ބްލޫ ރިބަން: ރިސޯޓުކުޅިވަރު

ދޮންބެއްޔާއަށް އަޑުއިވެނީ ، ރިސޯޓުތައް ނުހެދިގެން އުޅޭ ވާހަކަ ދައްކާ އަޑެވެ. ރިސޯޓުހަދަން ނަގައިގެން އުޅޭ ރަށް ވިއްކައި ނުލެވިގެން އުޅޭ ވާހަކައެވެ. ރިސޯޓު ތަރައްޤީކުރަން ލާރިހުރި ބައިވެރިޔަކު ނުލިބިގެން އުޅޭ ވާހަކައެވެ. މިވާހަކަތައް އިވޭތާ އެތައް ދުވަހެކެވެ. ދޭތެރެޔަކުން އެތައް ރަށްތަކެއް އެކިގޮތަށް އެއްފަހަރާ ދޫކޮށްލެވުނީއެވެ. ރަށްތައް ދޫކުރެވުނީ ، ރަށް ހެދޭވަރުގެ ބަޔަކަށް ނުވީއެވެ. ރަށްތައް ލިބުނު ބައެއް ފަރާތްތަކުގެ މަޤްޞަދަކީ ، ރަށްލިބުނީމަ ވިއްކައިލުންކަމަށް ވިޔަސް ، ވިއްކައިވެސް ނުލެވުނީއެވެ. ކުރިން ދޫކުރެވިފައިހުރި އެތައް ރަށެއް މިހާރުވެސް އެކިޔާ " ޕައިޕްލައިން " ގައި އެބަހުއްޓެވެ.

ރަށް ތަރައްޤީކުރެވޭވަރުގެ ފެންވަރު ހުރިމީހުން ނެގިރަށްތައް ހަދައިގެން ހުޅުވައިފިއެވެ. ނުހެދިހުރި ރަށްތައް އެހުރިގޮތަކަށް އެބަހުއްޓެވެ. އެއީ ފަތުރުވެރިކަމުގެ ޞިނާޢަތަށް ހުރި ގެއްލުމެކެވެ. އިންވެސްޓްމަންޓް ބޭންކެއް ނުވަތަ ޑިވެލޮޕްމަންޓް ބޭންކެއްގެ ޚިދުމަތް މިރާއްޖެޔަކުން ނުލިބިއެވެ. ބައެއް ރަށްރަށް ހަދަން ، ބައެއް ބޭންކުން ލޯނުދިންނަމަވެސް ، އެއީ އެހައި ފަސޭހަކަމެއްނޫނެވެ. ފަތުރުވެރިކަމުގެ ޚިދުމަތުން ރާއްޖެޔަށް ވަންނަން ޖެހޭ ޑޮލަރު ރާއްޖެއަކަށް ނުވަދެއެވެ. އެފައިސާ ގާދޫކޮޅާހަމަޔަށްވެސް ނާދެއެވެ. ބޭރުން ބޭރުންލާފައި ޖަމާވަމުންދަނީ ބޭރުގެ ބޭންކް ތަކަށެވެ. ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ދޯހަޅިކަމުންނެވެ. އިތުބާރު ނެތުމުގެ ސަބަބުންނެވެ. ދައްކަންޖެހޭ އިންޓަރެސްޓް ރޭޓް ހުންނަނީ އިންތިހާގައެވެ.

ބޭރު ޤައުމުތަކުގެ ބޭންކްތަކުން ރިސޯޓް ތަރައްޤީކުރަން މިހާރަކު ލޯނެއް ނުލިބެއެވެ. ރާއްޖޭގެ ސިޔާސީ މަޝްރަޙުގެ ހަލަބޮލިކަމާ ހުރެއެވެ. ރިސޯޓް ތަރައްޤީކުރަން ކުރިން ނަގާފަހުރި ލޯނުތައް ނުދައްކާ މީހުންގެ ސަބަބުނެވެ. ހަމައެއާއެކު ، ބޭރުން ފައިސާ ހިފައިގެން އަންނަ އިންވެސްޓަރުންނަށް ރާއްޖެއިން ކެހިދޭލެއް ގިނަކަމުންނެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އެންމެންވެސް ވިސްނަންޖެހޭ ކަމެކެވެ.

