ވޯލްޑް ކަޕް 2022: ޕެނަލްޓީގައި ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދައި އާޖެންޓީނާ ސެމީއަށް

ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑްކަޕްގެ ކުއާޓާފައިނަލްގެ ދެވަނަ މެޗުން ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އާޖެންޓީނާ ނެދަލެންޑްސް މައްޗަށް ކުރިހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނުއިރު، 2-2 ގެ ނަތީޖާއިން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 15 މިނެޓުގެ ދެހާފުގައި އެއްވެސް ނަތީޖާ ބަދަލުނުވުމުން ދެން ނަތިޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އާޖެންޓީނާއިން ކުރި ހޯދީ 3-4 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާއިން ވަނި ލަނޑެއް ޖަހައި މެޗުގެ ލިޑު ނަގާފައެވެ. މެސީ ދިން ޕާހަކުން ފުރަތަމަ ގޯލު އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނީ މޮލީނާއެވެ.

އާޖެންޓީނާއިން އެއް ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހައި ލިޑު ފުޅާކުރި ފަހު ހާފުގެ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ލިއޮނެލް މެސީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމެން ވަރަށް ގާތްވެފައި ވަނިކޮށް ނެދަލެންޑްސްއިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހާ ނަތިޖާ އެއްވަރުކޮށްފައެވެ. ނެދަލެންޑްސްގެ ފުރަތަމަ ލަނޑުޖެހީ މެޗުގެ 83 ވަނަ މިނެޓުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވެގްހޯސްޓްއެވެ. އަދި ނެދަލެންޑްސްގެ ދެވަނަ ލަނޑު ވެސް މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓް ތެރޭ ކާމިޔާބު ކޮށްދިނީ ވެގްހޯސްޓްއެވެ.

ނަތީޖާ އެއްވަރުވެ ޕެނަލްޓީއަށް ދިޔައިރު، ޕެނަލްޓީގައި އާޖެންޓީނާއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން 4 ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. އެއް ޕެނަލްޓީ ނާކާމިޔާބިވިއެވެ. ނެދަލެންޑްސް އަށް ކާމިޔާބު ކުރެވުނީ 3 ޕެނަލްޓީއެެވެ. ދެ ޕެނަލްޓީ ނާކާމިޔާބު ވިއެވެ.

ސެމީގައި އާޖެންޓީނާ ބައްދަލުކުރާނީ ކުއާޓާގައި ބުރެޒިލް ބަލިކުރި ކޮރޭޝިއާ އާއެވެ. މި މެޗު އޮށްނާނީ އަންނަ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.