއެވެ. ރީތި ވާހަކައެއްގެ ތެރެޔަށް އިންސާނާއަށް ވަދެވިއްޖެނަމަ ، ނުކުންނަން އުނދަގޫ ވާނެއެވެ. ވާހަކަލިޔާ ލިޔުންތެރިން އެކުރަނީ ހާދަ އަގުހުރި ޚިދުމަތެކެވެ. ދަސްކޮށްދެނީ ހާދަ އަގުހުރި ފިލާވަޅުތަކެކެވެ. އެއީ އިންސާނާއަށް ރަނގަޅުގޮތް ދަސްކޮށްދޭ އެހީތެރިޔެކެވެ. ވާހަކަލިޔާމީހުންނަށް ހުރި ޝުކުރެއްގެ ބޮޑުކަމާއެވެ. " ބަޝީރަތުގެ އަތުގައި އޮތް ފޮތެއް ، ޚައިރާދާ ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ.
ބަޝީރަތަކީ ، ފޮތްކިޔުމަށް ފޯރިހުންނަ މީހެކެވެ. ޚާއްޞަކޮށް ، އިންސާނާގެ ދިރިއުޅުމުގެ އެކި ޙާލަތު ދަސްކޮށްދޭ ވާހަކަފޮތާއި ޢިލްމީ ދިރާސާތައް ކިޔައި ، އެއިން ފިލާވަޅު ލިބިގަތުމަކީ ބަޝީރަތުގެ އާދައެކެވެ. އެއާދަ ، ބަޝީރަތަށް ދަސްކޮށްދިނީ އަޝްހަރެވެ. ދިރިއުޅުމުގެ އެކިކަންކަމާއި މަސައްކަތުގެ މާޙައުލުން ހިތުގައި އުފެދޭ ނުތަނަވަސްކަމުގައި ، ބައްޕަ އުޅެމުންދާ ވަގުތުތަކުގައި އެޙާލަތުން ބައްޕަގެ ހިތަށް ތަސައްލީއެއް ހޯދުމަށް ފޮތްކިޔުމަށް ބާރު އެޅިއެވެ. އެކަން ބަޝީރަތު ފެއްޓީ މާބޮޑު ނަތީޖާއަކަށް ވިސްނައިގެންނެއްނޫނެވެ. އެހެނަސް ، ފޮތްކިޔަން ފެށީމާ އޭގެ ފައިދާ ބަޝީރަތަށް ވިސްނުނެވެ. އަދި ފޮތްކިޔުމާ ދުރަށް ދިއުމަކީ ، ހަށިގަނޑަށް ބޭނުންވާ ނާސްތާ ފަދައިން ، މިހާރު ބަޝީރަތަށް ދުރަށް ދެވޭ އެއްޗަކަށް ނުވެއެވެ. ވިޔަފާރީގެ އާ ވިސްނުންތަކާއި " ކިރުއިލޮށި " ފަދަ ވާހަކަތަކުން އެންމެ އަދަދެއްވެސް ނުކިޔާ ދޫކޮށެއް ނުލެވެއެވެ. ދެން އޮންނަ އަދަދަކަށް ، ހިފެހެއްޓުމެއްނެތި އިންތިޒާރު ކުރެވެއެވެ. ކޮންމެ ދުވަހަކު އެގެނެސްދޭ ބައި ކުރުވެގެން ހިތުގައި ޝަކުވާ އުފެދެއެވެ.
" ޚައިރާދުވެސް އަޝްހަރާއެކުގައި ފޮތްކިޔައި ، އޭގެތެރެޔަށް ވަންނަންވީ ނޫންހެއްޔެވެ ؟ ދަރިފުޅަށްވެސް އޭރަށް މުޅިން އައު ރަޙުމަތްތެރިޔަކު ލިބޭނެއެވެ. " ބަޝީރަތު ބުންޏެވެ.
