ބިރުވެރި ނުރައްކާތެރި އިންސާނާ

ކީރިތި ﷲ ، ފުރާނައަޅުއްވައި ދިރުންދެއްވި ތަކެތީގެ ތެރެއިން ، މިބިންމަތީގައި ލެއްވި ، އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި އެއްޗަކީ މިނިކާ ވަގެއްނޫނެވެ. ހަރުފައެއްވެސް ނޫނެވެ. އަދި އީގަލް އެއްވެސް ނޫނެވެ. އަދި ކިނބުލާއި މިޔަރެއްވެސް ނޫނެވެ. މިނިކާ މާދޫންޏެއްވެސް ނޫނެވެ. އެހެންނަމަވެސް ، އިންސާނާ ބަލަނީ ، މިތަކެއްޗަކީ އިންސާނުންނަށް އެންމެ ނުރައްކާތެރި ޖަނަވާރާއި ޙައިވާނުން ކަމުގައެވެ. މިހުރިހާ ތަކެއްޗަށްވުރެވެސް ބޮޑަށް ، މިބިންމަތީ ލެއްވި އެންމެ ނުރައްކާތެރި ، ބިރުވެރި މަޚުލޫޤަކީ އިންސާނާ ކަމުގައި ބުނެފިއްޔާ އެއީ އެންމެހައި އިންސާނުންނަށް ކުރެވޭ ބޭއިންސާފެކެވެ. އެހެނީ ، އެންމެ މާތް މަތިވެރި އިންސާނުން ޚަލްޤު ކުރައްވައި ޚަލީފާވެރި ކުރައްވައި ، ﷲ ވަނީ މިބިންމައްޗަށް ފޮނުއްވާފައެވެ. އެހެނަސް ، ހަމައެހާ ނުބައި ، ބިރުވެރި އަދި ނުރައްކާތެރި އިންސާނުންވެސް ވަނީ މިބިންމައްޗަށް ފޮނުއްވާފައެވެ. އެންމެ ނުރައްކާތެރި މަޚުލޫޤުކަމަށް މިލިޔުމުގައި ބަލާފައި އެވަނީ ، ދިރޭ ހުރިހާ ތަކެއްޗަށްވުރެ ބޮޑަށް ވިސްނުމާއި ފިކުރު ދެއްވައި ، ދުނިޔޭގައި އުޅެންވީގޮތް އަންގަވައި ފޮނުއްވި އިންސާނުންކުރެ ، ﷲ ގެ ރަޙުމަތްފުޅުން ބޭރުވެ ، އިންސާނިއްޔަތުކަމެއްނެތި ދުނިޔެއަށް އޮތް ބިރުވެރިކަމެއްގެ ގޮތުގައި ބެލެވޭ އިންސާނުންނަށެވެ. ރަޙުމެއް ކުލުނެއްނެތް ބަދަވި ، އަނިޔާވެރި ، ޖަނަވާރުންފަދަ ، އިންސާނުންނަށެވެ. ޖުމްލަގޮތެއްގައި މާތް އަދި ޚުލްޤުހެޔޮ ، މަތިވެރި އިންސާނުންނަކަށްނޫނެވެ.

