ކިރުއިލޮށި - 8

(20 ފެބުރުއަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެހެންނަމަވެސް ، އެ ކައިވެނީގެ މައްޗަށް އޭނާއަށް ބާރުފޯރުވޭ ވަރަށްވުރެ މައްޗަށް ގޮސްފައި އޮތްވާހަކަ ބުންޏެވެ. އެކަން މިހާރުވަނީ އޭނާއަށް ބާރުފޯރުވޭނެ ހިސާބެއްގައެއްނޫނެވެ. ޚައިރާދާއި އަޝްހަރުގެ ކައިވެނި މިހާރު އެއޮތީ ކުރާގޮތަށް ނިމިފައެވެ. އެކަން ހުއްޓުވުމަށް ފަރީދާއަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. އެއީ އާދައިގެ ކަމެކޭ ހީވިޔަސް އެކަން މިހާރު އެއޮތީ ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައެވެ. މިއަންނަ ހުކުރު ދުވަހު އެކައިވެނި ކުރެވޭނެއެވެ. އެ ކައިވެނި ހުއްޓުވަން އެއްވެސް ކަމެއްކޮށްފިނަމަ އޭނާވެސް ގެއިން ބޭރުކޮށްލާނެކަމުގެ އިންޒާރު ދީފައި އޮތްވާހަކަވެސް ، ސާރާގާތު ފަރީދާ ބުންޏެވެ.

" އަހަރެންގެ އިޙްސާސްތަކަށް އެއްވެސް މީހަކު އަޅައިނުލަނީ ކީއްވެ ހެއްޔެވެ ؟ އަހަރެން އަޝްހަރުދެކެ އިންތިހާއަށް ލޯބިވާކަން ދައްތަޔަށްވެސް އެނގޭނެއެވެ. އަހަރެންނަކަށް އަޝްހަރާ ނުލައި ދުނިޔެއަކު ނޫޅެވޭނެއެވެ. " ސާރާ ބުންޏެވެ.

ފަރީދާއަށް ސާރާގެ އިޙްސާސްތައް ވަޒަން ކުރެވެއެވެ. އެހެންނަމަވެސް އެކަމުގައި އޭނާއަށް ކުރެވޭނެ ހަމަ އެއްވެސްކަމެއް ނެތެވެ. ހުރިހާ ބާރުތަކެއް އޭނާގެ އަތުންވަނީ ނިގުޅައި ގަނެވިފައެވެ. އެކައިވެނި ފަރީދާ ޤަބޫލުކުރީ ހިތާ ދެކޮޅަށެވެ. އަދި އެއީ ސާރާއަށްވެސް އޮތްގޮތްކަމުގައި ފަރީދާ ބުންޏެވެ. ހިތާ ދެކޮޅަށް ، އެކައިވެނި ޤަބޫލުކުރުމަށް ސާރާއަށް ނަސޭޙަތް ދިނެވެ. ފަހަރެއްގައި ކަލޭމެން ދެމީހުންގެ ކައިވެނިވާން ތަޤްދީރުގައި ނެތީކަމަށް ވެދާނެއެވެ. އެހިސާބުން ސާރާއަކަށް ކެތެއް ނުކުރެވުނެވެ. ފަރީދާ ވާހަކަ ދައްކަ ދައްކާ އިންދާ އެތަނުން ނުކުމެގެން ހިނގައްޖެއެވެ.

ސާރާ ކާރަށް އަރައި ދުއްވައިލިއެވެ. އަދި ރޮމުން ރޮމުން އިނދެ ، އަޝްހަރަށް ފޯނުކުރިއެވެ. އަންނަ ހުކުރުދުވަހު ، ޚައިރާދާ ، އަޝްހަރު ކައިވެނިކުރަނީތޯ ސުއާލުކުރިއެވެ. ސާރާ ރޮނީކަން އަޝްހަރަށް އެނގުނެވެ. އަދި ސާރާ އެހުރީ ކޮންތާކުތޯ ސުއާލު ކުރިއެވެ. އެކައިވެންޏަށް ނޫނެކޭ ބުނާނެ އެއްވެސް ފުރުސަތެއް ، ބައްޕަ ، އޭނާއަށް ނުދިންކަމުގައި ބުންޏެވެ. އެހިސާބުން ސާރާ އޭނާގެ ފޯނު ކަނޑައިލިއެވެ. އަދި އަޑުގެ ނެތްތަނަށް ރޮމުން ކާރު ދުއްވަމުން ގެންދިޔައެވެ.

