ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ދޫނިދޫ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި ބައްޕާފުޅު މައުމޫން އަބްދުލްގަތްޔޫމްގެ ހިތްވަރާއި ކެރުމާމެދު އުފާކުރައްވާ ކަމަށް މައުމޫންގެ ދަރިކަނބަލެއް ކަމަށްވާ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ބައްޕާފުޅު ސަރުކާރަށް ކުރި ތާއީދު އަނބުރައި ގެންނެވި ހިސާބުން ސަރުކާރުން ނުކުމެވަޑައިގެން އިދިކޮޅު ފަރާތްތަކާއެކު މަސައްކަތުގައި އުޅުއްވާ ޔުމްނާ މިހެން ވިދާޅުވީ ދޫނިދޫ ޖަލުގައި ހުންނެވި ބައްޕާފުޅާ އާއިލާގެ ފަރާތުން މިއަދު ބައްދަލު ކުރުމަށް ވަޑައިގަތުމަށް ފަހުއެވެ.
ދޫނިދޫ ޖަލުން ބައްޕާފުޅާ ބައްދަލު ކުރެއްވުމަށް ފަހު ޔުމްނާ ވިދާޅުވީ ބައްޕާފުޅު ހުންނެވީ ސާބިތުކަމާއެކު ކަމަށާއި އަދި ރަނގަޅު ޙާލުކޮޅުގައި ހުންނެވި ކަމަށެވެ. ޔުމްނާގެ އިތުރުން މިއަދު މައުމޫނާ ބައްދަލު ކުރެއްވުމަށް ދޫނިދޫއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާއި ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫންގެ އިތުރުން ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި ދަރިކަނބަލުން ދުންޔާ މައުމޫންވެސް ހިމެނެއެވެ. ނަމަވެސް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި ދަރިކަލުން ޣައްސާން މައުމޫން މިއަދު އާއިލާ މެމްބަރުންނާއެކު ބައްޕާފުޅާ ބައްދަލު ކުރުމަށް ދޫނިދޫއަށް ވަޑައިގެންފައި ނުވެއެވެ.
މައުމޫންގެ އާއިލާގެ ބޭފުޅުން މިއަދު ދޫނިދޫއަށް ވަޑައިގެންނެވިއިރު ޔުމްނާގެ ފިރިކަލުން ނަދީމްވެސް ހުންނެވީ ދޫނިދޫ ޖަލުގައެވެ. އެބޭފުޅުން ވަނީ ނަދީމްއާވެސް ބައްދަލު ކޮށްފައެވެ.