ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، ތައުބީނުގެ ޖަލްސާއެއް ބޭއްވެވުމަށް ސަރުކާރުން ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އޭނާ އަވަހަރާވުމުގެ ހިތާމައިގާ ތަޢުޒިޔާގެ ދަފްތަރެއް ވެސް ހުޅުއްވުމަށްހަމަޖައްސަވާފައިވާ ކަމަށެވެ.
އެގޮތުން ތައުބީނުގެ ޖަލްސާ އިންތިޒާމު ކުރައްވާނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަމަށާއި ތަޢުޒިޔާގެ ދަފްތަރު ހުޅުއްވާނީ، ދިވެހިރާއްޖޭގެ އަޑުގައި ކަަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.
އެއީ، ދިވެހިރާއްޖޭގެ އަޑަކީ، އަލްމަރްޙޫމް އިބްރާހީމް މަނިކު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުއައްސަސާ ކަމަށްވާތީ ކަމަށް ވެސް އެ އޮފީހުން ވިދާޅުވި އެވެ.
ސަމަރުބްލޫ އިބްރާހިމް މަނިކު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު،އިންޑިއާ ގައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ސަމަރޭގެ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވާ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފުރަތަމަ ފަހަރަށް ބޭއްވި "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022"ހަފްލާގައި ބްރޯޑްކާސްޓިންގ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް އަރުވާފައި ވެއެވެ.
އޭނާ އަވަހާރަވުމާއި ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތަޢުޒިޔާ ވިދާޅުވެފަ އެވެ.
އިބްރާހީމް މަނިކަކީ، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ އަޑުގައި ޢަމަލީގޮތުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަދި ޢާންމުން ޝައުޤުވެރިވި އެތައް ޕްރޮގްރާމްތަކެއް ހުށަހަޅުއްވައި، މި ދާއިރާއަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއް ވިއެވެ.