އެވާހަކަޔަށް ދޭނެޖަވާބެއް ، ހޯދާކަށް ޚައިރާދު ބޭނުމެއް ނުވިއެވެ. އޭގެބަދަލުގައި އެފޮތުން ، މުހިންމުތަންކޮޅެއް ކިޔައިދޭން ބޮޑުބޭބެ އުޅުނުކަން ހަނދާންކޮށްދިނެވެ. ބަޝީރަތުވެސް އެކަން ހަނދާންވެގެން އާނއެކޭ ބުނެ ފޮތުގެ ގަނޑުތައް އުކަމުން ދެތަށިކޮފީ ހަދައިގެން އަންނާށޭ ބުންޏެވެ. އޭރަށް ކޮފީބޯންތިބެގެން ، އެތަންކޮޅު ޚައިރާދަށް ކިޔައިދިނީމަ ތަންކޮޅެއް ހަމަޖެހޭނެއެވެ. ކޮފީހަދަން ޚައިރާދު ތެދުވެގެން ހިނގައިގަތެވެ.
" އަޝްހަރު ކޮންމެ ރެޔަކުވެސް ގެޔަށް އަންނަނީ އެހާ ލަހުންހެއްޔެވެ ؟ " ޚައިރާދަށް ގޮވާލާފައި ބަޝީރަތު ސުއާލުކުރިއެވެ.
އެސުއާލުގެ ޖަވާބުގައި ބުނަން ނުބުނަން ހުރެފައި ޚައިރާދު އާނއެކޭ ބުންޏެވެ. އޭނާގެ މޫނުމަތީގައި ވަނީ ހިތްދަތިކަމާއި ލަދުވެތިކަމެވެ. އެކަމަކުވެސް ބޭބެގެ އެސުއާލަށް ދޭނެ އެނޫން ޖަވާބެއް ޚައިރާދަކަށް ނުފެނުނެވެ. އެސުއާލުގެ ޖަވާބު ދިނުމަށްފަހު ، ކުއްލިޔަކަށް ޚައިރާދު ހިނގައިގަތެވެ. ބަޝީރަތުގެ މޫނުމައްޗަށްވެސް މޮޅިވެރިކަން ވެރިވިއެވެ. އެކަމަށް ކޮންމެވެސް ޙައްލެއް ހޯދަން އެބަޖެހޭކަމުގައި ބަޝީރަތު ނިންމިއެވެ. ކޮންމެ ޙާލަތެއްގައި ކުރެވުނު ނަމަވެސް ، އެކައިވެނި އެއޮތީ ކުރެވިފައެވެ. ވެއްޖެ ކައިވެންޏަކީ ސިއްރުވާނެ އެއްޗެއް ނޫނެވެ. ބަޝީރަތުގެ ވިޔަފާރީގެ ނާރެހުގައި މުއްސަނދި އެތައްބަޔަކު އެބަތިއްބެވެ. އެ ދެކުދިންގެ ކައިވެނީގެ މިސްރާބު ސީދާނުވެއްޖެނަމަ ، އެކަމުގެ މަލާމާތާއި ދެރަ އެއީ މުސްތަޤްބަލުގައި އެޢާއިލާއަށް ކުރިމަތިވާނެ ކަމެކެވެ. އެފަދަގޮތެއް އެދެކުދިންނަށް ކުރިމަތިވުމަކީ ، ބަޝީރަތުގެ ދިރިއުޅުމުގައި ކުރިމަތިވާނެ އެންމެ ހިތްދަތި ޙާލަތެވެ.
