ވޯލްޑް ކަޕް 2022: ޕޯޗުގަލް ކަޓުވާލުމަށް ފަހު މޮރޮކޯ ސެމީއަށް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ސެމީ ފައިނަލަށް މޮރޮކޯ އިން ދަތުރުކޮށްފިއެވެ.

މޮރޮކޯ އިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ޕޯޗުގަލްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ.

ދެވަނަ ބުރުގައި ސްޕެއިން ކަޓުވާލުމަށް ފަހު ކުއާޓާގައި ޕޯލުގަލް އާއި ކުރިމަތިލާ ޕޯޗުގަލްވެސް ކަޓުވާލުމަށް ފަހު މޮރޮކޯ ސެމީ އިން ޖާގަ ހޯދިއިރު، މިއީ އެފްރިކާގެ ގައުމަކުން ދުނިޔޭގެ ފުޓްބޯޅައިގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. އަދި ވޯލްޑް ކަޕުގެ ސެމީއަށް ދިޔަ ފުރަތަމަ ފަހަރެވެ.

ޕޯޗުގަލް އިން މިރޭގެ މެޗުވެސް ފެށީ ފުރަތަމަ އެގާރައިގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނުލަ އެވެ. ރޮނާލްޑޯއަށް މި މެޗުން ފުރުސަތު ދިނީ ފަހު ހާފުގެ 51 ވަނަ މިނެޓުގައެވެ.

މެޗު ފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލީ ޕޯޗުގަލް އިންނެވެ. ލިބުނު ހިލޭ ޖެހުމަކުން ބްރޫނޯ ފެނާންޑޭސް ނަގައިދިން ހުރަހުން ޖޮއާއޯ ފެލިކްސް ފޮނުވާލި ހަމަލާ ދިފާއުކުރީ ކީޕަރު ޔަސިން ބޯނޯ އެވެ.

އޭގެ ފަހުން މޮރޮކޯ ގެ ހަމަލާއެއް ފެނުނުއިރު، ޔޫސުފް އެން-ނެސީރީ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން އޭރިއާ ބޭރުން ޒިޔެޗް ފޮނުވާލި ހަމަލާއެއް ވެސް ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ.

ޕޯޗުގަލް އިން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް މޮރޮކޯއިން ދިޔައީ ކައުންޓާ އެޓޭކުގައި ލިބުނު ފުރުސަތަކުން ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 42 ވަނަ މިނެޓުގައި މޮރޮކޯއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެން-ނެސީރީ އެވެ. އަތިޔަތަލާ އަރިމަތިން ނަގައިދިން ހުރަހަށް ޕޯޗުގަލްގެ ގޯލްކީޕަރު ޑީއޯގޯ ކޮސްޓާ އަށް ލިބުމުގެ ކުރިން އެން-ނެސީރީ ވަނީ ބޮލުން ޖަހާ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މޮރޮކޯގެ ލަނޑަށް ފަހު ޕޯޗުގަލްގެ ނުރައްކާތެރި ހަމަލާއެއް ފެނުނުއިރު، ފެނާންޑޭސް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑީމަތިން ބޭރަށެވެ. ދެ ވަނަ ހާފަށް ނުކުމެ މޮރޮކޯ އިން ޑިފެންސުކޮށްގެން ކުޅުނުއިރު، ޕޯޗުގަލްއިން ދިޔައީ ލަނޑެއް ޖެހޭތޯ މަސައްކަތް ކަތް ކުރަމުންނެވެ. ނަމަވެސް ޕޯޗުގަލްއަށް މޮރޮކޯގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނުވިއެވެ. ނަމަވެސް ކައުންޓާ އެޓޭކުގައި މޮރޮކޯއިން ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. މިގޮތުން މިހާފުގެ އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީވެސް މޮރޮކޯ އިންނެވެ. ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް އައި ބޯޅަ އެލްޔަމީގެ ބޮލުން ޖައްސާލުމުން ކީޕަރު ކޮސްޓާ ވަނީ ދިފާއުކޮށްފަ އެވެ.

ޕޯޗުގަލް އިން ދެން ފެނުނީ ބަދަލުތަކެއް ގެނައިތަނެވެ. އެގޮތުން ރޮނާލްޑޯ އާއި ޖާއޯ ކާންސެލޯ ކުޅެން އެރުވިއެވެ. ނަމަވެސް މާ ނުރައްކާތެރި ހަމަލާއެއް ޕޯޗުގަލްއަށް އުފެއްދޭ ގޮތެއް ނުވިއެވެ. ނަމަވެސް ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ކީޕަރު ޔަސިން ބޯނޯ ދިފާއުކުރިއިރު، ފެލިކްސް ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ކީޕަރު ބޯނޯ ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ. މީގެ އިތުރުން ޕެޕޭ ބޮލުން ފޮނުވާލި ހަމަލާ އެއްވެސް ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މިރޭގެ މެޗުން ޕޯޗުގަލް ބަލިކޮށް މޮރޮކޯ ސެމީއަށް ދިޔައިރު، އެޓީމު ސެމިގައި ބައްދަލުކުރާނީ މިރޭ އިންގްލެންޑް އަދި ފްރާންސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީކަމާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.