ގެޔަށްގޮސް ނުވެސްކައި ، ސިޓިންގރޫމުގައި ސާރާ އިށީނދެލިއެވެ. އަދި ފިލްމެއްބަލަން ފެށިއެވެ. އެވަގުތު ޓީވީން އަންނަ ފިލްމަކީ ތަޅައިފޮޅުމާއި އަނިޔާވެރިކަން ދައްކުވައިދޭ ފިލްމެކެވެ. ވަޅިއާއި ބަޑިން އެކަކު އަނެކަކަށް ޙަމަލާދީ މީހުން މަރަމުންދާ މަންޒަރުތަކެއް ފެންނަމުން ދިޔައެވެ. ސާރާގެ ނަޒަރު ފިލްމުގެ މަންޒަރުތަކަށް ސީދާވެފައި އިންއިރު ، އޭނާގެ ސިކުނޑި އަޑުއަހަމުންދަނީ ފަރީދާ ދެއްކި ވާހަކަ ތަކެވެ. އަޝްހަރާއި ޚައިރާދުގެ ކައިވެނިކުރާގޮތަށް ނިމިފައި އޮތްވާހަކައެވެ. އެކަމުގައި ފަރީދާއަށް ވެފައި އޮތް މަޖުބޫރެވެ. އަޝްހަރަށް ، ބައްޕަގެ ކުރިމަތީގައި ނޫނެކޭބުނަން ނުކެރޭނެކަމަށް އަޝްހަރު ބުނި ވާހަކައެވެ. އިސްއުފުލައިލި ވަގުތު ސާރާގެ ލޯ ސީދާވީ ، ކައިރީގައިހުރި މޭވާ ޓުކުރިއަކަށެވެ. އެ ޓުކުރީގައި ހުރީ ރަތްއާފަލެވެ. މިޔަތޫނު ވަޅިއެއް ތަށީގައި ބޭއްވިފައި އޮތެވެ. ސާރާ އެވަޅި ނެގިއެވެ. އަދި އޭނާގެ އަތްތިލައިގެ މަތިން ފެންނަމުންދިޔަ ނާރުތަކާ ވަޅި ސީދާކޮށް އަތަށް ހެޔޮވަރު ކޮށްލިއެވެ. އަތްތިލައިން ފެށިގެން އޮޅަބޮށްޓާހަމަޔަށް ފެންނަމުންދިޔަ ނާރުތަކަށް ވިސްނައިލިއެވެ. އެންމެ ފަލަކޮށް ފެންނަންހުރި އަތުގެ މައި ދެނާރަށް ވަޅި އަމާޒު ކުރިއެވެ.

އަޝްހަރަށް ނިދިފައި އޮއްވައި ކުއްލިޔަކަށް ސިއްސައިގެންގޮސް ހޭލެވުނެވެ. އިރުކޮޅަކުން އައީ ސާރާގެ ފޯނެކެވެ. ފޯނުން ސާރާ ވާހަކައެއް ނުދައްކައެވެ. އެފޯނު ކަނޑައިލުމަށްފަހު ، އަޝްހަރު ގުޅީ ޒަރީނާއާއެވެ. ޒަރީނާ ، ފޯނުން އެދެއްކި ވާހަކައެއް ދެއްކުމާއެކު ، އަޝްހަރު އަވަސްވެގަތީ އެގެޔަށް ދިއުމަށެވެ. އަޝްހަރަށް އެގެޔަށް ދެވުނުއިރު ، ސާރާއޮތީ ސިޓިންގރޫމުގެ ސޯފާމައްޗަށް ދެމިފައެވެ. އަތުން ފައިބައިފާހުރި ލޭތައް ތަޅުންމައްޗަށް އެޅިފައި ހުއްޓެވެ. އަޝްހަރު އޭނާގެ އަތްދަނޑިމައްޗަށް ސާރާ ނެގިއެވެ. އަދި ، ސާރާ ހޮސްޕިޓަލަށް ގެންދަން އަވަސްވެގަތެވެ.

