ނަމައިގެ ޕާޓީ

މިއީ ޝެލް ސިލްވަރސްޓެއިން ލިޔުއްވައިފައިވާ ޅެމެއް ކަމުގައިވާ “ވަޓް އިފް” އިން ޚިޔާލު ނަގައިގެން ލިޔެފައިވާ އާ ޅެމެކެވެ.

އަހަރެން ފިކުރު ބޮޑުވެފައި ރޭގަނޑު ހޭލާ އޮތީމެވެ.
ވިސްނުން އެކި ދިމަދިމާއަށް ދަތުރު ކުރަނީއެވެ.

ކުއްލިއަކަށް “ނަމަ”އިގެ ގާފިލާއެއް އައިސް
އަހަރެންގެ ކަންފަތްދޮށުގައި މަޑުކޮށްލައިފިއެވެ.
އާދައިގެ މަތީން ނަމައިގެ ޕާޓީ ފަށައިފިއެވެ.
އަދި ޢާއްމުކޮށް ކިޔާ ލަވަ ކިޔަން ފަށައިފިއެވެ.

ކޮޓަރީގެ ފުރާޅުން ވާރޭ ވެހެން ފަށައިފިނަމަޔޯ؟
ފައިދަށުން ބިންގަނޑު ދެމިގެންފިނަމަޔޯ؟
ހެނދުނު ހޭލާއިރު އެއް ފަޔަށްވުރެ އަނެއްފައި ކުރުވެއްޖެނަމަޔޯ؟
އަހަރެންގެ މޭމަތީގައި ފެހި ކުލައިގެ އިސްތަށި ފަޅައިފިނަމަޔޯ؟
އަހަރެންގެ އިސްކޮޅު އެންމެ ފޫޓަކަށް ކުރުވެއްޖެނަމަޔޯ؟
އަހަރެން ކުއްލިއަކަށް ފަގީރު ވެއްޖެނަމަޔޯ؟
އުޑުން އަލިފާން ވެހެން ފަށައިފިނަމަޔޯ؟
ރުއްގަސް މުލުން ލުހިގެން އަހަރެން ފަހާ ދުއްވައިގެންފިނަމަޔޯ؟
އަހަރެންގެ ގަޔަށް ހޮނު އަޅައިފިނަމަޔޯ؟
އަހަރެން މިރޭ މަރުވެއްޖެނަމަޔޯ؟
އަހަރެންގެ ލިޔުންތައް މީހަކު ނުކިޔާނަމަޔޯ؟

ނަމައިގެ ލަވައިގެ ތެރެއަށް ގެއްލި
ކަންބޮޑު ވެފައި އޮވެ ނިދައިފީމެވެ.

ދުވާލަށް އަލި ވިލިއްޖެއެވެ.
ހޭލެވިއްޖެއެވެ.
އެއިން އެއްވެސް ކަމެއް އެ ގޮތަކަށް ނުވެއެވެ.
އަނެއް ރޭ އަނެއްކާވެސް ނަމައިގެ ޕާޓީ ފެށިއްޖެއެވެ.
ހަމަ އެ ލަވަ ކިޔަން ފަށައިފިއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.