ޕްރައިމަރީ ހެލްތު ކެއަރ އަންނައަހަރު އަންނަ އަހަރު ފަށާނެ: ރައީސް

އަންނަ އަހަރު ޕްރައިމަރީ ހެލްތު ކެއަރ އަލުން ފެށޭނެ ކަމަށާއި އެޚިދުމަތުގެ އެންމެބޮޑު ބޭނުމަކީ، ގައިންގަޔަށް ނާރާ ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޚާއްޞަ މަސައްކަތް އިފްތިތާޙް ކުރުމުގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ނެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް 2020އިން 2021އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީން ކުރިއަށް ގެންގޮސްފައިވާ "ސްޓެޕްސް ސަރވޭ" ގެ ނަތީޖާގައި ފާހަގަކުރި ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ނުރަނގަޅު އާދަތައް ދިވެހިންގެ މެދުގައި ފެތުރިފައިވާ މިންވަރު އެދިރާސާއިން ހާމަވެފައިވާ ކަމަށާއި، އަދި މިކަން ބަލަން ތިބެވެން ނެތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެންމެ ގިނަ މީހުން ރާއްޖޭގައި މިހާރު މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި، އޭގެ ތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތައް ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ، އެފަދަ ބަލިތަކުގައިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ދިވެހިރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއް ހޯއްދަވައި ދެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ.

މިގޮތުން، ރައްޔިތުންގެ ޢާންމު ޞިއްޙަތަށް ސަމާލުކަން ދިނުމަށް، ސަރުކާރުން ކުރުމަށް ރާވާފައިވާ މުހިއްމު އެއް ކަމަކީ، "ޕްރައިމަރީ ހެލްތް ކެއަރ" އަލުން އާލާ ކުރުން ކަމަށާއި އޭގެ އެންމެ ބޮޑު ބޭނުމަކީ، ގައިންގަޔަށް ނާރާ ބަލިތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވައި، އެފަދަ ބަލިތަކަށް ދުރާލައި ޓެސްޓް ކުރުމާ، އެފަދަ ބަލިތަކުގައި އުޅޭ މީހުންނަށް ލިބެންޖެހޭ ބޭހާއި ފަރުވާ އަދި އަޅާލުން މިހާރަށް ވުރެ ފުރިހަމައަށް ލިބިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓައިލުމަށް ބޭނުންވާ "ނެޝަނަލް ސެޒޭޝަން ޓޫލް ކިޓް" ތައްޔާރުކޮށް ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒަކުން މިހާރު އަންނަނީ އެޚިދުމަތް ދެވެމުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.