ހޮސްޕިޓަލުގެ އެނދުގައި ސާރާ ބޭއްވިފައި އޮތްއިރު އޭނާގެ އަތުކުރިންފެށިގެން އޮޅަބޮށްޓާހަމަޔަށް އޮތީ ބެންޑޭޖް ކުރެވިފައެވެ. ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން ޒަރީނާ ކޮޅަށް ހުއްޓެވެ. ސާރާ އަދިވެސް ހެޔެއް ނާރައެވެ. ސާރާ ބާއްވާފައި އޮތް ކޮޓަރިތެރޭގައި ބެހެއްޓިފައިހުރި ގޮނޑިސެޓުން ގޮނޑިއެއްގައި އަޝްހަރު އިސްދަށަށް ޖަހައިގެން ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިނެވެ. ޒަރީނާ ، ސާރާގެ ބޮލުގައި ފިރުމައިލުމަށްފަހު ، އަޝްހަރުގާތަށް އައިސް އިށީނދެލިއެވެ.

" އަޝްހަރެވެ ! ސާރާ އެއުޅުނީ ކީއްކުރަން ހެއްޔެވެ ؟ އަޝްހަރު ފޯނު ނުކުރިނަމަ ، އަހަރެންނަކަށް ހިލަމެއްވެސް ނުވީހެވެ. އަހަރެންގެ ދަރިފުޅު މަރުވީހެވެ. " ޒަރީނާ ބުންޏެވެ.

" ޒަރީނާ ދައްތާއެވެ ! ސާރާއާ  ވާހަކަ ދައްކާލާށެވެ ! ﷲ ގެ ރަޙުމަތްފުޅުން ، ސާރާ ރަނގަޅުވާނެއެވެ. ނުރައްކަލުން ސަލާމަތްވެފައިވާކަމަށް ޑޮކްޓަރުންވެސް ބުންޏެވެ. " އަޝްހަރު ބުންޏެވެ.

" ކައިވެންޏާހުރެ ފުރާނަދުއްވާލަން ސާރާ އެ ވިސްނީ ކީއްވެ ހެއްޔެވެ ! ދިރިއުޅުމުގައި އަހަރެންގެ ދަރިފުޅު ނާކާމިޔާބުވީ ކީއްވެގެން ހެއްޔެވެ ؟ " ޒަރީނާ ، އަޝްހަރަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.

އެރޭ ހަތަރުދަމު ، ޒަރީނާއުޅުނީ ނުނިދައެވެ. ސައިތަށްޓެއް ގެނެސްދޭނަމޭ އަދި ސައިބޮއެގެން އަރާމުކޮށްލާށޭ ބުނެ ، ސައިތަށްޓެއް ގެންނަން އަޝްހަރު ބޭރަށް ނުކުތެވެ.

އަޝްހަރު ސައިތަށި ހިފައިގެން އައިސް ދޮރުހުޅުވާލިއިރު ، ސާރާ ހޭއަރައިފިއެވެ. ސާރާ އިނީ އެނދުމަތީ އިށީނދެލައިގެންނެވެ. ކައިރީގައި ޒަރީނާވެސް އިށީނދެއިނެވެ.