ޚައިރާދުގެ ޚުލްޤާއި ޢަމަލުތަކަކީ ، ދައްތަގެ ތަރުބިއްޔަތުގެ ތެރެއިން ވަރަށް ފުރިހަމައަށް ލިބިފައިވާ އަގުހުރި އެއްޗެއްކަން ބަޝީރަތަށް އެނގެއެވެ. ޚައިރާދުފަދަ ޚުލްޤުހެޔޮ ބަސްއަހާކުދިން މިޒަމާނުގައި ވަރަށް މަދުވާނެއެވެ. އެކަމުގައި އޭނާގެ އަމިއްލަ ދަރިފުޅު ، އަޝްހަރަށް ކުރެވޭ އިތުބާރަށްވުރެ ޚައިރާދަށް ކުރެވޭ އިތުބާރު ބޮޑެވެ. ޚައިރާދަކީ ރަނގަޅު ކުއްޖެކެވެ. އެއީ އަޝްހަރުގެ ދިރިއުޅުން އާބާދުކޮށްދޭނެ ރަނގަޅު ކުއްޖެކެވެ. އެދެކުދިންގެ ކައިވެންޏަށް ކޮންމެ ކޮންމެގޮތެއްވާން ދޫކޮށްލައިގެން ނުވާނެއެވެ. އެކުދިންނަށް މަގުދައްކައިދީ ، އެކަމަށް ވާގިވެރިވުމަކީ ، ބަޝީރަތުގެ ދެމަފިރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ.
ރޭގަނޑު ނިދަން އަރާ ބޯލާކޮޅުގައި ބާލީސް ވިއްދައިގެން ފިކުރެއްގެ ތެރެޔަށް ބަޝީރަތު ގެއްލިފައި އިންތަން ފަރީދާއަށް ފެނުނެވެ. ބަޝީރަތުގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފަރީދާ ދެނެގަތެވެ. އަދި ކިހިނެއްވީތޯ ސުއާލުކުރިއެވެ. ބަޝީރަތުގެ ކަންބޮޑުވުމަކީ ، ފަރީދާއަށް އެހައި މުހިންމުކަމަކަށް ނުވެދާނެއެވެ. އެހެންވެ ، ވަކިކަމެއް ނުވެޔޭބުނެ ކުރުޖަވާބެއް ދިނެވެ. ބަޝީރަތުގެ ހިތުގައި ކޮންމެވެސް ކަންތައްގަނޑެއް އޮވެ ސިކުނޑިޔަށް އުނދަގޫވާކަން ފަރީދާއަށްވެސް އިޙުސާސް ކުރެވުނެވެ. ކޮންމެވެސް ކަމެއް އެބައޮތެއް ނޫންހޭ ބުނެ ، ޠަބީޢަތް ރަނގަޅުތޯ ފަރީދާ ސުއާލުކުރިއެވެ.
ބަޝީރަތު ފުންނޭވާއެއްލައި ވާހަކަދައްކަން ފެށްޓިއެވެ. އެއީ އޭނާގެ ހިތުގައިވާ ހިތްދަތިކަމުގެ އިޙްސާސްތަކެވެ. މިހާރަކަށް އައިސް ، ބަޝީރަތުގެ ހިތަށް އުނދަގޫވާ އޮތީ އެންމެ އިޙްސާސެކެވެ. އެއީ އަޝްހަރުގެ ކައިވެނި ކުރެވުނު ގޮތެވެ. އެކަންކުރަން މަޖުބޫރުވި ޙާލަތެވެ. އަޝްހަރާއި ޚައިރާދުގެ ކައިވެނި ، އެކުރެވުނުގޮތް އެއީ އޭނާއަށް ގޯސްކޮށް ކުރެވުނު ކަމެއްގެ އިޙްސާސް ބަޝީރަތަށް މިހާރު އެބަ ކުރެވެއެވެ. ދެކުދިންކުރެ އެއްކުއްޖެއްގެ މޫނުމަތިންވެސް ހިނިތުންވުމެއް ނުފެނެއެވެ. އަޝްހަރު އުޅެނީ ފިލައިގެންނެވެ. ގެޔަކުން ދިމަލެއްނުވެއެވެ. މީހުން ނުހޭލަނިސް