ދުނިޔޭގެ ތާރީޚުން އެނގެން ނެތް އިހު އެވޭލާ ޒަމާނުގައި ، އަނިޔާވެރި ، ބިރުވެރި ނުރައްކާތެރި ޖަނަވާރުންނާއި ޙައިވާނުންނާއެކު ދިރިއުޅުމުގައި ، އިންސާނާގެ ބުއްދި އެހެން ހުރިހާ އެއްޗަކަށްވުރެ ތޫނުވެފައި ވަރުގަދައެވެ. ބުއްދީގެ ބޭނުންކޮށްގެން ، ދެފައިމައްޗަށް ކޮޅަށް ތެދުވެ ހިނގަން ، އިންސާނާ ދަސްކުރިއެވެ. ތޫނު ހަތިޔާރު އުފެއްދިއެވެ. އަމިއްލަ ނަފްސު ދިފާޢުކުރުމާއި ހަށިގަނޑަށް ކުރިމަތިވާ ނުރައްކަލުން ސަލާމަތްވާނެގޮތްތައް ހޯދިއެވެ. އަދި އެހެން ހުރިހާ ޖަނަވާރަކާއި ޙައިވާނުންގެ މައްޗަށް އިސްވެ ، ގަދަވެ ގަތެވެ. ލަސްލަހުން ތަރައްޤީ ކުރަމުން އައިސް ، ދުނިޔެ އެއީ އިންސާނުންގެ މިލްކަކަށް ހެދިއެވެ. އެދުނިޔޭގައި އުޅޭނެ މަގާއި ގޮތްތައް ތަނަވަސް ކުރިއެވެ. ކައިބޮއެ އުޅޭނެ ގޮތްތަކާއި ކާނެތަކެއްޗާއި ނުކާނެތަކެތި ވަކިކޮށް ، ބޯހިޔާވަހިކަން ތަނަވަސް ކުރިއެވެ. އަދި އެންމެ ފަހުން ޖަމާޢަތްތައް އުފެދި ، އަވަށްތަކާއި ރަށްތައް ، އަދި ޤައުމުތަކާއި ދުނިޔެ ތަރައްޤީކުރަމުން ގެންދިޔައެވެ. ދަނޑުބިންތައް އުފައްދައި ދަނޑުވެރިކަމުން ކައިބޮއެ އުޅޭނެމަގު ފަހިކުރިއެވެ. އަދި ދަނޑުވެރިކަމުގެ އާ ގޮތްތައް އީޖާދުކޮށް އުފައްދައި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރަމުން ގެންދިޔައެވެ. އާބާދީ އިތުރުވެ އެތައް ބިލިއަނަކަށް އަރައިގެންދިޔައިރުވެސް ، މުޅި ދުނިޔޭގެ އާބާދީ ، ބަނޑަށް ނުޖެހި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށް ، ކާބޯތަކެތީގެ ރައްކާތެރިކަން ހޯދިއެވެ.

މިހުރިހާ ތަރައްޤީއެއް ޙާޞިލްކުރިއިރުވެސް ، ކުރިން އިންސާނުންނާއެކު ދުނިޔޭގައި ދިރިއުޅެމުން އައި ޖަނަވާރުންނާއި ޙައިވާނުންނަށް ލިބުނު ކުޑަވެސް ކުރިއެރުމެއް ނެތެވެ. ފެށުނީއްސުރެ ބޭނުންކުރަމުން އައިސްފައިވަނީ ، އެއްވެސް ހަމައެއް ލަމައެއްނެތި ، ބޮޑު އެތި ކުޑައެތި ކާލައިގެން ދުނިޔޭގައި ދިރިއުޅުމުގެ އުޞޫލެވެ. މިނިކާ ވަގަށްވިޔަސް ، ކިނބުލާއި މިޔަރަށްވިޔަސް އެތަކެތީގެ ދުނިޔެ ބަދަލެއް ނުވެއެވެ. ﷲ ތަޢާލާ  ، އިންސާނާ ޚަލްޤުކުރައްވައި ، އެހެން ހުރިހާ އެއްޗަކަށްވުރެ އިންސާނާ މާތްކުރައްވައި ، ބިމުގައި ޚަލީފާވެރިކުރެއްވުމުގެ މަތިވެރި މަޤްޞަދު އެއިންސާނާ ފުރިހަމަކުރަމުން ގެންދިޔައީއެވެ. އިންސާނާއަށް ކުރިއެރުން ލިބުމުގެ ސަބަބާއި ސިއްރަކީ އެއީއެވެ. އިންސާނާ އުފައްދަވައި މާތްކުރައްވާފައިވާ ގޮތާބެހޭގޮތުން ކީރިތި ޤުރުއާނުގައި ﷲ ވަނީ ، ބަސްވަޙީ ކުރައްވާފައެވެ. ކީރިތި ޤުރުއާނުގެ އަލްމުއުމިނޫން ސޫރަތުގެ 14 ވަނަ އާޔަތުގައި އަންގަވާފައި ވެއެވެ.

ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنْشَأْنَاهُ خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ

" ދެން ތިމަންރަސްކަލާނގެ އެ މަނިތިކި ، ގަނޑު ލޭކޮޅަކަށް ހެއްދެވީމެވެ. ދެން ، އެ ގަނޑު ލޭކޮޅު ، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން ، އެ މަސްކޮޅު ، ކަށްޓަށް ހެއްދެވީމެވެ. ދެން ، އެކަށީގައި މަސްލެއްވީމެވެ. ދެން ، އެހެން އުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ ، އެންމެ ފުރިހަމަޔަށް ތަކެތި ހައްދަވާ ﷲ ، މަތިވެރިވެ ވޮޑިގެންވެއެވެ. "

އަލްއިސްރާ ސޫރަތުގެ 85 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَيَسْأَلُونَكَ عَنِ الرُّوحِ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُمْ مِنَ الْعِلْمِ إِلَّا قَلِيلًا

" ފުރާނައިގެ ވާހަކައިން އެއުރެން ކަލޭގެފާނާ ސުއާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ ! ފުރާނަޔަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް ، ( އެބަހީ : އިންސާނުންނަށް ) ޢިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ، ދެއްވާފައެއް ނުވެއެވެ. "

އަދި ހަމައެފަދައިން ، އަލްއިސްރާ ސޫރަތުގެ 70 ވަނައާޔަތުގައި ، ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވައިފާ ވެއެވެ.

وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِمَّنْ خَلَقْنَا تَفْضِيلًا

" ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ ، އާދަމުގެދަރިން މާތްކުރެއްވީމެވެ. އަދި ، އެއުރެން އެއްގަމާއި ކަނޑުގައި އުފުއްލެވީމެވެ. އަދި ، އެއުރެންނަށް ރަނގަޅު ތަކެތިން ރިޒުޤު ދެއްވީމެވެ. އަދި ، ތިމަން ރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން ، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖަޔަކަށް މާތް ކުރެއްވީމެވެ. "

އަލްބަޤަރާ ސޫރަތުގެ 29 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ.

هُوَ الَّذِي خَلَقَ لَكُمْ مَا فِي الْأَرْضِ

" އެކަލާނގެއީ ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. "

ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެންމެހައި ނިޢުމަތާއި ރަޙުމަތް މިންވަރުކުރެއްވި އިންސާނާ ، މިދުނިޔޭގައި ދިރިއުޅެމުންގެންދަނީ ، އެކަލާނގެ އިންސާނާ ދުނިޔެއަށް ފޮނުއްވި ބޭނުމާއި މަޤްޞަދު ޙާޞިލްވާގޮތަށް ، ޝުކުރުވެރިވެ ، އެކަލާނގެއަށް އަޅުކަންކުރުންމަތީގައި ހެއްޔެވެ ؟ ކީރިތި ޤުރުއާނުގެ އައްޛާރިޔާތު ސޫރަތުގެ 56 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ.

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ

" ތިމަންރަސްކަލާނގެޔަށް އަޅުކަންކުރުމަށް މެނުވީ ، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނުހައްދަވަމެވެ. "

ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލާއިރު ، ދުނިޔޭގެ އާބާދީއަކީ 8 ބިލިއަނެވެ. އޭގެ ތެރެއިން ، ޙައްޤުގޮތުގައި ﷲ އަށް އަޅުކަންކުރުމުގައި ދެމިއޮތް މުސްލިމް އާބާދީއަކީ 1.7 ބިލިއަނެވެ. 8.3 ބިލިއަން މީހުންނަކީ ނުވަތަ ދުނިޔޭގައި ދިރިއުޅޭ ކޮންމެ އަށްމީހަކުން ހަތްމީހުންނަކީ ޣައިރު މުސްލިމުންނެވެ. ﷲ ގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވެ ޙައްޤުގެ މަގުން އެއްކިބާވެ ، ދެދުނިޔެއިން ގެއްލިފައިތިބި މީހުންނެވެ. ކީރިތި ﷲ އަށް ޙައްޤުގޮތުގައި އަޅުކަންކުރަނީ ކޮންމެ އަށްމީހެއްގެ ތެރެއިން އެކެކެވެ.