ޒަރީނާ ދައްތައާ އަހަރެންނާވެގެން ސާރާއަށް ދޭނީ ކޮން އަދަބެއްތޯ އަޝްހަރު ސުއާލުކޮށް ސާރާއާ ސަމާސާ ކޮށްލިއެވެ. އަދި އެރޭ ހަތަރުދަމު އެމީހުން ހޭލައި އުޅުނުވާހަކައާއި ، ސާރާދެކެ އެމީހުންވާ ލޯބި ވަޒަން ނުކޮށް އަމިއްލަ ނަފުސު ޤުރުބާން ކުރަން އުޅުމުގެ އަދަބު ސާރާއަށް ޙައްޤު ކަމުގައި އަޝްހަރު ބުންޏެވެ. އަޝްހަރު ދިއްކޮށްގެންހުރި ސައިތަށީގައި ހިފާކަށް ސާރާ ބޭނުމެއް ނުވިއެވެ. އޭނާ އިނީ އަނެއްފަރާތަށް މޫނު އަނބުރާލައިގެންނެވެ. ވަގުތު ބަލާފައި އެދެމީހުން އެކަނިވެލުމަށް ފުރުޞަތުދީ ، ޒަރީނާ ކޮޓަރިން ނުކުތެވެ.

އަޝްހަރު ، ސާރާއަށް ގޮވާލިނަމަވެސް ޖަވާބެއް ނުދިނެވެ. އޭނާއާ ވާހަކަ ދެއްކުމަށް ސާރާގެ ކިބައިން އަޝްހަރު އެދުނެވެ. އޭނާ މަރުވާން ދޫކޮށްނުލައި ، ސަލާމަތްކުރީ ކީއްވެގެންތޯ ސާރާ ސުއާލުކުރިއެވެ. އޭނާ ބޭނުންވީ މަރުވާށެވެ. ސާރާއަކީ އަޝްހަރުގެ ޙަޔާތުގައި މުހިންމު މީހެއްކަމަށް އަޝްހަރު ބުންޏެވެ. އަދި އަމިއްލަ ނަފުސަށް އަނިޔާދޭން އޭނާއަށް ސަރާ ދޫކޮށް ނުލެވޭނެކަމުގައި ބުނެ އެއީ އޭނާގެ އެންމެގާތް އެކުވެރިޔާކަމަށް ބުންޏެވެ. ސާރާއަށް އޭނާއާއެކު އަޝްހަރު ނެތް ދުނިޔެއެއް ބޭނުންނޫންކަމުގައި ، ރޮމުން ރޮމުން ސާރާ ބުންޏެވެ. ޚައިރާދާ ކައިވެނިކޮށްގެން އޭނާއާއެކު އަޝްހަރު ދިރިއުޅޭތަން ބަލަން ސާރާ ދުނިޔޭގައި ހުންނަން ބޭނުންނުވާކަމުގައިވެސް ބުންޏެވެ.

" އަހަރެން ސާރާގެ އިޙްސާސްތަކަށް އިޙްތިރާމް ކުރަމެވެ. އެކަމަކު ، ސާރާވެސް މިކަންވެގެންދިޔަގޮތާމެދު ވިސްނައިލާށެވެ. ކުރިމަތީގައިވާ ޙާލަތުގައި އެކައިވެންޏަށް އަހަރެންނަކަށް އިންކާރެއް ނުކުރެވޭނެއެވެ. އަހަރެން މި ތަޙައްމަލުކުރާ އުނދަގުލަށްވެސް ވިސްނާލަ ބަލާށެވެ ! އަހަރެން މިހުރީ އެޙާލަތު ޤަބޫލުކޮށްގެންނެވެ. މަންމަވެސް އެހުރީ އެގޮތުގައެވެ. ސާރާވެސް އެކަން ޤަބޫލުކޮށްލާށެވެ ! އަހަރެމެންނަކަށް އެހެންގޮތެއް ފެންނާކަށް ނެތެވެ. " އަޝްހަރު ، ސާރާއަށް އާދޭސްކުރަމުން ގެންދިޔައެވެ.