ހެނދުނު ގެއިން އޮފީހަށްދާގޮތަށް ، ގެޔަށް އަންނަނީ ރޭގަނޑު އެންމެން ނިދާފަހުންނެވެ. ދެންހުރީ ޚައިރާދެވެ. އެނިކަމެތި ކުއްޖާގެ މޫނުމަތިވެސް ދުވަހެއް ދުވަހަކަށް އެދަނީ މިލައި މޯޅިވަމުންނެވެ. ހިނިތުންވުމަކާއެކު ބަޝީރަތާ ވާހަކަ ދެއްކިނަމަވެސް ، ޚައިރާދުގެ އަޑުގައިވާ ހިތްދަތިކަން ބަޝީރަތަށް އިޙްސާސް ކުރެވެއެވެ. މޫނުމަތިން ފެންނަ ހިނިތުންވުމުގައި ފޮރުވިފައިވާ ބިރުވެރިކަމާއި ހިތްދަތިކަން ފާޅުވެއެވެ. ކެތްތެރިކަމާއެކު ، ކިތަންމެ ފޮރުވަން އުޅުނަސް ، އެ ޅަ ހިތުގައިވާ ވޭނާއި ޒަޚަމުގެ ނުހިކޭފާރުތައް ބަޝީރަތަށް ފެނެއެވެ.
" އަޝްހަރު ރޭގަނޑު ލަހުން ގެޔަށް އަންނާތީ ބަޝީރަތު ކަންބޮޑުވަނީ ދޯއެވެ ؟ އޮފީހުގައި މާ މަސައްކަތް ބޮޑީއެވެ. އަޝްހަރު ކުރަން ހުންނަ މަސައްކަތް އެހެންމީހަކަށް ނުކުރެވޭނެ ދޯއެވެ ؟ އެހެންނޫނަސް ، ބަޝީރަތު ، ޚައިރާދުގެ ކަންކަމާ އެވަރަށް އެބަ އުޅެމެއްނޫންހެއްޔެވެ ؟ އޭނާއާ އެހާބޮޑަށް އެބަ އަޅާލަމެއް ނޫންހެއްޔެވެ ؟ " ފަރީދާ ބުންޏެވެ.
އެގޭގައި އެ ހިނގައިދިޔަ ކަންކަމުގެ ޙަޤީޤަތަށް ބަލާއިރު ، ކުށްވެރިޔަކީ ބަޝީރަތުކަމުގައި އޭނާގެ އަމިއްލަ ނަފްސު އޭނާއަށް ވިސްނައިދިނެވެ. އަޝްހަރުގެ ފަރާތުންވެސް އެފެންނަނީ ޤަބޫލުކުރެވޭ ޙަޤީޤަތް ތަކެކެވެ. އެކައިވެނިކުރަން އަޝްހަރަށް މަޖުބޫރުކުރުވީ ބަޝީރަތެވެ. އެއީ ބަޝީރަތަށް ހެދުނު ގޯހެކެވެ. ކައިވެންޏަކަށް އަޝްހަރު ތައްޔާރެއްނޫނެވެ. އަމްދުން ، ތިމާގެނަމަވެސް ، ނުވެސް ދަންނަ ކުއްޖަކާ ކައިވެނިކުރަން އަޝްހަރުގެ ހިތެއް ނޭދެއެވެ. އަޝްހަރު އެކައިވެނި ކުރަން މަޖުބޫރުކުރުވީ ބަޝީރަތެވެ. އަނެއްކޮޅުން ، ޚައިރާދުވެސް އެކައިވެންޏަކަށް ނުރުހެއެވެ. އެއީ ކައިވެންޏެއްކުރަން ޚައިރާދު ބޭނުންވި ގޮތެއްނޫނެވެ. ޚައިރާދު އެކައިވެންޏަށް މަޖުބޫރު ކުރުވީ އޭނާގެ މަންމައެވެ. ދައްތަޔަށް އެކައިވެންޏަށް ބާރުއެޅުވީ ބަޝީރަތެވެ. ފަރީދާއަށް އިންޒާރުދީ ، އެކައިވެންޏަށް ހުރަސްނޭޅުމަށް މަޖުބޫރުކުރުވީވެސް ބަޝީރަތެވެ. ހެޔޮނިޔަތެއްގައި ބަޝީރަތަށް ކުރެވުނުކަމެއް ކަމަށްވިޔަސް އެކަމުގައި ، ކުށްވެރިޔަކީ ބަޝީރަތެވެ.
