ސިޔާސީ ގުޅުން އަލުން ގާއިމްކުރުމަށް ސައޫދީ އަރަބިއްޔާއާއި އީރާން އެއްބަސްވެއްޖެ

ބެއިޖިންގްގައި ސޮއިކުރި އެއްބަސްވުމަށް ފަހު ދެގައުމުގެ މަންދޫން ސަލާންކުރައްވަނީ، މެދުގައި ޗައިނާގެ ފޮރިން އޮފެއާޒްގެ ޑިރެކްޓަރު ވާންގް ޔީ

ސައޫދީ އަރަބިއްޔާއާއި އީރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ކެނޑިފައި އޮންނަތާ 7 އަހަރު ފަހުން ދެ ގައުމުން އަނެއްކާވެސް ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރަން އެއްބަސްވެއްޖެއެވެ.

އީރާނުގެ ރަސްމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ދެގައުމުގެ ދެމެދުގައި އަލުން ގުޅުން ގާއިމްކުރަން ނިންމާ ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ތިން ގައުމުގެ އޮފިޝަލުން ސޮއިކުރެއްވި އެއްބަސްވުމަކަށް ފަހުގައެވެ.

ޚަބަރު ލިބޭގޮތުގައި ދެގައުމުން އަލުން އެންބަސީ ހުޅުވަން އެއްބަސްވެފައިވާ އިރު، ދެގައުމުގެ ޚާރިޖީ ވަޒީރުން ވަރަށް އަވަހަށް ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މަޒްހަބީ ތަފާތުތަކުގެ ސަބަބުން ގުޅުން ގޯސްވުމުގެ ތާރީޚެއް ދެގައުމު އެއްގަލަކަށް އެރުވުމުގައި މިފަހަރު އިސްދައުރެއް އަދާކޮށްފައި ވަނީ ޗައިނާއިންނެވެ. އަދި މިކަން މުޅިން ނިމިގެން ގޮސްފައި ވަނީ އީރާނުގެ ރައީސު އިބްރާހީމް ރައީސީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުގައެވެ.

އީރާން އަލްއާލަމް ނިއުސްއިން ބުނެފައިވާ ގޮތުގައި ބެއިޖިންގްގައި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި އީރާނުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި އީރާނު ރައީސުގެ ޚާއްސަ މަންދޫބު ޢަލީ ޝަމްޚާނީއެވެ. ސައޫދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މުސާޢިދް ބިން މުޙައްމަދު އަލްޢައިބާންއެވެ.

ޗައިނާގެ އިތުރަށް އޮމާނާއި އިރާގުންވެސް ވަނީ އީރާނާއި ސައޫދީ އަރަބިއްޔާގެ ގުޅުން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެދެގައުމުގައި ސައޫދީ އަރަބިއްޔާއާއި އީރާނުގެ އޮފިޝަލުން އެތައް ފަހަރަކު ބައްދަލުކުރައްވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ސައޫދީ އަރަބިއްޔާ ރަސްމީ ޚަބަރުފަތުރާ އެޖެންސީ، ސައޫދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ވަނީ މިޚަބަރު ތެދުކަން ޔަގީންކޮށްދީފައެވެ. އެ އެޖެންސީގެ ބަޔާނެއްގައި ވާގޮތުން ދެގައުމުން ވަނީ އެއް ގައުމު އަނެއް ގައުމުގެ ސިޔާދަތަށް އިހުތިރާމުކޮށް، އެއް ގައުމުން އަނެއް ގައުމުގެ ދާޚިލީ ކަންކަމާ ނުބެހުމަށް އެއްބަސްވެފައެވެ. އަދި އެސްޕީއޭއިން އިތުރަށް ބުނެފައިވާ ގޮތުގައި ދެގައުމުން ވަނީ 2001 ވަނަ އަހަރު އެކުލަވާލި، ސަލާމަތީ ކަންކަމުގައި އެއްބާރުލުމާ ބެހޭ އެއްބަސްވުމަށް އަލުން އަމަލުކުރަން ފެށުމަށްވެސް ނިންމާފައެވެ.  

ސައޫދީ އަރަބިއްޔާއިން އީރާނާއެކު އޮތް ސިޔާސީ ގުޅުން 2016 ވަނަ އަހަރުގެ ޖަނަވަރީ މަހު ކަނޑާލީ ސައޫދީ ޝީޢީ ޝައިޚެއް ކަމުގައިވާ ނިމްރް އައްނިމްރަށް މަރުގެ އަދަބު ދިނުމާ ގުޅިގެން އީރާނުގައި ކުރެވުނު މުޒާހަރާތަކުގައި އެގައުމުގެ ހުންނަ ސައޫދީ އެންބަސީ ރޯކޮށްލުމާ ގުޅިގެންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.