އެހެންކަމުން ، ދުނިޔެ ބަދަލުކޮށް ، ތަރައްޤީގެ މަގުގައި ކުރިއަރައިދާ އިންސާނާގެ ހެޔޮބުއްދިއާއި ވިސްނުން ، ﷲ އެދިވޮޑިގެންވާމަގުން ފުރާފުރިހަމަވަމުން ، ކުރިއަރައި އެބަދޭތޯ ކުރެވޭ ސުއާލަށް ޖަވާބެއް ލިބެއެވެ. އިންސާނާގެ ޢަމަލުތަކުން ، ދުނިޔެ ހަލާކުކޮށް ފަސާދައިގެ މަގުން ދަތުރުކޮށް ، ރަނގަޅަށްވުރެ ބޮޑަށް ގޯހުންގޯހަށްގޮސް ، ދުނިޔެ ނިމުމުގެ ޢަލާމާތްތައް އެދަނީ ފެންނަމުންނެވެ. މި ހިނގަމުންދާ 21 ވަނަ ޤަރުނުގައި ، ދުނިޔެ ދެކެމުންމިދަނީ ، އިއާދަނުކުރެވޭފަދަ ގެއްލުންތަކެއްގައި ދުނިޔެއާއި ދުނިޔޭގެ ވެށި ، ހަލާކުވަމުންދާ މަންޒަރެވެ. ދުނިޔެ ނިމުމުގެ ކޮޅުމައްޗެވެ. އިވެނީ ހުރިހާ އެއްޗެއް ހުސްވަމުންދާ އަޑެވެ.

އިންސާނާ ދުނިޔޭގައި ދިރިއުޅުމުގައި ، އެބައިމީހުންގެ އަމިއްލައަތުން ، ދުނިޔެ ހަލާކުކުރަމުންގެންދަނީ އެބައިމީހުންގެ މުހުތާދުތައް ފުއްދުމަށްޓަކައެވެ. ޤުދުރަތީ ނިޒާމަށް ގޮންޖަހައި ، އެނިޒާމު އެއްފަރާތްކޮށް ، ހަލާކު ކުރަމުންނެވެ. ޖަންގަލިތައް ދަނީ ނެތެމުންނެވެ. ފަރުބަދަތަކުގެ ހިލަތައް ވަކިކޮށް ، އެދަނީ ކަނޑަށް އެޅެމުންނެވެ. ކަނޑުގެ ލޮނުގަނޑު ނެގި އެދަނީ ފެނަށް ބަދަލު ކުރަމުންނެވެ. އިންސާނުންނާ ޙަމަލާދީ އިންސާނުން ރޮލާ ކައިއުޅޭ ، ބިރުވެރި ނުރައްކާތެރި ވަލުޖަނަވާރާއި ޙައިވާނުން އަދި ބިޔަމަސްމަހާއި މަހުގެ ފައުޖުތައް އިންސާނާގެ ޝިކާރައަށްވެ އެދަނީ ނެތެމުންނެވެ. މިއީ ، އިންސާނާ އޭނާގެ އަމިއްލައަތުން ، އޭނާގެ ދުނިޔެ ހަލާކުކުރަމުންގެންދާ ގޮތުގެ މިސާލު ތަކެވެ.

މީގެ ތިންއަހަރު ކުރިން 2019 ގައި އެކަނިވެސް ، 12 މިލިއަން ހެކްޓަރުގެ ، ވާރޭވެހޭ ޖަންގަލި ނެތިގެން ދިޔައެވެ. މިޢަދަދަކީ 2000 ވަނައަހަރަށް ނިސްބަތްކުރާއިރު ، 70 އިންސައްތަ ބޮޑު ޢަދަދެކެވެ. ޖަންގަލިތައް ހަލާކުވެދަނީ ، ބްރެޒީލާއި މެދުތެރޭ އެފްރިކާ އަދި އިންޑޮނީސިއާފަދަ ޤައުމުތަކުގައި ހިނގާ އަލިފާނުގެ ޙާދިސާތަކުންނާއި ، ގަސްކެނޑުމާއި ތެޔޮ އުފެއްދުމާއި ރަންކޮނުމުގެ މަސައްކަތުގެ ތެރެއިން ، ތަރައްޤީގެ ނަމުގައި އިންސާނާ ހިންގާ ޢަމަލުތަކުންނެވެ. ވިޔަފާރީގެ ޙަރަކާތްތަކުންނެވެ. މިއިންކަމަކަށް ހުރަސްއަޅައި އެކަމެއް ހުއްޓުވޭ އިންސާނަކު ނުހުރެއެވެ. ހުރަސްއަޅާމީހާ މަރާލައި ނުވަތަ ރިޝްވަތުދީ ގަނެގެންނަމަވެސް ، އިންސާނާ އެދަނީ އޭނާގެ ދުނިޔެ އަމިއްލައަތުން ހަލާކު ކުރަމުންނެވެ.