އެދެކުދިން ، އެއްކުއްޖަކު އަނެއްކުއްޖަކާ ވާހަކަ ދައްކައިލާ އެކުގައި އުޅޭތަނެއް ނުފެނެއެވެ. އެކުގައި ކާކަށް ނުއިށީނދެއެވެ. ތެލާފެނާ ފަދައިން ، އެކުދިންވެސް ދަތުރުކުރަމުން އެދަނީ ދެދިމާލަކަށެވެ. ފެށުމަކަށް އެއީ ދެކުދިންނަށްވެސް ދެވޭ އަނިޔާއެކެވެ. ކައިވެންޏެއްގެ ފޮނިމީރުކަމަށް ، އެދެކުދިންވެސް ކުރި އުއްމީދެއް އޮންނާނެއެވެ. އެކަމުގެ ހުރަހަކަށް މިވީ ބަޝީރަތެވެ. ބަޝީރަތަށް ފުންމާނޭވާއެއް ލެވުނެވެ. ދެލޯމަރައި ، އިސްމައްޗަށް ނަގައި ނިތްކުރީގައި އަތްބާއްވައިލެވުނެވެ. ހަފަރާތުން އެނާގެ ސިކުނޑިޔަށް ހާސްކަން ޖަމާވަމުން ދިޔައެވެ.
" ކަންބޮޑު ނުވާށެވެ ! އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅު ވާނެއެވެ. އަޝްހަރަކީ ކިޔަވައިގެންހުރި ވިސްނުންތޫނު ކުއްޖެކެވެ. ރަނގަޅާއި ނުބައި ވަކިކުރަން އެނގޭނެއެވެ. ޚައިރާދަކީ ޚުލްޤު ރަނގަޅު ކިޔަމަންތެރި ކުއްޖެކެވެ. އެކަކު އަނެކަކު ދަސްކުރަން އެދެކުދިންނަށްވެސް އަދި ، ވަގުތު ބޭނުންވަނީއެވެ. " ފަރީދާ ތެދުވެގެން އައިސް ބަޝީރަތުގާތު އިށީނދެލަމުން ބުންޏެވެ.
ބަޝީރަތަށް ޤަބޫލުކުރެވޭ ގޮތުގައި ، އަޝްހަރުގެ ޙަޔާތަށް އޭނާއަށް އެމަގުދައްކައިދެވުނު ކަށިކުނބުރު ޖަންގަލީގެ އަނިޔާގެ އިލްޒާމް ، އޭނާގެ ބޮލުގައި އެޅުވޭތަން އަޝްހަރުގެ ލޮލުން ބަޝީރަތަށް ފާޅުވެއެވެ. އެއީ ބައްޕައެއްގެ ފަރާތުން ދަރިޔަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. ނުރުހުމުގެ ބަހެއް ނުބުންޏަސް ، އެއަނިޔާގެ އިލްޒާމު ، ސީދާ އޭނާއަށް އަމާޒުވާތަން ، އަޝްހަރުގެ ލޮލުން ބަޝީރަތަށް ފެނެއެވެ. ހިތުގައި ފޮރުވިފައިވާ ރުޅިއާއި ނަފުރަތުގެ މައްޗަށް ގެންނަން އުޅޭ ހިނިތުންވުން ޒަހަރަކަށް ބަދަލުވާތަން އެބަ ފެނެއެވެ. އަޝްހަރުގެ ކުރިމައްޗަށް ހުއްޓިލުމަކީ ، ބަޝީރަތު ލަދުގަންނަން ޖެހޭ ކަމަކަށް ވެއްޖެއެވެ. އެއީ ، ބައްޕަޔަކަށް ކުރިމަތިވާނެ ހާދަ ލަދުވެތި ޙާލަތެކެވެ. ދަރިއެއްގެ ކުރިމަތީ ބައްޕަޔަކަށް އިސްއުފުލައިލާ ބަލައިލަން ލަދުގަންނަން ޖެހުމަކީ ، އިންސާނަކަށް ލިބޭނެ އެންމެ ހިތްދަތި ވޭނެވެ.
