އިދިކޮޅު ކޯލިޝަންގައި ތިއްބެވި ލީޑަރުންނަކީ އަމިއްލަ އެދުމާގެން ފޯވެފައިވާ ބޭފުޅުން ކަމަށް މިނިސްޓަރއޮފް އެންވިޔަރަންމަންޓް އެންޑް އެނަރޖީ ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެއިން ކޮންމެ ބޭފުޅަކުވެސް ބޭނުންފުޅުވަނީ އަމިއްލަ ފުޅަށް ވެރިކަން ކުރެއްވުމަށް ކަމަށެވެ. އެގޭތެރެއިން ކޮންމެ ބޭފުޅަކީވެސް ރިޔާސީ ކެންޑިޑޭޓަކަށްވާން ބޭނުންފުޅުވާ ބޭފުޅެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ގާސިމް އިބްރާހީމާއި، ރައީސް މުހައްމަދު ނަޝީދާއި، އިމްރާން އަބްދުﷲ ވެސް ވަކިން ރިޔާސީ އިންތިޚާބަށް ނުކުމެ ވަޑައިގަންނަވާވާހަކަ އަޑުއިވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެބޭފުޅުންގެ މެދުގައި މިހާރުވެސްވަނީ މައްސަލަޖެހެން ފަށައިފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އިދިކޮޅު ލީޑަރުންގެ ގޮތުގައި އެތިއްބެވީ އަމިއްލަ އެދުމުން ފޯވެފައި ތިއްބެވި ބޭފުޅުން. ރައީސް މައުމޫން ކަމަށްވިޔަސް އަމިއްލަ އެދުމުން ފޯވެފައި. ރައީސް ނަޝީދު ކަމަށްވިޔަސް އަމިއްލަ އެދުމުން ފޯވެފައި. ގާސިމް އިބްރާހީމް ކަމަށްވިޔަސް އަމިއްލަ އެދުމުން ފޯވެފައި. ދެން ތިއްބެވި ބޭފުޅުންވެސް އަމިއްލަ އެދުމުން ފޯވެފައި. ދެން ވެރިކަން ވެއްޓެނީއޭ އެބޭފުޅުންނަށް ހިފުޅުވާ ހިސާބުން އަމިއްލަ ފުޅަށް ނުކުންނަވާނީ،" މިނިސްޓަރ ވިދާޅުވިއެވެ.
ތާރިގު އިބްރާހީމް ވިދާޅުވީ ރާއްޖޭގެ އިދިކޮޅުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ވެރިކަން ދިނުމަކީ ހެޔޮވާވަރުގެ ކަމެއްނޫން ކަމަށެވެ. އެކަން އެގޮތަށްވިޔަ ނުދެއްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. "އިދިކޮޅުގައި އެތިއްބެވި ފަރާތްތަކަށް ރާއްޖޭގައި ވެރިކަން ކުރެވިއްޖެ. އެވެރިކަމުގައި ރާއްޖޭގެ ރައްޔިތުންނަށް ލަބަޔާއި މަންފާކުރާނެ ގޮތަށް އެއްވެސް ކަމެއް މިހާތަނަށް ކުރެވިފައެއްނެތް،" މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ބޭނުމުގައި އިދިކޮޅު ފަރާތްތައް ތަޅައި ފޮޅައި އަމިއްލައަށް ޒަޚަމްވެސްވާ ހިސާބަށް އެމީހުންގެ ތެރޭގައި ކަންތައް ދާނެ ކަމަށެވެ.