ނަތީޖާއަކީ ، ހަމައެކަނި ޖަންގަލިތައް ހަލާކުވުން އެކަންޏެއްނޫނެވެ. ދުނިޔޭގެ އުފެދުން ނެތެމުން ދިއުމެވެ. ގްރީންހައުސް ގޭސް އިތުރުވެ ، ދުނިޔެ ހޫނުވެ ދިރިއުޅުމަށް އުނދަގޫ ތަނަކަށް ދުނިޔެ ބަދަލުވުމެވެ.

ތަންކޮޅެއްކުރިން ލައްކައިން ތިންލައްކައިން ގުނެމުންދިޔަ މިނިކާވަގުގެ އާބާދީ މިހާރު ގުނެނީ ހަތަރުހާހާއި ވިހިހާހާ ދެމެދުގައެވެ. އެއީ ، މިވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އިންސާނާ މިނިކާވަގު ޝިކާރަކޮށްގެން މަރައި ހުސްކުރުމުގެ ސަބަބުންނެވެ. އެފްރިކާއާއި ޗައިނާ އަދި ދެކުނު އޭޝިއާގައި މިނިކާވަގު ގެންގުޅެން ޖެހެނީ ކޮށްޓަށްލައި ބަންދުކޮށްގެންނެވެ. އެތަކެތީގެ އަގު ކަޅުބާޒާރުގައި އޮންނަނީ އިންތިހާއަށް މައްޗަށް އަރާފައެވެ. ބައެއްކަހަލަ މުބާރާތްތަކުގައި މިނިކާވަގުގެ ބޮލާއި އެތުގެ ދަތާއި އެހެންބައިތައް ޓްރޮފީގެ ގޮތުގައި އެބަދެވެއެވެ.

މިނިކާވަގާއި ހިޔަޅާ އަދި ކިނބުލާއި މިޔަރާ ، ހަރުފަޔަކީ ވަރަށް ބިރުވެރި އަދި ނުރައްކާތެރި ޖަނަވާރުންކަމަށް އިންސާނާ ނިންމައެވެ. އެހެންނަމަވެސް ، ބުއްދިޔާއި ސިކުނޑީގެ މަތިވެރި ނިޢުމަތް ދެއްވައި މިބިންމަތީ ޚަލީފާވެރިކުރެއްވި އިންސާނާ ، އެއްވެސް ސަބަބެއްނެތި ، އެކަކު އަނެކަކު މަރައި ، އިންސާނިއްޔަތަށް ގެއްލުންހުރި އެތައްކަމެއް ކުރަމުން އެބަގެންދެއެވެ. އެކަކު އަނެކަކުގެ ދިރިއުޅުން ހަލާކު ކުރަމުން އެބަގެންދެއެވެ. އެކަކުއަނެކެއްގެ މުދާ ފޭރި ، ވައްކަންކޮށް ، ނުޙައްޤު އަދަބުދެމުން އެބަގެންދެއެވެ. ކަންމިހެން އޮތްއިރު ، މިފަދަ އިންސާނުންނާއި ނުރައްކާތެރި ޖަނަވާރުންކުރެ ނުބައިނުލަފާވެފައި ބިރުވެރިކަންބޮޑީ ޖަނަވާރުން ހެއްޔެވެ ؟ ނުވަތަ އިންސާނުން ހެއްޔެވެ ؟ އަމިއްލަ އުފަލާއި އަރާމަށްޓަކައި ، އިންސާނުންނާއި ، އިންސާނުންނަށް ނުރައްކާތެރި ޖަނވާރާއި ޙައިވާނުން މަރައި ހުސްކުރަމުންގެންދާއިރު ، އިންސާނާއަށްވުރެ ނުރައްކާބޮޑު އެއްޗެއް ދުނިޔޭގައި ލެއްވިގެންވޭ ހެއްޔެވެ ؟

