ފާއިތުވި ދެ އަހަރު ތެރޭގައި ބައިނަލްއަޤްވާމީ މަޝްރަހުގައި ހިނގާފައިވާ ބޮޑެތި ކަންތައްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފައިވާ އަސަރަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ރިޕޯޓެއް މިއަދު ޝާއިއު ކޮށްފި އެވެ.
މިއީ ރާއްޖޭގެ އައު ތިންކް ޓޭންކެއް ކަމުގައިވާ "ބާނި ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީ" އިން ނެރުނު ރިޕޯޓެކެވެ.
"އިމްޕެކްޓް އޮފް ނޮން-އެރައިވަލް އޮފް ޗައިނީސް ޓުއަރިސްޓްސް ޓު ދަ މޯލްޑިވްސް" ގައި ވަނީ ކޮވިޑް-19 ގެ ސަބަބުން ޗައިނާގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި ނޭދެވޭ އަސަރަށް ހާއްސަ ސަމާލުކަމެއް ދީފަ އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޗައިނާއިން އައިސްފައިވާއިރު، 2019 ވަނަ އަހަރު ރާއްޖެއަށް ޗައިނާއިން 284,000 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފަ އެވެ. އެހެންނަމަވެސް ކޮވިޑާއި ގުޅިގެން ޗައިނާގެ ބޯޑަރުތައް ބަންދުކުރުމާއެކު 2020 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރީ 34,000 ފަތުރުވެރިން ނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުން ފަތުރުވެރިން އިންތިހާއަށް މަދުވުމާއި ކޮވިޑް ބަލިމަޑުކަމުގެ ދަތިތަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަން ވަނީ ހައިރާންކުރުވަނިވި ދުވެއްޔެއްގައި ރުޖޫއަވެފަ އެވެ. ރާއްޖޭގެ ބޯޑަރުތައް ޖުލައި 2020 ގައި ހުޅުވާލުންފަދަ ސަރުކާރުގެ ސިޔާސަތުތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުން އައު މާކެޓްތައް ހޯދުމުގެ ސަބަބުން 2021 ވަނަ އަހަރު 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މިއީ 2017 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ ގާތްކުރާ އަދަދެކެވެ.
މިގޮތުން ފާހަގަކޮށްލެވޭ ސިޔާސަތެއްގެ ގޮތުގައި ރާއްޖެއާ އިންޑިއާއި ދެމެދު ހެދުނު މޯލްޑިވްސް-އިންޑިއާ ޓްރެވަލް ބަބަލް ހިމެނެ އެވެ. މި ސިޔާސަތާއި ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކުން އިތުރުވެގެންދިޔަ އެވެ.
މީގެ ތެރެއިން ގިނަ ފަތުރުވެރިން ރާއްޖެ އައީ އެކުވެރި ޢަރަބި އިމާރާތަށް ދަތުރުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަރަންޓީން ފުރިހަމަ ކުރުމުގެ ގޮތުން ނެވެ. މި ޓްރެވަލް ބަބަލްގެ ސަބަބުން 2021 ގައި 291,000 އިންޑިއާ ފަތުރުވެރިން ޒިޔާރާތްކޮށް ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓަށް އިންޑިއާ ވެގެންދިޔަ އެވެ.
މީގެ އިތުރުން ރަޝިއާ މާކެޓް 220,000 ފަތުރުވެރިންނާއެކު 2021 ވަނަ އަހަރު ވަނީ ފުޅާވެފައެވެ. އަދި ޔޫކްރެއިންފަދަ އިރުމަތީ ޔޫރަޕުގެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދުވެސް 2021 ގައި ވަނީ އިތުރުވެފަ އެވެ.
ޗައިނާއިން ވަނީ އެކި ފަހަރު މަތިން އެ ޤައުމުން ކުރިއަރުވަން ބޭނުންވާ ހާރިޖީ އަދި ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގައި އެ ޤައުމުން އެހެން ޤައުމުތަކަށް ދާ ފަތުރުވެރިކަން ހުއްޓުވާފަ އެވެ. މިގޮތުން، ބަލިމަޑުކަމުގެ ކުރިން ޗައިނާއިން ވަނީ 2014 ގައި ފިލިޕީންސް، 2017 ގައި ދެކުނު ކޮރެއާ އާއި 2019 ގައި ޓައިވާން އަށް ޗައިނާގެ ފަތުރުވެރިން ދިޔުން ހުއްޓުވާފަ އެވެ.
މީގެ އިތުރުން 2021 ވަނަ އަހަރު ޗައިނާއިން ވަނީ އޮސްޓްރޭލިއާއަށް ދާ ފަތުރުވެރިން ހުއްޓުވާނެ ކަމުގެ އިންޒާރުދީފަ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ޗައިނާއިން ވަނީ ދެ ފަހަރެއްގެ މަތިން، ރައީސް ނަޝީދުގެ ވެރިކަމުގައި، އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން ކޮންޓްރޯލް ކޮށްފާނެ ކަމުގެ ނުސީދާ އިންޒާރު ރާއްޖޭގެ ހާރިޖީ ފަރާތްކަށް ދީފަ އެވެ. މިކަން ހިނގާފައިވަނީ ގުއަންޓަނާމޯ ބޭގައި ތިބި އޮއިގަރ މުސްލިމުން ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު އޮތްކަން ހާމަކުރުމާއި ގުޅިގެންނާއި، ކޯޕަންހޭގަންގައި ބޭއްވުނު ކޮޕް15 މޫސުމީ ބައްދަލުވުމުގައި ރާއްޖެއިން ޗައިނާއަށް ފާޑުކިޔުމާ ގުޅިގެން ނެވެ.
މި ދެ ފަހަރުވެސް، ޗައިނާއިން ވަނީ އެ ޤައުމުގައި ތިބި ރާއްޖޭގެ ޑިޕްލޮމެޓުން ޗައިނާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ފާހަގަކޮށްފަ އެވެ. ރާއްޖޭގެ ހާރިޖީ ފަރާތްތަކުން މިކަން ބަލައިގަތީ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން ހުއްޓުވާލަފާނެ ކަމުގެ ނުސީދާ އިންޒާރެއްގެ ގޮތުގަ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު ކޮށްފަ އެވެ. މިގޮތުން، 2021 ވަނަ އަހަރު ޗައިނާ މާކެޓް ދަށްވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބައްދައިދިން ދެ މާކެޓްކަމުގައިވާ، ރަޝިއާ އަދި ޔޫކްރެއިންއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2022 ގެ ފުރަތަމަ ދެ ކުއާޓަރގައި ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް ރަޝިއާއިން އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ދަނީ އިތުރުވަމުން ނެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ހިނގަމުންދާ ކަންކަމުން ކުރާ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނަމަވެސް، އެ ކަންކަމުން އަރައިގަންނަ ބާރުމިން އަވަސްކަމުގައި މި ރިޕޯޓުގައި ފާހަގަކުރެވެ އެވެ. މީގެ ސަބަބެއްކަމުގައި ސަރުކާރުން އަވަސްގޮތެއްގައި އެކަށީގެންވާ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުން ހިމެނޭ ކަމަށް ރިޕޯޓުގައި ފާހަގަކުރެ އެވެ.