އިޤުތިސާދީ ހަރަކާތްތައް އިތުރުކޮށް ހުއްޓުމެއްނެތި ހިންގުން މުހިންމު: ފިނޭންސް މިނިސްޓަރ

އިޤުތިސާދީ ހަރަކާތްތައް އިތުރުކޮށް ހުއްޓުމެއްނެތި ހިންގުން މުހިންމުކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

2023 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރ ވަނީ ގުޅީފަޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޕޯޓާއި، މާލެ، ވިލިމާލެ، ގުޅީފަޅު އަދި  ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތްތައް ފެށިފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި މި މަޝްރޫއުތަކަކީ އިގުތިސާދީ ވިލުންވެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށް ވިދާޅުވި އެވެ.

މިކަމުން  މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަންނަ އަހަރު ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށާއި ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި އިމްޕޯޓް މުދާ ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި މުދަލުގެ އަގުތަކަށް އަންނަ ބަދަލު ކުޑަކުރުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ މިކަން ހާސިލުކުރުމަށް ޕޯޓު އެފިޝަންޓްވުމަކީ މުހިންމުކަމެއް ކަމަށާއި ގުޅީފަޅު ހިއްކުމަށާއި ރާއްޖޭގެ މައި ސީޕޯޓު ތަރައްޤީކުރުމަށް ބަޖެޓުގައި 959.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ.

އިގުތިސާދީ ވިލުންވެރިކަން އިތުރުކޮށް، ސިންދަފާތުކުރުމަށް ދަނޑުވެރިކަމާއި މަސްވެރިކަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރެވިފައިވާ ކަމަށާއި  މިގޮތުން،  ދަނޑުވެރިންނަށް ދިމާވެފައި ހުރި ދަތިތައް ހައްލުކޮށްދީ، އުފައްދާ ތަކެތި ފަސޭހައިން ބާޒާރަށް ނެރެވޭނެ އެއް މަގަކީ އެގްރޯނެޓުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެކުންފުނިން، ރަށްރަށުގައި ގާއިމްކުރެވޭ ޑިސްޓްރިބިއުޝަން ސެންޓަރުތައް ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މަސްކިރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް، އިތުރު ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ގާއިމުކުރުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި ހަމަ އެހެންމެ، މިފްކޯއިން މަސްގަންނަ އަގު ހިފެހެއްޓުމަށް ދޭ ސަބްސިޑީއަށް 250 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.