ފޮސިލްފިޔުލް އެންދުމާސި ގްރީންހައުސްގޭސް ޖައްވަށް ދޫކުރުމާއި ، އެތައް މިލިއަން ޓަނެއްގެ ކުނިބުނި ކަނޑަށާއި ބިމަށް އުކުމަކީ ، އެތައްޒަމާނެއް ވަންދެން ، ތިމާވެށީގެ މާހިރުން ނުކުރާށޭ ބުނަމުން އަންނަ ކަންކަމެވެ. މިއަދުވެސް ، އިންސާނާގެ ތަރައްޤީގެ ނަމުގައި އެކަން ކުރަމުން އެބަގެންދެއެވެ. އެއަޑުތަކަށް ދުނިޔެ އޮތީ ބީރުކަންފަތެއްދީގެންނެވެ.

ދުނިޔެ ހޫނުވަމުންގޮސް ދެކުނުޕޯލްގެ އައިސްތައް ވިރެނީއެވެ. އިންސާނާގެ ޢަމަލުތަކުން ދުނިޔޭގެ ޤުދުރަތީ އުފެދުންތައް  ވިރި ނެތެނީއެވެ.

އިންސާނުންނަކީ ، ހަމައެކަނި ޖަނަވާރުންނަށްހުރި ބިރުވެރި ނުރައްކަލެއްނޫނެވެ. ޚުދު އިންސާނުން އަނެއް އިންސާނާގެ ނުރައްކަލަކަށް ވެއެވެ. އަނިޔާވެރި ނުރައްކާތެރިކަމަށްބުނާ ޖަނަވާރުންނަށްވުރެ އެތައް ގުނައެއް އިތުރަށް ، އިންސާނާ އިންސާނުން މަރައިފިއެވެ. ނަސްލީ އިމްތިޔާޒާއި ފެންވަރުގެ ތަފާތުން ، ސިޔާސީބާރުވެރިކަން ހޯދުމަށް އަދި އެކެއްގެ މައްޗަށް އަނެކަކު ގަދަވެ މަތިވެގަތުމަށް ، އިންސާނާ އަމިއްލަޔަށް ކުރާ ނޭއްގާނި ޢަމަލުތަކުން މަރުވެދާމީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ. އިންސާނާ ތަޖުރިބާ ކުރަމުންގެންދާ މިހިތާމަވެރި ނުރައްކަލުގެ ނަތީޖާއިން މަހުޖަނުންނާއި ސިޔާސީމީހުންނަށް ފިލާވަޅުތަކެއް ލިބުނަސް އޭގެ އެދެވޭ އަސަރެއް ނުކުރެއެވެ.

ދާދިމިދާކަށްދުވަހު ، ކުރިމަތިވި ކޯވިޑްގެ ޢަލަމީ ވަބާއަކީ ، ޤުދްރަތީގޮތުން ، އިންސާނާއަށް މަތިވެރި ފިލާވަޅުތަކެއް ލިބިގެންދިޔަ ހިތާމަވެރި ކާރިސާއެކެވެ. އިންސާނާ ގެޔަށްވަދެ ނުނުކުމެ ތިބެން ޖެހުނެވެ. ވެހިކަލްތަކުން އަރާ ދުން ކުޑަވިއެވެ. ކާރުޚާނާތަކުގެ މަސައްކަތުން ޖައްވަށް ލިބުނު ގެއްލުން ކުޑަވިއެވެ. މަތީގައިވާ ފޮޓޯއިން ފެންނަގޮތަށް ، އުޑުމަތި ހަމަލޮލަށް ފެނުނެވެ. ދުނިޔެއަށް އިންސާނާ ވެރިވެގަނެ ހަކުރާ ޖަހައިގެން ދުނިޔެކާން ކުރާމަސައްކަތް މަދުވިއެވެ. އެ ޢާލަމީ ވަބާއިން ލިބުނު ފިލާވަޅުތަކުން އެންމެ ކުޑަމިނުން ، ހިރަފުސްބޯ މަގުމައްޗަށް ނުކުންނައިރު ، މާސްކް އަޅައިލާން ދަސްވި ފިލާވަޅުގެވެސް ބޭނުމެއް ، އިންސާނާއަކަށް ނުފެނުނެވެ.

