އެމްއެންޕީގެ ރައީސް ނާޒިމް އއ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރު ނިންމާލައިފި

އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް އަދި ޕާޓީގެ ސެންޓްރަލް ރީޖަންގެ ޓީމުން އއ. އަތޮޅުގެ ތިން ރަށަކަށް ކުރި ދަތުރު ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިހަފްތާ ބަންދުގައި ތޮއްޑޫ، އުކުޅަސް އަދި ރަސްދޫއަށް ކުރި މިދަތުރަކީ ޕާޓީގެ މެންބަރޝިޕް އިތުރުކުރުމަށާއި އާ ރަށްތަކަކަށް ޕާޓީ ތަޢާރަފުވެލުމަށް ކުރި ދަތުރެކެވެ.

މިދަތުރުގައި ޕާޓީގެ ރައީސްގެ އިތުރުން ނާއިބު ރައީސް މިރްފަތު އިސްމާޢީލް ޝަފީޤް އަދި ނާއިބު ރައީސް ޙުސައިން އިސްމާއީލް ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުންވެސް ޕާޓީގެ އެކި ދާއިރާތަކުގެ ރައީސުންނާއި އއ. އަތޮޅަށް ނިސްބަތްވާ ޕާޓީގެ މެންބަރުން މިދަތުރުގައި ބައިވެރިވި އެވެ.

މިދަތުރުގައި ތޮއްޑޫގައި، ޕާޓީގެ ރައީސް ނާޒިމް ވަނީ ވަނީ ތޮއްޑޫ ކައުންސިލާއި ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާ ރަށުގެ ހާލަތު ބައްލަވާފަ އެވެ. އަދި ރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގައި ރައްޔިތުންގެ މަޖިލީހުގައި އެހީތެރިވެދެއްވެން ހުރި ދާއިރާތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.

މީގެއިތުރުން ތޮއްޑޫގެ ބައެއް ކްލަބް ޖަމުޢިއްޔާތަކާ ބައްދަލުކުރައްވާ، މިދަތުރުގެ މަޤްޞަދާއި ޕާޓީގެ ސިޔާސަތުތައް ވަނީ ތަފްސީލުކޮށްދެއްވާފަ އެވެ. ތޮއްޑޫއިން ބައްދަލުކުރި ކްލަބް ޖަމުޢިއްޔާތަކުގެ ތެރޭގައި މުޅި ރާއްޖެއަށް މަޝްހޫރު ކްލަބްތަކެއް ކަމަށްވާ ތޮއްޑޫ ސޯސަން ކްލަބް އަދި ތޮއްޑޫ ބްރައިޓް ކްލަބް ފާހަގަކޮށްލެވެ އެވެ. އަދި ތޮއްޑޫ އަންހެނުންގެ ވޮލީ ޓީމާއި ރަށުގެ ބޮޑުބެރު ގްރޫޕަކާއި ރަށުގެ ބައެއް ޒުވާންނުން ހިމެނެ އެވެ.

ތޮއްޑޫގައި އެމްއެންޕީގެ ސެންޓްރަލް ރީޖަންގެ ޓީމުން ވަނީ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްތަކެއްވެސް ކުރިޔަށް ގެންގޮސްފަ އެވެ. އެގޮތުން، ތޮއްޑޫއިން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޕާޓީއާ ގުޅިފަ އެވެ. އެގޮތުން ތޮއްޑޫ ކުރީގެ ކަތީބު މުޙައްމަދު ނަސީމް ވަނީ އެމްއެންޕީއާ ގުޅިފަ އެވެ. ނަސީމާއި ޕާޓީއާ އަލަށް ގުޅުނު މެންބަރުންނާއެކު އެމްއެންޕީގެ ހަރަކާތްތައް ތޮއްޑޫ ހިމެނޭ ސެންޓްރަލް ރީޖަންގައި އިތުރަށް ވަރުގަދަވެގެންދާނެކަމުގައި ޕާޓީގެ ނާއިބު ރައީސް މިރްފަތު ވިދާޅުވި އެވެ.

އުކުޅަސް އަދި ރަސްދޫގައި ޕާޓީގެ ރައީސް ނާޒިމް ވަނީ ދެރަށުގެ ވެސް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާ އެރަށްތަކުގައި ކުރެވެމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައުލޫމާތު ހޯއްދަވާފަ އެވެ.

