ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.
މިތަކެތި އަތުލައިގަނެފައިވަނީ 2022 ނޮވެންބަރު 9 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިލް އަންހެނަކާއި މެދު ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގަ އެވެ.
މިގޮތުން، އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން (Cocaine)އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.460 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 15,000,000.00 (ފަނަރަ މިލިއަން) ރުފިޔާއަށް އަރަ އެވެ.
މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ 10 ވަނަ ފަހަރެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 17 ކިލޯގެ ކޮކެއިން ވަނީ އަތުލައިގަނެވިފަ އެވެ.
މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފަ އެވެ.