ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމުގައި ސަރުކާރުން އެއްބާރުލުން ނުދޭކަމަށް ބުނެ ކޯޓު އަމުރު ތަންފީޒު ކުރުމުގައި ބައިނަލް އަގްވާމީ ފަރާތްތަކުގެ އެހީއަށް އެދި ރައްޔިތުންގެ މަޖިލީހުގެ 37 މެމްބަރަކު ސޮއި ކުރައްވައި މިއަދު ގަރާރެއް ފާސްކޮށްފިއެވެ.
އިދިކޮޅު 37 މެމްބަރުން ސޮއި ކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ބައިނަލް އަގްވާމީ ފަރާތްތަކުގެ ކިބައިން އެދިފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކޮށްދިނުމުގައި ހުރިހާ ގޮތަކުންވެސް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ. އަމުރު ތަންފީޒު ކުރުމުގައި ސަރުކާރުން ތަފާތު އުޒުރު ދައްކަމުން އަންނަ ކަމަށާއި، ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވުމަށް ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނަށް ބަންޑާރަ ނައިބު މުޙަންމަދު އަނިލް އަންގަވާފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.
މި ގަރާރުގައި އިދިކޮޅު 37 މެމްބަރުން ސޮއި ކުރެއްވިއިރު ކޮމަންޑޫ ދާއިރާގެ މެމްބަރު އަޙްމަދު ނާޝިދު އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ސޮއި ކުރެއްވޭގޮތް ނުވީ މިވަގުތު ރާއްޖޭގައި ނޫޅުއްވާތީ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ. މީގެއިތުރުން މިގަރާރުގައި ސޮއި ކުރެއްވޭ ގޮތްނުވި އިދިކޮޅު ކޯލިޝަނުގެ އެހެން މެމްބަރުންނަކީ ޖަރުމަނުވިލާތުގައި މިވަގުތު ހުންނެވި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ޖަލުގައި މިވަގުތު ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން އާއި ފުލުހުންގެ ހައްޔަރުގައި މިވަގުތު ތިއްބެވި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދުގެ އިތުރުން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާންއެވެ.
Meege kurin alhugadu heekuree idikolhuga thibee hageegathuga migaumah v ihulastheri memberun thakeh kamah. Thi garaaru nerunu hisaabun gaboolu koffin thi e migaumhge haainun