" ތިކަހަލަ ވާހަކަ ނުދައްކާށެވެ ! އެއީ ބަޝީރަތުގެ ދަރިއެކެވެ. ބަޝީރަތެކޭ އެއްގޮތަށް ، ދިރިއުޅުމުގެ ގުޅުންތައް ދަމަހައްޓަން އަޝްހަރަށް އެނގޭނެއެވެ. އަޝްހަރުގެ ކައިވެނީގެ ގުޅުންވެސް އޭނާ ދަމަހައްޓާނެއެވެ. ކަންބޮޑުނުވާށެވެ ! " ފަރީދާ ބުންޏެވެ.
ބަޝީރަތުގެ ނަޒަރުގައި އެންމެ ބޮޑު މައްސަލަޔަކީ ، ގުޅުމެއް ޤާއިމްކޮށް ދެމެހެއްޓުމެއް ނޫނެވެ. އަޝްހަރަކީ ، ބަޝީރަތުގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަޞްލަޙަތަށްޓަކައި ގުޅުމެއް ޤާއިމްކުރުމަކީ ، އޭނާގެ ދަރިފުޅަށް ޙައްޤު މިންވަރެއްނޫނެވެ. ގުޅުމެއް ދަމަހައްޓާނީ ހިތުން ރުހުމުން އުފާވެރިކަމާއި ހަމަޖެހުމާއެކުގައެވެ. ދިރިއުޅުމާ ކުރާ ހަނގުރާމައެއްގެ ގޮތުގައެއްނޫނެވެ. ބަޝީރަތު ބޭނުންވަނީ ، އުފަލާއި ހިތްހަމަޖެހުމާއެކު ، އެކައިވެނީގެ ގުޅުން އަޝްހަރު ޤާއިމް ކުރުމެވެ. ދިރުމެއްނެތް އުއްމީދެއްގައި އެކައިވެންޏައިގެން އަޝްހަރު ކުރިޔަށް ދިއުމެއްނޫނެވެ. އަޝްހަރުގެ އުފަލަކީ ، އެހެންހުރިހާ އެއްޗަކަށްވުރެ ، ބަޝީރަތަށް މުހިންމު އެއްޗެކެވެ.
ކައިވެނީގެ އެގުޅުން އުފެއްދުމަށް ބަޝީރަތު ނިންމީ ، އެކައިވެންޏަށް އަޝްހަރު ރުހޭނެކަމަށް ބަލާފައެވެ ފަރީދާއާއި އަޝްހަރު ކުރެން ނުއަހާ ، ދައްތައަށް އެކައިވެނި ހުށަހެޅީ އުއްމީދުތަކަކާ އެކުގައެވެ. ޚައިރާދަކީ އަޝްހަރަށް އެންމެ ރަނގަޅުވާނެކުއްޖާ ކަމަށް ބަލައިގެންނެވެ. ދެކުދިންވެސް އެއްކުއްޖަކު އަނެއްކުއްޖަކަށް އެގުޅުމުން އުފާވެރިކަން ހޯދާނެކަމަށް ބަލައިގެންނެވެ. ޚައިރާދަށް އަޝްހަރުކަހަލަ ރަނގަޅު ކުއްޖަކު ހޯދައިދޭން ވެގެންނެވެ. އަޝްހަރަށް ޚައިރާދުކަހަލަ ރަނގަޅު ކުއްޖަކު ހޯދައިދޭން ވެގެންނެވެ. ޢާއިލީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ނިޔަތުގައެވެ. އެކަމަކު ، ބަޝީރަތުގެ ނިންމުން އެދަނީ ގޯސް ނިންމުމެއްގެ ގޮތުގައި ސާބިތުވަމުންނެވެ.
