ވޯލްޑް ކަޕް 2022: އޮސްޓްރޭލިއާގެ މައްޗަށް ކުރި ހޯދާ، އާޖެންޓީނާ ކުއާޓާ ފައިނަލަށް

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ރޭ އޮސްޓްރޭލިއާ 2-1 އިން ބަލިކުރުމަށްފަހު އާޖެންޓީނާއިން ކުއާޓާފައިނަލަށް ދަތުރުކޮށްފި އެވެ.

ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި އާޖެންޓީނާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނުއިރު އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 35 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. މި ގޯލް މެސީ ކާމިޔާބުކުރީ އޮސްޓްރޭލިއާގެ ޕެނަލްޓީއޭރިއާގެ ތެރޭގައި ހުރެ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ މިފަހަރުގެ މުބާރާތުގައި މެސީ ޖެހި ތިންވަނަ ގޯލެވެ.

ރޭގެ މެޗުގައި މެސީ ކާމިޔާބު ކުރި ގޯލާއި އެކު އޭނާ ވެގެން ގޮސްފައިވަނީ އާޖެންޓީނާ އަށް ވޯލްޑް ކަޕްގައި ދެވަނަ އަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާ އަށެވެ. ވޯލްޑް ކަޕްގައި އާޖެންޓީނާ އަށް އެންމެ ގިނަ ގޯލް ޖަހާފައި ވަނީ ގެބްރިއަލް ބަޓިސްޓޫޓާ އެވެ. އެއީ 10 ގޯލެވެ. މިފަހަރުގެ މުބާރާތުގައި ބަޓިސްޓޫތާގެ މި ރެކޯޑް މެސީ މުގުރާލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފް އާޖެންޓީނާ އިން ނިންމާލިއިރު މެޗުގެ 57 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް އެވެ. މިއީ އޮސްޓްރޭލިއާގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އަލްވަރޭޒް ކާމިޔާބު ކުރި ގޯލެކެވެ.

އޮސްޓްރޭލިއާ އިން ވަނީ މެޗުގެ 77 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. މި ގޯލަކީ އާޖެންޓީނާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ އޮސްޓްރޭލިއާގެ ކުޅުންތެރިއަކު ފޮނުވާލި ބާރު ހަމަލާ އާޖެންޓީނާގެ އެންޒޯ ފަނާންޑޭޒްގެ ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަތް ގޯލެކެވެ.

އޮސްޓްރޭލިއާގެ މި ގޯލަށް ފަހު އާޖެންތީނާއަށް ގޯލު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. މި ދެ ފުރުސަތު ވެސް ލިބުނީ ލަޓާރޯ މާޓިނޭސް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ދެ ހަމަލާވެސް ގޯލާއި އަމާޒުނުވިއެވެ.

އާޖެންތީނާގެ މި ހަމަލާއަށް ފަހު އޮސްޓްރޭލިއާއިން ކުޅުން ވަރުގަދަ ކޮށް މަތިމަތިން އާޖެންޓީނާގެ ގޯލުކުރިމައްޗަށް ގިނަ ބޯޅަތަކެއް ހުރަސްކުރިއިރު، އާޖެންޓީނާއިން ދިޔައީ މުޅި ޓީމު ފަހަތައް ޖެހި މި ބޯޅަތައް ސާފުކުރަމުންނެވެ. ނަމަވެސް މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ އޮސްޓްރޭލިއާގެ ކުއޯލް އަށް އާޖެންޓީނާގެ ޕެނަލްޓީއޭރިއާގެ ތެރެއިން ނަތީޖާ އެއްވަރުކޮށްލަން ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒް އެވެ.

މުބާރާތުގެ ކުއަޓާ ފައިނަލުގައި އާޖެންތީނާ ބައްދަލުކުރާނީ އެމެރިކާ 1-3 އިން ބަލިކޮށް ކުއާޓާއިން ޖާގަ ހޯދި ނެދަލެންޑްސްއާއެވެ. ކުއާޓާފައިނަލްގައި އާޖެންޓީނާ އާއި ނެދަލޭންޑްސް ކުޅޭ މެޗު އޮންނާނީ މި މަހުގެ ނުވަނަ ދުވަހުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.