ވޯލްޑް ކަޕް 2022: ކްރޮއޭޝިއާ - މޮރޮކޯ (މެޗު ޕްރިވިއު)

ޤަތަރުގައި މިހާރު ފެށިގެން ކުރިއަށް ދާ ވޯލްޑް ކަޕް 2022 ފުޓްބޯޅަ މުބާރާތުގައި ގުރޫޕް އެފް ގެ ފުރަތަމަ މެޗުގައި މިއަދު ކްރޮއޭޝިއާ ނުކުންނާނީ މޮރޮކޯއާއި ދެކޮޅަށެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް މުބާރާތުގެ ރަނަރަޕް ކްރޮއޭޝިއާ އާއި މޮރޮކޯ ބައްދަލުކުރާ މި މެޗު ފެށޭނީ ރާއްޖެ ގަޑިން މިއަދު މެންދުރު ފަހު 3 ޖަހާއިރު އެވެ. މި މެޗު ކުޅެން ހަމަ ޖެހިފައިވަނީ އަލް ބައިތު ސްޓޭޑިއަމްގައެވެ. މިއީ މި ދެޓީމުގެ ވާދަވެރި ފުރަތަމަ ކުރިމަތި ލުމެވެ.

މޮރޮކޯ

މިއީ މޮރޮކޯ އިން ވޯލްޑް ކަޕުގައި ކުޅޭ ހަވަނަ ފަހަރެވެ. އަދި ޖެހިޖެހިގެން މި މުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރެވެ. ވޯލްޑު ކަޕުގައި މޮރޮކޯއަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބަކީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތުފެ ދެވަނަ ބުރަށް ދެވުމެވެ. އެހެން ހުރިހާ ފަހަރަކުވެސް އެ ޓީމަށް ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.

މޮރޮކޯ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ނަތީޖާއަށް ބަލާއިރު، މި ފަސް މެޗުގެ ތެރެއިން މޮރޮކޯ ބަލިވީ އެންމެ މެޗަކުންނެވެ. ތިން މެޗުން މޮޅުވިއިރު، އެއް މެޗުން ވީ އެއްވަރެވެ.

ކުޅުންތެރިން

ފީފާ ރޭންކިންގެ 22 ވަނައިގައި އޮތް މޮރޮކޯ މިހަފަރުގެ މުބާރާތައް ކުރިމަތިލާއިރު، އެޓީމުގައި ވެސް ފާހަގަކޮށްލެވޭ ތަރިންތަކެއް އެބަތިއްބެވެ. އޭގެ ތެރޭގައި އަސްރަފް ހަކީމީއާއި ހަކީމް ޒިޔެޗް،  ސަބީރި، ނާއިފް އަގުއެދް، އަދި ގޯލް ކީޕަރު ޔާސީން ބޫނޫ ހިމެނެއެވެ.

ކްރޮއޭޝިއާ

ކްރޮއޭޝިއާ ޓީމަކީ  ވޯލްޑް ކަޕުގައި ކާމޔާބު ނަތީޖާތަކެއް ނެރެފައިވާ ޓީމެކެވެ. މީގެ ކުރިން ކްރޮއޭޝިއާއިން ވަނީ ފަސް ވޯލްޑަ ކަޕެއްގައި ކުޅެފައެވެ. އެއީ 1998، 2002، 2006، 2014 އަދި 2018 ގެ ވޯލްޑް ކަޕްގައެވެ. އޭގެތެރެއިން 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގެ ސެމީއަށް ކްރޮއެޝިއާ ދަތުރުކުރި އިރު، އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕް މުބާރާތުގެ ފައިނަލުގައި ވެސް އެޓީމު ކުޅުނެވެ.

ކްރޮއޭޝިއާ އެންމެ ފަހުން ކުޅުނު ފަސް މެޗަސް ބަލާއިރު، އޭގެތެރެއިން ހަތަރު މެޗަކީ ޔޫއެފާ ނޭޝަނަސް ލީގުގައި އެޓީމުން ކުޅުނު ހަތަރު މެޗުތަކެވެ. އެ ހަތަރު މެޗުން ވެސް ކްރޮއޭޝިއާ ވަނީ މޮޅުވެފައެވެ. ދެން ކުޅުނީ އެކުވެރިކަމުގެ މެޗެކެވެ. އެ މެޗުން ވެސް އެޓީމު މޮޅުވިއެވެ.

ކުޅުންތެރިން

ފީފާ ރޭންކިންގެ 12 ވަނާގައި އޮތް ކްރޮއޭޝިއާ ޓީމުގައި ވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންތަކެއް އެބަ ތިއްބެވެ. އެގޮތުން ލުކަ މޮޑްރިޗް، އިވަން ޕެރިސިޗް، މަޓިއޯ ކޮވަސިޗް ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

މިއަދުގެ މެޗަށް ދެ ޓީމުންވެސް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

މޮރޮކޯ: ޔާސީން ބޫނޫ، އަޝްރަފް ހަކީމީ، އަޝްރަފް ދާރީ، ރުމައިން ސައިސް، ނުސައިރު މަޒްރައުއީ، އިއްޒުއްދީން އައުނާހީ، ސޮފްޔާން އަމްރަބަތް، ސަލީމް އަމްލާހް، ހަކީމް ޒިޔެޝް، ޔޫސުފް އަންނަސީރީ، ސޮފިޔާން ބައުފަލް

ކްރޮއޭޝިއާ: ޑޮމިނިކް ލިވަކޮވިޗް، ޝީމާ ވަސާލްކޯ، ޑެޖާން ލޮވްރެން، ޔޮޝްކޯ ގަވާޑިއޯލް، ބޯރްނާ ބަރިޝިޗް، ލޫކާ މޮޑްރިޗް، މާސެލޯ ބްރޮޑޮވިޗް، މެޓިއޯ ކޮވަޝިޗް، ނިކޮލާ ވްލާޝިޗް، ބްރޫނޯ ޕެޓްކޮވިޗް، އިވާން ޕެރިޝިޗް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.