އިންސާނާ ހިފައި ހައްޔަރުކޮށްގެން ކޮށްޓަކަށްލައިގެން ، ޕެޓެއްގެ ގޮތުގައެއް ނުގެންގުޅެވެއެވެ. އެކަމަކު ޖަނަވާރުންނަށް އެދަރަޖަ އެބަ ލިބެއެވެ. އެހެންކަމުން ، އިންސާނުން ޚާއްޞަވީ ސަބަބަކީ ކޮބައިބާވައެވެ ؟ އިންސާނުންނަށްވުރެ ، ދުނިޔެއާއި އިންސާނިއްޔަތަށް ނުރައްކާތެރި ބިރުވެރިކަމެއް ދުނިޔެއިން ފެންނަން އެބައޮތް ހެއްޔެވެ ؟

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ތިޔަފަދަ ޢީލްމީ ބޭފުޅެއްގެ ލި ލިޔުމުގައި އިސްލާމީ ޢަޤީދާއާއި މާތްﷲގެ ކަލަމްފުޅާ ފުށުއަރާގޮތަށް ޑާވިންސީ އިންސާނާ ރާމާ މަކުނުން އުފެދުނުކަމަށް ބުނި ބޯގޯސް ވިސްނުމަށް ތާއީދުކުރާ ބީދައިން އެ ފޮޓޯ ހިމަނައި ނިކަން މުނާސަބުކޮށް ދެފައިމައްޗަށް ކޮޅަށްތެދުވާ ހިސާބު ގުޅުވާލާފައި އޮތީމާ މުޅި ލިޔުން މަތިން ފޫހި ކުރުވައިފި.

    • ވަރަށް ބޮޑަށް މަޢާފު ކުރެއްވުން އެދެން. އައިސް ތިވިދާޅުވިގޮތަށް ، ދެފައިމައްޗަށް ތެދުވުން ތަޞައްވުރު ކުރުމަށް ، ލިޔުމުގައި ހިމެނިފައިވާ ފޮޓޯއަކީ މިލިޔުމާ މުނާސަބު ފޮޓޯއެއްނޫން. ސައިންސުގެ ބައެއް ތިއަރީއަކީ ، ﷲ ގެ ކުޅަދުންވަންތަކަމާއި އިސްލާމީ ޢަޤީދާ އަދި ކާއިނާތުގެ އުފެދުމާއި ޤުދްރަތީ ނިޒާމާ ފުށުއަރާ އެއްޗެއް. އިންސާނުންގެ އުފެދުމަކީ އަދި އަޅުގަނޑުމެންގެ ބަފައިކަލަކީ ، ސަލާމްލެއްދި އާދަމުގެފާނު. ކީރިތި ޤުރުއާނުގެ އަލްމުއުމިނޫން ސޫރަތުގެ 14 ވަނަ އާޔަތާއި އައްޛާރިޔާތު ސޫރަތުގެ 56 ވަނަ އާޔަތުން އިންސާނާގެ އުފެދުން ، ﷲ ތަޢާލާ ބަޔާންކޮށް ދެއްވާފައިވޭ. އިންސާނާގެ އުފެދުންކަމަށް ޗާރލްސް ޑާރވިން ބުނާ ތިއަރީއަކީ ، އޭގެ އަޞްލާމުޅިން ޚިލާފުވުމުގެ އިތުރަށް ، ޚުދު އިންސާނާގެ ބުއްދިވެސް ޤަބޫލުނުކުރާ އެއްޗެއް. ފޮޓޯގެ ތަޞައްވުރާބެހޭ އެއްވެސް ލިޔުމެއް ލިޔެވިފައެއް ނުވޭ. އެހެނަސް ފޮޓޯއަކުން ވަރަށް ވާހަކަ ކިޔިދާނެ. ފޮޓޯ ބަދަލުކޮށްލާނަން. ފާޅުކުރެއްވި އަގުހުރި ޚިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.