ޕާޓީގެ ރައީސް ފާހަގަކުރެއްވި ގޮތުގައި އުކުޅަހާއި ރަސްދޫއަކީ ޓޫރިޒަމް ހަރަކާތްތައް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ދެ ރަށް ކަމަށާއި، ސަރުކާރަށް އެންމެ ގިނަ އަދަދަކުން ޓެކްސް ދައްކާ ރަށްތަކުގެ ތެރޭގައި ދެ ރަށް ހިމެނޭކަމުގައެވެ. ނަމަވެސް ދެރަށުންވެސް ޓެކްސް ދައްކާ މިންވަރާ ބަލާއިރު ދައުލަތުގެ ބަޖެޓު އެކުލަވާލެވިގެން އަންނަ އިރު، މިރަށްތަކަށް ކަނޑައެޅިފައިވާ ބަޖެޓުގައި އެކަމަށް ރިއާޔަތްކުރެވިފައި ނެތްކަމުގަ އެވެ. އެގޮތުން ބަޖެޓުގެ ދިރާސާކުރުމާއި ބަހުސްގެ މަރުހަލާގައި އެމްއެންޕީގެ ފަރާތުން އެކަންކަމަށް ވަކާލާތުކޮށް ބަޖެޓު ފާސްކުރުމުގައި އެކަންކަމަށް ރިއާޔަތްކުރަން ބާރުއަޅުއްވާނެ ކަމުގައި ޕާޓީގެ ރައީސް ނާޒިމް ފާހަގަކުރެއްވި އެވެ.

މިިދަތުރުގައި އުކުޅަހާއި ރަސްދޫގެ ބައެއް ޒުވާނުންނާއި، ޖަމުޢިއްޔާތަކާ ޕާޓީގެ ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ދެ ރަށުގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވާ ޕާޓީ ތަޢާރަފްކޮށް ޕާޓީގެ ސިޔާސަތުތައް އޮޅުންފިލުވާދެއްވާ ޕާޓީއާ ގުޅުމަށް ދަޢުވަތު ދެއްވިއެވެ. އެގޮތުން ގިނަ އަދަދެއްގެ ރައްޔިތުން ދެރަށުންވެސް ޕާޓީއާ ގުޅުނުކަން ފާހަގަކޮށް، އެމްއެންޕީއާ ގުޅުނު ހުރިހާ ފަރާތްތަކަށް މަރުޙަބާ ވިދާޅުވެ ޕާޓީގެ ރައީސް ނާޒިމް ވަނީ ޤައުމީ ފިކުރާއެކު ކުރިއަށް ދިއުމަށް ނިންމިކަމަށްޓަކައި އެހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.

ޕާޓީގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެމްއެންޕީ އއ. އަތޮޅު ދަތުރުގެ އިތުރުން ހަމަ މިހަފްތާ ބަނދުގައި އެމްއެންޕީގެ ނާއިބު ރައީސް މުޙައްމަދު ޝިހާބު އަދި ޕާޓީގެ އަންހެނުންގެ ވިންގގެ ލީޑަރ މަރްޔަމް ޢާދިޔާ ހިމެނޭހެން ޓީމެއް ވަނީ އަޕަރ ނޯތު ރީޖަނަށްވެސް ކާމިޔާބު ދަތުރެއްކޮށް ނިންމާލާފައެވެ. މިދަތުރުގައި ކުޅުދުއްފުށި ސިޓީ، ހއ. ހޯރަފުށި، ހއ. ކެލާ އަދި ހދ. ހަނިމާދޫއިން ގިނަ އަދަދެއްގެ ބޭފުޅުން ވަނީ އެމްއެންޕީއާ ގުޅިފަ އެވެ.

ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ އިތުރު ދަތުރުތަކެއް ކުރިއަށް ވަނީ ރޭވިފައެވެ. އެދަތުރުތަކުގެ ތަފްސީލުތައްވެސް ކުރިއަށް އޮތް ތަނުގައި ޕާޓީގެ ލޮބުވެތި މެންބަރުންނާއި މީޑިއާއާ ޚިއްޞާކުރަމުން ގެންދާނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.