ވޯލްޑް ކަޕް 2022: ކްރޮއޭޝިއާ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އާޖެންޓީނާއިން ކަށަވަރުކޮށްފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ.

ރޭ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗު އާޖެންޓީނާއިން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ކްރޮއޭޝިއާއިންނެވެ. ނަމަވެސް އެޓީމަށް ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ. އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖަހާލީޑު ނެގީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ލަނޑު އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނީ ކެޕަޓަން ލިއޮނެލް މެސީއެވެ. މި ޕެނަލްޓީއަކީ އާޖެންޓީނާގެ ފޯވާޑް އަލްވަރޭޒްއަށް ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް ކުރި ފައުލަކާއި ގުޅިގެން ދީފައިވާ ޕެނަލްޓީއެކެވެ. މިއީ މެސީ މި މުބާރާތުގައި ޕެނަލްޓީން ކާމިޔާބު ކުރި ތިންވަނަ ލަނޑެވެ. އަދި މުބާރާތުގެ ފަސްވަނަ ލަނޑެވެ.

މި ލަނޑަށް ފަހު އާޖެންޓީނާއިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 39 ވަނަ މިނެޓުގައި އަލްވަރޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި މެޗުގައި އާޖެންތީނާގެ ފަހު ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކުރީވެސް އަލްވަރޭޒްއެވެ.

މި މެޗުގައި ކްރޮއޭޝިއާއަށް އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، އެޓީމަށް ވަނީ މުޅި މެޗުގައި ވެސް އާޖެންތީނާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތް ނުވެފައެވެ.

އާޖެންޓީނާ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު، އެޓީމުން ފައިނަލުގައި ބައްދަލުކުރާނެ ޓީމެއް ޔަގީންވާނީ މިރޭ މޮރޮކޯ އަދި ފްރާންސް ބައްދަލުކުރާ މެޗަށް ފަހުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.