މުފްތީ މެންކް، ރައީސް ސާލިހުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ ޑރ. އިސްމާޢީލް މެންކް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ދީނީ ޢިލްމުވެރިޔާ މެންކް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް ރާއްޖޭގެ މުޖުތަމައަށް މުހިންމު މައުޟޫޢުތަކަށް ދީނީ ދަރުސްދެއްވުމުގެ ސިލްސިލާއެއް ކުރިއަށް ގެންދެވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތާއި ދީނީ ޢިލްމު ފެތުރުއްވެވުމުގައި ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވައި ތަޢުރީފުކުރެއްވި އެވެ. އަދި މުފްތީ މެންކަކީ ދިވެހިން ވަރަށް ބޮޑު އިޙްތިރާމެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެއްކަމާ އަދި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދިވެހިން ވަރަށް އުންމީދު ކުރަމުންއައި ދަތުރުފުޅެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މުފްތީ މެންކުގެ ދަރުސްތަކުގައި މިހާރުގެ މުޖުތަމަޢުގައި ހުންނަ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާއިރު އެވާހަކަތައް ފަސޭހައިން ފަހުމުވާނެފަދަ ގޮތަކަށް ދަރުސް ކުރިޔަށް ގެންދަވާތީ އެކަމަށް ތަޢުރީފުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މުފްތީ މެންކް ވަނީ އެމަނިކުފާނު ކުރިޔަށް ގެންދަވާ ސިލްސިލާ ދަރުސްތަކާއި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކާއި އަދި އެމަނިކުފާނުގެ ބައެއް ތަޖުރިބާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން މި ޒަމާނަކީ ސޯޝަލް މީޑިޔާގެ ޒަމާންކަން ފާހަގަކުރައްވައި އެކަކު އަނެކަކެއްގެ ހުންނަތަފާތުތަކަށް އިޙްތިރާމުކޮށްގެން ކުރިޔަށްދިއުމުގެ މުހިންމުކަން މުފްތީ މެންކްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރެއްވެވި ފުރިހަމަ މެހުމާންދާރީ ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.