ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ އެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ވެސް ރައީސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރައްވާފައިވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށެވެ.
މި މައްސަލާގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.
ވ. އާރަށުގެ މައްސަލައިގާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. އަދި ޔޫސުފް ނައީމަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނީ ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށެވެ.
ޔޫސުފް ނައީމްގެ އެކައުންޓަކުން ދޫކުރި ޗެކެއް ޔާމީންގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުން އެނގޭ ކަމަށާއި ރައީސްގެ މަގާމުގައި ހުރި ބޭފުޅެއްގެ އެކައުންޓަށް އެވަރުގެ އަދަދެއްގެ ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއްކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވިޔަފާރި ކުރުމާއި އެހެނިހެން މާލީ މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާއިރު، ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކުން އާރަށް ކުއްޔަށް ހިފަން މުއާމަލާތް ހިންގާފައި ވަނިކޮށް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއްކަމަށްވެސް ހުކުމުގައި ވެއެވެ.
ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާއިރު، ކުށަށް އަދަބު ކަނޑައެޅުން މެންދުރު 2:00 ޖަހާއިރު ބާއްވާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ.