އެއްބަސްވުން ބާތިލްކޮށް، ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލައިފި

އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗަސްޓަރ ޔުނައިޓެޑުން އެކުލަބުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލަން ނިންމާ އެކަން އިއުލާނު ކޮށްފިއެވެ.

މިކަން ހާމަކޮށް މެންޗަސްޓަރ ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިއުލާން ނެރުނު ވަގުތުން ފެށިގެން ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ހެދިފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި، މި ދެ ފަރާތުން ވާހަކަދެކެވިގެން ދެ ފަރާތުގެ ރުހުމާއެކު ނިންމި ނިންމުމެއް ކަމަށެވެ.

އަދި ދެ ފަހަރެއްގެ މަތިން މެންޗަސްޓަރ ޔުނައިޓެޑާއި ގުޅި، ކުލަބާއެކު ހޭދަކުރި މުއްދަތުގެ ތެރޭގައި 346 މެޗު ކުޅެދީފައިވާ ކަމަށާއި، މި މެޗުތަކުން ޖުމްލަ 145 ލަނޑު ކާމިޔާބު ކޮށްފައިވާކަން ފާހަގަކޮށް ޔުނައިޓެޑުގެ ބަޔާނުގައި ވަނީ ރޮނާލްޑޯ ކުލަބަށް ކޮށްދިން ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދެ ފަރާތުން އެއްބަސްވެގެން މި އެއްބަސްވުން ބާތިލްކުރަން ނިންމާފައިވާއިރު، ކުލަބުގެ ހުރިހާ މެމްބަރުންގެ ފޯކަސް ހުރީ އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ޓީމުގެ ކުރިއެރުންތައް ދެމެހެއްޓުމަށާއި ދަނޑުމަތީގައި ކާމިޔާބީ ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.