ވޯލްޑް ކަޕް 2022: ޓިއުނީޝިއާ އަތުން ފްރާންސް ބަލިވިއިރު، ޑެންމާކް އަތުން މޮޅުވެ އޮސްޓްރޭލިއާ ދެ ވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޓިއުނީޝިއާ އިން 1-0 އިން އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސް ބަލިކުރިއިރު، ޑެންމާކް އަތުން 1-0 އިން މޮޅުވެ، އޮސްޓްރޭލިއާ ދެވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ގްރޫޕް ޑީގެ މެޗުތައް މިރޭ ކުޅެ ނިމުނުއިރު، ގުރޫޕުގެ އެއް ވަނަ ހޯދީ ހަ ޕޮއިންޓް ލިބުނު ފްރާންސް އެވެ. ދެ ވަނަ އަށް ދިޔަ އޮސްޓްރޭލިއާ އަށް ވެސް ހަ ޕޮއިންޓް ލިބުނުއިރު، ފްރާންސްއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ. ފްރާންސް ބަލިކުރި ޓިއުނީޝިއާ މުބާރާތް ނިންމާލީ ހަތަރު ޕޮއިންޓާ އެކު ގުރޫޕުގެ ތިން ވަނައިގައި އޮވެގެންނެވެ.، ޑެންމާކް އޮތީ އެންމެ ޕޮއިންޓެއް ލިބިގެން ގުރުޕުގެ އެންމެ ފަހަތުގައެވެ.

ފްރާންސް އިން މިރޭގެ މެޗަށް ނުކުތްއިރު ވެސް ދެވަނަ ބުރުގެ ޖާގައެއް އޮތީ ޔަގީންވެފަ އެވެ. މިމެޗުގައި ޓިއުނީޝިއިން ފްރާންސް ބަލިކުރި އިރު، އެޓީމަށް މެޗުގެ ހަމަ އެކަނި ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ޖަހައިދިނީ ވަހްބީ ކަޒްރީ އެވެ. ފްރާންސް އިން ވެސް މި މެޗުގައި ލަނޑެއް ޖެހި އެވެ. އިތުރު ވަގުތުގެ ފަހު މިނިޓްގައި އެންޓޮއިން ގްރީޒްމަން ޖެހި ލަނޑު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ގޯލެއް ނޫން ކަމަށެވެ.

ގްރޫޕް ޑީގެ އަނެއް މެޗުގައި އޮސްޓްރޭލިއާ އިން މިރޭ ޑެންމާކްގެ މައްޗަށް ކުރި ހޯދިއިރު، މެޗުގެ ހަމައެކަނި ލަނޑު ޖެހީ 60 ވަނަ މިނިޓްގައި މެތިއު ލެކީ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.