ދެކުނު ސޫދާނުގައި އެއްޗެއް ގޮވައި 11 ކުޑަކުދިން މަރުވެއްޖެ

ނުގޮވާ އެތް ބޮމެއް ބާދަގަނޑުގަނޑެއް ކަމަށް ހީކޮށް ނަގައިގެން އުޅެނިކޮށް އެ ގޮވުމުގެ ސަބަބުން ދެކުނު ސޫދާނުގައި 11 ކުޑަކުދިން މަރުވެ، އެކަކު ޒަޚަމްވެއްޖެކަމުގައި ދެކުނު ސޫދާނުގައި ހަރަކާތްތެރިވާ އދ.ގެ ސުލްހަބަލަހައްޓާ މިޝަން (ޔޫއެންއެމްއެސްއެސް) އިން ބުނެފިއެވެ.

ޔޫއެންއެމްއެސްއެސްގެ ރޭޑިޔޯ މަރާޔާގައި ވާހަކަދައްކަވަމުން އެ މިޝަންގެ ތަރުޖަމާނު ލިންޑާ ޓޮމް ވިދާޅުވިގޮތުގައި ބުރާސްފަތި ދުވަހު މި ހާދިސާ ހިނގީ ވެރިރަށް ޖޫބާގެ ހުޅަނގު އުތުރުގައި އޮންނަ ބަޙްރުލްޣަޒާލް ސްޓޭޓުގައެވެ.

"މަދުވެގެން 11 ކުޑަކުދިން ވަނީ މަރުވެފައި. އެކަކު ދަނީ އަދިވެސް ފަރުވާހޯދަމުން." ލިންޑާ ވިދާޅުވިއެވެ.

"މި ހިނގައި ދިޔައީ އޭގެ އަސަރު ވަރަށް ބޮޑު ހާދިސާއެއް. ހާދިސާގެ ޝިކާރައަކަށްވި ކުދިންގެ އާއިލާތަކަށް އަހަރުމެން ހިތުގެ އަޑިން ތައުޒިޔާ ކިޔަން އޭނާ ވިދާޅުވިއެވެ.

2011 ވަނަ އަހަރު ސޫދާނުން ވަކިވެ މިނިވަންވިތާ ދެ އަހަރުވެސް ނުވަނީސް ދެކުނު ސޫދާނުގައި ލޭއޮހޮރުން ބޮޑު ދާޚިލީ ހަނގުރާމައެއް ފެށުނެވެ. މި ހަނގުރާމަ 5 އަހަރަށް ފަހު ނިމުނު އިރު ހަނގުރާމައިގައި 40 ހާހެއްހާ މީހުން ވަނީ މަރުވެފައެވެ. ހަނގުރާމަ ނިމުނީ ވާދަވެރި ދެ ލީޑަރުން ކަމުގައިވާ ސަލްވާ ކީރްއާއި ރެއިކް މަޝާރް ހަނގުރާމަ ހުއްޓާލަން އެއްބަސްވެވަޑައިގަތުމުންނެވެ.

ހަނގުރާމަތަކުގައި ބޭނުންކޮށްފައި ހުންނަ ބޮމާއި، ބޮޑުބަޑީގެ އުންޑައާއި، އަތުބޮން ފަދަ ތަކެތި ގޮވައި ކޮންމެ އަހަރަކުވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ގިނަ ކުޑަކުދިންތަކެއް މަރުވެއެވެ.

2022 ވަނަ އަހަރުގެ ޖޫން މަހު ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ރެފިއުޖީސް އިން ބުނެފައިވާ ގޮތުގައި ދެކުނު ސޫދާނުގެ ދާޚިލީ ހަނގުރާމަ ނިމުނު ފަހުން ޔުނައިޓެޑް ނޭޝަންސް މައިން އެކްޝަން ސާވިސް ވަނީ އެގައުމުގެ އެކި ކަންކޮޅުތަކުން 1 މިލިއަނަށްވުރު ގިނަ ނުގޮވާހުރި ގޮވާތަކެތި ނަގާފައެވެ. އޭގެ ތެރޭގައި 4 ލައްކަ މައިނާއި، 76 ހާސް ކްލަސްޓާ ބޮމާއި، 9 ލައްކަ އެހެން ގޮވާތަކެތި ހިމެނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.