" އަހަރެން އަޝްހަރުދެކެވާ ލޯބި އެއްވެސްމީހަކަށް ވަޒަނެއް ނުކުރެވޭނެއެވެ. އަޝްހަރަކަށްވެސް އަހަރެން ލޯބިވާ ވަރަށް ، އަހަރެންދެކެ ލޯތްބެއް ނުވެވޭނެއެވެ. އެއްވެސް މީހަކު އަހަރެންގެ ލޯތްބަކަށް އިޙްތިރާމެއް ނުކުރެއެވެ. އަހަރެންގެ ޙާލަކަށް ނުވިސްނައެވެ. އަހަރެންނަކަށް ، އަޝްހަރާ ނުލައި ދުނިޔެއަކު ނުއުޅެވޭނެއެވެ. " ސާރާ ، ރޮމުން ވާހަކަ ދައްކަމުން ގެންދިޔައެވެ.

ސާރާ އެހާބޮޑަށް އަޝްހަރު ދެކެލޯބިވާ ކަމަށްވަންޏާ މީގެފަހުން އެކަހަލަކަމެއް ނުކުރާނެކަމަށް ވަޢުދުވުމަށް ސާރާގެ ކިބައިން އަޝްހަރު އެދުނެވެ. އަދި ބައްޕަޔާ ވާހަކަދައްކައިގެން ބައްޕަގެ ނިންމުން ބަދަލުކުރެވޭތޯ މަސައްކަތްކުރާނެކަމަށް ސާރާއަށް ވަޢުދުވިއެވެ. އަޝްހަރުގެ އަތްމަތީގައި އެއްވެސް ބާރެއް އޮތްނަމަ ވަގުތުން ސާރާއާ ކައިވެނިކުރީސްކަމުގައި އަޝްހަރު ބުންޏެވެ. ސާރާއަކީ އަޝްހަރުގެ ގާތް ރަޙުމަތްތެރިއެކެވެ. އޭނާއަށް އެހާ ހެޔޮވެފައި އަޅާލައެވެ. ސާރާގެ ތަކުލީފުތަކަށް އަޝްހަރަށް ކެތެއް ނުކުރެވޭނެއެވެ. ރުއިން ހުއްޓާލުމަށްފަހު ހަމަޖެހިލުމަށް ، އަޝްހަރު އެދެމުން ގެންދިޔައެވެ. ސާރާއާ ވާހަކަ ދައްކަން އިންދާ ބައްޕަގެ ފޯނެއް އަޝްހަރަށް އައެވެ. އަޝްހަރު އެއުޅެނީ ރައްޓެއްސަކު އެކްސިޑެންޓެއްވެގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮތީމާ ހޮސްޕިޓަލަށް އައިސް ކަމުގައި ބުންޏެވެ. އަނެއްކޮޅުން ދައްތަގެ ޙާލު ، ކުއްލިޔަކަށް ވަރަށް ސީރިއަސް ވެއްޖެކަމަށް ބަޝީރަތު ބުންޏެވެ. އެހެންކަމުން ، ތިމަންނަ މިދަނީއޭ ބުނެ ، އަޝްހަރު ގެޔަށް ދިއުމަށްޓަކައި ނުކުތެވެ.

އަޝްހަރު ގެޔަށްވަދެ ކާރު މަޑުކޮށްލުމާއެކު ، ބަޝީރަތު ކަންބޮޑުވެފައިހުރެ ، އައިސް ކާރުގެ ދޮރުހުޅުވައިލިއެވެ. އަޝްހަރު ކާރުން ފޭބުމާއެކު އަޝްހަރުގެ އަތުގައި ހިފައި ދައްތަގެ ޙާލު ވަރަށް ސީރިއަސްކަމުގައި ބުންޏެވެ. އަދި ލަސްކުރެވެން ނެތްކަމަށާއި ވަގުތުން ކައިވެނިކުރަން އެބަޖެހޭކަމުގައި ބުންޏެވެ. އަޝްހަރަށް ލިބުނު ޙައިރާންކަމުގައި އަދި ބައްޕަގެ ކަންބޮޑުވުމާގުޅިގެން ، ބުނާނެ އެއްޗެއް ނޭނގި ގަބުވެފައި ހުއްޓެވެ.

