އަރުޝަދު ހައްޔަރުކުރިތާ 24 ގަޑިއިރުގެ ތެރޭގައި އަނެއްކާވެސް ދޫކޮށްލައިފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު އަނެއްކާ ވެސް ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އަރްޝަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުންނަމަވެސް ބަންދު ދެމެހެއްޓޭވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އޭނާ ވަނީ ބަންދުން ދޫކޮށްލާފަ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އަރުޝަދު ހައްޔަރު ކުރީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އަދި ގާތްގަޑަކަށް 24 ގަޑިއިރު ވެސް ނުވަނީސް އޭނާ މިވަނީ ދޫކޮށްލާފަ އެވެ.

މީގެ ކުރިން ވެސް ހައްޔަރު ކޮށް، ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. އަދި ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ހައްޔަރުން ދޫކުރުމަށް ނިންމާ އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

ޑްރަގުގެ މައްސަލައެއްގައި ދައުލަތުން ދައުވާކޮށް، ކުށް ސާބިތުނުވެ، ސަލާމަތްވެފައި ވަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި އިސް މީހެއް ކަމަށް ތުހުމަތުކުރާ އަރުޝަދު ދިރިއުޅެމުން އައީ ރާއްޖެ އިން ބޭރުގަ އެވެ. ނަމަވެސް އޭނާ ދުބާއީ އަށް ގޮސް އުޅެނިކޮށް ވަނީ ސްރީލަންކާއަށް ޑީޕޯޓު ކޮށްލާފަ އެވެ.

އަރުޝަދު ލަންކާގައި ހުއްޓައި ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހައިކޯޓުން ވަނީ ފުލުހުންނަށް އަމުރެއް ދީފައި ނަމަވެސް އޭނާ ލަންކާއިން މާލެ ގެނެސް ބަންދާމެދު ގޮތެއް ނިންމަން ހައިކޯޓުގައި މި މަހުގެ 17 ވަނަ ދުވަހަށް ތާވަލްކޮށްފައި އޮއްވާ އެ އަޑުއެހުމަށް އޭނާ ހާޒިރުވީ އަމިއްލައަށް ކަމަށް ކޯޓުން ބުނެއެވެ.

އަރުޝަދުގެ ޕާސްޕޯޓުވެސަ އޮތީ ހިފަހައްޓާފައެވެ. ހައިކޯޓުން އަރުޝަދުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އޭނާ އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކޮށްފައި ވާތީއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.