ޖޭޕީގެ ކޮންގްރެސް މި މަހު 23 ގަ، ތައްޔާރީތައް ދަނީ ވަމުން

ފޮޓޯ: ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް މިމަހުގެ 23 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް އެ ޕާޓީން ހާމަކޮށްފި އެވެ.

އެ ޕާޓީން ބުނީ ކޮންގްރެސް އޮންނާނީ މި މަހުގެ 23 އިން 26 އަށް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކޮންގްރެސްގައި ޕާޓީގެ ލީޑަރުގެ މަގާމް އުވާލައި، ރައީސަކު އައްޔަން ކުރާ ގޮތަށް ޕާޓީގެ ގަވައިދު އިސްލާހު ކުރަން ވަނީ ހަމަޖެހިފަ އެވެ.

އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުއެވެ. ނަމަވެސް ދިމާވި އެކި ސަބަބުތަކާހެދި ލަސްވީ އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ރާއްޖޭގެ ހުރިހާ ޕާޓީތަކުން ވެސް ތައްޔާރުވަމުން އަންނައިރު، ޖޭޕީގެ ނިންމުމަކީ ކޮބައިކަން ކަނޑައަޅާނީ ކޮންގްރެސްގަ އެވެ.

އެ ޕާޓީން ނިކުންނާނީ ކޯލިޝަނަކާއި އެކުތޯ ނުވަތަ ވަކިންތޯ ނިންމާނީ ކޮންގްރެސްގައި ނިންމާއިރު، އިންތިޚާބުގައި ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ޖޭޕީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް، ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އެވެ.

މީގެ އިތުރުން އެމްޑީޕީން ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ބާނީ އަހުމަދު ސިޔާމް މުހައްމަދު ވެސް ގެންދަވަނީ އިންތިޚާބަށް ނުކުމެވަޑައިގަތުމަށް ކެމްޕެއިން ކުރައްވަމުން ނެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.