ވަގުތުން ޤާޒީއާއި ހެކިވެރިންގެނެސް ، ފޯމުތައްފުރައި ، އަޝްހަރާއި ޚައިރާދުގެ ކައިވެނި އެރެއިން އެރެޔަށް ކުރެވިއްޖެއެވެ. ކައިވެނީގެ މާޙައުލުން އެއްވެސް މީހެއްގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. ކިރިޔާވެސް ، ހިނިތުންވެލާފައިހުރިތަން ފެންނަނީ ބަޝީރަތުގެ މޫނުމަތިން އެކަންޏެވެ.

ރޭވެއަލިވުމާއެކު ، ހެނދުނުގެ ވަގުތުގައި ފަރީދާ ، ޒަރީނާއަށް ފޯނުކޮށް ، އަޝްހަރާއި ޚައިރާދުގެ ކައިވެނީގެ ޚަބަރު ދިނެވެ. ޒަރީނާއަށް ލިބުނީ ޝޮކެކެވެ. އެރެއިން އެރެޔަށް އެކައިވެނި ކުރެވުނުގޮތަކާމެދު ޒަރީނާހުރީ ޙައިރާން ވެފައެވެ. އަޝްހަރުވެސް އެކަމަށް ރުހިގެން އެކައިވެންޏަށް އާނބަސް ބުނީތީ އަދިވަކިން ކަންބޮޑުވިއެވެ. ބަޝީރަތު އެފަދަ ކަމެއް ކޮށްފާނެކަމަކަށް ޒަރީނާއަށް ހީކުރެވިފައެއް ނެތެވެ. ޒަރީނާ ފޯނުން ވާހަކަ ދައްކަމުން ގެންދިޔައިރު ، އޭނާގެ ފުރަގަހުގައި ، ޒަރީނާގެ ވާހަކަތައް އަޑުއަހަން ސާރާ ހުއްޓެވެ. ޒަރީނާ ފޯނު ކަނޑައިލީ ފޯނުން ވާހަކަދައްކަން ދަތިކަމަށް ބުނެ ، ބައްދަލުކޮށްފައި ވާހަކަ ދައްކާލަން އެއްބަސް ވެފައެވެ. ފޯނު ކަނޑާލައިފާ ފަހަތަށް އެނބުރިލިއިރު ، ސާރާ ކައިރީގައިހުރިތަން ފެނުނެވެ. ސާރާއަށް އެވާހަކަތައް އަޑުއިވިފައި ކޮޓަރިޔާ ދިމާއަށް ހިނގައިގަތުމާއެކު ، އޭނާ ހުއްޓުވުމަށް ޒަރީނާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ، އޭނާ އެކަނިވެލަން ބޭނުންކަމަށް ބުނެ މަޑެއް ނުކުރިއެވެ. އަދި ، އެއްވެސް ގޯސްކަމެއް އޭނާ ނުކުރާނެކަމަށް ބުންޏެވެ. އަޝްހަރަކީ އޭނާގެ ނަޞީބުގައި ނެތްމީހެއްކަމަށްބުނެ ، އިރުކޮޅަކު އޭނާ އެކަނިވެލަން ފުރުޞަތު ދިނުމަށް އެދުނެވެ.

