މަޖިލީހުގެ މެޖޯރިޓީ މިހާރުއޮތީ އިދިކޮޅު ފަރާތްތަކަށް: އަނާރާ

ރައްޔިތުންގެ މަޖީލިހުގައި ސަރުކާރަށް ކުރިންއޮތް މެޖޯރިޓީ ބަދަލުވެ އެ މެޖޯރިޓީ މިހާރު އޮތީ އިދިކޮޅު ފަރާތްތަކަށް ކަމަށް މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވައިފައި ބޭއްވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ސިޔާސީ ހާލަތު މިހާރުއޮތް ގޮތުން މަޖިލިސް ހުއްޓުވައިފައި  ބޭއްވުކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ. އަނާރާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް އިދިކޮޅު ޕާލަމެންޓްރީގުރޫޕުން މިހާރުވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދެއްވުމަށް އެދިފައި ކަމަށެވެ.

އަނާރާ ވިދާޅުވީ މިހާރު ފެންނަނީ ރާއްޖޭގެ ތިންބާރު އެކައްޗަވެ މަސްހުނިވެފައިވާތަން ކަމަށެވެ. "މިހާރު ތިންބާރުވެސް މިއޮތީ އެއްވެފައި. ހުރިހާވެސް ބާރަކީ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މިފެންނަނީ. އެހެނިހެން ބާރުތަކުގެ ބާރުވެސް ވަރަށްބޮޑަށް ކަނޑުވައިލެވިފައިވާތަން މިފެންނަނީ. މިއީ ރާއްޖޭގެ ގާނޫނު އަސާސީގެ ރޫހާ އެއްގޮތްވާގޮތެއްނޫން. ރޫހަކީ ތިންބާރަށްވެސް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ލިބިދީފައި އޮތުން،" އަނާރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީއަކީ ލިބިފައިވާ ވަރަށްބޮޑު ހަދިޔާއެއް ކަމަށެވެ. ކޮންމެ ބޭފުޅަކުވެސް އިޚުލާސްތެރިކަމާއެކު ވާޖިބު އަދާކުރައްވާނަމަ ވަރަށްފުރިހަމައަށް ކުރިއަށްގެންދެވިދާނެ ގާނޫނުއަސާސީއެއް ކަމަށް ވިދާޅުވިއެވެ.

އަބަދަކު އޮންނާނީ މިސަރުކާރު ނޫންކަމަށާއި ރައީސް ކަމުގައި އަބަދު ހުންނަވާނީ ރައީސް ޔާމީން ނޫންކަމަށްވެސް އަނާރާ ވިދާޅވިއެވެ. "މިހާރު ސަރުކާރަށް ސަޕޯޓުކުރައްވާ ބޭފުޅުންނަށް ކިހިނެއްތޯ ހަދާނީ ދެންއަންނަ ރައީސުލްޖުމްހޫރިއްޔާ، އަދުލު އިންސާފުގެ ކަންތައްތަކަށް އަމުރުކޮށް ހައްދަވަންޏާ، އެބޭފުޅުންވެސް ހިތްހަމަނުޖެހޭނެ،" އަނާރާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.