" ކައިވެންޏަށް ކިހާދުވަހެއް ވެއްޖެ ހެއްޔެވެ ؟ ކުއްލި ގުޅުންތައް ޤާއިމްކުރުމަށް ކިހާވަގުތެއް ބޭނުންވޭ ހެއްޔެވެ ؟ އެދެކުދިންނަށް ވަގުތު ދޭށެވެ. ﷲ އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެއެވެ. އެއްވެސް އިންސާނަކަށް ، އެކަލާނގެ ދެރަގޮތެއް މިންވަރެއް ނުކުރައްވާނެއެވެ. " ފަރީދާ ، ބަޝީރަތަށް ހިތްވަރު ދެމުން ބުންޏެވެ.
ފަރީދާގެ ފަރާތުން ބަޝީރަތަށް ލިބުނު ހިތްވަރުން އޭނާގެ ހިތުގައި އުއްމީދުގެ އަލިކޮޅެއް ދިއްލުނެވެ. ފަރީދާގެ ހިތުގައި ކޮންމެ އެއްޗެއް އޮތްނަމަވެސް ، ބަޝީރަތުގެ އެކަންބޮޑުވުމުގައި އޭނާ ބައިވެރިވެލުން އެއީވެސް ވަރަށްބޮޑު ކަމެކެވެ. އަޝްހަރުގެ ކައިވެންޏަކީ ، ފަރީދާގެ ވިސްނުމާ ދެކޮޅަށް ކުރެވުނު ކައިވެންޏެކެވެ. ވިސްނުން ދެކޮޅުވުމުގެ އިތުރަށް ، ކައިވެންޏަށް ދެކޮޅު ހަދައިފިނަމަ ، ފަރީދާގެ މުޅިދިރިއުޅުން ބަރުބާދުވެގެންދާފަދަ އިންޒާރުތަކެއް ، ބަޝީރަތުގެ ފަރާތުން ލިބުނެވެ. އެކަން އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެންނެއް ނުދާނެއެވެ. މިޒާޖާއި ޠަބީޢަތަށް ބަލާއިރު ، ފަރީދާއަކީ އެހައި ފަސޭހައިން ގޮތްދޫކުރާނެ މީހެއްނޫނެވެ. އަޝްހަރުގެ ކައިވެނީގެ މައްސަލައިގާ ފަރީދާއަށް އެހެން އެއްވެސް ގޮތެއް ނެތުނީއެވެ. ބަޝީރަތު އެހާބޮޑަށް ހިފައިނުލިނަމަ ، އެކައިވެންޏެއް ނުކުރެވުނީހެވެ. ފަރީދާއަށް ވެގެންވިއްޔާ އެއީ ނުވާނެ ކައިވެންޏެކެވެ. އެހުރިހާ ކަންތައްތަކެއް ހަނދާން ނައްތައިލާފައި ، ބަޝީރަތުގެ ކަންބޮޑުވުމުގައި ފަރީދާ ، ޢަމަލީގޮތުން ބައިވެރިވުން އެއީ ޢާންމުގޮތެއްގައި ފަރީދާގެ ފަރާތުން ނުފެންނާނެފަދަ ޢަމަލެކެވެ. އެއީ މަންމައެއްގެ ޙައިޞިއްޔަތުން ، އަޝްހަރަށްޓަކައި ފަރީދާވާ ޤުރުބާނީއަކަށް ވެދާނެއެވެ.
(ނުނިމޭ)
Haadha reechey