ސާރާ ކޮޓަރިޔަށްވަދެ ހިތްފަޅައިގެންދާވަރަށް އެތައް އިރަކު ރޯން އިނުމަށްފަހު އަޝްހަރަށް ފޯނުކުރިއެވެ. އޭނާއަށް ވީ ވަޢުދު ނުފުއްދީ ކީއްވެގެންތޯ ސުއާލުކޮށް ރޮމުންގެންދިޔައެވެ. އަޝްހަރަށް އެހެންގޮތެއް ނެތިގެން ކައިވެނިކުރީކަމަށް ބުންޏެވެ. އަދި އެކަން އެހިނގައިދިޔަގޮތް ސާރާއަށް ކިޔައިދިނެވެ. ޙާލަތަށް ވިސްނައި ، ސާރާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް އަޝްހަރު އެދުނެވެ. އަޝްހަރު ފޯނުގައި ހުއްޓާ ، ޚައިރާދު ވަރަށް ބާރަށް ބޮޑުބޭބޭއޭ ގޮވާއަޑު އަޑުއިވުނެވެ. ޚައިރާދު ބަޝީރަތަށް އެގޮވަނީ ދައްތަގެ ޙާލަތު ގޯސްވެގެންކަން އަޝްހަރު ދެނެގަތެވެ. އެނދުމަތީ ފޯނު ބޭއްވުމަށްފަހު ، އަޝްހަރު ދުއްވައިގަތެވެ. އޭރުވެސް ސާރާ އަޑުން އަޑުނަގާ ރޮމުން ގެންދިޔައެވެ.

މައިމޫނާގެ ބޯލާކޮޅުގައި އިނދެގެން ޚައިރާދު ރޮމުން މަންމާއޭ ގޮވަމުން ގެންދިޔައެވެ. އަދި ބޮޑުބޭބެއަށްވެސް ގޮވަމުން ގެންދިޔައެވެ. އޭރު މައިމޫނާ ލަމުން އެގެންދަނީ އެންމެ ފަހުގެ ނޭވާކަން ޚައިރާދަށް އެނގުނެވެ. އަޝްހަރާއި ބަޝީރަތަށް އާދެވުނުއިރު ، މައިމޫނާގެ ފުރާނަ މިދުނިޔެއާ ވަކިވެއްޖެއެވެ. އެންމެ ފަހުގެ ދުޢާއާއެކު ، ބަޝީރަތުގެ ދެއަތުން ، އޭނާގެ ފުރާނަނެތް ދައްތަގެ ހުޅުވިފައިވާ ދެލޯ ފޮރުވައިލިއެވެ. އޭރު ، ޚައިރާދު މަންމަޔަށް ގޮވަމުން މައިމޫނާގެ މޭމަތީ ބޯއަޅައިގެން އޮވެ ރޮމުންގެންދިޔައެވެ. ފަރީދާ ، ޚައިރާދުގެ ގާތަށްޖެހިލައި އޭނާ މަސަލަސް ކުރެވޭތޯ ބަލަމުން ގެންދިޔައެވެ.

މަންމަވަޅުލުމަށްފަހު ، ޚައިރާދަށް ލިބުނު ހިތާމައިގާ ބައިވެރިވާނެ މީހަކު ނެތެވެ. އޭނާވަނީ އެކަނިވެރިވެފައެވެ. މަންމަ ކާން ގެންގުޅުނު ބޭސްތައް ނަގައި ބާޅިސް ގަޔާ ބޮނޑިކޮށްލައިގެން އެކަނި އިނދެ ، ހިތްފަޅައިގެންދާވަރަށް ރޮމުން ގެންދިޔައެވެ. އެގޭތެރޭގައިވެސް ، ބޮޑުބޭބެ ފިޔަވައި އޭނާއާ އަޅައިލާ މީހަކު ނެތެވެ. ހިތާ ދެކޮޅަށް ކުރި ކައިވެނީގެވެސް އެއްވެސް ހިތްހަމަޖެހުމެއް ނެތެވެ. އެއީ ނަމެއްގައި ކުރެވުނު ކައިވެންޏެކެވެ. ޚައިރާދުގެ ޙާލަތު ނަފުސާނީ ބައްޔަކަށް ބަދަލުވަމުން ދާކަން ބަޝީރަތަށް ފާހަގަ ކުރެވުނެވެ. ފަރީދާ ، ޚައިރާދަށް އަޅާލައި ، އޭނާ ހަމަޔަކަށް އެޅުވުމަށް މަސައްކަތްކޮށްދިނުމަށް ބަޝީރަތު އެދުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.