ދިވެހިރާއްޖެއިން އެމެރިކާ އަށް ކަނޑައެޅުއްވި ސަފީރު، ޢަބްދުލްޣަފޫރު މުޙައްމަދު، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް އަރުވައިފި އެވެ.
ފަތްކޮޅު އެރުމުގެ ހަފުލާ ބާއްވާފައިވަނީ އެމެރިކާގެ ވައިޓް ހައުސްގައި މިއަދު އެވެ.
ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޣަފޫރަކީ އެމެރިކާގައި ހުންނަ ދިވެހި ސަފީރުކަން މީގެކުރުން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ.
މީގެ އިތުރުން ސްރީލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ އެކްޓިންގ ހައިކޮމިޝަނަރގެ މަގާމު ވެސް ކުޑަ ދުވަސްކޮޅެއްގައި ވަނީ ފުރުއްވާފަ އެވެ.
އެމެރިކާގެ ވޮޝިންގޓަންގައި މިހާތަނަށް ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތްނަމަވެސް އެމެރިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމު ވެސް އަދާކުރައްވަމުން މިހާތަނަށް ގެންދެވީ ޔޫއެންއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ތިލްމީޛާ ޙުސައިންއެވެ. އަދި އެމެރިކާއާއި ރާއްޖެއާއި ދެމެދުގައި ހިނގަމުންއައި ޑިޕްލޮމެޓިކް ހުރިހާކަމެއް ބަލަހައްޓަމުން އައިސްފައިވަނީ ޔޫއެންގައި ހުންނަ ދިވެހި މިޝަން އިންނެވެ.
އެމެރިކާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވާފައި މިވަނީ ދިވެހިރާއްޖޭގައިވެސް އެމެރިކާގެ އެމްބަސީއެއް ހުޅުވުމަށް އެގައުމުން ހަމަޖެއްސުމާއި ގުޅިގެން ނެވެ.