ރާއްޖޭގެ ދެކޮޅުގައި ބައިނަލްއަޤްވާމީ ދެ އެއަރޕޯޓް ، އެބަ ތަރައްޤީ ކުރެވެއެވެ. އެސަރަޙައްދުގެ އިޤްތިޞާދަށް ހެޔޮ އަސަރެއްކުރާނީ ، އެސަރަޙައްދުގައި ރިސޯޓާއި ގެސްޓްހައުސް ތަރައްޤީ ކުރެވިގެންނެވެ. އެއަރޕޯޓް ނިމެންވާއިރަށް ، ފަތުރުވެރިންނަށް ޚިދުމަތް ނުދެވޭނަމަ ، އޭގެ ތެރެއިން އުފެދެންޖެހޭ އިޤްތިޞާދު އެނބުރޭނީ އެއްއަތަށެވެ. ވަށައިޖެހޭ އިޤްތިޞާދެއްގެ ފައިދާއެއް ނުފެންނާނެއެވެ. އެ ސަރަޙައްދުގެ އިޤްތިޞާދު ކުރިއަރައި ތަރައްޤީވާނީ ، ރިސޯޓާއި ގެސްޓްހައުސް ތަރައްޤީކުރާނެ ފައިސާލިބޭނެމަގު ތަނަވަސްކޮށްދެވިގެންނެވެ. އެ ސަރަޙައްދުގައި އެކަން ކުރަން ބޭނުންވާ މީހުންތިބީ ، ބޭންކަކަށް ނުވަދެ ، އަމިއްލަޔަށް އެޚިދުމަތް ތަރައްޤީކުރެވޭނެފަދަ ޙާލަތެއްގައެއް ނޫނެވެ.

ރިސޯޓް ހިންގަން ، ރަށްރަށް ތަރައްޤީކުރުމަކީ ، 80 އާއި 90 ގެ އަހަރުތަކުގައި މައްސަލައެއް ނޫނެވެ. އެކަންކުރަން ބޭނުންވާ ދިވެހިންނާއި ބޭރުމީހުން އެތިބީ ، ފުރުޞަތުގެ ބޭނުންހިފައިގެން އެމީހުންނަށް ވާވަރުކޮށްގެންނެވެ. ފަހުން މިވީގޮތަކީ ވަކިގޮތެއް ނުބަލައި ، ދޫކުރި ރަށްތައް ގިނަވެފައި އެރަށްތައް ތަރައްޤީކުރާނެ ފައިސާ ނުލިބުމެވެ. އިންވެސްޓަރުންގެ އިތުބާރު ގެއްލުމެވެ.

ބިޑްކޮށްގެން ދެރަށް ލިބުނަސް ދެރަށް އެއްކޮށް ކުރިން ، ހަދާފައި އެބަހުއްޓެވެ. އިންވެސްޓްމަންޓްގެ މައްސަލައެއް ނުޖެހެއެވެ. ރަށެއްލިބުނީމަ ވަގުތުން ވިއްކައި ލެވެއެވެ. މިސާލަކަށް އިބްރާހިމޮވިޗަކީ ވަޒީރެކެވެ. ނަމުރޮވިޗަކީ އެޓާރނީ އެކެވެ. ބިޑާ ދިމާކޮށް ދެވެރިން ކުންފުންޏެއްހަދައި ، ރަށެއް ހޯދައި ވަގުތުން ބޭރުމީހަކަށް ވިއްކައިލި މަންޒަރު ދޮންބެއްޔާއަށް އޮތީ ފެނިފައެވެ. އެއީ އޭރު ، ދާދި ފަސޭހަ ކަމެކެވެ. މީހަކަށް މިލިއަނެއްމަގުން ދެމިލިއަން ޑޮލަރަށް ރަށް ވިއްކައި ލެވެއެވެ. މާބުރަ މަސައްކަތަކާ ނުލައި ކޮންމެ މީހެއްގެ ޖީބަށް އެވަނީ އެއްމިލިއަން ޑޮލަރެވެ.

މިއަދަކު އެކަން އެހެން ވާކަށް ނެތެވެ. އެހެންނަމަވެސް މިއަދުވެސް ، ޕާޓީއެއްގެ އޮފީހުގައި " ގެންގުޅޭ " ކުދިންނަށްވެސް އެއްރަށުން ދެރަށުން އެއްފަހަރާ ރަށް ދީފައި އެބަހުއްޓެވެ. އިންސާފާއި ހަމަ އޮންނަނީ ބޭނުންގޮތަކަށް މޮޑެވޭ ގޮތަށެވެ. ރައްޔިތުންގެ މިލްކިއްޔާތުން ވަށްކަންކޮށް ، އެފަދަ ދޯހަޅި ކަންކަން ކޮށްފައިވެސް ، ވެރިކަމަށް އާދެވޭނެގޮތެއް ނުފެނިގެން ، ގަޔަށް ހިނިއަރައިގެން އުޅޭމީހުންވެސް އެބައުޅެއެވެ. ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތުމަކީ އެމީހުންނަށް އާ ކަމެއްނޫނެވެ. މީހަކަށް ދޫކުރާނެ މީހަކު ނެތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.