ވޯލްޑް ކަޕް 2022: ޕެނަލްޓީގައި ޖަޕާން ބަލިކުރުމަށް ފަހު ކްރޮއެޝިއާ ކުއާޓާއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ރޭ ޖަޕާނާ ވާދަކުރި މެޗުން ކުރި ހޯދާ މުބާރާތުގެ ކުއާޓާ ފައިނަލަށް ކްރޮއޭޝިޔާއިން ދަތުރުކޮށްފިއެވެ.

އަލްޖަނޫބް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 1-1ން ދެ ޓީމު އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ލީޑު ނެގީ ޖަޕާނުންނެވެ. ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ޖަޕާނަށް ލީޑު ނަގައިދިނީ ޑައިޒަން މައިޑާއެވެ. މިއީ މާޔާ ޔޯޝީޑާގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ކްރޮއޭޝިޔާއިން މެޗުގެ ނަތީޖާ އެއްވަރުކުރީ ފަހު ހާފުގެ 55 ވަނަ މިނެޓުގައި އިވާން ޕެރިސިޗް ޖަހައިދިން ލަނޑުންނެވެ.

ދެޓީމުގެ ނަތީޖާ އެއްވަރުވުމުން ދެން ކުޅުނީ އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފަވެ. ކުޅުނު އިތުރު ވަގުތުގެ ދެ ހާފުވެސް އިތުރު ލަނޑެއް ނުޖެހި އެއްވަރުވުމުން ދެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޖަޕާނުގެ މައްޗަށް ކްރޮއޭޝިޔާ ކުރިހޯދީ 3-1 ންނެވެ.

ޕެނަލްޓީ ޝޫޓްއައުޓް ފެށީ ޖަޕާނުންނެވެ. ނަމަވެސް އެޓީމުން ފޮނުވާލި ފުރަތަމަ ދެ ޕެނަލްޓީވެސް ކްރޮއޭޝިއާގެ ގޯލްކީޕަރު ކީޕަރު ލިވަކޯވިޗް މަތަކުރީއެވެ. އޭގެ ފަހުން ކްރޮއޭޝިޔާގެ ނިކޯލާ ވްލަސިޗް އަދި މާސެލޯ ބްރޮޒޯވިޗްގެ ޕެނަލްޓީ ކާމިޔާބު ކުރިއިރު، ޖަޕާނުގެ ތިންވަނަ ޕެނަލްޓީ ޓަކާމޯ އަސާނޯ ވަނީ ކާމިޔާބު ކޮށްފައެވެ. ކްރޮއޭޝިޔާގެ ހަމައެކަނި ޕެނަލްޓީ ނާކާމިޔާބުވީ މާކޯ ލިވާޖާ އަތުންނެވެ. އެ ޕެނަލްޓީ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުން މާޔާ ޔޮޝީޑާ ފޮނުވާލި ޕެނަލްޓީވެސް ކްރޮއޭޝިޔާގެ ކީޕަރު ލިވަކޯވިޗް މަތަކޮށްފައިވާއިރު، ކްރޮއޭޝިޔާގެ ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިނީ މާރިއޯ ޕަސަލިޗްއެވެ.

 

މި ނަތީޖާއާއެކު ކްރޮއޭޝިޔާ ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. ކުއަޓާ ގައި ކްރޮއޭޝިއާ ބައްދަލުކުރަން ޖެހޭނީ ބްރެޒިލްއާއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.